ރ. ވާދޫ ސްކޫލުގެ އިޔާޝް: އޯލެވެލްއިން އެއްވަނަ ހޯދުމުގެ ފަހަތުގައި ސްކޫލާއި ކިޔަވައިދެއްވި މުދައްރިސުން

92 ދަރިވަރުން ކިޔަވަމުން އަންނަ ރ. ވާދޫ ސްކޫލުގެ ދެ ދަރިވަރުން އޯލެވެލްގެ ގަދަ ދިހައެއްގައި ހިމެނި، އޭގެ ތެރެއިން އެއް ދަރިވަރަކު އެއްވަނަ ހޯދުން އެއީ އެ ސްކޫލަށާއި މުޅި ރަށަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އަދި އެހާމެ ބޮޑު އުފަލެކެވެ. އޯލެވެލްއިން އެއްވަނަ ހޯދީ އެ ސްކޫލުގެ އިޔާޝް އަލީއެވެ. ގަދަ ދިހައެއްގައި ދެން ހިމެނުނީ ހަތްވަނަ އަށް ދިޔަ ފާތިމަތު އާލާ އަރީފެވެ.

ވާދޫ ސްކޫލަށް ލިބުނު މި އުފާ އިތުރުވަނީ އޯލެވެލްގައި އެ ސްކޫލުން ބައިވެރި ފަސް ދަރިވަރުންގެ ތެރެއިން 4 ދަރިވަރުން ހުރިހާ މާއަދާއަކުން ފާސްވެ އަނެއް ދަރިވަރު ފަސް މާއްދާއިން ފާސްވީމައެވެ. މިއީ އެ ސްކޫލުގެ ތާރީޚުގައި ވެސް ހޯދި އެންމެ ރަނގަޅު ނަތީޖާއެވެ.

ވާދޫ ސްކޫލުގެ ދަރިވަރުން އޯލެވެލްގެ ގަދަ ދިހައެއްގެ ތެރޭގައި ހިމެނޭތާ ދެތިން އަހަރެއް ވެއްޖެއެވެ. މިއީ ކިޔަވައިދިނުމަށް އެ ސްކޫލުން ގެންނަމުންދާ ހެޔޮބަދަލު ފެންނަ ސާފު މަންޒަރެކެވެ.

"މިއީ އެންމެ ރަނގަޅު ނަތީޖާ. ހުރިހާ ކުދިން ފާސްވުމަކީ އެއީ ލިބުނު އެންމެ ބޮޑު އެޗީވްމަންޓަކީ" ޕްރިންސިޕަލް އިސްމާއިލް ނަޞީރު ދަރިވަރު ނޫހަށް މިއަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދަރިވަރުންގެ ނަތީޖާއަށް އަމާޒުކޮށްގެން ޓީޗަރުން ގިނަ މަސައްކަތްތައް ކޮށްދީފައިވާ ކަމަށާއި ގިނަ ދަރިވަރުންނަކީ ޓިއުޝަނެއް ނުގޮސް އެ ސްކޫލުގެ މުދައްރިސުންނަށް ބަރޯސާވެގެން ކިޔަވި ދަރިވަރުން ކަމަށެވެ.

އިޔާސް: ނަތީޖާ ނެރުމުގެ ފަހަތުގައި މުދައްރިސުން

އިޔާސް ދަރިވަރު ނޫހަށް ބުނީ، އޭނާގެ ނަތީޖާ ނެރެން ބުރަކޮށް މަސައްކަތް ކުރިއިރު، އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ސްކޫލާއި މުދައްރިސުންގެ ފަރާތުން ކަމަށެވެ. ކޮންމެ އިރެއްގައި ވެސް މެސެޖްކުރިއަސް ނޭނގޭ އެއްޗެއް ނުވަތަ ސުވާލު އުފެދޭ ކަމެއް އޮތް ނަމަވެސް މުދައްރިސުން ތިބެނީ އޮޅުންފިލުވައިދޭން ތައްޔާރަށެވެ.

"ކިޔަވަން އެކަށޭ މާހައުލެއް އޮތުމާއި ރަނގަޅު ނަތީޖާއެއް ހޯދައިދޭން މުދައްރިސުންގެ ނިޔަތް އޮންނާތީ އެންމެ އުފާވަނީ" އިޔާޝް ދަރިވަރުނޫހަށް ބުންޏެވެ.

"އެކްސްޓްރާ ގަޑިތައް ބާއްވާނެ. ގޭގައި ކިޔަވަމުންދާއިރު ސުވާލުއުފެދޭ ނޫނީ އުނދަގޫވާ ސުވާލެއް އޮތްނަމަ އެ ސުވާލެއްގެ ޖަވާބު ހޯދަން ކޮންމެ ވަގުތުކު މެސެޖް ކުރިއަސް ވީހާވެސް އަވަހަކަށް ޖަވާބު ދޭނެ. އެހާވެސް ޑެޑިކޭޓެޑް މުދައްރިސުން"

ސްކޫލުގެ ކެޕްޓަންގެ ޒިންމާވެސް އަދާކުރި އިޔާޝް ބުނީ، އޯލެވެލްއިން އެއްވަނަ ލިބޭނެ ކަމަށް އުއްމީދު ނުކުރާ ކަމަށާއި އެކަމަކު ގަދަ ތިންވަނައިގެ ތެރޭގައި ހިމެނޭނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަންކަމެއް އޮތް ކަމަށެވެ. އެއްވަނަ އަށް އުއްމީދު ނުކުރީ މޮކްއެގްޒާމްގައި ދިވެހި މާއްދާއިން އޭ އެއް ލިބުމުން ކަމަށް އިޔާޝް ބުންޏެވެ.

"ދިވެހިން ދަށްވީމާ، އެސްއެސްސީގައި ވެސް ލިބޭނީ އެ ނަތީޖާކަމަށް ބެލީ" އިޔާޝް ބުންޏެވެ.

އިޔާޝް ބުނީ، މޮކް އެގްޒާމްއަށް ފަހު ދިވެހި މާއްދާއަށް ވަކިން މަސައްކަތް ކުރި ކަމަށާއި ޕާސްޓް ޕޭޕަރުތައް ހަދައި ދުރާލާ ތައްޔާރުވި ކަމަށެވެ.

ކިޔެވުމުގައި އިޔާޝް ގެންގުޅުނީ އެކި މާއްދާތަކަށް އެކި އުކުޅުތަކެވެ. ނޯޓްސް ލިޔެ އާންމުކޮށް ފެންނަހެން ގޭގެ ފާރުގައި ތައްކޮށްގެންނާއި އެކުވެރިންނަށް ކިޔައިދީގެން އެނގޭވަރު ބެލުމަކީ ވެސް އިޔާޝް ގެންގުޅު އުކުޅެކެވެ. ދެން ހެދީ ވީހާވެސް ގިނައިން ޕާސްޓް ޕޭޕަރެވެ.

އޯލެވެލްގެ ނަތީޖާއާއެކު ހިނިތުންވެފައި ހުރި އިޔާޝް އޭލެވެލްގެ މަންޒިލަކީ ސީއެޗްއެސްއީ ހުޅުމާލެއެވެ. އޭނާ ބޭނުންވަނީ އޯލެވެލްގައި ހޯދި ފަދަ ނަތީޖާއެއް އޭލެވެލްގައި ވެސް ހޯދުމެވެ. އެކަމަކު އެއީ ބުރަ މަސައްކަތެއްކަން އޭނާ ޤަބޫލުކުރެއެވެ.

"މަސައްކަތްކުރާނަން. އޭލެވެލްގައި ވެސް ރަނގަޅު ނަތީޖާއެއް ނެރެން"

އިޔާޝް ބުނީ، ކާމިޔާބަކީ ފަސޭހައިން ލިބޭނެ އެއްޗެއް ނޫން ކަމަށާއި އެކަމަށް ބުރަ މަސައްކަތް  ކުރަން ޖެހޭ ކަމަށެވެ. އޯލެވެލްއަށް ތައްޔާރުވަމުން އަންނަ ދަރިވަރުންގެ ކިބައިން ވެސް އޭނާ އެދުނީ ކިޔެވުމަށް ސީރިއަސްވެ ނަތީޖާ ހޯދަން ބުރަކޮށް މަސައްކަތް ކުރުމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *