އޭނާގެ ޓާގެޓަކީ އޯލެވެލްގައި އެކައުންޓިންގ އިން ދުނިޔޭގެ ވަނައެއް
"އަޅުގަނޑަކީ ކުދިންގެ ކެޕްޓަނެއް. އަބަދުވެސް ބަލަނީ ކުދިން ބޭނުންވަނީ ކޮންކަމެއްތޯ. އެކުދިންނަށް ކަމެއް ކޮށްދެވޭތޯ" މިއީ ށ. ބިލެތްފަހީ ސްކޫލުގެ މި އަހަރުގެ ކެޕްޓަން އަޙްމަދު އަނާން ބޭނުންވާގޮތެވެ.
ކުދިންގެ ކެޕްޓަނެއްގެ ގޮތުގައި އިސްވެހުރެ އެ ސްކޫލުގެ ދަރިވަރުން ބޭނުންވާ ކަންތައްތައް ސްކޫލުގެ މެނޭޖްމަންޓާ ވާހަކަދައްކައިގެން އޭނާ ދަނީ ކޮށްދެމުންނެވެ.
"ކެޕްޓަނަކަށް ވުމުން ކުދިން އައިސް ފުރަތަމަ އެދުނީ، ސްކޫލުން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ކުދިންގެ ޚިޔާލާއި ބައިވެރިވުން އިތުރުކުރަން. މެނޭޖްމަންޓާ ވާހަކަދައްކައިގެން އެކަން ކޮށްދެވިއްޖެ. ދެން އެކުދިން އެދުނީ ހައުސް ޖޯޒީގައި ހައުސްގެ ލޯގޯޖަހަން. ހައުސްގެ ލޯގޯ ތައާރަފުކޮށް، މިހާރު ކުރިއަށް ގެންދާ އިންޓަރ ހައުސް މުބާރާތުގައި ޖޯޒީ ބޭނުން ކުރަމުން އެ ދަނީ ލޯގޯ ޖަހައިގެން" ދަރިވަރުންގެ ބޮޑު ތާއީދާއެކު ކެޕްޓަނަކަށްވި އަނާނަށް ހަޤީޤާތުގައި ވެސް ކުދިންގެ ކެޕްޓަނަކަށް ވެވިއްޖެއެވެ.
ސްކޫލު ކެޕްޓަނެއްގެ ހުވަފެން އަނާން ދެކެން ފެށީ ގުރޭޑް 5އާ ހިސާބުންނެވެ. އެ ހުވަފެން ހަޤީޤަތަކަށް ވުމަށް އޭނާ ފެށި ދަތުރުގެ ފުރަތަމަ މަރުހަލާއަކީ ޕްރިފެކްޓްކަމެވެ. ކުރިމަތިލި ފުރަތަމަ އަހަރު ޕްރިފެކްޓަކަށް ނުހޮވެއެވެ. ޖެހިގެން އަހަރު ޕްރިފެކްޓަކަށް ހޮވި، އޭގެ ފަހުން ކޮންމެ އަހަރަކު ވެސް ޕްރިފެކްޓަކަށް ހޮވެއެވެ. މިދިޔަ އަހަރު އޭނާ ހުރީ ބިލެތްފަހީ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަންގެ މަޤާމުގައެވެ.
ކެޕްޓަން ކަމަށް ވާދަކުރީ އަނާންގެ އިތުރުން އޭނާގެ އެންމެ ގާތް އެއް އެކުވެރިޔާއެވެ. އަނާން ކެޕްޓަނަކަށް ހޮވުނީ ތަޢުލީމީ ބައިން ކުޑަތަފާތަކުން ކުރި ހޯދައި، ކުދިންގެ އާދަޔާޚިލާފު ބޮޑު ތާއީދެއް ލިބިގެންނެވެ.
"ދަރިވަރުން ދިން 92 އިންސައްތަ ވޯޓުން ކުރެވުނީ ކުދިންގެ ކެޕްޓަނަކަށް ވެވިއްޖެ ކަމުގެ އިހުސާސް" އަނާން ދަރިވަރު ނޫހަށް ބުންޏެވެ.
ދަރިވަރުން ބޭނުންވާ ކަންތައްތައް ކުރުމަށް އަނާން މަސައްކަތް ކުރާއިރު އެ ދަރިވަރުންގެ ފަރާތުން ވެސް އޭނާ އެދޭ އެދުމެއްވެއެވެ. އެއީ ކެރިގެން ކަންކަމާ ކުރިމަތިލުމެވެ. ދަރިވަރުންގެ ލީޑަރޝިޕް ދެއްކުމެވެ.
"ގިނަ ކުދިން ލީޑާޝިޕް ދައްކަން ޖެހިލުންވޭ. ނުކެރި ލަދުގަނޭ. އެކަން ރަނގަޅު ކުރުމަކީ އަޅުގަނޑުގެ އެދުމެއް. އެކަން ރަނގަޅު ކުރަން މަސައްކަތްތަކެއް ވެސް އެބަކުރަން. އޭގެ ނަތީޖާވެސް މަޑުމަޑުން ދަނީ ފެންނަމުން" ލީޑަރެއްގެ ހުނަރު ދައްކަމުން އަންނަ އަނާން ބުންޏެވެ.
ހިސާބު މާއްދާ ކިޔެވުމުގައި އުނދަގޫތަކެއް ހުއްޓަސް އަނާން ބުނީ އޯލެވެލްގައި އޭނާގެ ޓާގެޓަކީ ގަދަ ދިހައެއްގައި ހިމެނުމެވެ. އެ ޓާގެޓަށް ވާޞިލުވުމަށް ގިނަ ވަގުތު އޭނާ ހޭދަކުރަނީ ކިޔެވުމުގައެވެ. އަމިއްލައަށް އެކަނި ކިޔެވުމަށްވުރެ އިސްކަންދެނީ ގުރޫޕް ސްޓަޑީއަށެވެ.
"އެކަނި ކިޔެވުމަށްވުރެ ގުރޫޕް ސްޓަޑީހަދާއިރު ކޮންމެ މާއްދާއެއްގައި ވެސް އިސްކޮށް ލީޑްކުރާނީ އެ މާއްދާއަކަށް އެންމެ މޮޅު ކުއްޖާ. ދަރިވަރުން އަމިއްލައަށް ގުރޫޕް ސްޓަޑީ ހެދީމާ ކިޔަވަން ވަރަށް ފަސޭހަ. ފަހުމުވާލެއް އަވަސް"
ކޮމްބައިން ސްޓްރީމެއް ކިޔަވަމުން އަންނަ އަނާން ބައެއް މާއްދާތަކުން ޓިއުޝަން ނަގައެވެ. އޭގެ ތެރޭގައި އޭނާ އެންމެ ކިޔަވާހިތްވާ އަދި އެންމެ މަތިން މާކްސް ހޯދޭ އެކައުންޓިންގ ވެސް ހިމެނެއެވެ. އެ މާއްދާއިން ޓިއުޝަން ނަގަނީ އެހެން ޓާގެޓެއް ވެސް އޭނާގެ އޮތީމައެވެ.
"ބޭނުންވަނީ އެކައުންޓިންގ އިން ދުނިޔޭގެ ވަނައެއް ހޯދުން"
އަނާންގެ ހޮބީއާ ގުޅިފައި ވަނީ ކުރިމަގުގައި އޭނާ ކުރިއަށް ދާނެ ދާއިރާއާއެވެ. އެއީ އެއަރކްރާފް އިންޖިނިއަރިންގއެވެ. ލިބޭ ކޮންމެ ހުސްވަގުތެއް ދާދި ފަހަކާ ޖެހެންދެން އޭނާ ހޭދަކުރީ އެކަމުގައެވެ. ވީޑިއޯތައް ބެލުމުގައެވެ. އާޓިކަލްތައް ކިޔުމުގައެވެ. އެއީ ވަރަށް ކުޑައިރުއްސުރެ އޭނާ އެންމެ ސަމާލުކަންދިން ދާއިރާއެކެވެ.
"އެއަރކްރާފްޓް އިންޖިނިއަރަކަށްވުމަކީ އެއީ ވަރަށް ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނެއް. އަދި ވެސް އެ ހިސާބަށް ދިއުން އަޒުމަކަށް އޮތީ"
ގުރޭޑް 10 އާ ހިސާބުން އެއަރކްރާފްޓް އިންޖިނިއަރިންގެ އާ ބެފޭ ވީޑިއޯތަކުގެ ތެރޭގައި އުޅެން ވަގުތެއް ނުވެއެވެ. އެހެން ނޫންނަމަ އޭނާގެ ދެލޯ އަބަދު އޮންނަނީ އޭގެތެރޭގައެވެ.
"އޯލެވެލް އަހަރުވީމާ ދުރަށް ޖެހިލީ"
އަނާން ބޭނުންވަނީ ކެޕްޓަނަކަށް ވުމަށް ކޮންމެ ދަރިވަރަކު ވެސް ކުރިއާލާ ތައްޔާރުވުމެވެ. އެކަމަށް އެދިގެން މަސައްކަތް ކުރުމަށެވެ. ލީޑަރޝިޕް ކޮލިޓީ ދައްކައި އިސްނަގައިގެން ކުރިއަށް ދިއުމަށެވެ.
އަނާނަށް ހިސާބަށް ދިއުމުގައި މައިންބަފައިންނާއި ސްކޫލުން އެތައް ކަމެއް ފަހިކޮށްދިނެވެ. އެހެންވެ އެ ހުރިހާ ފަރާތްތަކަށް އޭނާ ޝުކުރުއަދާކުރެއެވެ.
ހިޔާލު