ކަޅުއޮށްފުންމީގެ އަސްލު ނަމަކީ ކޮބާ؟

ޢަބްދުﷲ ސަޢީދު
"ޙަސަން ތަކުރުފާނު އަތްދޮވެލާން ކަނޑަށް ގުދުވެލެއްވިތަނާ، މުޙައްމަދު ތަކުރުފާނު އޮޑި ދީލާލައްވާފައި މަތިއެނގައަށް ވާންކޮށްލެއްވިއެވެ. (މަތިއެނގައަކީ ހަތަރެސްކަން ރިޔާ ނަގާ އެއްޗެހީގެ އަރަލުގެ ދެކޮޅުގައި ބައްދައިފައި ހުންނަ ދެ ވަލުގެ ތެރޭން ވައިމަތި ފަރާތުގެ ވަލެވެ.) ޙަސަން ތަކުރުފާނު އަތް ދޮވެލައިގެން ތެދުވެ، ދޫކޮށްލެއްވި ކަޅުއޮށް ބެއްލެވިއިރު ތިންރާޅު މަތީގައި ފޮތިކެނޑިފައި ފިލާގަނޑު ގުދަށް ޖެހެއެވެ. ޖެހޭއިރު އޮންނަނީ ތިންބުރީ ނަނަށް ވާންވެފައެވެ. ވާންވެލާކަށްވުރެ އަވަހަށް ތިން ރާޅުމަތީގައި ފޮތިކެނޑިފައި އައިސް ފިލާގަނޑު ގުދަށް ޖެހެއެވެ. ޙަސަން ތަކުރުފާނު ނަންގަތެވެ. މި ކަޅުއޮށުގައި ހިފާނޭ މަހެއް ކަނޑަކު ނޫޅޭނެ ނޫންތޯއެވެ. ކަޅުއޮށް އެންމެ އިރަކު ވެސް ފެނަކު ނުހުރެއެވެ. ކަޅުއޮށް އޮންނަނީ އަބަދުވެސް ފެނުން ފުމެފުމެޔެވެ. މުޙައްމަދު ތަކުރުފާނު ބުނުއްވިއެވެ. ދަންޑެހެލާއެވެ. މި އޮޑިއަށް ނަން އެކީ ޙަސަނު އިނގޭއެވެ. އެކަމަކު މި އޮޑީގެ ނަމަކީ، ނަޞްރު ޝަހާ އިނގޭއެވެ."
މިއީ، ބުރާރަ މުޙައްމަދު ފުޅު ކިޔުއްވި ގޮތަށް އަލްޙާއްޖަ އިބްރާހީމް ބުނު އިސްމާޢީލް (ފީބޯ) ހިޖުރައިން 1377 ވަނަ އަހަރު ލިޔުއްވާފައިވާ ބޮޑުތަކުރުފާނުގެ ވާހަކައިން ކަޅުއޮށްފުންމީގެ އަސްލު ނަން އެނގެން އޮތް ހިސާބެވެ. އެ ވާހަކައިގައި ކަޅުއޮށްފުންމީގެ އަސްލު ނަމަކީ "ނަޞްރު ޝަހާ" ކަމަށް އޮންނައިރު، ދިވެހިރާއްޖޭގެ އަޑުން މޮސްކޯގޭ ޖަލީލުގެ އަޑުން ރެކޯޑުކޮށްފައިވާ ބޮޑުތަކުރުފާނުގެ ވާހަކައިގައި އޮތީ "ނަޞްރު ސަހާ" ކަމަށެވެ.
ކަޅުއޮށްފުންމީގެ އަސްލު ނަމަކީ ނަޞްރު ޝަހާތޯ ނުވަތަ ނަޞްރު ސަހާތޯ ބެލުމަށް ހެދުނު ދިރާސާގައި ބެލުނު ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ހިޖުރައިން 1359 ވަނަ އަހަރު ލިޔުއްވާފައިވާ ބޮޑުތަކުރުފާނުގެ ވާހަކައިގައި ކަޅުއޮށްފުންމިއަށް ކިޔާ އިތުރު ނަމެއް އޮންނަކަމަށް ނެތެވެ. އަދި އަލްޤާޟީ ޙަސަން ތާޖުއްދީން ލިޔުއްވާފައިވާ ތާރީޚު އިސްލާމް ދީބާ މަޙަލްގައި އޮންނަނީ "އޮޑިކޮޅެއް" ގެ ވާހަކައެވެ. ކަޅުއޮށްފުމީގެ ނަމެއް ވެސް އަދި އެހެން ނަމަވެސް ނެތެވެ.
ކަޅުއޮށްފުންމީގެ ތަޢާރަފު
ކަޅުއޮށްފުންމިއަކީ އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން އިސްވެ ހުންނަވައި ޕޯޗްގީޒުންނާ ދެކޮޅަށް ކުރެއްވި ޖިހާދުގައި ބޭނުންކުރެއްވި އޮޑިކޮޅެވެ. މިއީ އަނގމަތި މަސްދޯންޏެކެވެ. މި އޮޑިކޮޅު ބެންނެވުމަށް ހަވާލު ކުރެއްވި އިސް މާވަޑިޔާ، އިސްދޫ އިސްމާޢީލް މާވަޑިޔާ އޮޑި ބަންނަންވީ ބޮޑު މިނަކީ ކޮބައިތޯ ސުވާލު ކުރެއްވުމުން ބޮޑުތަކުރުފާނު ވިދާޅުވީ "އެއީ 22 ރިޔަން 22 އަގުލޭ" މިހެންނެވެ. ރިޔަނަކީ 27 އިންޗިއެވެ. އަގުލަކީ އިންޗިއެކެވެ. އެހެންކަމުން މި އޮޑީގެ ބޮޑު މިނަކީ ފޫޓުން ބަލާނަމަ 51 ފޫޓު 6 އިންޗިއެވެ.
ކަޅުއޮށްފުންމި ބަނުމުގެ ޚިޔާލަކީ އުތީމު ޢަލީ ތަކުރުފާނު ދެއްވި ޚިޔާލެކެވެ. މިއޮޑި ބަނީ ޕޯޗުގީޒުން އޮޑިއެއް ބަނުމަށް ބާރަށަށް ގެންގޮސްފައި ހުރި ރުއްގަހުގެ އިތުރުން ބޭނުން ރަށަކުން ބޭނުންވާ ރުއްގަސް ކަނޑައިގެންނެވެ. މާވަޑިން ހޯދީ ރާއްޖޭގެ އެކި ކަންކޮޅުންނެވެ. މި އޮޑީގެ ޚާއްޞަ ސިފައަކީ ރާއްޖޭގައި އާންމުކޮށް އޮޑިދޯނިފަހަރު ބަންނަ ގޮތާ ޚިލާފަށް ވަކަރުގެ ހިލަފުށް ބޭރަށް ވާގޮތަށް މިއޮޑި ބަނުމެވެ. މި އޮޑީގެ ދުވެލި ބާރުވެފައި ފެނަށް ތިލަ ވުމަކީ މި އޮޑިއަށް ލިބިފައިވާ ޚާއްޞަ ސިފައެކެވެ. ކަޅުއޮށްފުންމީގައި ނެގީ ފަންރިޔަލެވެ. ރިޔާތައް ވިޔުނީ ތިލަދުންމަތީ ދިއްދޫގައި، ދޮނަކުޅީ ރައިވެރިބެއެވެ. އެ ރައިވެރިބޭ ރިޔާ ވިޔެގެން ހަތް ދުވަހުން ރިޔާބައެއް މަރޮށްޓަށް ގެންދެއެވެ. އަދި މަރޮށީ ރައިވެރިބޭ ކޮންމެ ހަތްދުވަހުން ރިޔާބައެއް ފަހައި ނިންމައި ތައްޔާރުކޮށްދެއެވެ.
ބޮޑުތަކުރުފާނުގެ ޖިހާދުގައި ކަޅުއޮށްފުންމިއަކީ ވަރަށް މުހިންމު އަދި ބޭނުންތެރި އުޅަނދެކެވެ. ގާތްގަނޑަކަށް އަށެއްކަ އަހަރަށް ދިގު ދެމިގެންދިޔަ ގެރިއްލާ ހަނގުރާމައިގައި ރޭގަނޑަށް ރަށްރަށަށް އަރުއްވައި، ދުޝްމަނުންނަށް ހަމަލާދެއްވައި، ރައްޔިތުންނަށް ހިތްވަރު ދެއްވަމުން ވަޑައިގެންނެވީ ކަޅުއޮށްފުންމީގައެވެ. ކަޅުއޮށްފުންމި ހަލާކުވީ ޖިހާދަށްފަހު ރާއްޖޭގެ ދެކުނަށް ކުރެއްވި ދަތުރުފުޅެއްގައި މުލަކަތޮޅު ދިއްތުނޑިއަށް އަރައިގެންނެވެ. އެ އުޅަނގުގެ ވަކަރުތަކުން ބިނާކުރެއްވި މިސްކިތަކީ މ. ކޮޅުފުށީގައި ހުންނަ އާސާރީ މިސްކިތެވެ.
އޮޑިދޯނިފަހަރަށް ނަން ކިޔުމުގެ ސަގާފަތް
ދިވެހިރާއްޖެއާއި މި ސަރަޙައްދުގެ ޤައުމުތަކުގެ ސަގާފަތުގައި އޮޑިދޯނިފަހަރަށް ނަންކިޔުމަކީ ވަރަށް ޚާއްޞަ ކަމެކެވެ. އެންމެ އެވޭލާ ޒަމާނުއްސުރެ ކަނޑު ދަތުރުފަތުރަށް ބަރޯސާވެފައިވާ ދިވެހީންގެ އޮޑިދޯނިފަހަރަށް ނަންކިޔުމުގައި ޢަރަބި އަދި އިސްލާމީ ސަގާފަތުގެ އަސަރު ބޮޑުކަން ފާހަގަކުރެވެއެވެ. މިގޮތުން އޮޑިދޯނިފަހަރަށް ނަން ކިޔާފައި ހުރީ ދީނީ އަދި ބަރަކާތްތެރި ނަންތަކާއި، ކަނޑާއި ކަނޑުގެވެށީގެ ނަންތަކާއި، ޢާއިލީ ނަންތަކާއި ޒާތީ ނަންތަކެވެ. ކަޅުއޮށްފުންމިއަށް ކިޔާ އަސްލު ނަން ކަމުގައިވާ ނަޞްރު ސަހާ އަކީ ދީނީ އަދި ބަރަކާތްތެރި ނަމުގެ ބަޔަށް ފެތޭ ނަމެކެވެ. ހެޔޮ ފާލެއްގެ ގޮތުގައި ނުވަތަ ކާމިޔާބަށް އެދި ކިޔާ މިފަދަ ނަންނަމުގެ ތެރޭގައި "ނަޞްރު"، "ބަރަކާތް"، "ކާމިޔާބު" ފަދަ ނަންތައް ހިމެނެއެވެ.
ކަޅުއޮށްފުންމި މި ނަން އުފެދިފައިވަނީ ދިވެހި ދެ ލަފުޒަކުންނެވެ. އެއް ލަފުޒަކީ ދިވެހިރާއްޖޭގެ ފަޅުތަކުން ބާނާ ފަރުމަހުގެ ބާވަތެއްކަމުގައިވާ ކަޅުއޮށެވެ. ދެވަނަ ލަފުޒަކީ ފުންމުމެވެ. ނަމެއްގެ ގޮތުގައި "ކަޅުއޮށްފުންމި" ކިޔާއިރު މިއީ ކުރީ ޒަމާނުގައި އޮޑިދޯނިފަހަރަށް ދިވެހީން ނަން ކިޔުމުގައި ގެންގުޅުނު ހަމައެއްނޫނެވެ. ހަމައެކަނި "ކަޅުއޮށް" ކިޔާ ނަމަ އޭރުން އެ ނަން ވާނީ ކަނޑާއި ކަނޑުގެ ދިރުންތަކާ ގުޅުންހުރި ނަމަކަށެވެ. އެއީ ދާދިފަހަކާ ޖެހެންދެން ވެސް މަސްއޮޑިފަރަށް ނަން ކިޔަމުން އައިހެން ހިބަރު، ރަތްމަސް، އެންދެރި، ކަޅުބިލަމަސް ކިޔާގޮތަށެވެ.
ނަޞްރު ޝަހާ އާއި ނަޞްރު ސަހާ
ކަޅުއޮށްފުންމީގެ އަސްލު ނަމަކީ "ނަޞްރު ޝަހާ" (نصر شها) އަކަމަށް ބުރާރަ މުޙައްމަދު ފުޅު ކިޔުއްވާފައިވާގޮތަށް ލިޔެ ޝާއިޢު ކުރައްވާފައިވީ ނަމަވެސް މި ނަމަކީ ޢަރަބިބަހާއި އުރުދޫބަހާއި ފާރިސީބަސް ބޭނުންކުރާ އުސްލޫބަކަށް ނުވިޔަސް މި ތަރުކީބުގެ މާނައެއްގެ ގޮތުގައި "މަތިވެރި ނަޞްރު" ބެލިދާނެއެވެ. ޢަރަބިބަހާއި ފާރިސީބަހުގައި ޝައުޤު، މީރު، ލޮބުވެތި، ގަޔާވާ ފަދަ ލަޒުރުތައް ހުރެއެވެ. އުރުދޫބަހުގައި ޝާހީ، ޢިއްޒަތްތެރި، މަތިވެރި މި މާނަތައް ހިމެނޭތީއެވެ. ޢަރަބި ބަހުގައި ޝަހާގެ އަސްލު ކަލިމައަކީ "ޝަހިޔަ" އެވެ. މި ލަފުޒުގެ މާނައަކީ ކަމަކަށް ދަހިވެތިވުމެވެ. ނުވަތަ ކަމަކަށް އޮންނަ ޝައުޤެވެ.
ކަޅުއޮށްފުންމީގެ އަސްލު ނަމެއްކަމުގައި މޮސްކޯގޭ ޖަލީލު ލައްވައި ދިވެހިރާއްޖޭގެ އަޑުން ރެކޯޑުކޮށްފައިވާ ބޮޑުތަކުރުފާނު ވާހަކައިގައި ކިޔަނީ ވެސް "ނަޞްރު ސަހާ" (نصر سها) އެވެ. ދިވެހި ބަސްފޮތުގައި ވާގޮތުން ސަހާއަކީ ބާޒާ ވައްތަރު ފިޔަގަނޑު ބޮޑު އެއްގަމު ދޫންޏެކެވެ. އެއީ އިނގިރޭސިބަހުން (Hawks) އެވެ.
ބާޒާއި ސަހާ ފަދަ ދޫނިތަކާއި އަސްކަރީ ފަލްސަފާއާ ވަރަށް ގާތް ގުޅުމެއްވެއެވެ. މި ދޫނިތަކުގެ ގުދުރަތީ ސިފަތަކާއި ސުލޫކަކީ އަސްކަރީ މައިދާނުގައި ކާމިޔާބީ ހޯދުމަށް މުހިންމު ކަމަށް ބެލެވޭ އެތައް ހުނަރެއްގެ ރަމްޒެކެވެ. މި ދޫނިން ބާރާއި، ހިތްވަރާއި، ލީޑަރޝިޕްގެ ރަމުޒުކޮށްދެއެވެ. އެހެންކަމުން ބައެއް ޤައުމުތަކުގެ އަސްކަރީ ނިޝާންތަކާއި ދިދަތަކުގައި ވެސް ސަހާފަދަ ދޫނިތައް ބޭނުންކުރެއެވެ. އަސްކަރިއްޔާތަކުގައި ތޫނު ނަޒަރާއި، ދުރުވިސްނުމާއި، އަމާޒަށް ވާސިލުވުމާއި، އަވަސް ޙަމަލާތައް ސަހާފަދަ ދޫނިތަކުން ރަމުޒުކޮށްދެއެވެ. މިއީ އަސްކަރީ ޓެކްޓިކްސްގައި ބޭނުންކުރާ "ސާރޖިކަލް ސްޓްރައިކް" ނުވަތަ "ޝޮކް އެންޑް އޯ" ފަދަ އުކުޅުތަކާއި، ކުއްލި އަދި އަވަސް ވަރުގަދަ ޙަމަލާއަކުން ދުޝްމަނުން ހައިރާންކޮށްލައި ބަލިކޮށްލުމުގެ ކުޅަދާނަކަން ސަހާއިން މާނަކުރެވެއެވެ. މި ފަލްސަފާއަށް ބަލާއިރު، ކަޅުއޮށްފުންމި ބަން ސަބަބާއި ފަތަޙައިގެ އެ އުޅަނދު ބޭނުންކޮށްގެން ދުޝަމަނުންނަށް ދީފައިވާ ވަރުގަދަ ކުއްލި އަދި ހައިރާންކުރަނިވި އަވަސް ހަމަލާތަކާ ނަޞްރު ސަހާއާ ވަރަށް ގުޅެއެވެ.
ބޮޑުތަކުރުފާނު ވާހަކައަކީ ތުންތުންމަތިން ވާރިދުވަމުން އައިސްފައިވާ ވާހަކައެކެވެ. މިގޮތަށް ނަގުލުވަމުން އައިސް ލިޔެ ޝާއިޢުކުރެވުނުއިރު ވާހަކައިގެ އަސްލަށް ބަދަލުތަކާއި އުނިއިތުރު ހުންނާނީ އައިސްފައެވެ. އަޑުއިވޭގޮތަށް އެކަކު އަނގައިން އަނެކަކު އަޑު އަހައިގެން ދަސްކޮށްގެން ކިޔާއިރު ސީނު (س) ޝީނަކަށް (ش) ބަދަލުވުމަކީ ވެދާނެގޮތެކެވެ. މި ދިރާސާ ހެދުމަށް ބުރާރަ މުޙައްމަދު ކިޔުއްވާފައިވާގޮތަށް އެންމެ ފުރަތަމަ ލިޔެ ޝާއިޢުކުރެވުނު ފޮތާއި، އެ ފޮތް ބަލައިގެން ނޮވެލްޓީން އަލުން ލިޔެ ޝާއިޢުކުރެވުނު ފޮތް ވެސް ބެލީމެވެ. މި ދެ ފޮތުގައި ވެސް އޮތީ ނަޞްރު ޝަހާ (نصر شها) އެވެ. ކުރީގެ ޗާޕުގައި މި ލަފުޒު އޮތީ ލިޔެފައި އޮތީ ޢަރަބި އަކުރުންނެވެ.
ކަޅުއޮށްފުންމި މި ނަމަކީ ސިއްރު ނަމެއް
ކަޅުއޮށްފުންމި މި ނަމަކީ އަސްކަރީ އޮޕަރޭޝަންތަކުގައި އޮޕަރޭޝަނަށާއި ތަންތަނަށާއި މީހުންނަށާއި އެއްޗެއްސަށް ސިއްރު ނަން (Code Names)، ވަނަން (Nicknames)، މުއާސަލާތީ ބަސް (Callsign) ބޭނުންކުރާ ފަދައިން ބޭނުންކުރައްވާފައިވާ ނަމެއްކަން ގަބޫލުކުރެއެވެ. އާންމުގޮތެއްގައި އަސްކަރީ އޮޕަރޭޝަންތަކުގައި ތަންތަނާއި މީހުންނަށާއި އެއްޗެއްސަށް ކިޔާ އަސްލު ނަންތަކުގެ ބަދަލުގައި ކޯޑްވޯޑްތައް ބޭނުންކުރަނީ އޮޕަރޭޝަންގެ ސިއްރު ހިފެހެއްޓުމަށާއި ދުޝްމަނުންނަށް އޮޅުވާލުމާއި، އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ފަސޭހައަކަށެވެ.
މިސާލަކަށް 1988 ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާއާ ގުޅިގެން އިންޑިއާ ސިފައިން ހިންގި އޮޕަރޭޝަނަށް ދީފައިވާ ނަމަކީ "އޮޕަރޭޝަން ކެކްޓަސް" އެވެ. މި އޮޕަރޭޝަނާ ކެކްޓަސްއަކާ އެއްވެސް ގުޅުމެއްނެތެވެ. އޮޕަރޭޝަން ކެކްޓަސްގައި ދިވެހިރާއްޖެއަށް އިންޑިއާ ސިފައިން އައި ފުރަތަމަ ބޯޓަށް ދީފައިވާ ސިއްރު ނަމަކީ "ފްރެންޑްލީ ވަން" އެވެ. ދެން އައި ބޯޓަށް ދީފައިވާ ނަމަކީ "ފްރެންޑްލީ ޓޫ" އެވެ. މިގޮތަށް ބޮޑުތަކުރުފާނުގެ ޖިހާދުގެ އޮޑިކޮޅުގެ ސިއްރު ނަމެއްގެ ގޮތުގައި ކަޅުއޮށްފުންމި ކިޔާފައި ވަނީ ކަމަށް ގަބޫލުކުރެވެއެވެ.
ދިވެހިރާއްޖެ އަޅުވެތިކޮށްގެން ތިބި ޕޯޗްގީޒުންނަކީ ކަނޑުމަތީގެ ވަރަށް ބާރުގަދަ ބައެއްކަމަށް ތާރީޚުން އެނގެއެވެ. އެމީހުން ކަނޑުމަތީގައި ދެއްކި ހުނަރާއި، ޤާބިލުކަމުގެ ސަބަބުން "ކަނޑުގެ ބާޒު" ނުވަތަ ސީ ހޯކްސްގެ ނަމުން ސިފަކޮށްފައި ހުރެއެވެ. އެ މީހުން ދުނިޔޭގެ އެކި ކަންކޮޅުތައް ހޯދައި ވިޔަފާރީގެ ގުޅުންތައް ޤާއިމުކޮށް އަދި ދުނިޔޭގެ އެކި ސަރަޙައްދުތައް އިސްތިޢުމާރުކޮށް ވަރަށް ބޮޑު ސަރަޙައްދަކަށް ބާރު ފޯރުވިއެވެ. މި ވަރުގަދަ ކަނޑުގެ ބާޒާ ދެކޮޅަށް ބޮޑުތަކުރުފާނު ޖިހާދަށް ބެންނެވި އޮޑިކޮޅަކީ ނަޞްރުގެ ބާޒެވެ. ނަޞްރު ސަހާއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *