އާންމު ޞިއްޙަތު ދެނެގަނެ ކުރިއެރުވުމަކީ މުޖުތަމަޢުގެ އެންމެހައި ފަރުދުން ބަލިތަކުން ރައްކާތެރިވެ، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދޭ އަސާސީ ކަމެކެވެ. މި ދާއިރާގައި އަމާޒުކުރެވެނީ ވަކިވަކި ބަލިމީހުންނަށް ފަރުވާދިނުމުގެ ބަދަލުގައި މުޅި އާބާދީގެ ޞިއްޙަތު ރައްކާތެރިކޮށް ކުރިއެރުވުމަށެވެ.
އާންމު ޞިއްޙަތުގެ ދާއިރާއިން ބަލިމަޑުކަމުގެ އަސްލުތަކަށް ޙައްލު ހޯދައިދީ، ސިޔާސަތުތަކާއި ތަޢުލީމާއި ޚިދުމަތްތަކުން މުޖުތަމަޢުގެ ދުޅަހެޔޮކަން އިތުރުކުރުމަށް މަސައްކަތްކުރެއެވެ. މި ދާއިރާގެ އެންމެ އިސް އަމާޒަކީ ބަލިތަކުން ރައްކާތެރިވުމެވެ. މިގޮތުން، ވެކްސިން ޕްރޮގްރާމްތަކާއި، ހެލްތް ސްކްރީން ކުރުމުގެ ތެރެއިން އާންމު ސިއްހަތުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިސްނެގުންތަކުގެ ތެރެއިން ހިމަބިހި، ޓީބީ އަދި ކޮވިޑް-19 ފަދަ ގައިންގަޔަށް އަރާ ބަލިތައް ފެތުރުން ހުއްޓުވުމަށް މަސައްކަތްކުރެއެވެ.
މީގެ އިތުރުން، ހަކުރުބަލި، ހިތުގެ ބަލިތަކާއި ކެންސަރު ފަދަ ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި، ދުޅަހެޔޮ ދިރިއުޅުމަކަށް ހިތްވަރުދީ، ރަނގަޅު ޞިއްޙަތެއް ދެމެހެއްޓުމަށް މަގުފަހިކޮށްދޭ މާޙައުލެއް ޤާއިމުކުރުމުގައިވެސް އާންމު ޞިއްޙަތުގެ ދާއިރާއިން މުހިންމު ދައުރެއް އަދާކުރެއެވެ.
ޢާންމު ޞިއްޙަތުގެ ދާއިރާގައި އެންމެ އިސް އަހަންމިއްޔަތުކަމެއް ދެވޭ ކަންތައްތަކުގެ ތެރޭގައި ޞިއްޙީ ތަޢުލީމާއި އޭގެ ކުރިއެރުވުން ހިމެނެއެވެ. މި މަސައްކަތުގެ ތެރޭގައި ކާނާގެ ރަނގަޅު އާދަތައް، ޖިސްމާނީ ދުޅަހެޔޮކަން، ނަފްސާނީ ދުޅަހެޔޮކަން އަދި މަސްތުވާތަކެތީގެ ނުރައްކަލާ ގުޅޭ މަޢުލޫމާތު މުޖުތަމަޢުއަށް ފޯރުކޮށްދިނުން ހިމެނެއެވެ. މިފަދަ މަސައްކަތްތަކުގެ ސަބަބުން، އަމިއްލަ ޞިއްޙަތާ ގުޅޭ ގޮތުން ވިސްނުންތެރިކަމާއެކު ނިންމުންތައް ނިންމުމުގެ ޤާބިލުކަން ފަރުދުންނަށް ލިބިގެންދެއެވެ.
ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓުވުމަށާއި، މަސްތުވާތަކެތީގެ ބޭނުންކުރުން މަދުކުރުމަށާއި، އަދި ޖިސްމާނީ ހަރަކާތްތައް އިތުރުކުރުމަށް ހިންގޭ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކުގެ ސަބަބުން، ގިނަ އަދަދެއްގެ މީހުންގެ ފުރާނަ ސަލާމަތްކުރެވިފައިވެއެވެ. މީގެ އިތުރުން، ޢާންމު ޞިއްޙަތުގެ ދާއިރާއިން އިޖްތިމާޢީ ދާއިރާގެ މައްސަލަތަކަށްވެސް ސަމާލުކަން ދެވެއެވެ. މީގެ ތެރޭގައި އާމްދަނީ، ތަޢުލީމު، ވަޒީފާ އަދި ބޯހިޔާވަހިކަމުގެ މައްސަލަތައް ހިމެނެއެވެ. މި އިޖްތިމާޢީ އަދި އިޤްތިޞާދީ ކަންކަމަކީ މީހުންގެ ޞިއްޙަތަށް ސީދާ އަސަރުކުރާ ކަންކަމެވެ.
ޢާންމު ޞިއްޙަތުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަމާޒަކީ، ހުރިހާ ފަރުދުންނަށްވެސް، އެމީހުންގެ އިޖްތިމާޢީ ނުވަތަ އިޤްތިޞާދީ ފަންތިއަކަށް ބެލުމެއްނެތި، އަސާސީ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ. މީގެ ތެރޭގައި ސާފު ބޯފެން، ފައިދާހުރި ކާނާ، ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް އަދި ރައްކާތެރި ދިރިއުޅުމުގެ މާޙައުލެއް ޤާއިމުކޮށްދިނުން ހިމެނެއެވެ. މި މަސައްކަތްތަކުގެ މައިގަނޑު މަޤްޞަދަކީ މުޖުތަމަޢުގެ ހުރިހާ ފަރުދުންނަށް ހަމަހަމަކަމާއެކު ފުރިހަމަ ޞިއްޙަތެއްގައި ދިރިއުޅުމުގެ ފުރުޞަތު ހޯދައިދިނުމެވެ.
ސިޔާސަތުތަކާއި ޤަވާޢިދުތަކަކީ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ބޭނުންކުރެވޭ އެންމެ ބާރުގަދަ ވަސީލަތްތަކުގެ ތެރެއިން ދެ ވަސީލަތެވެ. ސަރުކާރުތަކާއި ޖަމްޢިއްޔާތަކުން އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ތަންފީޛުކުރާ ޤާނޫނުތަކުގެ ތެރޭގައި، ސީޓްބެލްޓް ބޭނުންކުރުން ލާޒިމުކުރުމާއި، ނުރައްކާތެރި މަސްތުވާތަކެތި މަނާކުރުމާއި، ކާބޯތަކެތީގެ ރައްކާތެރިކަން ޔަޤީންކުރުން ފަދަ ކަންތައްތައް ހިމެނެއެވެ. މި ފިޔަވަޅުތަކަކީ އާދައިގެ ކަންކަން ކަމުގައި ފެނުނު ނަމަވެސް،މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ޞިއްޙީ ނުރައްކާތައް ނުހަނު ބޮޑަށް ކުޑަވެ، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އެތައް ގުނައަކަށް އިތުރުވެގެންދެއެވެ.
ޚުލާޞާއެއްގެ ގޮތުން ދަންނަވާނަމަ، ދުޅަހެޔޮ އަދި ހަރުދަނާ މުޖުތަމަޢުތަކެއް ބިނާކުރުމަށްޓަކައި ޢާންމު ޞިއްޙަތަކީ އަސާސީ އަދި ނުހަނު މުހިންމު ދާއިރާއެކެވެ. މިއީ އާބާދީތައް ބަލިތަކުން ރައްކާތެރިކޮށްދީ، ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިތަކަށް މަގުފަހިކޮށްދީ، ޞިއްޙީ ދާއިރާގެ ހަމަހަމަކަން ޤާއިމުކުރުމަށް ޙައްލު ހޯދައިދޭ ވަސީލަތެކެވެ. ބަލިމަޑުކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، އާބާދީ އެއްފަސްވުން ފަދަ ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، ޢާންމު ޞިއްޙަތުގެ މުހިންމުކަން އިތުރަށް ފާހަގަކުރެވެމުންދާނެއެވެ. ޢާންމު ޞިއްޙަތަށް އިންވެސްޓްކުރުމަކީ އިންސާނިއްޔަތުގެ ފާގަތި މުސްތަޤުބަލަކަށް ކުރެވޭ އިންވެސްޓްމަންޓެކެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މި އަހަރުގެ ދެވަނަ ޓާމުގައި ތަޢާރަފުކުރާ މާސްޓަރ އޮފް ޕަބްލިކް ހެލްތު ޕްރޮގްރާމަކީ ޢާންމު ޞިއްޙަތުގެ ދާއިރާއަށް އައު ހަޔާތެއް ގެނެސްދޭނެ ފުރުޞަތެކެވެ. މި ޕްރޮގްރާމުގެ ސަބަބުން، ދަރިވަރުންނަށް އާބާދީތަކުގެ ޞިއްޙަތަށް އަސަރުކުރާ ބަޔޮލޮޖިކަލް، އިޖްތިމާޢީ، އިޤްތިޞާދީ، ޘަޤާފީ، ސިޔާސީ، އަޚްލާޤީ އަދި ތިމާވެށީގެ ކަންކަމުގެ އިންޓަރޕްލޭ ފުޅާ ދާއިރާއެއްގައި ދެނެގަތުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މި ޕްރޮގްރާމުގެ އެންމެ މުހިންމު އެއް ނަތީޖާއަކީ، ރާއްޖޭގެ ޞިއްޙީ ޚިދުމަތްތައް ރޭވުމާއި ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތަކަށް އިޖާބަދިނުމުގެ ގޮތުން، ދަރިވަރުންގެ ކިބައިގައި ލީޑަރޝިޕް އަދި ނިންމުންތައް ނިންމުމުގެ ހުނަރުތައް ތަރައްޤީވެގެން ދިއުމެވެ. މީގެ އިތުރުން، މުޖުތަމަޢުގެ ޢާންމު ޞިއްޙަތާ ގުޅޭ މައްސަލަތައް ފުންކޮށް ދިރާސާކޮށް، އެކަންކަމަށް ޙައްލު ހޯދުމަށް ބޭނުންވާ ރިސަރޗް ކުރުމުގެ ޤާބިލުކަން ދަރިވަރުންނަށް ލިބިގެންދާނެއެވެ.
ޢާންމު ޞިއްޙަތު ރައްކާތެރިކުރުމަކީ ކޮންމެ ފަރުދެއްގެވެސް އަސާސީ ޒިންމާއެއް ކަމުގައިވީ ހިނދު، މި ދާއިރާއިން ޚާއްޞަ ތަމްރީނާއި ހުނަރު ލިބިފައިވާ ފަންނީ މަސައްކަތްތެރިންގެ ދައުރު ވަރަށް މުހިންމެވެ. އެހެންކަމުން، މި ދާއިރާއިން ޕްރޮފެޝަނަލް ފެންވަރުގައި ތަމްރީނުވުމަށް ބޭނުންވާ ފަރާތްތަކަށް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ހުޅުވާލާފައިވާ މި ފުރުޞަތުގެ ބޭނުން ހިފުމަކީ މިވަގުތު ކުރެވިދާނެ އެންމެ ބުއްދިވެރި އިންވެސްޓްމަންޓެވެ.
ހިޔާލު