ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި ހިމެނޭ ޤައުމަކަށްވުމަށް ދިވެހިރާއްޖެ ކުރާ މަސައްކަތްތަކަށް މަގުފަހިކޮށްދީ، ދުނިޔެއަށް އަންނަ އެކިއެކި ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ އިޤްތިޞާދީ ގޮންޖެހުންތަކަށް ކުރިމަތިލައި، އިޤްތިޞާދީ އެކި އެކި މައްސަލަތައް ހައްލުކުރުމަށްޓަކައި ބޭނުންވާ މުހިއްމު އެއް ބަޔަކީ އިޤްތިޞާދީ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކޮށްފައިވާ މީހުންނެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މިގޮތުން އެމް.އެން.ޔޫ ބިޒްނަސް ސްކޫލުން ހިންގާ ބެޗްލަރ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް ކޯހަކީ، އިޤްތިޞާދީ ކަންކަމާ މެދު ޝައުޤުވެރިކަން ހުންނަ މިދާއިރާއާމެދު ވިސްނައި ފިކުރުކުރާ ފަރާތްތަކަށް ހުޅުވާލެވިފައިވާ އަގުހުރި ފުރުސަތެކެވެ.
ނިއުޒިލޭންޑާއި އޮސްޓްރޭލިޔާގެ ޔުނިވަރސިޓީތަކުގެ ޕްރޮގްރާމްތަކަށް ރިޢާޔަތްކޮށްގެން ފަރުމާކޮށްފައިވާ ބެޗްލަރ އޮފް އިކޮނޮމިކްސް އެންޑް މެނެޖްމަންޓް ކޯހުގެ ތެރެއިން ދުނިޔެއަށާއި ރާއްޖެއަށް އަންނަމުންދާ އިޤްތިޞާދީ ބަދަލުތަކަށް ލޯހުޅުވައިދޭ ހޭލުންތެރިކުރުވައެވެ. މިގޮތުން، އިޤްތިޞާދީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ލިބިގެންދާ ފުރުސަތުތަކާއި ދިމާވާ ގޮންޖެހުންތަކާމެދު ފުންކޮށް، ފުޅާކޮށް ވިސްނަށް ދަސްވުމަކީ މި ކޯހުގެ ދަރިވަރުންނަށް ލިބިގެންދާނެ މައިގަނޑު އެއް ފައިދާއެވެ. މީގެ އިތުރުން، ރާއްޖޭގެ ވިޔަފާރިތަކާއި، ސަރުކާރާއި ޕްރައިވެޓް ސެކްޓަރގެ އެކިއެކި މުއައްސަސާތައް ހިންގުމުގައި އިޤްތިޞާދީ ވިސްނުން އިސްކޮށް، ވަސީލަތްތައް އެންމެ އުފެއްދުންތެރިކޮށް ބޭނުންކުރުރާނެ ގޮތްތައް ދެނެގަތުމަކީ ކޯހުގެ ދަރިވަރުންނަށް އުނގަންނައިދެވޭނެ ކަންކަމެވެ.
ބެޗްލަރ އޮފް އިކޮނޮމިކްސް އެންޑް މެނެޖްމަންޓް ކޯހުގައި ދެވޭ ތަޤްރީރުތަކާއި، ދިރާސީ ޢަމަލީ މަސައްކަތްތަކުގެ ތެރެއިން، ސަރުކާރުގެ ސިޔާސަތުތަކުގެ އިތުރުން އިޤްތިޞާދީ ދާއިރާއިން ތައާރުފުކުރެވޭ ޤާނޫނުތަކާއި ގަވާއިދުތަކުގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށާއި ވިޔަފާރިތަކަށާއި މުއައްސަސާތަކަށް ކުރާ އަސަރު ދެނެގަތުމަށް، ދިމާވާ ގޮންޖެހުންތަކަށް ހައްލުހޯދުމަށް ދަރިވަރުންނަށް ދަސްވެގެން ދާނެއެވެ. މި ކޯހުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދެއްވާނީ އިކޮނޮމިކްސްގެ ދާއިރާއިން މާސްޓަރަސް ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ތަޢުލީމީ ސަނަދެއް ހާސިލުކޮށް ރާއްޖޭގެ މާހައުލަށް ހޭލުންތެރިވެފައިވާ ދިވެހި ދާރިސުންނެވެ.
ޢިލްމީ އެކިއެކި ތިއަރީތަކާއި ވިސްނުންތަކުގެ އިތުރުން މުއައްސަސާއެއްގައި ހަރަކާތްތެރިވުމަށް ކޮންމެހެން ބޭނުންވާ ހުނަރުތަކަކީވެސް މިކޯހުގެ ތެރެއިން ދަރިވަރުންނަށް އުނގަންނައިދެވޭނެ ކަންކަމެވެ. މިގޮތުން ކްރިޓިކަލް ތިންކިންގ، ގުޅިގެން މަސައްކަތްކުރުން، ދިރާސާކުރުން، މައްސަލަތައް ހައްލުކުރުން ފަދަ ހުނަރުތައް ކޯހުގެ ދަރިވަރުންނަށް ލިއްބައިދެވޭނެއެވެ. އިޤްތިޞާދީ ދާއިރާއާއި ހިންގުމުގެ ދާއިރާއަށް ޚާއްޞަވެފައިވާ މި ޑިގްރީއަކީ ދަރިވަރުންގެ އަމިއްލަ ދިރިއުޅުމުގައިވެސް އިޤްތިޞާދުކޮށް ފަހަށް ރައްކާކުރާނެ ފަދަ އުކުޅުތައް ދަރިވަރުންނަށް ދަސްވެގެންދާނެ ފަދަ ޕްރޮގްރާމެކެވެ.
މި ޑިގްރީ ފުރިހަމަކޮށް ދަސްވެނިވާ ފަރާތްތަކަށް، ރާއްޖެއާއި ރާއްޖޭން ބޭރުގެ ޔުނިވަރސިޓީތަކުގެ ތަފާތު އެކި ދާއިރާތަކުގެ މަތީ ޑިގްރީތައް ފުރިހަމަކުރުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ. ދެވަނަ ޓާމުގައި ޤައުމީ ޔުނިވަރސިޓީން ފަށާ މި ކޯސް ހިންގާނީ މާލޭގައި ހުންނަ ޤައުމީ ޔުނިވަރސިޓީގެ އެމް.އެން.ޔޫ. ބިޒްނަސް ސްކޫލު ކެމްޕަހުގައެވެ.
މި ކޯހަށް ވަނުމަށް ބޭނުންވާ އަސާސީ ޝަރުޠުތަކަކީ:
- ޖީސީއީ އޭލެވެލް / އެޗްއެސްސީގެ ދެ ފާސް ލިބިފައިވުން، (މީގެ ތެރެއިން އެއް ފާހަކީ އޭލެވެލް ފާހަކަށް ވާންވާނެއެވެ.)، ނުވަތަ؛
- ޤައުމީ ޔުނިވަރސިޓީން ހިންގާ ލެވެލް 4 ފައުންޑޭޝަން ސްޓަޑީޒް ޕްރޮގްރާމު ފުރިހަމަކޮށްފައިވުން، ނުވަތަ؛
- ގުޅުންހުރި ދާއިރާއަކުން އެމްކިއުއޭ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
ތިން އަހަރު ދުވަހަށް، ހަ ސެމެސްޓަރއަކަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކުން ތަފާތު ދާއިރާތަކުގެ ވަޒީފާގެ ފުރުސަތުތައް ފަހިވެގެން ދާނެއެވެ. މީގެ ތެރޭގައި އިޤްތިޞާދާ ސީދާ ގުޅުންހުރި މަސައްކަތްތައް ހިމެނޭ ވަޒީފާތަކުގެ އިތުރުން، ވިޔަފާރިކުރާ މުއައްސަސާތަކުގެ އެކި އެކި އެނެލިޓިކަލް މަސައްކަތްކުރާ ވަޒީފާތައް ހިމެނެއެވެ. އިޤްތިޞާދީ ދާއިރާގެ ދިރާސާތައް ކުރާ ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި ރަސްމީ އިދާރާތަކުގެ މިފަދަ ވަޒީފާތަކަކީވެސް މި ޑިގްރީ ފުރިހަމަކުރާ ކުދިންނަށް ހަރަކާތްތެރިވެވޭނެ މުހިއްމު ވަޒީފާތަކެވެ.
މި ޕްރޮގްރާމާ ބެހޭ އިތުރު މައުލޫމާތު https://courses.mnu.edu.mv/course/231 އިން ލިބިވަޑައިގަންނަވާނެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އޮގަސްޓް މަހުގެ 5ވަނަ ދުވަހެވެ. ތިރީގައިވާ ލިންކުން ކޯހަށް އެޕްލިކޭޝަން ހުށަހަޅައި ރަޖިސްޓްރީކުރެވޭނެއެވެ.
ހިޔާލު