ފާއިތުވި 13 އަހަރު ބަހުގެ ޚިދުމަތް ދަރިވަރުންނަށް ދެމުން އައީ އެ ސްކޫލުން
"މިއީ ވަރަށް ބޮޑު ލުޔެއް އަހާމެ ބޮޑު ފަސޭހައެއް" ފާއިތުވި 13 އަހަރު، ސްކޫލަށް ދަރިވަރުން ގެންގޮސް ގެނެސް ހެދުމަށް ކުރި ދަތުރުތަކަށް އިޝާރާތް ކުރައްވަމުން ކެނދިކުޅުދޫ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ޝަރީފު ދަރިވަރު ނޫހަށް ރޭ ވިދާޅުވިއެވެ.
އާރުޓީއެލް ބަހުގެ ޚިދުމަތް ކެނދިކުޅުދޫގައި ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިއްޔެ އެރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ބަހުގެ ޚިދުމަތް ފެށުމާއެކު ދަރިވަރުންނާއި ރަށުގެ ރައްޔިތުންނަށް އެ ޚިދުމަތް ލިބިގެން ދާނެއެވެ. ބަހުގެ ޚިދުމަތް ކެނދިކުޅުދޫގައި ދެމުން ދިޔައީ ހަމައެކަނި އެރަށު ސްކޫލް ދަރިވަރުން ގެންގޮސް ގެނެސް ހެދުމަށެވެ.
އާރުޓީއެލް ބަހުގެ ޚިދުމަތް ފެށުމުން ދަރިވަރުންނާއި ރަށުގެ ރައްޔިތުންނަށް މާރަނގަޅު ޚިދުމަތެއް ލިބިގެންދާނެ ކަމަށާއި އެމްޓީސީސީން އާރުޓީއެލް ބަހުގެ ޚިދުމަތަށް ނުކުތުމުން ދަރިވަރުންނާއި ބެލެނިވެރިން ތިބީ އުފަލުން ކަމަށް ވެސް ޕްރިންސިޕަލް ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ، ދަރިވަރުން ސްކޫލަށް ގެންގޮސް ގެނެސް ހަދަން އެ ސްކޫލުން ފާއިތުވި 13 އަހަރު ކުރީ ބުރަ އުނދަގޫ އަޑިކުޑަން ދަތުރުތަކެއް ކަމަށެވެ.
"މި ސްކޫލް ވާނެ ދަރިވަރުންނަށް ބަހުގެ ޚިދުމަތް ދެމުންއައި ހަމައެކަނި ސްކޫލަށް. ބަސްތައް ބެލެހެއްޓުމާއި މަރާމާތު ކުރުމާއި ދަތުރުތަކުގެ ޝެޑިއުލް ހެދުމާއި އެ އިންތިޒާމް ހަމަޖެއްސުމަކީ ސްކޫލަކުން ކުރަން ކުޑަކަމެއް ނޫން. " އާރުޓީއެލް ބަހުގެ ހިދުމަތް ދޭން ފެށުމުން ލިބުނު ފަސޭހައެއްގެ ގޮތުގައި ވިދާޅުވި ސަބަބު ޝަރީފު ތަފުޞީލުކޮށްދެއްވިއެވެ.
ކެނދިކުޅުދޫގައި އާރުޓީއެލް ބަހުގެ ޚިދުމަތް ދިނުމަށް އެމްޓީސީސީން އެރަށަށް ދެ ބަހެއް ދާދި ފަހުން ގޮސްފައިވެއެވެ. އެރަށު ސްކޫލުގައި ބޭނުން ކުރި ދެ ބަހާއި ކުރިން އެމްޓީސީސީން ބޭނުން ކުރި ބަހެއްވެސް ދަތުރުތަކަށް ބޭނުން ކުރާނެއެވެ. ޚިދުމަތް ފަށަން އެމްޓީސީސީން އެރަށަށް ގެންދިޔައީ 75 މީހުންގެ ޖާގައިގެ ބޮޑު ބަހަކާއި ކުޑަ ބަހެކެވެ.
ޝަރީފު ވިދާޅުވީ، ކުރިން ބަސް ހުއްޓަނީ މަދު ތަނަކަށް ކަމަށާއި އާރުޓީއެލްގެ ޚިދުމަތް ފެށުމުން ގިނަ ސަރަހައްދުތަކަށް ބަސް ހުއްޓާނެ ކަމަށާއި އެއީ، ގިނަ ދަރިވަރުންނާއި ބެލެނިވެރިންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.
އެއް ދަންފަޅިއަކަށް ކިޔަވައިދޭ ކެނދިކުޅުދޫ ސްކޫލުގައި 440 ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
ހިޔާލު