ކުޅުދުއްފުށީގައި ހުންނަ ޖަލާލުއްދީން ސްކޫލުން އަލަށް ދޭން ފެށި ކްރިސްޓަލް ސްޓަރ އެވޯޑް ސާރާ ބިންތު އަބުދުﷲ އަށް ލިބިއްޖެއެވެ. މިއީ ކުޅިވަރާއި އިތުރު ޙަރަކާތްތަކުން އެ ސްކޫލަށް ކާމިޔާބު ހޯދައިދޭ ދަރިވަރުންގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭން ފެށި އެވޯޑެކެވެ. 5 މުބާރާތެއްގައި ވާދަކޮށް ސްކޫލަށް ރީތި ނަމާއި ޝަރަފު ސާރާ ހޯދާދީފައިވެއެވެ.
ކްރިސްޓަލް ސްޓަރ އެވޯޑް ހަފުލާ ޝަރަފުވެރިކޮށްދެއްވީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދެވެ.
ސާރާ ބައިވެރިވީ، ޤުރުއާން ތިން މުބާރާތެއްގެ އިތުރުން ބަހުސް މުބާރާތާއި މަޒުމޫނު ލިޔުމުގެ މުބާރާތުގައެވެ.
ޤުރުއާން މުބާރާތްތަކުގައި ބައިވެރިވީ، ކުޅުދުއްފުށީ ސިޓި ކައުންސިލުން 2023 ވަނަ އަހަރު ބޭއްވި މުބާރާތުގަ އާއި އަތޮޅު ކައުންސިލުގެ ޤުރުއާން މުބާރާތުގެ އިތުރުން ޤައުމީ ޤުރުއާން މުބާރާތުގައެވެ. މި ތިން މުބާރާތުގެ ތެރެއިން ކުޅުދުއްފުށީ ކައުންސިލް ޤުރުއާން މުބާރާތާއި ތިލަދެކުނު ޤުރުއާން މުބާރާތުން 2023 ވަނަ އަހަރު މުބާރާތުގެ ގަދަ ފަހެއްގެ ތެރޭގައި ހިމެނި، ކީ ސްޓޭޖް 4ގެ ބަލައިގެން ކިޔެވުމުގެ ގޮފިން 1ވަނަ އަދި މުޅި މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން 1ވަނަ ހޯދިއެވެ. ޤައުމީ ޤުރުއާން މުބާރާތުން ސާރާއަށް ލިބުނީ، ކީ ސްޓޭޖް 4ގެ ބައިން ބަލައިގެން ކިޔެވުމުގެ ބައިން 3ވަނަ އެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ކުޅުދުއްފުށީ ކައުންސިލުން ބޭއްވި ބަހުސް މުބާރާތުގެ ގަދަ ފަހެއްގެ ތެރޭގައި ހިމެނި، ރަނަރަފްކަން ޖަލާލުއްދީނަށް ހޯދައިދިން ޓީމުގައި ވެސް ސާރާ ހިމެނުނެވެ. އޭގެ އިތުރުން މަޒުމޫނު ލިޔުމުގެ 38 ވަނަ ގައުމީ މުބާރާތުގައި ވެސް ޖަލާލުއްދީން ސްކޫލުގެ ޓީމުގައި ސާރާ ހިމެނިފައިވެއެވެ.
ފާއިތުވި ދިރާސީ އަހަރު ޖަލާލުއްދީން ސްކޫލުން 15 މުބާރާތެއްގައި ބައިވެރިވެފައިވެއެވެ. އޭގެތެރޭގައި ރަށު ފެންވަރުގަ އާއި އަތޮޅުގެ އިތުރުން އިންޓަރ ސްކޫލް ފެންވަރުގައި ބޭއްވި މުބާރާތްތައް ހިމެނެއެވެ.
އިތުރު ހަރަކާތްތަކުގެ އިތުރުން ކިޔެވުމުގައި ވެސް ސާރާއަކީ ނަމޫނާ ދަރިވަރެކެވެ. ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގެ ތިން ވަނަ އޭނާ ވަނީ ހޯދާފައެވެ.
ޖަލާލުއްދީން ސްކޫލުގެ މީޑިއާ ކުލަބުގެ މޯހިރަށް ސާރާ ކިޔައިދިން ގޮތުގައި ކިޔެވުމުގައި ރަނގަޅު ކާމިޔާބީއެއް ހޯދަން އޭނާ ކުރި ކަމަކީ، މުދައްރިސުން ފިލާވަޅު ނަގައިދޭ ގަޑީގައި ކަނުލައި އަޑުއެހުމެވެ. ދެން ގެއަށް ގޮސް އެ ފިލާވަޅުގައި ބުނާ އެއްޗެއް އެނގޭތޯ ޗެކްކުރަނީއެވެ. ޔޫޓިއުބުން އެ ފިލާވަޅަކާ ގުޅޭ އިތުރު މައުލޫމާތު ވެސް ހޯދަނީއެވެ.
"ނޭނގޭ އެއްވެސް އެއްޗެއް އޮވެއްޖެނަމަ މުދައްރިސުންނާ ސުވާލުކޮށްގެން އޮޅުން ފިލުވަނީ" ސާރާ ބުންޏެވެ.
ފިލާވަޅު އޭނާއަށް ދަސްވެފައިވާކަން ޗެކް ކުރަން ވެސް ތަފާތު އުކުޅެއް ސާރާ ބޭނުން ކުރެއެވެ. އެއީ ކުލާހުގައި އުޅޭ އެހެން ކުއްޖަކަށް ކިޔައިދިނުމެވެ.
"އެހެން ކުއްޖަކަށް ކިޔައިދިނީމާ އެކުއްޖާ އަށް ވެސް ފައިދާއެއް ކުރޭ. އޭގެ އިތުރުން ދަސްވި އެއްޗެއް ގިނަ ދުވަހު ހަނދާނުގައި ވެސް ހުރޭ"
ސާރާ ބުނީ، ކޮންމެ ހަފްތާއެއްގެ ހުކުރު ހޮނިހިރު ޚާއްޞަ ކުރަނީ ހަފްތާއެއްގެ ތެރޭގައި ނަގައިދޭ ޓޮޕިކްސްތަކާ ގުޅުވައިގެން ޕާސްޓް ޕޭޕަރު ހެދުމަށެވެ.
އިތުރު ހަރަކާތްތަކުގައި ކުރިއަށް ދިއުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ ސްކޫލާއި މުދައްރިސުން ކަމަށް ސާރާ ބުންޏެވެ. ސްކޫލުގައި ބާއްވާ އިތުރު ކުލާސްތަކަށް ޤަވާއިދުން ގޮސް މުދައްރިސުން ބުނާގޮތަށް މަސައްކަތް ކޮށް، ޝައުޤުވެރިކަމާއެކު ގޭގައި ވެސް މަސައްކަތް ކުރުމުގެ ނަތީޖާއަކީ އޭނާއަށް ކްރިސްޓަލް އެވޯޑް ލިބުން ކަމަށް ސާރާ ބުންޏެވެ.
"ޤުރުއާނަށް ވެސް ވަރަށް ރަނގަޅު ޓީޗަރުން ތަކެއް ޖަލާލުއްދީން ސްކޫލުން ލިބުނީ. އެއީ ޤުރުއާން މުބާރާތްތަކުން ވެސް ކުރިއަށް ދިއުމަށް ލިބުނު ހިތްވަރެއް" ގުރޭޑް 9ން ޖަލާލުއްދީން ސްކޫލާ ގުޅުނު ސާރާ ބުންޏެވެ.
ސާރާ ބުނީ ކިޔެވުމުގެ އިތުރުން އަދަބީ ހަރަކާތްތަކުގައި ބައިވެރިވުން މުހިންމު ކަމަށާއި އެއީ ވަޒީފާގެ މައިދާނަށް ނުކުންނައިރު ހުނަރު ތަރައްޤީ ކުރަން ލިބޭ ފުރުޞަތެއް ކަމަށެވެ. އަދި އެއީ "ލޭންގުއޭޖް" ފަދަ މާއްދާތަކުން ކުރިއަށް ދާން ވެސް ލިބޭ ފުރުޞަތެއް ކަމަށެވެ.
"އަޅުގަނޑަކީ ދިވެއްސަށް އެހާ މޮޅު ކުއްޖެއް ނޫން. ބަހުސް ފަދަ މުބާރާތްތަކުގައި ބައިވެރިވާން ފެށުމުން ދިވެހި އިމްތިޙާނު ތަކުން ހޯދޭ ނަތީޖާއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބުނު. ކިޔަވާ ނިންމާފައި މަސައްކަތުގެ މާހައުލަށް ނުކުންނައިރު ވާހަކަ ދެއްކުން ފަދަ ހުނަރުތައް ހޯދޭނީ މިފަދަ މުބާރާތްތަކުގައި ބައިވެރިވެގެން" ސާރާ އެދުނީ އެފަދަ މުބާރާތްތަކުގައި ދަރިވަރުން ބައިވުމަށް އިސްކަން ދިނުމަށެވެ.
ހިޔާލު