ކާމިޔާބު ހޯދަން ރިފާޢު ދެއްކީ ތެދުވެރިކަމުގެ ސިފަ

ސާނަވީ އާއި މަތީ ސާނަވީން ޤައުމީ ގަދަ ދިހައެއްގެ ދެވަނަ ހޯދައި، އަމީނިއްޔާ އާއި ސީއެޗްއެސްއީ ހުޅުމާލޭއިން އެއްވަނަ ހޯދިއެވެ. އެ ކާމިޔާބީ ހޯދަން، ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކޮށް، ދުއާކުރުންމަތީ ދެމިހުރެ، ކޮންމެ ދުވަހަކު ވެސް ފިލާވަޅުތަކުން ވަކި މިންވަރެއް މުޠާލިޔާކުރަން އިސްކަންދިނެވެ.

ކުރާ ކޮންމެ ކަމެއްގައި އަމިއްލަ ނަފުސަށް ތެރުވެރިވެ، ކިޔަވާނެ ކަމުގެ ޔަޤީންކަން އޮތުމަކީ ދަރިއެއްގެ ފަރާތުން މައިންބަފައިންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. މަދަރުސީ ޙަޔާތުގައި ހޭދަކުރި 12 އަހަރު ކާމިޔާބު ކަމާއެކު ނިންމާލި އިބްރާހިމް ރިފާއު އަބަދުވެސް މައިންބަފައިންނަށް ދިން ޔަޤީންކަމަކީ އެއީއެވެ.

"އަޅުގަނޑުގެ މައިންބަފައިން ދުވަހަކު ވެސް އަޅުގަނޑުގެ ފޮތެއް ޗެކެއް ނުކުރާނެ. އެކަމަކު އެމީހުންނަށް ޔަޤީންކަން އަބަދު ވެސް އޮންނާނެ ކިޔަވާނެކަން، ފިލާވަޅުތައް ނިންމާނެކަން، ނުރަނގަޅު މަގަކުން ނުދާނެކަން" ރިފާއު ބެލީ، އިތުރު ހަރަކާތްތަކާއި ގިނަ ވަގުތު ސްކޫލުގައި ހޭދަކުރަން ޖެހުނަސް މަންމަމެން އަޅައިދިން ތަރުބިއްޔަތުގެ ބިންގަލުގެ މަތީގައި ކުރިއަށް ދާށެވެ.

ސާނަވީ އާއި މަތީ ސާނަވީ މަރުހަލާ ރިފާޢު ނިންމާލީ ޤައުމީ ގަދަ ދިހައެއްގެ ދެވަނަ ހޯދައިގެންނެވެ. އަމީނިއްޔާ އާއި ސީއެޗްއެސްއީ ހުޅުމާލެ ފަޚުރުވެރިވި ދަރިވަރެއްގެ ގޮތުގައި އެ ދެ ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ ގޮތުގައެވެ.

ސާނަވީ އާއި މަތީ ސާނަވީގައި ވެސް ބިރުއޮތީ ދިވެއްސަށް

ސާނަވީން ގަދަ ދިހައެއްގެ ދެވަނަ ލިބުނީ ދިވެހި މާއްދާއިން އޭ އެއް ލިބުމުންނެވެ. އެހެންވެ މަތީ ސާނަވީގައި ވެސް އެކަން ތަކުރާރު ވުމުގެ ބިރު ރިފާޢުގެ އޮތެވެ. ކަން ދިމާވީ ވެސް އެހެންނެވެ. މަތީ ސާނަވީން ވެސް ދެވަނަ އަށް ދިޔައީ ދިވެހިން  އޭ އެއް ލިބުމުންނެވެ.

"ސާނަވީގައި ދިވެހިން އޭ އެއް ލިބުނީމާ ރީޗެކަށް ވެސް ލިން. ނަމަވެސް އޭ އިން އޭ ސްޓަރއަކަށް ބަދަލުވާ ގޮތެއް ނުވި. އެހެންވެ އެ ބިރު އޮވެމެ ސާނަވީ އިމްތިޙާނު ހެދީވެސް. މަތީ ސާނަވީގައި ވެސް ދިވެހިން ލިބުނު އޭ، ރީޗެކް ކުރުމުން ވެސް އޭ ސްޓަރއަކަށް ބަދަލެއް ނުވި" އެއީ ދ. ރިނބިދޫއަށް އުފަން ރިފާޢުގެ ޙަޔާތުގައި އެންމެ ދެރަވާން ޖެހުނު ދެ ޙާލަތެވެ.

ސީއެޗްއެސްއީގައި އޭރު ކިޔަވަން ފަށައި، ދިވެހި މާއްދާއިން އިތުރަށް ރަނގަޅު ކުރަން މަސައްކަތްތަކެއް ވެސް ރިފާ ކުރިއެވެ. އެންމެ އުނދަގޫވި ދޭހައަށް އިތުރު ސަމާލުކަމެއް ވެސް ދިނެވެ. ލިޔުންތެރިކަމަށް ސަމާލުކަން ދިނެވެ. ހެދިފައި ހުންނަ ގޯސްތައް ބަލައި ރަނގަޅު ކުރަން މަސައްކަތް ވެސް ކުރިއެވެ. އެހެން ނަމަވެސް އޭނާގެ އަތުގައި އެ ނަޞީބު ނުހިފިއެވެ.

އޭލެވެލްއަށް ކިޔަވަން ފަށައިގެންއިރު، އެހެން ދަރިވަރުންނާ ޚިލާފަށް ފުރަތަމަ ޓާމުގައި ވެސް ރަނގަޅު ނަތީޖާއެއް ހުރިހާ މާއްދާއަކުން ރިފާޢު އަށް ނެރެވުނެވެ. މުޅި ގުރޭޑުން ތިންވަނަ ލިބުނެވެ. އެ ހިތްވަރުގައި ކިޔަވުމުން ދެވަނަ ޓާމުގައި އެއްވަނަ ލިބުނެވެ. އޭގެ ނަތީޖާއަކަށްވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕަނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދޭ އެވޯޑް އޭނާއަށް ލިބުމެވެ. އެ އެވޯޑް ދެނީ ގުރޭޑް 11ގެ ދެވަނަ ޓާމުން އެންމެ ރަނގަޅު ނަތީޖާ ހޯދާ، ދެ ޖިންސްގެ 4 ދަރިވަރުންނަށެވެ.

"އާންމުކޮށް ގުރޭޑް 11ގައިގެ ފުރަތަމަ ޓާމުގައި ގިނަ ކުދިން ދަށްވަނީ، އެއާ ޚިލާފަށް 11 ގައި ނިމިގެން ދިޔައީ ވެސް އެންމެ ރަނގަޅު ނަތީޖާ ލިބިގެން" ރިފާޢު ބުންޏެވެ.

އެކަމަކު ގުރޭޑް 12ގެ ފުރަތަމަ ޓާމުގައި ހުރިހާ މާއްދާތަކެއްގެ ނަތީޖާ އަށް އަސަރުކުރިއެވެ. އެވްރެޖްޓް 85 އިންސައްތައިން 80 އިންސައްތައަށް ވެއްޓުނެވެ. އެހެން ދިމާވީ ސްކޫލުގެ ކެޕްޓަންގެ ޒިންމާއާއި ގިނަ ހަރަކާތްތަކެއްގައި އުޅެން ޖެހުމުން ކިޔެވުމަށް ދޭން ޖެހޭ ސަމާލުކަމަށް ކޮންމެ ވެސް ވަރެއްގެ ހީނަރުކަމެއް އައުމުންނެވެ.

"ގުރޭޑް 12ގެ ފުރަތަމަ ޓާމުގައި ވެއްޓުނީ ހަތް ވަނައަށް. އެއީ ކިޔެވުމުގެ ޙަޔާތުގައި ވެސް އެންމެ ދަށްވި ފަހަރު" ކިޔެވުން ދަށްވި ދަށްވުމަށް ދޭން ޖެހޭ ފަރުވާ ރިފާއުއަށް އެނގެއެވެ. ދެވަނަ ޓާމުގައި ކިޔެވުން ފެށީ އެ ފަރުވާއަށް އަމާޒުކޮށްގެންނެވެ. އޭލެވެލްގެ ނަތީޖާއިން ވެސް ދެއްކީ އޭގެ ނަތީޖާއެވެ.

ކިޔެވުމުގައި ރިފާޢުގެ ފޯމިއުލާއަކީ ސްކޫލުގައި ނަގައިދޭ ފިލާވަޅު އަޑުއަހާފައި "ޝޯޓް ނޯޓް" ހަދައިގެން ޕާސްޓް ޕޭޕަރު ހެދުމެވެ. ފަސްވަގުތު ނަމާދުކުރުމާއި ވިތުރިއަށް ސަމާލުކަންދީ ދުޢާކުރުންމަތީ ދެމިހުއްޓެވެ.

"އަބަދުވެސް ސްކޫލުން ދޭ ފިލާވަޅުތައް ނިންމަން. ޕާސްޓް ޕޭޕަރުތައް ހަދަން. ބައެއް ފަހަރު ބިޒީވެގެން ދާ ފަހަރު ވެސް ސްކޫލުން ދޭ ފިލާވަޅުތައް ނިންމަން. ކޮންމެ ވެސް ވަގުތެއް ހޯދާލައިގެން ފިލާވަޅުތަކުން ކޮންމެވެސް މިންވަރެއް މުޠާލިއާކުރަން. އެހެންވެ ކިޔެވުމުން ބޭރަކަށް އެއްވެސް އިރެއްގައި ނުދެވޭ"

މަތީ ސާނަވީގައި ހަ މާއްދާ ރިފާޢު ކިޔެވިއެވެ. އިޚްތިޔާރީ މާއްދާއެއްގެ ގޮތުގައި ހިސާބު ހިމަނައިގެންނެވެ. ހިސާބަކީ ކިޔަވާހިތްވާ މާއްދާއެއް ނަމަވެސް އެއީ އޭނާއަށް އެހާ ފަސޭހަ މާއްދާއެއް ނޫނެވެ. އެހެން އެއްވެސް މާއްދާއަކަށް ނުކުރާ މަސައްކަތް އެ މާއްދާއަށް ކުރީ އެ ޝަޢުޤު ހުންނާތީއެވެ.

ކެޕްޓަންކަމަށް ނޭނގިގޮސް ފިޓްވީ

އަމީނިއްޔާގެ ހައުސް ކެޕްޓަނެއްގެ ޒިންމާ އަދާކުރި ނަމަވެސް ސީއެޗްއެސްއީ ހުޅުމާލޭގެ ކެޕްޓަނަށް ވުމުގެ ވިސްނުމެއް ރިފާއު ނުގެންގުޅެއެވެ. ކެޕްޓަނަށް ކުރިމަތި ލެވޭނެއެކޭ ވެސް ހިތަކަށް ނާރައެވެ. ނަމަވެސް ސީއެޗްއެސްއީގެ ޕްރިފެކްޓަރަކަށް ހޮވުމަކީ އެއީ އެ ސްކޫލުގެ އިސްދަރިވަރަކަށް ވުމަށް ކޮށުނު މަގެވެ.

ހުޅުމާލޭގައި އިމާރާތް ކުރި ސީއެޗްއެސްއީގެ އާ އިމާރާތުގައި ކިޔަވައިދޭން ފެށުމުން، ސްކޫލަށް ރިފާއު ދާން ފެށީ ބަހުގައެވެ. ކޮންމެ ދުވަހަކުހެން ބަހުގައި ދާ ދިއުމުގައި އޭނާއާއެކު އެ ސްކޫލަށް ކިޔަވަންދާ ހައެއްކަ ކުދިންނާ ދިމާވެއެވެ. އެމީހުންނާ ގުޅުން ބަދަހިވެ އެންމެ ގާތް އެކުވެރިންނަށްވިއެވެ. އެ އެކުވެރިންގެ ތެރޭގައި ކުރެވުނު މަޝްވަރާއެއްގައި ސްކޫލުގެ އިސްމަޤާމްތަކަށް ވާދަކުރުމުގެ ޚިޔާލުތަކެއް އެކުދިންގެ ތެރޭގައި ކުރެވުނެވެ. ރިފާއުއަށް އެ ކުދިން ހުށައެޅީ ސްކޫލުގެ ކެޕްޓަނަށް ވުމަށެވެ. އެއީ ކިޔެވުމުގެ ގޮތުން އެއްވަނަ ދަރިވަރުގެ ގޮތުގައި ރިފާއު ނަން އިވިފައި އޮތުމާއި އިތުރު ހަރަކާތްތަކުގައި ނަގާކިޔާ ދަރިވަރަކަށް ވާތީއެވެ. އެ ހުށައެޅުމަށް ރިފާޢުއަށް ފުރަތަމަ ގަޔާއެއް ނުވެވުނެވެ. އޭރު އެހެން ކުދިބައެއްގެ ފަރާތުންނާއި އަދި ބައެއް މުދައްރިސުންގެ ފަރާތުން ވެސް އެ ފަދަ ޚިޔާލެއް އޭނާއާ ހަމައަށް އޮތީ އައިސްފައެވެ. އެހާ ސީރިއަސް ގޮތެއްގައެއް ނޫނެވެ. އެކުވެރިންގެ އެ ޚިޔާލާ މެދު ރިފާޢުއަށް ވިސްނަންފެށުނީ އޭގެ ފަހުންނެވެ.

"އޭރު އެހެން ކުދިން ވެސް އައިސް ކިޔާނެ، ހަރަކާތްތަކުގައި އުޅޭތީ ސްކޫލް ކެޕްޓަނެއްގެ ޒިންމާ އަދާކުރާތަން މިހާރު ވެސް އެބަފެނެއޭ. ކުރިމަތިލާންވީ ނޫންހޭ. ޓީޗަރުން ވެސް އެހެން ކިޔާ. އޭރު އެކަން އެހާ ސީރިއަސްކޮށް ނުނަގަން. އެކަމަކު އެންމެ ގާތްކޮށް އުޅުނު ކުދިންތައް ކިޔަން ފެށީމާ، އެއްބަސްވީ، ވާގޮތެއް ބަލާލަން ކުރިމަތިލާން"

ވާދަވެރި ކެމްޕެއިނަކާއެކު ކުރިއަށް ދިޔަ އިންތިޚާބުގައި ރިފާޢު އާ ހަތަރު ދަރިވަރުން ވާދަކުރިއެވެ. ގިނަ ދަރިވަރުންގެ ތާއީދާއެކު ކެޕްޓަންކަމަށް ރިފާއު ހޮވުނެވެ.

"ކުރިން އުއްމީދު ކުރި ކަމެއް ނޫން. އެކަމަކު އެންމެ ފަހުން އެ މަޤާމަށް ގޮސް މި ފިޓްވީ" އޭނާއަށް ދަރިވަރުން ކުރި ތާއީދާއި ދިން ސަޕޯޓަށް އިޝާރާތްކޮށް ރިފާޢު ބުންޏެވެ.

ސީއެޗްއެސްއީ ހުޅުމާލޭގައި ކަންތައްތައް ރޭވިފައި އޮންނަގޮތުން ހުރިހާ ހަރަކާތެއް ވެސް ރާވާ ހިންގާނީ އެ ސްކޫލުގެ އިސް ދަރިވަރުންނެވެ. ސްކޫލުން އޮންނަނީ އެކަމެއް ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުމެވެ.

ރިފާޢު ކިޔައިދިން ގޮތުގައި، ސީއެޗްއެސްއީއަށް 45 އަހަރު ފުރުމާއި އަހަރުތަކެއް ކުރިން ހުއްޓިފައިވާ މެގަބައިޓްސް އަލުން ފެށުން ފަދަ އެތައް ހަރަކާތެއް ކުރިއަށް ގެންދަން ޖެހުމުން ގިނަ ވަގުތު އުޅެން ޖެހުނީ ސްކޫލުގައެވެ. އޭގެ ސަބަބުން ދިރިއުޅުމުގެ އެހެން ކަންތައްތަކާއި ކިޔެވުމަށް ދޭންވާ ސަމާލުކަމަށް ކޮންމެ ވެސް ވަރެއްގެ ބުރުލެއް އެރިއެވެ.

" މެގަބައިޓްސް އަލުން ފެށިއިރު އެ ހަރަކާތުގެ މައުލޫމާތު ތަކެއް އެނގޭ ކުދިންނެއް ނުތިބޭނެތާ. އެހެންވެ ހުރިހާ ކަމެއްވެސް ކުރިއަށް ގެންދާނެ ގޮތް ޖެހުނީ އަލިފުން ޔާގަށް ރާވަން. އެއާއެކު އަހަރީ ދުވަހާއި ދަރިވަރުންގެ އިޙްޔާ ފޯރަމާއި ޑްރާމާ ފެސްޓިވަލަކީ ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހުނު ހަރަކާތްތަކެއް" ރިފާޢު ބުންޏެވެ.

"ހަމައެކަނި ކެޕްޓަންއޭ ކިޔަވާފައި ހުންނަނީކީ ނޫން. އަމަލީ ގޮތުން ހަރަކާތްތަކުގައި ބައިވެރިވެސް ވަން. ކުލަބު ހަރަކާތެއްގައި ވެސް ބައިވެރި ނުވެދިޔައީ އެންމެ ހަރަކާތެއްގައި. އެއީ ވެސް ވާހަކަ ދެއްކުމުގެ މުބާރާތުގައި އުޅެން ޖެހިގެން"

މެންޓަރ އަކީ ކުރީގެ ކެޕްޓަން ލޫޠް

ރިފާޢު ބުނިގޮތުގައި ކެޕްޓަނެއްގެ ގޮތުގައި ސީއެޗްއެސްއީ ހުޅުމާލޭގައި މަސައްކަތް ކުރިއިރު އޭނާގެ މެންޓަރއަކީ ކުރީގެ ކެޕްޓަން މުޙައްމަދު ލޫޠު އިބްރާހިމް ޒިއާއުއެވެ. ލޫޠަކީ ކިޔެވުމާއި އިތުރު ހަރަކާތްތަކުގައި ވެސް ބައިވެރިވެ ނަމުނާ ދެއްކި ދަރިވަރެކެވެ. މިހާރު އިނގިރޭސި ވިލާތުގެ ކިންގްސް ކޮލެޖްގައި އިކޮނޮމިކްސް ދާއިރާއިން ކިޔަވަންދާ ލޫޠަކީ ސާނަވީއާއި މަތީ ސާނަވީ އާއި ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދި ދަރިވަރެކެވެ. އަދި އެއީ އިސްކަންދަރު ސްކޫލުގެ ކެޕްޓަނެވެ. ސީއެޗްއެސްއީގެ ހެޑް ޕްރިފެކްޓެވެ.

ރިފާއު ބުނީ، ކޮންމެ ކަމެއްވެސް ކުރިއަށް ނުގެންދެވި ހުއްޓޭއިރަށް އެކަމެއްގެ ފަރުވާ ހޯދައި ދެނީ ލޫޠު ކަމަށެވެ.

ސްކޫލެއްގެ ކެޕްޓަންގެ އެންމެ ބޮޑު ޒިންމާއަކީ ދަރިވަރުންގެ ޙައްޤުގައި މަސައްކަތް ކުރުންކަން ހަނދާންކޮށްދީ، އެކަމަށް މަސައްކަތް ކުރުމަށް ލޫޠް އަބަދުވެސް ހަނދާންކޮށްދޭ ކަމަށް ރިފާޢު ބުންޏެވެ.

"ދަރިވަރުންގެ ކަންތައްތަކުގައި އަބަދުވެސް ފައިޓްކުރާނެ. ފަސޭހައިން ދޫކޮށްނުލާނެ. އެހާމެ އޯގަނައިޒްކޮށް ކަންތައްތައް ރާވާލާފައި ހުންނާނީ ވެސް. ބައިވެރިނުވާ ހަރަކާތެއް ނޯންނާނެ"

ރިފާޢު ބުނީ ލޫޠް އަބަދުވެސް ހަނދާންކޮށްދެނީ އެއްވެސް ކުއްޖަކު ލޫޠަށް ވާން މަސައްކަތް ނުކުރުމަށެވެ. އޭގެ ބަދަލުގައި ކޮންމެ ކުއްޖަކު ވެސް އެކުއްޖަކު އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމަށް އޭނާ ބާރުއަޅައެވެ.

"އެއީ ދެވަނަ އެއް ނެތް ނަމުނާ ދަރިވަރެއް. ތަފާތު ކެރެކްޓަރއެއް" ލޫޠަށް ތައުރީފު ކުރަމުން ރިފާޢު ބުންޏެވެ.

ޔުނިވަރސިޓީތަކަށް ދާއިރު ކިޔެވުމާއެކު އިތުރު ހަރަކާތްތަކުގައި އުޅުން މުހިންމު

ރިފާޢު ބުނީ، މަތީ ސާނަވީ ނިންމައި ފެންވަރު ރަނގަޅު ޔުނިވަރސިޓީތަކަށް ދާއިރު، ޕާސަނަލް ސްޓޭޓްމަންޓަކީ މުހިންމު އެއްޗެއް ކަމަށާއި އެކަން ކުރަން ކިޔެވުމާއެކު އިތުރު ހަރަކާތްތަކުގައި ބައިވެރިވުން މުހިންމު ކަމަށެވެ. ހަމައެކަނި ކިޔަވަން ހުސްކުރުމަކީ މީހާގެ ވިސްނުން ހަނިވާކަން ފާހަގަކޮށް ރިފާޢު ބުނީ "ޕާސަނަލް ސްޓޭޓޭމަންޓަކީ އެއީ ޔުނިވަރސިޓީއަކަށް ދާއިރު ވަރަށް މުހިންމު އެއްޗެއް. އެ ލިޔާއިރު އެކްސްޓްރާ ކަރިކިއުލަމްތަކުން ލިބިފައި ހުންނަ ނޮލެޖް ވަރަށް މުހިންމު. ޚާއްޞަކޮށް ރޭންކިންގ މަތީ ޔުނިވަރސިޓީއަކަށް ވަންނައިރު ބަލާނެ ކަންތައްތަކެއް. ހަމައެކަނި ކިޔަވަން ހުސްވުމުން ވިސްނުން ވަރަށް ބޮޑަށް ހަނިވޭ. ހަޤީޤަތުގައި މިހާ ޑައިވަރސިފައި ކޮށްދެނީ އިތުރު ހަރަކާތްތަކުން. އެ ފަދަ ހަރަކާތްތަކުން މީހުންނާ ދިމާވެ ކަނެކްޝަންތައް ބިލްޑްވަނީ. މީހާ މީހަކަށް ހަދައިދެނީ އިތުރު ހަރަކާތްތަކުން. އަޅުގަނޑު އަބަދުވެސް ބާރުއަޅާ ކަމެއް އެއީ. އުޅޭވަރަކުން އިތުރު ހަރަކާތްތަކުގައި ބައިވެރިވުން މުހިންމީ. ހަމައެކަނި ކިޔެވުމަށް ހުސްވުމަކީ ރަނގަޅު ކަމެއް ނޫން" ކަމަށެވެ.

ރިފާޢުގެ ކާމިޔާބީގައި އެތައް ބައެއްގެ ހިއްސާއެއް އޮތްކަން އޭނާ ފާހަގަކުރީ ޝުކުރުވެރިކަމާ އެކުގައެވެ. އަމީނިއްޔާ އާއި ސީއެޗްއެސްއީ ހުޅުމާލޭގެ ސީނިއަރ މެނޭޖްމަންޓްގެ ނަން އޭނާ ފާގަކުރީ ޝުކުރުވެރިކަމާއެކު ގައެވެ. ޚާއްޞަކޮށް ސީއެޗްއެސްއީގެ ކުރީގެ ޕްރިންސިޕަލް ސަފޫރާ މިސް އާއި މިހާރުގެ ޕްރިންސިޕަލް ޒުހުދު ސަރއާއި ޑެޕިއުޓީ ޕްރިންސިޕަލް ޝައްފަ މިސްގެ ނަން ފާހަގަކުރެއްވިއެވެ. އަދި ކިޔަވައި ދެއްވި މުދައްރިސުން އޭނާ ސިފަކުރެއްވީ އެކުވެރިންގެ ގޮތުގައި އެހާވެސް ގާތް ބައެއްގެ ގޮތުގައެވެ. އެއާއެކު އޭނާއަށް ލިބުނު ކާމިޔާބީގައި އެކުގައި މަސައްކަތް ކުރި ދަރިވަރުންނާއި އެކްސްކޯ މެމްބަރުންގެ ނަން ވެސް ފާހަގަކުރިއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިނގިރޭސި ވިލާތުގެ މެންޗެސްޓަރ ޔުނިވަރސިޓީގައި ބިޒްނަސް ދާއިރާއިން ކިޔަވަން ފުރަން ތައްޔާރުވާއިރު، އަބަދުވެސް އޭނާ ހަނދާން ހުންނާނީ ބައިންބަފައިންވި ޤުރުބާނީ މަތިންނެއެވެ. ދަރިންނަށް ކިޔަވާދޭން މާލެއަށް ހިޖުރަކޮށް ކުރި ބުރަ މަސައްކަތްތަކުގެ މަތިންނެވެ.

އެ ދެ މީހުންނަށް ޒަމާނީ ތައުލީމެއް ލިބިފައި ނެތަސް އިސްކުރި ހިލްމުވެރިކަމުން އަޅައިދިން ބިންގަލުގެ މަތީގައި ޤައުމަށް ތެދުވެރި ދަރިއެއްގެ ގޮތުގައި އަބަދުމެ ދެމިހުރުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *