އަބްދުﷲ ނަސީމް ޢަބްދުލްމަތީން
ތުއްތު ކުއްޖަކު އުފަންވެ ފުރަތަމަ ނޭވާ މި ދުނިޔެއަށް ދޫކޮށްލައިއިރު، އާއިލާގެ ކޮންމެ މީހެއްގެ ލޯ އިޚްތިޔާރަކާ ނުލައި ހުއްޓިގެންދަނީ އެކުއްޖާގެ ބޭރުފުށުން ފެންނަ މާނަވީ ސިފަތަކަށެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. ކުއްޖާގެ ލޮލާއި ކަންފަތާއި ފައިތިލައިން ފެނިގެންދަނީ ދަރިފުޅުގެ މައިމީހާގެ ރަމްޒެވެ. ކުއްޖާގެ އިސްތަށިގަނޑުގެ ކުލައާއި ބައްޓަމާއި ހިނިތުންވުން ގުޅިފައިވަނީ އެކއްޖާގެ ބައްޕައާއެވެ. މިފަދަ ބޭރުފުށުގެ ރިވެތި ސިފަތަކުން އާއިލީ މެންބަރުންގެ މެދުގައި ވަނީ ތަފާތު ގުޅުމެއް އުފެދިފައެވެ. ނަމަވެސް ފެންނަން ހުންނަ މައުނަވީ ސިފަތަކުގެ ފަހަތުގައި އޮންނަނީ މިއަށްވުރެ މާ ފުން ސިފަތަކެއް ދެނެގަތުމުގެ ޝައުޤެވެ. އެއީ ކުއްޖާގެ ފިކުރިއްޔާތާއި ވިސްނުންތެރިކަމާއި، ކަންކަން ދެނެގަތުމުގެ ޝައުޤުވެރިކަމާއި، އުފެއްދުންތެރިކަމާ ބެހޭގޮތުން ކުރެވޭ ޒަމާންވީ ސުވާލެވެ.
ލޮލުގެ ކުލައާއި ނޭފަތުގެ ބައްޓަމާ ޚިލާފަށް، ފިކުރިއްޔާތަކީ އެއް ޖީލުން އަނެއް ޖީލަށް ނުވަތަ މަޔަކު ނުވަތަ ބަފައެއްގެ ކިބައިން ދަރިފުޅަށް ސީދާ ވާރުތަވާ ސިފައެއް ނޫނެވެ. އެއީ "ސިއްރުވެފައިވާ ހަދިޔާއެއް" ނުވަތަ ބަދަލު ނުވާ ގޮތަށް ހިލައެއްގައި ކަނޑައި ބިންވަޅުނަގައިފައިވާ އެއްޗެއްވެސް ނޫނެވެ. އެއީ ޖެނެޓިކްސް އާއި ދުވަހީ ތަޖުރިބާއިން ބިންގާ އެޅިފައިވާ ޠަބީޢަތާއި ތަރުބިއްޔަތުން ބަދަލުވަމުންދާ ތަޞްވީރެކެވެ.
ފަހުގެ ސައިންޓިފިކް ދިރާސާތަކުން މި އުނދަގޫ މަސައްކަތް އަލިކޮށްދޭން ފަށައިފިއެވެ. ހެކިތަކުން ވަރަށް ބޮޑަށް ދައްކުވައިދެނީ މަންމަގެ ޖެނެޓިކް ހިއްސާ، ޚާއްޞަކޮށް އެކްސް ކްރޯމޯޒޯމް މެދުވެރިކޮށް، ނަމަވެސް ބައްޕަގެ ބަދަލު ނުކުރެވޭނެ ދައުރާއި ކުއްޖާގެ ތަރުބިއްޔަތުގެ ފުން އަސަރުތަކެއެވެ. މި ރީތި، ދިރުންހުރި ގުޅުން ދެނެގަތުމުން މައިންބަފައިންނަށާއި، މުދައްރިސުންނަށާއި، އަދި މުޖުތަމަޢުތަކަށް ކޮންމެ ކުއްޖެއްގެވެސް ޤާބިލުކަން އިތުރަށް ދިރުވައި، ކުރިއެރުވުމަށް އެހީތެރިވެދެއެވެ.
ތޫނުފިލިކަން – ފަސޭހައިން ވާރުތަވާ އެއްޗެއް ނޫން
ތޫނުފިލިކަމަކީ ކުއްޖާގެ ބޭރުފުށުން ފެންނަ ސިފަތަކާއި ޚިލާފަށް "ވާރުތަވާ" އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ ބުނަން ނޭނގޭހާ ގިނަ ޖެނެޓިކް ނޯޓުތަކަކާއި ވަށައިގެންވާ މާޙައުލުގެ އެކުވެނި ގުޅުމެކެވެ.
މިހާރުގެ ދިރާސާތަކުން ދައްކާ ގޮތުގައި ގާތްގަނޑަކަށް ތޫނިފިލިކަމުގެ 50 އިންސައްތަ ނިސްބަތްކުރެވެނީ މައިންބަފައިންނަށެވެ. ބާކީ ދެބައިކުޅައެއްބައި އުފެދެނީ ދަރިފުޅުގެ ތަޖުރިބާތަކާއި، ތައުލީމާއި ތަރުބިއްޔަތަށެވެ. އެހެން ބަހަކުން ދަންނަވަނީނަމަ ދިރިއުޅުމުގެ ތެރެއިންނެވެ.
ވަކި ޖީންތަކަކުން އުފެދޭ ސިފަތަކާ ޚިލާފަށް، ތޫނިފިލިކަމަކީ ގިނަ ޖީންތަކެއްގެ އެކުވެނި ގުޅުމެކެވެ. ސައިންޓިސްޓުންނަށް ދެނެގަނެވިފައިވާ ގޮތުގައި ވައި ކްރޮމޮޒޯން އާ ޚިލާފަށް، އެކްސް ކްރޮމޮޒޯން އަދާކުރަނީ ވަކިން ޚާއްޞަ ދައުރެކެވެ. އަންހެނުންގެ ކިބައިގައި ދެ އެކްސް ކްރޮމޮޒޯން ހުންނައިރު ފިރިހެނުންގެ ކިބައިގައި ހުންނަނީ އެންމެ އެކްސް ކްރޮމޮޒޯނެކެވެ. މިކަމުން ކުއްޖެއްގެ ތޫނުފިލިކަން ކަނޑައެޅުމުގައި މަންމަގެ ޖެނެޓިކް ނުފޫޒަށް ވަކި ބުރަދަނެއް ލިބުނު ނަމަވެސް މިއީ ބޮޑު ތަސްވީރެއްގެ ކުޑަ ބައެކެވެ.
މަންމަގެ ޖެނެޓިކް ހިއްސާ – އެކްސް ކްރޮމޮޒޯންގެ ދައުރު
މި މައުޟޫޢާ ގުޅޭގޮތުން ކުރެވިފައިވާ އެންމެ ޝައުޤުވެރި އެއް ސައިންޓިފިކް ހޯދުމަކީ އެކްސް ކްރޮމޮޒޯންގެ ޚާއްޞަ ދައުރާ ގުޅޭ ގޮތުން ކުރެވިފައިވާ ދިރާސާއެވެ. އިންސާނުންގެ ޖީން އެކުލެވިގެންވަނީ މަންމައާއި ބައްޕަގެ ކިބައިން ވާރުތަވާ 23 ޖޯޑު ކްރޮމޮޒޯންގެ މައްޗަށެވެ. އެއީ މުޅިއެކު 46 ކްރޮމޮޒޯނެވެ. އިންސާނާގެ ބޭރުފުށުންނާއި އެތެރެފުށުން ފެންނަ ސިފަތަށް ކަނޑައެޅުމުގައި މައިންބަފައިންގެ ޑީއެންއޭގެ ދައުރު ހަމަހަމަވާއިރު، ވިސްނުންތެރިކަމުގެ ނިސްބަތް ކަނޑައެޅުމަކީ ދެނެގަންނަން އުދަނގޫ މަސައްކަތެކެވެ.
ކަންމިހެން ހުރިކަމުގައިވިޔަސް، ފަހުގެ ސައިންޓިފިކު ހޯދުންތަކުން، ވިސްނުންތެރިކަމުގެ ނިސްބަތް ކަނޑައެޅުމާ ގުޅޭގޮތުން ކުރެވޭ އާއްމު ސުވާލުތަކަށް ސާފު ސީދާ ޖަވާބެއް ހޯދައިދީފައިވެއެވެ. އެއީ ކްރޮމޮޒޯންތައް ވާރުތަވާ ގޮތާއި ނިސްބަތެވެ. އަންހެނުންގެ ކިބައިގައި ދެ އެކްސް ކްރޮމޮޒޯން ހުންނައިރު، ފިރިހެނުންގެ ކިބައިގައި ހުންނަނީ އެކްސް ކްރޮމޮޒޯން އާކާއި ވައި ކްރޮމޮޒޯންއެކެވެ. ފިކުރިއްޔާތު ބިނާކުރެވިފައިވާ އަސާސްތައް ކަމުގައިވާ ވިސްނުމާއި، ހަނދާންކުރުމާއި، އަދި އުނގެނުމަށް އަސަރުކުރާ ކަމަށް ޤަބޫލުކުރެވޭ ގިނަ ޖީންތައް ހުންނަނީ އެކްސް ކްރޮމޮޒޯންގައެވެ. މީގެ މާނައަކީ ބަފައިންނާއި ޚިލާފަށް މައިންގެ ފަރާތުން ވިސްނުންތެރިކަމާ ގުޅުންހުރި ޖީންތަކުގެ ބޮޑު އިންސައްތައެއް ދަރިންނަށް ވާރުތަވުމުގެ ފުރުޞަތު ބޮޑުކަމެވެ.
ގްލާސްގޯ ޔުނިވަރސިޓީން 12،000 އަށްވުރެ ގިނަ ކުދިން ބައިވެރިކޮށް ހިންގި ދިގު މުއްދަތުގެ ދިރާސާއިން ލިބުނީ އަޖައިބުކުރަނިވި ނަތީޖާއެކެވެ. ނަސްލާއި، މައިންބަފައިންގެ ތަޢުލީމީ ފެންވަރަށް ވުރެން، މަންމަގެ އައިކިއު ފާހަގަވެގެން ދިޔައީ ކުއްޖާގެ ވިސްނުންތެރިކަން އެންމެ ރަނގަޅަށް މިނެކިރޭ އެއްޗެއްގެ ގޮތުގައެވެ.
މި ހޯދުމުން ވިސްނުންތެރިކަމާއި ބެހޭގޮތުން ކުރިން ނޭނގޭ އެތަކެއް ޖެނެޓިކް މައުލޫމާތުތަކެއް ލިބުނު ނަމަވެސް މިއީ ބަދަލުނުވާ "ޤާނޫނެއް"ގެ ގޮތުގައި ދެކިގެން ނުވާނެއެވެ. އެހެނީ އެއްވެސް ޖީނެއް ވަކިން މަސައްކަތެއް ނުކުރެއެވެ. އަދި ބައްޕަގެ ހިއްސާއަކީ، ޖެނެޓިކްގެ ގޮތުންނާއި ޖަޒުބާތީ ގޮތުން، ކުއްޖާގެ ފިކުރިއްޔާތު ބިނާކުރުމުގައި ކޮންމެހެން ބޭނުންވާ ކަމެކެވެ.
ބައްޕަގެ ދައުރު – ޖަޒުބާތީ އަދި ޖެނެޓިކް ހިއްސާ
މަންމަގެ ޖެނެޓިކް ހިއްސާއިން ވަރުގަދަ ބިންގަލެއް އެޅިގެން ދިޔަނަމަވެސް، ކުއްޖާގެ ފިކުރިއްޔާތު ކުރިއެރުމުގައި ބައްޕަގެ ދައުރު ހަމަ އެހާމެ މުހިންމެވެ. ނަމަވެސް އެއީ ތަފާތު ގޮތްގޮތުންނެވެ. މައިންބަފައިންގެ ފަރާތުން "ވާރުތަވާ" ވިސްނުންތެރިކަމަކީ ގިނަ ޖީންތަކެއްގެ އެކުވެނި ގުޅުމެކެވެ. އަދި ފިކުރިއްޔާތާއި ގުޅޭ ބައެއް އަސާސް ކަމުގައިވާ އުފެއްދުންތެރިކަމާއި، ޖަޒުބާތާއި ކެތްތެރިކަން ގިނަފަހަރަށް ވާރުތަވަނީ ބައްޕަގެ ވައި ކްރޮމޮޒޯންއިންނެވެ.
މީގެ އިތުރުން، ބައްޕަގެ ހިއްސާ ބަޔޮލޮޖީގެ ދާއިރާއިން މާ ފުޅާވެގެންވެއެވެ. ބައްފަގެ ފަރާތުން ލިބޭ ލޯތްބާއި، ހިތްވަރުދިނުމާއި، ފޯރުކޮށްދޭ އެހީތެރިކަމަކީ ކިޔެވުމާއި އެހެނިހެން ދުވަހީ ކަންކަމަށް ޝައުޤުވެރިކަން އުފައްދައިދޭ، ކުއްޖާގެ ވިސްނުންތެރިން ކުރިއަރުވައިދޭ މުހިއްމު އެއް ތަނބެވެ. މަންމަގެ އެކްސް ކްރޮމޮޒޯންއާ ޚިލާފަށް ބައްޕަގެ ފަރާތުން ވާރުތަވާ ވައި ކްރޮމޮޒޯންގެ ދައުރަކީ އަމަލީ މަސައްކަތެކެވެ. ނަމަވެސް ހިތާމައަކީ މިއަދު ބައްޕައިންނަށް ދަރިފުޅާއިއެކު ހޭދަކުރެވޭ ވަގުތު މަދުވުމެވެ.
އެއްވެސް ކުރެހުންތެރިއަކު އެންމެ ފިއްސެއް ބޭނުންކޮށް ނުކުރަހާ ފަދައިން، ކުއްޖާގެ ފިކުރިއްޔާތު ތަރައްޤީކުރުމަކީ އެންމެ ޖީނެއްގެ، ނުވަތަ އެންމެ ކްރޮމޮޒޯނެއް ނުވަތަ މައިންބަފައިންކުރެ އެކެއްގެ ހަމައެކަނި މަސައްކަތުގެ ނަތީޖާއެއް ނޫނެވެ. އެއީ ޖެނެޓިކްގޮތުންނާއި، ޖަޒުބާތީގޮތުންނާއި، އިޖްތިމާޢީގޮތުން ގުޅި ލާމެހިފައިވާ އެކުވެނި ގުޅުމެކެވެ.
ތަޖުރިބާއާއި މާޙައުލުގެ ބަދަލުކުރުވަނިވި ބާރު
ޖެނެޓިކްސްއަކީ ފިކުރިއްޔާތާއި ގުޅޭ ކުރެހުމެއް ކަމުގައިވާނަމަ، ތަޖުރިބާއާއި މާޙައުލަކީ އެއަށް ފުރާނަ ދޭ ކުލަތަކާއި، ފިހިތަކެވެ. ކުއްޖާ މައިމީހާގެ ރަހިމުގައި އަށަގަތް ހިނދުން ފެށިގެން ކުއްޖާ ވަށައިގެންވާ މާހައުލަށް ހޭނެން ފަށައެވެ.
ފިކުރިއްޔާތު ބިނާކުރުމާއި ތަރައްޤީކުރުމަށް ދަރިފުޅުގެ ތަޖުރިބާއާއި ވަށައިގެންވާ މާހައުލު ވަރަށް މުހިންމެވެ. އެގޮތުން ހިތްހެޔޮ ގާތް ބެލެނިވެރިންނާއި، ގާތް އެކުވެރިއަކާއެކު ކުޅެވޭ ކުޅިވަރާއި، ބިނާކުރަނިވި ފާޑުކިޔުމާއި، ކުރިމަތިވާ ގޮންޖެހުންތަކަކީ ކުއްޖާގެ ފިކުރީ ޤާބިލުކަން އިތުރުކޮށްދޭ ވަސީލަތްތަކެވެ.
އަނެއްކޮޅުން، އެކަނިވެރިކަން އިހުސާސްކޮށްދޭ ނުތަނަވަސް މާޙައުލަކަށް އުފަންވެ ހެދިބޮޑުވާ ކުއްޖެއްގެ ޖެނެޓިކް ބިންގާ ކިތަންމެ ވަރުގަދަ ކަމުގައިވިޔަސް ފިކުރީ ތަރައްޤީއަށް ހުރަސްއެޅިދާނެއެވެ. އެގޮތުން ދިގު މުއްދަތެއްގެ ނުތަނަވަސްކަމާއި، މައިންބަފައިން ދަރިންނާއިމެދު އިހުމާލުވުމާއި، ތަޢުލީމީ ފުރުޞަތުތައް ނުލިބުމަކީ ކުއްޖާގެ ފިކުރީ ގާބިލުކަން ނެތި ފަނާކޮށްލާ ބައެއް ކަންކަމެވެ.
މުދައްރިސުންނާއި، ރަޙްމަތްތެރިންނާއި، މުޖުތަމަޢުއަކީ ތައުލީމުގެ މައިދާނުގައި ކުއްޖާގެ ފިކުރީ ޤާބިލުކަން އިތުރުކޮށްދޭ ފަރާތްތަކެވެ. މިއީ ގުޅިލާމެހިފައިވާ ފުރިހަމަ ނިޒާމެކެވެ. ދަރިވަރުގެ މާޙައުލުގެ ފަރާތުން ލިބޭ ހިތްވަރާއި އެހީތެރިވެދޭ އެހީތެރިވުން އިތުރުވާވަރަކަށް، ކުއްޖާގެ ފިކުރީ ޤާބިލުކަން ތަރައްޤީކުރުމުގެ ފުރުޞަތު ފަހިވެގެންދެއެވެ.
މުދައްރިސުންނަކީ ދަރިވަރުންގެ އުނގެނުމުގެ ދަތުރުގައި އެންމެ އިސް ދައުރެއް އަދާކުރާ ފަރާތްތަކެވެ. ޓީޗަރުންނަކީ ދަރިވަރުންނަށް މަގުދައްކައިދޭ، ހިތްވަރުދޭ، އެކުދިންގެ އަޚްލާޤާއި، ވިސްނުމާއި، މައްސަލަ ޙައްލުކުރުމުގެ ހުނަރު ތަރައްޤީކޮށްދޭ ފަންނުވެރިންނެވެ. ޤާބިލު ދާރިސެއްގެ އިރުޝާދުގެ ދަށުން ދަރިވަރުން އުނގެނުމުގެ ޝައުޤުވެރިކަން އިތުރުވެ އިތުބާރު އުފެދިގެންދެއެވެ. ކޮންމެ ދަރިވަރެއްގެ ވެސް ފަރުދީ ޚާއްޞަ ސިފަތަކާއި، ބޭނުންތައް ދެނެގަނެ، އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ މުދައްރިސުންގެ އަސާސީ މަސްއޫލިއްޔަތެކެވެ. މުދައްރިސުންގެ ދެއްވާ އެހީތެރިކަމާއި، ދެއްވާ އިރުޝާދުގެ ސަބަބުން ދަރިވަރުންގެ ޒިހުނީ ޤާބިލުކަން ކުރިއަރައި، އުނގެނުމުގެ އާ ދޮރުތައް ހުޅުވިގެންދެއެވެ.
މީގެ އިތުރުން ދަރިވަރުންގެ އިޖްތިމާޢީ އަދި ޖަޒްބާތީ ޤާބިލުކަން ތަރައްޤީވަމުގެ މައިގަނޑު ހިއްސާއަކީ ރަޙްމަތްތެރިންނާ އެކުގައި ހޭދަކުރާ ވަގުތެވެ. އެކުވެރިންގެ ފަރާތުން ލިބޭ އެއްބާރުލުމާއި، ގުޅިގެން މަސައްކަތްކުރުމުގެ ތަޖުރިބާއާއި، ދޭދޭ ކުދިންގެ މެދުގައި އުފެދޭ ވާދަވެރިކަމަކީ ވަރަށް މުހިންމު އުނގެނުމުގެ އުކުޅެކެވެ.
ރަނގަޅު ރަޙްމަތްތެރިންގެ ސަބަބުން ރިވެތި އާދަތައް އަށަގެންނެވި، ތަޢުލީމީ ކަންކަމަށް އިސްކަންދިނުމަށް މަގުފަހިވެގެންދެއެވެ. މިފަދަ މާޙައުލެއްގައި ދަރިވަރުން އެކަކު އަނެކަކަށް ހިތްވަރުދީ، އެހީތެރިވެދެއެވެ. އެކުވެރިންގެ ފަރާތުން ލިބޭ ހިތްވަރާއި އެހީތެރިކަމަކީ ތަޢުލީމީ ދަތުރުގައި އަގުހުރި އެއް ފޯވެއްސެވެ.
ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތު ބިނާވެގެންދަނީ މުޖުތަމަޢުގެ ސަގާފަތާއި، އާދަކާދަތަކާއި، އިޖްތިމާޢީ މިންގަނޑުތަކުންނެވެ. ކުތުބުޚާނަތަކާއި، އިޖުތިމާއީ މަރުކަޒުތަކަކީ އެކުދިންގެ އުނގެނުމުގެ ހުނަރުތައް ކުރިއެރުވުމަށް މަގުފަހިކޮށްދޭ ވަސީލަތްތަކެކެވެ.
އެކުވެރިން، މައިންބަފައިން އަދި ދާރިސުންނަކީ ތަޢުލީމީ ދާއިރާގެ މުހިންމު ބައިވެރިންނެވެ. ތަޢުލީމަށް އިސްކަންދީ، ދަރިވަރުންނަށް އެހީތެރިވެދޭ މުޖުތަމަޢެއްގައި، ދަރިވަރުންގެ ޤާބިލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި ތަރައްޤީކުރުމުގެ ފުރުޞަތު ފަހިވެގެންދެއެވެ.
ކުއްޖެއްގެ ވިސްނުމާއި ޤާބިލިއްޔަތު ފުރިހަމައަށް ތަރައްޤީކުރުމަށްޓަކައި، މުދައްރިސުން، ރަޙްމަތްތެރިން އަދި މުޖުތަމަޢު ގުޅިގެން މަސައްކަތްކުރުން މުހިންމެވެ. މި ތިން ފަރާތުން ކުއްޖާއަށް ލިބޭ ހިތްވަރާއި އެހީތެރިކަން އިތުރުވާ މިންވަރަކުން، އެ ކުއްޖެއްގެ އުނގެނުމުގެ ދަތުރު ފުރިހަމަވެ، ވިސްނުމުގެ ޤާބިލިއްޔަތު ކުރިއަރައިގެންދެއެވެ. އެހެންކަމުން، ކޮންމެ ކުއްޖަކަށްވެސް ހިތްވަރުދޭ އަދި އެހީތެރިވެދޭ މާޙައުލެއް ޤާއިމުކޮށްދިނުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ.
ނޯޓް: މިއީ ސީއެމްޔޫ ފްރާންސްގައި އެގްނާ ފެރޭޒް ލިޔުއްވާފައިވާ ލިޔުއްވުމެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ.
ހިޔާލު