ޢަބްދްﷲ ނަޞީޙް
މުދައްރިސް ޤަވާއިދުން ސްކޫލަށް ޙާޒިރުވެ އުނގަންނައިދިނުމުގައި ޝާމިލުވެ ހުރުމަކީ ފައިދާހުރި އުނގެނުމުގެ ބިންގަލެވެ. 2016 ވަނަ އަހަރު ވޯލްޑް ބޭންކުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި އާމްދަނީ ދަށް އަދި މެދުފަންތީގެ ބައެއް ގައުމުތަކުގައި ޓީޗަރުން ހާޒިރުނުވާ މިންވަރު ކޮންމެ ދުވަހަކު ވެސް %11 އާއި %27 އާއި ދެމެދުގައި ހުރިއެވެ. މާނައަކީ އެތައް މިލިއަން ކުދިންނަކަށް އާންމުކޮށް އުނގެނުމާއި ތަމްރީނު ގެއްލިގެންދެއެވެ. ޚާއްޞަކޮށް ރަށްރަށާއި ޚިދުމަތް ނުލިބޭ ސަރަޙައްދުތަކުގައެވެ. ގަވާއިދުން ޓީޗަރުން ސްކޫލަށް ޙާޒިރު ނުވުމުން އުނގަންނައިދިނުން ކުރިއަށް ގެންދިއުމަށް ހުރަސްއެޅި، ސިލަބަސް ފުރިހަމަކުރުން ހަނިވެ، ދަރިވަރުންގެ މޮޓިވޭޝަނާއި ސުލޫކަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމެކެވެ.
2020 ވަނަ އަހަރު އިނގިރޭސިވިލާތުގެ އެޑިއުކޭޝަން ޕޮލިސީ އިންސްޓިޓިއުޓުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ގަވާއިދުން ސްކޫލަށް ހާޒިރުވާ ޓީޗަރުން ކިޔަވައިދޭ ދަރިވަރުންނާއި، ގަވައިދުން ސްކޫލަށް ޙާޒިރުނުވާ ޓީޗަރުން ކިޔަވައިދޭ ދަރިވަރުންނާއި އަޅާ ބަލާއިރު ސްޓޭންޑަރޑައިޒްޑް ޓެސްޓްތަކުގައި ގަވައިދުން ސްކޫލަށް ޙާޒިރުނުވާ ޓީޗަރުން ކިޔަވައިދޭ ދަރިވަރުންގެ ނަތީޖާ ދަށެވެ. މީގެ ސަބަބުން ދަރިވަރުންގެ ރިޓެންޝަން ދަށްވެއެވެ. ފައުންޑޭޝަނަލް ލިޓްރޭސީ އާއި ނިއުމަރޭސީ ގާއިމް ކުރަމުންދާ ކުރީކޮޅުގެ ގްރޭޑްތަކުގައި އެކަމުގެ އަސަރު އިތުރަށް ބޮޑުވެއެވެ. 2005 ވަނަ އަހަރު އިންޑިއާގައި ކުރި ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ޓީޗަރުން ޙާޒިރުނުވުން %10 އިތުރުވުމަކީ ދަރިވަރުންގެ ޓެސްޓް ނަތީޖާ %1.8 ދަށްވެއެވެ.
މީގެ އިތުރުން، ޤަވާއިދުން އޮތޯރިޓީ ފިގަރއެއް ނެތުމުން ކްލާސްރޫމްގެ އުސޫލުތައް ގެއްލިގެންދާތީ، ދިގު މުއްދަތަކަށް ވަޒީފާއަށް ނުނިކުތުމަކީ ވެސް ކްލާސްރޫމް އިންޑިސިޕްލިން އިތުރުވުމަށް މަގުފަހިވާ ކަމެކެވެ. މިކަމުގެ ސަބަބުން ބަދަލު ޓީޗަރުންނަށް ކުރިމަތިވާ ގޮންޖެހުން ބޮޑުވެ، އެމީހުން ރަނގަޅަށް ތައްޔާރުނުވެވި ނުވަތަ މާއްދާތަކަށް ތަމްރީނު ނުކުރެވިދާނެ އެވެ. ގިނަ ހާލަތްތަކުގައި ސްކޫލްތަކުން ވަގުތުން ބަދަލު ގެނައުމަށް ނާކާމިޔާބުވެ، ކިޔަވައިދިނުމުގެ ގަޑިތައް ބޭކާރުވެ ނުވަތަ ކްލާސްތައް ކުރިއަށް ގެންދިއުމުގައި މެނޭޖް ނުކުރެވިދެއެވެ.
ޓީޗަރުން އާދަވެ ސްކޫލަށް ޙާޒިރުނުވުމަކީ، މިއަދު ރާއްޖޭގައިވެސް ކަންބޮޑުވުން އޮތް ސީރިއަސް މައްސަލައެކެވެ. ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 1000 އާއި 1200 އާއި ދެމެދުގެ ޢަދަދަކަށް އެކިއެކި ސަބަބުތަކާއި ހެދި ސްކޫލަށް ޙާޒިރު ނުވާކަމަށް ބެލެވެއެވެ. މީގެ ސަބަބުން ދަރިވަރުންގެ އުނގެނުމަށް ދަނީ ކަންބޮޑުވާ މިންވަރަށް ނޭދެވޭ އަސަރުތައް ކުރަމުންނެވެ. ޓީޗަރުން ގަވައިދުން ސްކޫލަށް ޙާޒިރުނުވުމުގެ ސަބަބުން ދަރިވަރުންނަށް ކުރާ ނޭދެވޭ އަސަރުތަކާއި ސްކޫލުތަކަށް ދިމާވާ ގޮންޖެހުންބޮޑު މި މައްސަލައަށް ހައްލެއް ހޯދުމަށް ފާއިތުވި އަހަރުތަކުގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނެތުމަކީ، މި ގޮންޖެހުންބޮޑު މައްސަލަ އިތުރުވި އެއް ސަބަބުކަމުގައި ބެލެވެއެވެ.
ޓީޗަރުން ހާޒިރުނުވާ ސަބަބުތައް
ޓީޗަރުން ވަޒީފާއަށް ގަވައިދުން ޙާޒިރުނުވާ އަސްލު ސަބަބުތައް ދެނެގަތުމަކީ ފައިދާހުރި އިންޓަރވެންޝަންތައް ފަރުމާކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އާންމު ބައެއް ސަބަބުތަކުގެ ތެރޭގައި ހިމެނެނީ؛
ސިއްހަތާ ގުޅުން ހުރި މައްސަލަތައް، އަމިއްލަ ގޮތުންނާއި އާއިލާއާ ގުޅުން ހުރި މައްސަލަތައް
ވަޒީފާގެ މޮޓިވޭޝަން ދަށްވުމާއި ވަޒީފާގެ ހިތްހަމަނުޖެހުން
ސްކޫލްތަކުގެ ލީޑަޝިޕް ދަށްވުމާއި ޖަވާބުދާރީވުމުގެ ނިޒާމުތައް ބަލިކަށިވުން
އެކަށީގެންވާ ވަރަށް އިންފްރާސްޓްރަކްޗަރ ނުވަތަ އެކަށީގެންވާ މިންވަރަށް ވަސީލަތްތައް ނެތުން
ކްލާހުން ބޭރުގައި ޕްރޮފެޝަނަލް ވާޖިބުތައް، އިދާރީ މަސައްކަތްތައް ނުވަތަ ތަމްރީނުތައް ފަދަ ކަންކަން ކުރަންޖެހުން
ޚާއްޞަކޮށް އަންހެން ޓީޗަރުންނަށް ޢާއިލީ ޒިންމާތައް ބެލެހެއްޓުމުގެ ދައުރު އަދާކުރަންޖެހޭ މިންވަރު އިތުރުވުން
ގިނަ ނިޒާމުތަކުގައި މޮނިޓަރިންގ ނެތުމާއި ސިޔާސަތުތައް ތަންފީޒު ނުކުރެވުމަކީ މައްސަލަ އިތުރަށް ގޯސްވާ ކަމެކެވެ.
ޓީޗަރުން ހާޒިރުނުވާ މިންވަރު މަދުކުރުމަށް ގެންގުޅޭ ސްޓްރެޓެޖީތައް
ޓީޗަރުން ޤަވާއިދުން ވަޒީފާއަށް ހާޒިރުނުވާ މައްސަލަ ހައްލު ކުރުމަށް ބޭނުންވަނީ ނިޒާމީ އަދި ފަރުދީ ފެންވަރުގެ ކަންތައްތަކަށް ވެސް އަލިއަޅުވާލެވޭ ގިނަ ކަންތައްތަކެއް ހިމެނޭ އުސޫލެކެވެ.
ސްކޫލް ލީޑަރޝިޕް އަދި އެކައުންޓެބިލިޓީ ހަރުދަނާކުރުން
ސްކޫލް ހިންގާ ފަރާތްތައް މޮނިޓަރިންގ ޓޫލްސް އިން ބާރުވެރިކޮށްދީ، އެފެކްޓިވް ލީޑަރޝިޕްގައި ތަމްރީނު ކުރުމަކީ ސްކޫލަށް ހާޒިރު ނުވުން މަދުވާ ކަމެއްކަން ސާބިތުވެފައިވެއެވެ. ޤަވާއިދުން ހާޒިރީ ޓްރެކްކުރުމާއި، ސަލާމް، ޗުއްޓީއާއި ބެހޭގޮތުން މިހާރު ހެދި ޢަމަލުކުރަމުންދާ ގަވައިދުތަކާއި އުސޫލުތައް އަލުން މުރާޖަޢާކޮށް ޓީޗަރުންނަށް ޕްލެކްސިބަލް ޗުއްޓީ ދެވޭނެ ބަދަލުތައް ޤަވާއިދަށް ގެނައުމާއި، ޓީޗަރުންގެ ބާންއައުޓް ކުޑަކޮށް ވެލްނެސް އިތުރުކުރުމަށް ވަޒީފާގެ މާހައުލުގައި ޕްރޮގްރާމްތައް ހިންގުމާއި ސްކޫލް ހިންގުމުގައި ދިމާވާ މިފަދަ ގޮންޖެހުން ބޮޑު މައްސަލަތައް ހައްލުކުރުމުގައި ނިޒާމީ ގޮތެއްގައި ސްކޫލުތައް ބާރުވެރި ކުރުމަކީ ޖަވާބުދާރީވުން އިތުރުކުރެވޭނެ ކަމެކެވެ.
ހާޒިރީ އިންސެންޓިވްސް ތައާރަފްކުރުން
ޓީޗަރުންގެ ހާޒިރީ އާއި ޕާފޯމަންސް ބެސްޓް އިންސެންޓިވްސް ގުޅުވައިލުމުން ރަނގަޅު ނަތީޖާތަކެއް ފެނިފައިވެ އެވެ. ޔޫގަންޑާ އާއި ރުވާންޑާގައި ހިންގާ ޕްރޮގްރާމްތަކުގައި ޓީޗަރުންގެ ޕްރެޒެންސް އާއި މޮޓިވޭޝަން ރަނގަޅު ކުރުމަށް ހާޒިރީ ބެސްޓް ބޯނަސް ބޭނުންކޮށްފައިވެ އެވެ.
މިފަދަ ނިޒާމެއް ރާއްޖޭގައިވެސް ތަޢާރަފު ކުރެވި ތަންފީޒު ކުރެވުމަކީ ޓީޗަރުންގެ މޮޓިވޭޝަން އިތުރުވެ ޙާޒިރީއާއި ޕާފޯމަންސަށް ހެޔޮ އަސަރުތަކެއް ކުރާނެކަމެކެވެ.
ސަޕޯޓިވް ވޯކިންގ ކޮންޑިޝަންސް ފޯރުކޮށްދިނުން
ޓީޗަރުންނަށް ރަގަޅު މަސައްކަތުގެ މާހައުލެއްފޯރުކޮށްދީ ސަޕޯޓްސިސްޓަމްތައް ރަގަޅު ކުރެވިއްޖެ ނަމަ މަސައްކަތައް ޙާޒިރުނުވާ މިންވަރު މަދުކުރުމަށް އެހީތެރިވެދެވޭނެއެވެ.
އަދި ދަތުރުފަތުރުގެ އެލަވަންސްތަކާއި، ޕަބްލިކް ހެލްތް ކެއަރ ނިޒާމުގެ ތެރެއިން ޓީޗަރުންނަށް ފަސޭހައިން ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހުމަކީ، ޒާތީ ދަތިތަކުގެ ސަބަބުން ވަޒީފާއަށް ހާޒިރުނުވުން މަދުކުރެވޭނެ ކަމެކެވެ.
މޮނިޓަރިންގ އަށް ޓެކްނޮލޮޖީ ބޭނުންކުރުން
އިންޑިއާ އާއި ބްރެޒިލް ފަދަ ގައުމުތަކުގައި ބަޔޮމެޓްރިކް އެޓެންޑެންސް ސިސްޓަމްތަކާއި ޖީޕީއެސް އިން އެނެބަލް މޮނިޓަރިންގެ ސަބަބުން ޕަބްލިކް ސްކޫލްތަކުގައި ޓީޗަރުން ހާޒިރުނުވާ މިންވަރު ވަރަށް ބޮޑަށް މަދުވެފައިވެ އެވެ. ޙާޒިރީ ބެލެހެއްޓުމުގައި ރާއްޖޭގެ ގިނަ ސްކޫލުތަކުގައިވެސް ބަޔޮމެޓްރިކް އެޓެންޑެންސް ސިސްޓަމް ބޭނުން ކުރެއެވެ. ސްކޫލުތަކުގައި މި ވިއުގަ އިތުރަށް ހަރުދާނާ ކުރެވިއްޖެ ނަމަ ހެޔޮ އަސަރުތަކެއް ކުރާނެއެވެ.
ކޮމިއުނިޓީ އެންޑް ޕޭރެންޓް އެންގޭޖްމަންޓް
ބެލެނިވެރިންނާއި ސްކޫލް ކޮމިޓީތަކުން ހީވާގިކަމާއެކު ބައިވެރިވާއިރު މުދައްރިސުންގެ ޖަވާބުދާރީވުން އިތުރުވެއެވެ. ހާޒިރީ ހާމަކަން ބޮޑު ގޮތެއްގައި ރިޕޯޓްކުރުމަކީ އާންމުންގެ އިތުބާރު އުފެދި، ހިއްސާކުރެވޭ ޒިންމާ އުފުލޭނެ ކަމެކެވެ.
ގްލޯބަލް ބެސްޓް ޕްރެކްޓިސް
ޓީޗަރުން ހާޒިރުނުވާ މައްސަލަ ހައްލުކުރުމަށް ބައެއް ގައުމުތަކުން ވަނީ ކާމިޔާބު ޕްރޮގްރާމްތަކެއް ހިންގާފައެވެ:
ޗިލީގެ އެޑިއުކޭޝަން ކޮލިޓީ އެޝުއަރެންސް ސިސްޓަމްގައި ގައުމީ ސްކޫލް އިވެލުއޭޝަންތަކާއި އެކްސްޓަރނަލް އޮޑިޓްތައް ބޭނުންކުރާއިރު، އޭގެ ތެރޭގައި މުދައްރިސުންގެ ހާޒިރީ މުހިންމު އިންޑިކޭޓަރެއްގެ ގޮތުގައި ހިމެނެއެވެ.
ޔޫއެސްއޭއައިޑީގެ އެހީތެރިކަމާއެކު ކެންޔާގެ “ޓޫސޯމް” ޕްރޮގްރާމްގައި ފިލާވަޅު ފޯރުކޮށްދިނުމުގެ ރިއަލް ޓައިމް ޓްރެކިން އާއި އެކު ޓީޗަރުންގެ ހާޒިރީ ޑިޖިޓަލް މޮނިޓަރިން ތައާރަފްކޮށް، ޕްރެޒެންސް އާއި ޕާފޯމަންސް ވެސް ވަރަށް ބޮޑަށް ރަނގަޅުވި އެވެ.
ގާނާގެ ޓީޗަރ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް އިނިޝިއޭޓިވްގެ ތެރޭގައި ޤަވާއިދުން ޕީއާރް އޮބްޒަވޭޝަންތަކާއި، މެންޓަރޝިޕް އަދި ޕާފޯމަންސް ދަށް ސްކޫލްތަކަށް ހާޒިރީ އިންސެންޓިވްސް ދިނުން ހިމެނެއެވެ.
ސިންގަޕޫރުން ބާރުއަޅަނީ ޓީޗަރުންގެ ހެޔޮ ދުޅަހެޔޮކަމާއި ވޯކްލޯޑް މެނޭޖްމަންޓަށާއި، ޓީޗަރުންގެ މަސައްކަތާއި ދިރިއުޅުމުގެ ބެލެންސް ރަނގަޅުކަން ކަށަވަރުކޮށްދީ، ކޮންމެހެން ބޭނުން ނުވާ ޗުއްޓީ ނެގުމުގެ ފުރުސަތު ކުޑަ ކަމަށެވެ.
ޓީޗަރުން ޤަވާއިދުން ހާޒިރުނުވުމަކީ ދަރިވަރުންގެ ތައުލީމީ ފެންވަރާއި ހަމަހަމަކަމަށް ސީދާ އޮތް ހުރަހެކެވެ. ގިނައިން ޓީޗަރުން ހާޒިރުނުވުމުގެ ބުރަ އުފުލަނީ ދަރިވަރުންނާއި ގަވައިދުން ހާޒިރުވާ ޓީޗަރުންނެވެ. މިކަމުގެ ސަބަބުން ދަރިވަރުންގެ ތަޢުލީމީ ބިންގާ ބަލިކަށިވެ، ދަރިވަރުންގެ ތައުލީމީ ގާބިލްކަން ދަށްވެ، ކާމިޔާބީ ދައުރަށް ހުރަސް އެޅެއެވެ. އަދި ޤަވާއިދުން ސްކޫލަށް ހާޒިރުވާ ޓީޗަރުންނަށް މަސައްކަތުގެ ވޯކްލޯޑް އިތުރުވެ އެކަމުގެ ސަބަބުން އެ ޓީޗަރުންގެ ޕާފޯމަންސަށް ހުރަސްއެޅެއެވެ.
ޓީޗަރުން ސްކޫލަށް ޙާޒިރުނުވާ ނިސްބަތް މަދުކުރުމަކީ ތައުލީމީ ހުރިހާ ނިޒާމުތަކެއްގައި ވެސް ގައުމީ އިސްކަމެއް ދޭ ކަމަކަށް ވާން ޖެހެ އެވެ. ސިޔާސަތު އިސްލާހުތަކާއި، ސްޓްރެޓެޖީތަކާއި، މުޖުތަމަޢުގެ ބައިވެރިވުމާއި، ޓެކްނޮލޮޖީ ބޭނުންކުރުމުގެ ތެރެއިން ސްކޫލްތަކަށް މުދައްރިސުންގެ ހެޔޮ ދުޅަހެޔޮކަމާއި ދަރިވަރުންގެ އުނގެނުމަށް އެހީތެރިވެދޭ މާހައުލެއް އުފެއްދިދާނެއެވެ. ދުނިޔޭގެ މިސާލުތަކުން ދައްކާ ގޮތުގައި، ކޮމިޓްމަންޓާއި އިނޮވޭޝަން އާއެކު، ހާޒިރުނުވާ ނިސްބަތް ވަރަށް ބޮޑަށް މަދުކުރެވިދާނެއެވެ. މި ކަމުން ޓީޗަރުންނަށް އިންތިޒާރުކުރާ ދަރިވަރުންނަށް ތަސައްލީއެއް ލިބި، ކްލާސްރޫމްތައް އުނގެނުމުން ފުރިފައިވާކަން ކަށަވަރުކުރެވޭނެއެވެ.
ހިޔާލު