ނައިސަމް ޤުރުއާން ހިތުދަސްކުރީ އެކަނިމާއެކަނި

ސޫރަތްތަކާއި އާޔަތްތަކުގެ ނަމްބަރަށް ދަންދެން އޭނާ ހިތުދަސްކުރީ އަމިއްލައަށް

މުޙައްމަދު ނައިސަމް ނަސީމް، 22އ ދަފްތަރު. ނަންބަރު ދރ 1365، މާލެ، ޤުރުއާން ހިތުދަސްކޮށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ހިފްޘް ކޮމިޓީއަށް ކިޔައިދިނީ 30 ދުވަހުންނެވެ. އޭނާއަށް ހާފިޒު ކަމުގެ ސަނަދު ލިބުނީ މި މަހުގެ ހަ ވަނަ ދުވަހުއެވެ. ޚާއްޞާ އެހީއަށް ބޭނުންވާ ނައިސަމް، ޤުރުއާން ހިތުދަސްކޮށް ހާފިޡް ކަމުގެ ސަނަދު ހޯދުމުން، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ނައިސަމްގެ އާއިލާއާ ބަދަލުކުރައްވާ މަރުޙަބާ ދަންނަވާފައެވެ.

ނައިސަމްގެ މަންމަ ރިޔާސާ ރަޝީދު ދަރިވަރު ނޫހަށް މިއަދު ބުނީ، ނައިސަމް ޤުރުއާން ހިތުދަސްކުރީ އޭނާ އެކަނިމާއެކަނި ކަމަށާއި ޤުރުއާން ހިތުދަސްކުރަން އެއްވެސް މީހެއްގެ އެހީތެރިކަމެއް ނުހޯދާ ކަމަށެވެ.

"އެއީ ތަނަކަށް ގޮސްގެން ޤުރުއާން ދަސްކުރި ކުއްޖެއް ނޫން. މާތް ﷲ އޭނާގެ ހިތަށް ޖަމާކުރެއްވީއޭ ބުނެވޭނީ" ނައިސަމްގެ މަންމަ ރިޔާސާ ބުންޏެވެ.

ރިޔާސާ ބުނީ، ރަނގަޅަށް ވާހަކަ ނުދެއްކޭއިރު ވެސް ޤުރުއާނަށް ޚާއްޞަ ޝައުޤުވެރިކަމެއް ނައިސަމް ދޭ ކަމަށާއި ހަތަރު އަހަރު ނުފުރެނީސް ކަހުފް ސޫރަތުން ބައެއް ދަސްކޮށްފައިވާ ކަމަށެވެ.

"ގޭގައި ނަމާދު ކުރާއިރު އަންނާނެ ކައިރިއަށް އައިސް ނަމާދު ދޮޅިނަގައިގެން އެ އަޅައިގެން ހުރެ ބައެއް ފަހަރު ނަމާދު ވެސް ކުރާނެ. އޭރު ވެސް ކަހުފް ސޫރަތުން ދެތިން ސަފްޙާވަރު ކިޔަވާނެ" ރިޔާސާ ބުންޏެވެ.

"ޤުރުއާން ކިޔަވަން ޝައުޤު ހުންނާތީ ކުލާހަކަށް ވެސް ނައިސަމް ވެއްދިއެވެ. އެތަނަށް ގެންދެވުނީ އެންމެ ދެ ދުވަހުއެވެ.

"ޤުރުއާން ކުލާހަކަށް ވައްދައިގެން އެންމެ ދެ ދުވަހު ގެންދެވުނީ. އެތަނުން ބުނީ އެހެން ކުދިންނަށް އުނދަގޫވަނީއޭ ނައިސަމްއާ ހެދި. އެހެން ކުއްޖަކަށް ދެރައެއް ލިބެން ބޭނުން ނުވާތީ އޭގެ ފަހުން ނުގެންދަން" ރިޔާސާ ބުންޏެވެ.

ނައިސަމް ކިޔެވީ މާލެ ވިލިނގިލީގައި ހުންނަ މުޙްޔިއްދީން ސްކޫލުންނާއި ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލުންނެވެ. އޭލެވެލް ނިންމީ ހުޅުމާލޭގައި ހުންނަ ސީއެޗްއެސްއީއިންނެވެ.

ރިޔާސާ ބުނި ގޮތުގައި، އެ ގޭގައި އަބަދުހެން ޤުރުއާން ޖަހާފައި ހުންނާތީ ނައިސަމްއަށް ޤުރުއާން ދަސްކުރަން ބާރަކަށްވެއެވެ. އަދި މަސްޖިދުލް ހަރަމައިން ޗެނަލް އާންމުކޮށް ބަލާ ކަމަށާއި އެ ބަލައިގެން ހަރަމްފުޅުގައި ކިޔަވާ ހުރިހާ އިމާމުންގެ ނަންތައް ވެސް ދަސްކޮށްފައިވާ ކަމަށް ރިޔާސާ ބުންޏެވެ.

ނައިސަމްގެ ދައްތައަކީ ވެސް ޤުރުއާން މުބާރާތްތަކުގައި ބައިވެރިވަމުން އައި ކުއްޖެކެވެ. މުބާރާތްތަކަށް އޭނާ ފަރިތިކުރާއިރު، ޤުރުއާން ކިޔަވާ އަޑުހައިގެން ވެސް ނައިސަމް ދަސްކުރެއެވެ.

ހިފުޒު ކުރަން ނައިސަމް ފެށީ އޭލެވެލް ނިންމާފައި، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ހިފުޒު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ މަޝްވަރާ ރިޔާސާ ހޯދީ ޤުރުއާނާ ބެހޭ މަރުކަޒުގެ ބޭފުޅަކާ ވާހަކަ ދައްކައިގެންނެވެ. އޭނާގެ އިރުޝާދާއެކު ޓެސްޓް ކޮށްލަން ނައިސަން ގެންދިޔައީ އެތަނަށެވެ.

"ނައިސަމް ޓެސްޓްކޮށްފައި ވިދާޅުވެއްޖެ ހާފިޒު ކަމުގެ ސަނަދު ނެތަސް އެއީ ހަމަ ހާފިޒެކޭ" ރިޔާސާ ބުންޏެވެ.

އޭނާގެ އިރުޝާދާއެކު ނައިސަމް ވެއްދީ ޤުރުއާނާ ބެހޭ މަރުކަޒުގެ މުރާޖައާ ކުލާހަށެވެ. އެއީ އެފަދަ ކުލާހެއްގައި ނައިސަމް ބައިވެރިވި ފުރަތަމަ ފަހަރެވެ. ގާތްގަޑަކަށް ހަތަރުމަހާ ދުވަސްކޮޅެއްގެ ތެރޭގައި ޤުރުއާން މުރާޖާކޮށް ނައިސަމް ނިންމިއެވެ. އެ ދުވަސްވަރު ކުޑަ ޗުއްޓީއެއް ވެސް ނެގިއެވެ. އެއީ ރާއްޖެއިން ބޭރަށް ދާންޖެހިގެންނެވެ.

މުރާޖަޢާ ނިންމައި ޤުރުއާނާ ބެހޭ މަރުކަޒުގެ ހިފުޒު ކޮމިޓީއަށް ނައިސަން ކިޔައިދޭން ފެށީ ހުސްވި މެއި މަހުގެ 20 ވަނަ ދުވަހުއެވެ. ކޮމިޓީއަށް ކިޔައިދީ، ސަނަދު ހޯދީ މި މަހުގެ ހަ ވަނަ ދުވަހުއެވެ. އެއީ ނައިސަމްއާއި ރިޔާސާއަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އެކަމަކު އެންމެ ދެރަވީ އެ ފަޚުރުވެރި ކާމިޔާބީ ހޯދިއިރު ނައިސަމްގެ ބައްޕަ ނެތީމައެވެ. ނައިސަމްގެ ބައްޕަ ނިޔާވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 5ވަނަ ދުވަހުއެވެ.

ނައިސަމް ހަމައެކަނި ޤުރުއާން ހިތުދަސްކުރީކީ ނޫނެވެ. ސޫރަތްތަކާއި އާޔަތްތަކުގެ ނަމްބަރަށް ދާންދެން އޭނާ ހިތުދަސްކުރީއެވެ. އެއީ އޭނާގެ ތޫނުފިލިކަން ދައްކުވައިދޭ އެންމެ ބޮޑު ހެއްކެވެ.

ނައިސަމް ބޭނުންވަނީ ޤުރުއާނުގެ އިލްމާއި އިމާމެއްގެ ގޮތުގައި ކުރިއަށް ދާށެވެ. މިހާރަށްވުރެ ބޮޑަށް ތަޖުވީދުގެ ހަމަތައް އުނގެނި ދަސްކުރާށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *