ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)އިން އިންތިޒާމުކޮށްގެން ބޭއްވި ދިރާގު އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ފިރިހެން ޑިވިޜަނުގެ ޗެމްޕިއަންކަން ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ)އިން ހޯދައިފި އެވެ.
މި މުބާރާތުގެ ފައިނަލްގައި އެފް.އީ އިން މޯލްޑިވްސް ބިޒްނަސް ސްކޫލް (އެމް.ބީ.އެސް) ބަލިކޮށްފައިވަނީ 2-3ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާއިރު، 2-2ގެ ނަތީޖާއަކުން މެޗު އެއްވަރުވެފައި އޮތްވާ ފަހު މިނެޓުގައި އެފް.އީގެ ޔައިޝް މުސްތަފާ ވަނީ ގޯލެއް ޖަހާފައެވެ. ޔައިޝް ވަނީ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމުގެ އިތުރުން މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނިފައެވެ.
މި މުބާރާތުގެ އެންމެ ގަދަ 5 ކުޅުންތެރިންގެ ތެރޭގައި އެފް.އީގެ ކީޕަރު މުޙައްމަދު ޔާމީން، އެމް.ބީ.އެސްގެ ކައިސަން ބިން ހިސާން އަދި އަޙްމަދު ރިފްޝާންވެސް ވަނީ ހިމެނިފައެވެ. މީގެއިތުރުން، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ގޮތުގައި ހޮވިފައިވަނީ އެފް.އީގެ ރައުހާން ރިފްއަތެވެ.
މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއެއްގެ ގޮތުގައި އެމް.އެން.ޔޫ ބިޒްނަސް ސްކޫލުގެ ދައްޔާން އަޙްމަދު ހޮވިފައިވާއިރު، ފެއަރ ޕްލޭޔަރަކަށް ހޮވިފައިވަނީ ވިލާ ކޮލެޖުގެ އަޙްމަދު އަލާއު ޝާމިން އެވެ.
މި މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ ހޮވިފައިވާއިރު، ބެސްޓް ސަޕޯޓާސް ޓީމަކަށް ހޮވިފައިވަނީ ކްލިކް ކޮލެޖެވެ. ހަމައެހެންމެ، މުބާރާތުގެ ބެސްޓް ކޯޗަކަށް ހޮވިފައިވަނީ ޗެމްޕިއަން އެފް.އީގެ ކޯޗު މުޙައްމަދު ޝަފްރާޒެވެ.
މި މަހުގެ 15 އިން 30ގެ ނިޔަލަށް ކުރިއަށްގެންދިޔަ މި މުބާރާތުގައި ޖުމުލަ 27 ޓީމު ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅެފައިވަނީ ހުޅުމާލެ ރެހެންދި ދަނޑުގައެވެ.
މިއަހަރުގެ މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ދިރާގެވެ. ކޯ-ސްޕޮންސަރަކީ ލިއެން ޝުއޭ ޝިން ނޫޑްލް ރެސްޓޯރެންޓެވެ. މުބާރާތުގެ ބޭންކިން ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އެވެ. މުބާރާތުގެ ކިޓް ޕާޓްނަރަކީ މެނީ މޯލްޑިވްސް އެވެ. އަދި މީޑިއާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ. މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އަދި އެލައިޑް އިންޝުއަރެންސް ހިމެނޭއިރު، މުބާރާތުގެ ޕާޓްނަރުންގެ ތެރޭގައި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން، ޔުނިވިޔަ، މާލެ ސިޓީ ކައުންސިލް އަދި އޮބިއޮން ހިމެނެއެވެ.
ހިޔާލު