ނިމިގެން ދިޔަ އިންޓަރ ސްކޫލް އެތްލެޓިކްސް މީޓްގައި އެންމެ ކާމިޔާބު އެއް އެތްލީޓަކީ ށ. މިލަންދޫ ސްކޫލުގެ އިބްރާހިމް ނަސީހު އަލީއެވެ. އޭނާ ބައިވެރިވި ހަތަރު އިވެންޓުން އެއްވަނަ ހޯދިއެވެ. 15 އަހަރުން ދަށުގެ 80 މީޓަރު ހާޑްލްސްއާއި ޓްރިޕަލް ޖަމްޕުން އެއްވަނަ ހޯދުމާއެކު މީޓް ރެކޯޑް ޤާއިމް ކުރިއެވެ. އަދި ހައި ޖަމްޕުން އެއްވަނަ 400×100 ރިލޭއިން ވެސް އެއްވަނަ ހޯދިއެވެ. މިއީ އުފަންރަށާއި މިލަދޫ ސްކޫލަށް އޭނާ ހޯދައިދިން މުހިންމު ކާމިޔާބެކެވެ.
ނަސީހުގެ ކާމިޔާބީ ފެށުނީ އެންމެ ފުރަތަމަ އޭނާ ބައިވެރިވި އިންޓަރ ސްކޫލް މުބާރާތުންނެނެވެ. 2023 ވަނަ އަހަރު ހުޅުމާލޭގައި ބޭއްވި އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި 13 އަހަރުން ދަށުގެ ފިރިހެން ބައިގައި ވާދަކޮށް 70 މީޓަރު ހާޑްލްސްއާއި ޓްރިޕަލް ޖަމްޕުން އެއްވަނަ ހޯދައި އެ އުމުރު ފުރައިގެ ރެކޯޑް މުގުރާލިއެވެ. އަދި އެ މުބާރާތުގައި 100×400 ރިލޭއިން ވެސް އެއްވަނަ ހޯދިއެވެ. ނާސިޙްއާއެކު މިލަންދޫ ސްކޫލުން ބައިވެރިވި ޓީމަށް 13 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ވެސް ލިބުނެވެ.
އެ އަހަރު ކުޅުދުއްފުށީގައި ބޭއްވި އެސްޓީއޯ މަކިޓާ ޖޫނިއަރ ޗެމްޕިއަންޝިޕްގައި ވެސް 13 އަހަރުން ދަށުގެ ބައިގައި ވާދަކޮށް 70 މީޓަރު ހާޑްލްސްއިން އެއްވަނަ ހޯދައި މީޓް ރެކޯޑް ނަސީހު ޤާއިމް ކުރިއެވެ. އަދި ޓްރިޕަލް ޖަމްޕުން އެއްވަނަ އާއި 100×400 މީޓަރު ރިލޭ އާއި 6×80 މީޓަރު ރިލޭއިން ވެސް އެއްވަނަ ހޯދިއެވެ.
މިދިޔަ އަހަރު ހުޅުމާލޭގައި ބޭއްވި އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި 15 އަހަރުން ދަށުގެ ފިރިހެން ބައިގައި ވާދަކޮށް 80 މީޓަރު ހާޑްލްސް ހީޓްގައި މީޓް ރެކޯޑް ވަނީ ޤާއިމް ކޮށްފައެވެ. އަދި އެ މުބާރާތުގައި 80 މީޓަރު ހާޑްލްސް ސެމީ ފައިނަލް ގައި ވެސް މީޓް ރެކޯޑް ޤާއިމް ކުރިއެވެ.
މިހާތަނަށް އިންޓަރ ސްކޫލް ހުރިހާ މުބާރާތެއްގައި ބައިވެރިވި އުމުރުފުރާތަކުން ހާޑްލްސްއިން މީޓް ރެކޯޑް ޤާއިމް ކުރި މަދު އެތްލީޓުންގެ ތެރޭގައި ނަސީހު ހިމެނެއެވެ.
މިލަންދޫ ސްކޫލުގެ ގުރޭޑް 8ގައި މިހާރު ކިޔަވަމުންދާ ނަސީހު ދަރިވަރު ނޫހަށް މިއަދު ބުނީ، އެތްލެޓިކްސް މުބާރާތްތަކުގައި އޭނާ ބައިވެރިވަނީ ޔަޤީންކަން އޮވެގެން ކަމަށާއި ކޮންމެ މުބާރާތަކުން ވެސް ވަނައެއް ހޯދަން ބުރަކޮށް މަސައްކަތް ކުރާ ކަމަށެވެ. އަދި ކުރިއަށް އޮތް މުބާރާތްތަކުން ވެސް ވަނަ ހޯދަން މިހާރަށްވުރެ ބުރަކޮށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.
"އެތްލެޓިސްގެ ތެރެއިން ކުރިއަށް ދިއުމުގެ ޚިޔާލު ހުރީ ވެސް. ބޭނުންވަނީ މިހާރަށްވުރެ ވެސް ރަނގަޅަށް ޕްރެކްޓިސް ކުރިއަށް ގެންދެވި ނެޝަނަލް ޖޫނިއަރ އެތްލެޓިކްސް ޓީމުން ފުރުޞަތު ހޯދުން" ނަސީހު ބުންޏެވެ.
ނަސީހް ބުނީ ނިމިގެންދިޔަ އިންޓަރ ސްކޫލް އެތްލެޓިކްސް މީޓްގައި ބައިވެރިވާން ޕްރެކްޓިސް ފެށީ ދެމަސް ކުރިން ކަމަށާއި ހަފްތާއަކު ތިން ދުވަހު ކުރިއަށް ގެންދިޔަ ޕްރެކްޓިސް، މުބާރާތް ކައިރިވުމުން ކޮންމެ ދުވަހަކުކަހަލަ ގޮތަކަށް ކުރިއަށް ގެންދަން ޖެހުނު ކަމަށެވެ.
"ޕްރެކްޓިސްގައި 100 އިންސައްތަ ދީގެން ބުރަކޮށް މަސައްކަތް ކުރުމުން ނަތީޖާ ނެރެވުނީ" ނަސީހު ބުންޏެވެ.
އެތްލެޓިކްސްގައި ނަސީހު ކުރިއަށްދާން ބޭނުން ވަނީ ހާޑްލްސްއިންނެވެ.
ނަސީހު ބުނީ، ކޯޗްކޮށްދިން ބުންޏާމިން ސަރއާއި ނަސީރު ސަރ އާއި ފާޒިރު ސަރގެ ފަރާތުން އޭނާ އަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށާއި މޮޅު އެތްލީޓަކަށް ވުމަށް މަސައްކަތް ކުރަން ޖެހޭ ގޮތް އަބަދުވެސް ކިޔާދެމުން ގެންދާ ކަމަށެވެ.
ސްކޫލުގެ ޕްރިންސިޕަލާއި ސީނިއާ މެނޭޖްމަންޓުން ވެސް އޭނާއަށް އަބަދުމެ ހިތްވަރުދޭ ކަމަށާއި އަދި މަންމައާއި ބައްޕަ އަދި އާއިލާގެ ފަރާތުން ލިބޭ އެއްބާރުލުމަށް ނަސީހު ވަނީ ޝުކުރުއަދާކޮށްފައެވެ.
"ސަޕޯޓްކުރި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އިރާދަކުރެއްވިއްޔާ ރަށާއި ސްކޫލަށް ރީތިނަން ހޯދައިދިނުމުގައި ދެމިހުންނާނަން" ނަސީހު ބުންޏެވެ.
ހިޔާލު