ސާނަވީ އިމްތިޙާނުތަކުން 1ވަނަ ހޯދާ ސުކޫލަށް ރީތިނަން ހޯދައިދީފައިވާ ޖަލާލުއްދީން ސްކޫލުގެ އަޙްމަދު ޔާސީން އިބްރާހިމް ވަނީ، މަތީ ސާނަވީން ވެސް ފަހުރުވެރި އެއްވަނަ ހޯދާ މަގާމު ދިފާއު ކޮށްފައެވެ.
ސާނަވީގައި އޭނާގެ ހުރިހާ ހަކަތައެއް ބޭނުން ކުރީ ކިޔަވުމުން ރަނގަޅު ނަތީޖާއެއް ހޯދުމަށެވެ. އެކަމަކު މަތީ ސާނަވީއާ، އޭނާ ކުރިމަތިލީ ކިޔެވުމުގެ އިތުރުން އެހެނިހެން ހުނަރުތައް ތަރައްޤީކުރުމުގެ އަޒުމާއެކުގައެވެ.
މަތީ ސާނަވީގައި ބެލީ ކުރިން ނުކުރެވި ދޫކޮށްލެވިފައިވާ ކަންތައްތަކަށް "ފޯކަސް" ކުރުމަށެވެ. ލީޑަރެއްގެ ޒިންމާ ނަގައި، އިޖްތިމާއި އެތައް މަސައްކަތެއްގައި ދަރުމައަށް މަސައްކަތެއް ކުރުމަށެވެ. ވާހަކަދެއްކުންތެރިކަން ކުރިއަށް ނެރެ މީހުންނާ ގުޅިގެން މަސައްކަތް ކުރުމަށެވެ. ނަތީޖާއަކަށްވީ މަންމަމެން ދިން ހިތްވަރުން ސްކޫލުގެ ކެޕްޓަން ކަމަށް ވާދަކޮށް އެ މަޤާމް ވެސް އޭނާ އަށް ލިބުމެވެ.
ކުރުމުއްދަތެއްގެ ތެރޭގައި މިހާ ބޮޑު ބަދަލެއް ޔާސީން ގެނައީ ކިޔެވުމަށް އެއްވެސް ވަރެއްގެ ބުރުލެއް އެރިޔަނުދީ، އެ ހުރިހާ ކަމަކަށް ދޭން ޖެހޭ ވަގުތު ވެސް ދެމުންނެވެ.
ސާނަވީގައި ކިޔެވިއިރު ޔާސީން އެންމެ އިސްކަމެއް ދިނީ އަޚްލާޤަށެވެ. ކިޔެވުމާއި އެނޫން ހުރިހާ ކަމެއްގައި ވެސް އިސްކުރީ ރަނގަޅު "ޑިސިޕްލިން"އެއް ހިފަހައްޓައިގެން އެ މަސައްކަތެއް ކުރުމަށެވެ. މަތީ ސާނަވީގައި ކިޔަވަން ޖެހޭ ބައި ބޮޑުވެފައި ހުނަރުތަރައްޤީ ކުރަން ވަގުތު ހުސްކުރަން ޖެހުމުން ޔާސީން ބުނި ގޮތުގައި ރަނގަޅު މަސައްކަތުގެ އަޚްލާޤެއްގެ އިތުރުން "ސެކުރިފައިސް" ވެސް ކުރަން ޖެހުނެވެ.
"އޯލެވެލްގައި މަސައްކަތް ކުރި ގޮތަށް އޭލެވެލްގައި މަސައްކަތް ކުރީ. އެއީ ޑިސޕްލިންއަށް ހިފަހައްޓައިގެން ކޮންސިސްޓްކޮށް އެއް މިސްރާބަކަށް ކުރިއަށް ދާން. އޭލެވެލްގައި ޑިސިޕްލިންގެ އިތުރުން ސެކްރިފައިޒް ވެސް ވާން ޖެހުނު. އެއީ އޯލެވެލްއާ އަޅާބަލާއިރު އޭލެވެލްގައި ކުރަން ޖެހޭ މަސައްކަތަކަށް ވަގުތު މަދުވެފައި މާބުރަކޮށް މަސައްކަތް ކުރަން ޖެހުން "
މަތީ ސާނަވީގައި ޔާސީން ޓިއުޝަނެއް ނުގައެވެ. އޭގެ ބަދަލުގައި ނޭނގޭ އެއްޗެއް އޮވެއްޖެނަމަ ސުވާލުކުރަނީ މުދައްރިސުންނާއެވެ. ކޮންމެ ވަގުތަކު ސުވާލުކުރިޔަސް މުދައްރިސުން ތިބެނީ ތައްޔާރަށެވެ. މެސެޖު ކޮށްލުމުން އޮޅުން ފިލުވަން ބޭނުންވާ ކަމެއްގެ ޖަވާބު މެސެޖުން ނުވަތަ ފޯނުން ދެއެވެ. އެއީ ކިޔަވުމުގައި ލިބުނު ބޮޑު ފަސޭހައެކެވެ.
އުއްމީދުކުރީ ގަދަ ދިހައަކަށް، އެއްވަނަ ލިބުމަކީ ސަޕްރައިޒެއް
ސާނަވީން 1ވަނަ ލިބިފައިވާއިރު މަތީ ސާނަވީ މަރުހަލާގައި ގަދަ ދިހައަކަށް އަރާނެކަމުގެ ޔަޤީންކަން ޔާސީނަށް އޮތެވެ. ނަމަވެސް، މަތީ ސާނަވީން 1ވަނަ ލިބޭނެ ކަމަށް އެއްއިރެއްގައި ވެސް އޭނާއަކަށް ޤަބޫލެއް ނުކުރެވެއެވެ. އެއީ ސްކޫލުގައި ދޭ ޓާރމް އިމްތިޙާނުތަކާއި މޮކް އެގްޒާމުން ވެސް އެންމެ މައްޗަށް ފަސް ވަނަ ލިބުނީމައެވެ.
"ކުރެވޭ މަސައްކަތަށް ބަލާއިރު ގަދަ ދިހައެއްގައި ހިމެނޭނެ ކަމުގެ އުއްމީދު އަބަދުވެސް އޮވޭ. އެކަމަކު 1ވަނަ ލިބޭނެކަމަކަށް އުއްމީދެއް ނުކުރަން. އެއީ ހަމަ ސްޕްރައިޒެއް" ޔާސީން ބުންޏެވެ.
މަތީ ސާނަވީގެ ނަތީޖާ ފުރަތަމަ ލިބުނުއިރު ޔާސީން ދިޔައީ 2ވަނަ އަށެވެ. ފަހުން ރިޗެކަށް ލައިގެން ހިސާބުން މަދުވި އެއް މާކްސް ލިބުމުން އޭ ސްޓަރއެއް ލިބި ސާނަވީން އެއްވަނަ ލިބުނީއެވެ.
ޔާސީން ބުނީ އެންމެ ހައިރާންވީ، މަތީ ސާނަވީގެ އެއްވަނަ ލިބޭނެކަމަށް އޭނާ އުއްމީދު ނުކުރާއިރު، ކިޔަވައިދެއްވި މުދައްރިސުންނަށް ޔަޤީންކަން އޮތީމައެވެ.
"ކިޔަވައިދެއްވި މުދއްރިސުންނަށް ސްޕްރައިޒަކަށް ނުވޭ އެއްވަނަ ލިބުމަކުން. އަޅުގަނޑު ނުކުރާ އުއްމީދު އެބޭފުޅުން ކުރެއްވީމާ ވަރަށް އުފާވި" މުދައްރިސުން ކުރެއްވި އިތުބާރާމެދު ޔާސީން ހުރީ ހައިރާންވެފައެވެ.
ޔާސީން ބުނީ، މަތީ ސާނަވީގައި ނަތީޖާ ނެރެން މަސައްކަތް ކުރާއިރު، ފުންކޮށް ވިސްނައިގެން ލިޔަން ޖެހޭ މަޢުލޫމާތުތައް އެނގިފައި ހުރުން މުހިންމު ކަމަށާއި މަޢުލޫމާތު އެއްކުރުމަށް ގިނަ ވަޞީލަތްތަކުގެ ބޭނުންކުރި ކަމަށެވެ. މީގެ އިތުރުން ކުރީގެ ޕާސްޓް ޕޭޕަރުގައި ހެދިފައި ހުންނަ ގޯސްތައް ނޯޓްކޮށް ގެންގުޅުނީ ސައިންސް ހުރިހާ މާއްދާއަކަށް އެއް ލޮގްފޮތެއްގައި ކަމަށެވެ.
" ހެދިފައި ހުންނަ ގޯސްތައް މުރާޖަޢާކޮށްގެން، ޢާންމު ޕެޓާންތައް ދެނެގަނެވިދާނެ، އޭގެ ސަބަބުން އަޅުގަނޑު ނޫނަސް ކޮންމެ ދަރިވަރެއްގެ އުނގެނުމަށް އާ ގޮތްތަކެއް ހޯދަން އެހީއަކަށް ވާނެ"
އޮންލައިންކޮށް ހޯދާ ނޯޓްތަކާއި މުދައްރިސުންދެއްވާ ނޯޓްތަކާއި ބޮޑުފޮތުންނާއި ކުރީގެ ނޯޓް ކަރުދާސްތައް ފަދަ ތަފާތު ވަސީލަތްތަކުން ނޯޓްތައް ކުރުކޮށް ލިޔެ، ކިޔެވުމަށް ބޭނުންވާ ތަކެތި ތަރުތީބުކޮށް، މައުޟޫޢުތައް ސާފުކޮށް ދެނެގަތުމަށް، ޔާސީން ވަނީ ކިޔަވާ ކުދިންނަށް އޭނާގެ ތަޖުރިބާގެ އަލީގައި އިލްތިމާސްކޮށްފައެވެ.
ދަރުމައަށް މަސައްކަތްކޮށްގެން ގިނަ ތަޖުރިބާތަކެއް
ދަރުމަވެރިއެއްގެ ގޮތުގައި ޔާސީން މަސައްކަތް ފެށީ ގްރޭޑް 10ގައި އޯލެވެލް އަށް ކިޔަވަމުން ކުޅުދުއްފުށީ ރެޑްކުރެސެންޓް ގައެވެ. ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތް ފަށައި، މިއަދު އޭނާއަކީ ކުޅުދުއްފުށީ ރެޑް ކްރެސެންޓް ޔުނިޓް ޔޫތު ކައުންސިލްގެ ވައިސް ޗެއާޕާސަންއެވެ. އެ މަޤާމަށް ޔާސީނަށް އާދެވުނީ މަތީ ސާނަވީއަށްފަހު ކުރެވުނު މަސައްކަތުގެ ސަބަބުންނެވެ.
ރެޑްކުރެސެންޓްގެ އިތުރުން ޕްލާންޓް ނާސަރީގައާއި ކުއްލި ހާލަތުގައި އިޖާބަދޭ އިމަރޖެންސީ ރިސްޕޮންސް ޓީމްގައާއި އިޖްތިމާއީ އެތައް ހަރަކާތްތަކެއްގައި ވެސް ޔާސީން އައީ ބައިވެރިވަމުންނެވެ. އަދި ބެޑްމިންޓަން ފަދަ ކުޅިވަރު ހަރަކާތްތަކާއި ލިޔުންތެރިކަމާއި އެހެނިހެން ހަރަކާތްތަކަށް މަގުފަހިވާ ގޮތަށް މުޖުތަމައުގައި އޭނާގެ ޚިދުމަތް އައީ ދެމުންނެވެ.
"އޭލެވެލްއަށް ކިޔަވަން ފެށުމާއެކު ބޭނުންވީ ކުރިން ނުކުރެވި ހުރި ކަންތައް ކުރިއަށް ގެންދަން. އަމިއްލަ ލީޑަރޝިޕް ދައްކައި މީހުންނާ ބައްދަލުކޮށް، އިޖްތިމާއީ ގޮތުން ދަރުމައަށް މަސައްކަތް ކުރުން ފަދަ އާ ޗެލަންޖްތަކާ ކުރިމަތިލާން. އޭގެ ސަބަބުން އަމިއްލަ ކޮންފޯޓް ޒޯނުން މީހާއަށް ނުކުމެވި އަމިއްލަ ނަފުސަށް އިތުބާރުކުރެވި ދުނިޔެއަށް ލޯ ހުޅުވިގެން ދިޔަ" އަމިއްލައަށް ނެގި ޗެލަންޖް ޔާސީން ހިއްސާކުރިއެވެ.
މަންމައާއި ބައްޕަގެ އުއްމީދާއި ނަސޭހަތް އެއީ ކުރިއަށް ދިއުމުގެ އަޞްލު
ޔާސީންގެ ހުރިހާ ކަމެއްގައި އެންމެ ކައިރީގައި ތިބީ މަންމައާއި ބައްޕައެވެ. އޯލެވެލްގައި ހޯދުނު ފަދަ ކާމިޔާބެއް ހޯދޭނެކަން ބައްޕަ އަބަދުވެސް އޭނާއަށް ހަނދާންކޮށްދެއެވެ. ކަމެއް ޙާޞިލްކުރަން މަސައްކަތް ކުރާއިރު އަބަދުވެސް އެންމެ މައްޗަށް ދިއުމަށް އަމާޒު ހިފައި އެކަމަށް އުއްމީދު ކުރަން މަންމަ އަބަދުވެސް ހަނދާން ކޮށްދެއެވެ.
ސްކޫލުގެ ޑެޕިއުޓީ ކެޕްޓަނަށް ކުރިމަތިލާން އުޅުމުން، މަންމަ އެދުނީ ކެޕްޓަންކަމަށް ކުރިމަތި ލުމަށެވެ. އެއީ އެންމެ މައްޗަށް އުއްމީދު ކުރުމަށް މަންމަ ދޭ ނަސޭހަތާއެކުގައެވެ. މަންމަ ދިން ނަސޭޙަތާއެކު ކެޕްޓަންކަމަށް ކުރިމަތިލައި އެ މަޤާމް ޔާސީން ހޯދިއެވެ. އަދި ސުކޫލު ކެޕްޓަން ކަމުގައި ސުޓޫންޑެންޓް ކައުސިލް ގޮވައިގެން ސުކޫލު ކުރިއެރުވުމަށް ގިނަހަރަކާތްތައެއް ރާވައި ހިންގިއެވެ.
"މަންމައާއި ބައްޕަ އަދި ކޮއްކޮ އަކީ އަބަދުވެސް ކައިރީގައި އެންމެ ބޮޑު އެހީތެރިކަމެއް ދޭން ތިބި މީހުން. އެމީހުންގެ ދުޢާއާއި ކޮށްދިން މަސައްކަތަކީ ކިޔެވުމުގެ އިތުރުން ދުނިޔެއަށް ލޯ ހުޅުވުމަށް ކުރި އިޖްތިމާއީ އެތައް މަސައްކަތެއްގެ އެހީތެރިން." ޔާސީން ބުންޏެވެ އަދި ދެފަރާތގެ އާއިލާގެ މެންބަރުން ދެއްވާ ސަޕޯޓަށް އޭނާ ޝުކުރު އަދާކުރިއެވެ. ވަކިން ޙާއްޞަކޮށް ޔާސީންގެ ދެ މާމަ އާއި ކާފަ އަކީ އޭނާގެ ހިތުގައި ހާއްޞަ ލޯތްބެއް ވާ ފަރާތްތަކެއްކަމަށް ފާހަގަކުރިއެވެ.
ޔާސީން ބުނީ، ކާމިޔާބު ދަރިވަރެއްގެ ގޮތުގައި ޖަލާލުއްދީނުން ނުކުމެއް އޭނާއަށް ދެވުނީ ސްކޫލުގެ ޕްރިންސިޕަލާއި މެނޭޖްމަންޓާއި އަދި ކިޔަވައިދެއްވި ހުރިހާ ޓީޗަރުންގެ ފުރިހަމަ ބައިވެރިވުމާއި އެހީތެރިކަން ލިބުމުން ކަމަށެވެ. އެހެންވެ އޭނާގެ ޚާއްޞަ ޝުކުރު އެ ހުރިހާ ފަރާތްތަކަށް އަދާކުރިއެވެ.
ހިޔާލު