އައްޑޫ ހައި ސްކޫލުން އެއްވަނަ ހޯދި ދީދާތުގެ "މޯޓިވޭޓަރ"އަކީ މަންމަ

އައްޑޫ ހައި ސްކޫލުން މިދިޔަ އަހަރު އެއްވަނަ ހޯދީ އަޙްމަދު ދީދާތު ރަޝީދެއެވެ. އެއީ ފާއިތުވި އަހަރު އެ ސްކޫލުގެ ކެޕްޓަނެވެ. ހިތަދޫ ސްކޫލުން ސާނަވީ ނިންމި ދީދާތަށް، ސާނަވީ ނިންމާ އިންތިޙާނުތަކުން ލިބުނީ ޤަޢުމީ ގަދަ ދިހައެއްގެ ހަތަރު ވަނައެވެ. މަތީ ސާނަވީ ނިންމާ އިމްތިޙާނުތަކުން ލިބުނީ ޤައުމީ ގަދަ ދިހައެއްގެ ފަސް ވަނައެވެ.

ހަޔަރ އެޗީވާސް ސްކޮލަރޝިޕްގެ ދަށުން މަތީ ތަޢުލީމަށް ކިޔަވަން ދީދާތު ތައްޔާރު ވަމުން ދަނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިނގިރޭސި ވިލާތަށް ފުރާށެވެ. މަތީ ތަޢުލީމަށް ފުރުމުގެ ކުރިން މިހާރު އޭނާ ދަނީ އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން އަމަލީ ތަޖުރިބާ ޑަބްލިޔު މޯލްޑިވްސްއިން ހޯދަމުންނެވެ. ވިޔަފާރީގެ ކަންކަމުގައި އޭނާ ޝައުގުވެރިވީ، މާލީ ހުނަރުތަކުގެ ސަބަބުން ފަރުދުންނާއި މުޖުތަމަޢުތަކަށް ވެސް ހަމަޖެހުން ލިބިގެންދާތީއެވެ.

ބިޒްނަސް އާއި އެކައުންޓިން އާއި އިކޯންއިން އޭއިން އޭ ސްޓަރއަކަށް ނަތީޖާ ބަދަލުވާން ދީދާތަށް މަދުވީ މަދު މާކުހެކެވެ.  ބިޒްނަސްއާއި އިކޯންގެ ޔުނިޓް 1އާއި 2 އަދި ތިނަކުން ފުލް މާކްސް ލިބުނުއިރު ދަށްވީ ޔުނިޓް 4ންނެވެ.

ގުރޭޑް 11ގައި ހިސާބު މާއްދާ ކިޔަވަން ފަށައި، ވަކި ހިސާބަކުން ދޫކޮށްލީ އެކައުންޓިންގ އެންޑް ފައިނޭނާސްގެ ދާއިރާއިން ކުރިއަށްދާން ނިންމާފައިވާތީ، އެ ދާއިރާއަށް ހިސާބު މާއްދާ އެހާ މުހިންމު ނުވާތީ، ސްކޮލަރޝިޕް ހޯދަން މައިގަނޑު ތިން މާއްދާއަށް ފޯކަސްކޮށްގެން ކިޔެވުމުގެ ބޭނުމުގައެވެ.

ސާނަވީ ނިންމާ އިމްތިޙާނުތަކަށް ދީދާތު ތައްޔާރުވަމުން ދިޔައިރު، ދެކެމުން ދިޔަ ހުވަފެނަކީ ސްކޮލަރޝިޕް ޙާޞިލްކުރުމެވެ.

ކިޔެވުމުގައި ދީދާތު ސަމާލުކަންދޭ ކަންތައްތަކެއް ހުރެއެވެ. އެގޮތުން މުދައްރިސް ކުލާހުގައި ފިލާވަޅު ނަގައިދޭ ގަޑިއަކީ ވަރަށް މުހިންމު ވަގުތު ކޮޅެކެވެ. އެއީ ފިލާވަޅުގައި ބުނާއެއްޗެއް ފަހުމް ވުމަށާއި އަދި ޕާސްޓް ޕޭޕަރު ހަދަން ލިބޭ އެންމެ އަގުހުރި އިރުޝާދެވެ. ފިލާވަޅާ ގުޅޭ ގޮތުން އޮޅުން ފިލަންދެން މުދައްރިސުންނާ ސުވާލުކުރުމަކީ ވެސް ދީދާތުގެ އާދައެކެވެ. ޕާސްޓް ޕޭޕަރު ހެދުމުގައި ވެސް އޭނާ ތަފާތު އުކުޅެއް ގެންގުޅެއެވެ. އެއީ ޕޭޕަރު ހެދުމުގެ ކުރިން މާކްސް ސްކީމާއި ޓޮޕިކްސްތައް ކިޔާފައި ބައިގަޑިއިރުގެ ހުސްވަގުތު ކޮޅެއް ނެގުމެވެ.

"ހުސްވަގުތު ކޮޅަކަށްފަހު ޕޭޕަރު ހަދަން ފެށީމާ އެއިން ލެކްވާ ބައި ވަރަށް ފަސޭހައިން ފާހަގަކުރެވޭ. އެ ލެކްވާ ބައިތަކުން މުދައްރިސުންނާ ސުވާލުކުރަން ފަސޭހަވޭ"

ދީދާތަށް ފިލާވަޅު ދަސްކުރަން ފަސޭހައީ ބާރަށް ކިޔައިގެންނާއި އެހެން މީހަކަށް ނޫނީ އެކުގައި އުޅޭ ކުދިންނަށް ކިޔައިދީގެންނެވެ.

"މަންމަ ސުވާލުކުރީމާ ޖަވާބުދީގެން ވެސް ފިލާވަޅުތައް މުޠާލިޔާ ކުރަން. އަދި އެކުގައި އުޅޭ ކުދިންނަށް ކިޔައިދެނީ. އެހެން ހެދީމާ ވަރަށް ފަސޭހަ ފިލާވަޅު ދަސްކުރަން. ހަނދާނުގައި ބަހައްޓަން"

ދީދާތު ބުނީ ފިލާވަޅެއް ދަސްކުރުމުގެ ކުރިން، ރޭގަނޑު ނިދުމުގެ ކުރިން އެފިލާވަޅެއް މަތިމަތިން ބަލާލައި ކިޔަނީއެވެ. ދެން ފަތިހު ތެދުވެ އެ ފިލާވަޅު ދަސްކުރަން ފެށީމާ ވަރަށް އަވަހަށް ދަސްވެ ހިތަށް ނަގައިގަނެވޭ ކަމަށެވެ.

ދީދާތު ބުނީ، ކާމިޔާބަކީ ހަމައެކަނި ލިބޭ ގުރޭޑެއް ނޫން ކަމަށާއި ކާމިޔާބަކީ ގޮންޖެހުންތަކުން ސާބިތުވެ ތިބުމާއި، الله ތަޢާލާގެ ރޭވުންތަކަށް އީމާންވުމާއި، އިމްތިޙާނުން ބޭރުގައި ދެމިއޮންނާނެ ފަދަ އަޚްލާޤެއް ބިނާކުރުމެވެ.

ސްކޫލް ކެޕްޓަންގެ ހައިސިއްޔަތުން، ސްޕޯޓްސް ވީކް ފަދަ އިވެންޓްތައް އިންތިޒާމުކުރުމުން އޭނާއަށް ދަސްކޮށްދިނީ ޒިންމާއާއި، ޓީމުތައް މޯޓިވޭޓް ކުރާނެ ގޮތާއި، ދިމާވާ ކޮންމެ ގޮންޖެހުންތަކަކުން އެނބުރި އަންނާނެ ގޮތެވެ.

ހުސްވަގުތު އެންނެ ކުރާހިތްވާ ކަމަކީ ފޮޓޯގްރަފީއާއި ވީޑިއޯގްރަފީގެ މަސައްކަތްތަކެވެ. އެކުވެރިންނާއެކު ސައުތު އެންވީގެ ނަމުގައި ޕޭޖެއް ހަދައިގެން ވީޑިއޯއާއި ފޮޓޯ ނެގުމުގެ މަސައްކަތް ކުރަން ފެށުމުން އުފެއްދުންތެރިކަން އިތުރުވި ކަމަށް ދީދާތު ބުންޏެވެ.

އޭނާ ވަނީ ސްކޫލުން ބޭނުންވާ ކަންތައްތަކުގައި، ސްކޫލުގެ ލީޑަރުންގެ ވީޑިއޯތަކާއި ގްރެޖުއޭޝަންގެ ވީޑިއޯ ރިޕޯޓްތަކާއި ޕްރެޒެންޓޭޝަންތައް އެޑިޓްކޮށްދިނުމުގެ މަސައްކަތް ސްކޫލަށް ކޮށްދީފައެވެ.

ކިޔަވާ ކުދިންނަށް ދީދާތު ދިން ނަސޭހަތަކީ، އެންމެ ފުރަތަމަ ކަމަކަށް ވެސް ފިލާވަޅުގެ ކޮންސެޕްޓްތައް ދެނެގަންނަން މަސައްކަތް ކުރުމެވެ. ފިލާވަޅާ ގުޅިގެން އުފެދޭ ޝައްކުތައް ލަސްނުކޮށް މުދައްރިސުން ކައިރިން އަހައި އޮޅުން ފިލުވުމެވެ. އިތުރު ކްލާސްތައް ދޫކޮށް ނުލައި ގަވާއިދުން ހާޒިރުވުމެވެ.

ދީދާތު އަށް ދަސްވި އެންމެ މުހިންމު ކަމަކީ އަމިއްލަ ނަފުސަށް ވައުދުވެއްޖެ ނަމަ އެކަން ހާޞިލްކުރަން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރުން މުހިންމުކަމެވެ.

"ހަމައެކަނި ގޭގައި އަމިއްލައަށް ކިޔަވަން ބަރޯސާވުމަކީ ގިނަ ފަހަރަށް ކާމިޔާބުވާ ކަމެއް ނޫން. މުދައްރިސުން ތިމާގެ ފަހަތުން ނުދާނެ، އެކަމަކު ތިމާއަށް މުދައްރިސް ކައިރިއަށް ދާން ވަގުތު ލިބޭނެ" ދީދާތުގެ ނަސޭހަތް ކުރުވެފައި ސާދާއެވެ.

"ކޮންމެ ކިޔަވާ ކުއްޖަކު ވެސް އަރާމުކޮށް، ކަސްރަތުކޮށް، ހޮބީތަކަށް ވަގުތު ދޭން ސަމާލުކަން ދޭން ޖެހޭ. މަތީ ސާނަވީ ތަޖުރިބާގެ އުފާ ލިބިގަނެ، އަމިއްލަ ނަފްސަށް އެކަށީގެންވާ ވަގުތު ކަނޑައެޅުން ވެސް މުހިންމު. އަދި އެއާއެކު  އަމިއްލަ ނަފްސަށް އަހުލުވެރިވާން ދަސްކޮށް، ޕްލޭނެއް ހަދައިފިނަމަ އެޕްލޭންއަށް ތަބާވުމަކީ ވެސް ވަރަށް މުހިންމު ކަމެއް"

ދީދާތު ބުނީ އޭނާއަށް ލިބުނު ހުރިހާ ކާމިޔާބެއްގައި ވެސް އޭނާގެ "މޯޓިވޭޓަރ"އަކީ މަންމަ ކަމަށެވެ. އަދި އާއިލާ އާއި ކިޔަވައިދެއްވި މުދައްރިސުންނެވެ.

"މަންމަ އަބަދުވެސް ހިތްވަރު ދޭން ކައިރީގައި ހުންނަނީ. ކިޔެވުމުގެ އިތުރުން ސްކޫލުގެ ކެޕްޓަނަށް ވުމާއި ސްކޫލުން އެއްވަނަ ހޯދުމަކީ ވެސް އެއީ މަންމަގެ ހުވަފެނެއް. އެކަން ކުރެވުނީ "މޯޓިވޭޓަރ"ގެ ގޮތުގައި މަންމަ ކުރި ހިތްވަރުން. ދިން ނަސޭހަތުން. އެއީ ދުވަހަކުވެސް ހަނދާނުން ފޮހެވޭނެ ކަމެއް ނޫން" ދީދާތުގެ ހިތުގައި ވަނީ މަންމައަށް ޙައްޤު ތަޢުރީފެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *