އިހަވަންދޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރުންނަށް ޒާރާއާއި ޝައްޔާން

  • ޒާރާ: ކާމިޔާބު ލިބުނީ މަންމައާއި ބައްޕަގެ ނަސޭހަތުގައި ހިފުމުން
  • ޝައްޔާންއަށް އޯލެވެލްއަށްވުރެ އޭލެވެލް ފަސޭހައީ އަމިއްލަ މިނިވަން ކަމުގައި ކިޔަވަން ޖާގަ ލިބޭތީ

ފާއިތުވި 2023-2024 ވަނަ އަހަރު ހއ. އިހަވަންދޫ ސްކޫލުން އެންމެ މޮޅު ދަރިވަރުންނަށް އާއިޝަތު ޒާރާ އަހްމަދު ޒިރާން އާއި މުޙައްމަދު ޝައްޔާން ހޮވައިފިއެވެ.

ޒާރާއަށް އެންމެ މޮޅު ދަރިވަރުގެ މަޤާމް ލިބުނީ ސާނަވީންނެވެ. ޝައްޔާޒުއަށް އެންމެ މޮޅު ދަރިވަރުގެ މަޤާމް ލިބުނީ މަތީ ސާނަވީންނެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވީ ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެމްޑީ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އަލީ ޒުހައިރެވެ.

ޒާރާ: ކާމިޔާބު ލިބުނީ މަންމައާއި ބައްޕަގެ ނަސޭހަތުގައި ހިފުމުން

މިހާރު ގުރޭޑް 11ގައި ކިޔަވަމުންދާ ޒާރާއަކީ ފާއިތުވި އަހަރު އެ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަނެވެ. މި އަހަރުގެ ކެޕްޓަނެވެ.

ސާނަވީ ނިންމާ އިމްތިޙާނުން ޒާރާ ދިޔައީ ޤައުމީ ގަދަ ދިހައެއްގެ 3ވަނަ އަށެވެ.

ޒާރާ ބުނީ، ގުރޭޑް 4ން ފެށިގެން ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް ހޯދަން މަސައްކަތް ފެށި ކަމަށާއި އެއީ އޭނާއަށާއި މައިންބަފައިންނަށް ލިބުނު ބޮޑު އުފަލެއް ކަމަށެވެ.

ޒާރާ ބޭނުންވީ ސާނަވީ ނިންމާ އިމްތިޙާނުން ވެސް އެއްވަނަ ހޯދާށެވެ. ނަމަވެސް އިނގިރޭސި އާއި ކޮމްޕިއުޓަރ ސައިންސްއިން އޭ އެއް ލިބުމުން އެންމެ ބޭނުންވި ހިސާބަށް ނުދެވުނެއެވެ.

"ދެ މާއްދާއިން އޭ ލިބުމުން ސާނަވީން އެންމެ ބޭނުންވި ނަތީޖާ ނުލިބުނު. އެހެންވެ މަތީ ސާނަވީ ފެށީ ބޮޑު އުއްމީދަކާއެކު ސާނަވީއަށްވުރެ ރަނގަޅު ނަތީޖާއަކަށް އުއްމީދުކޮށްގެން" ޒާރާ ދަރިވަރު ނޫހަށް ކިޔައިދިނެވެ.

ޒާރާ ބުނީ، އޯލެވެލްއާ އަޅާބަލާއިރު އޭލެވެލްގެ ސިލަބަސް ބޮޑުވެފައި ދަސްކުރަން ޖެހޭ ބައި ވެސް ބޮޑު ކަމަށާއި ވަގުތާއި ކުރާން ޖެހޭ މަސައްކަތް ވެސް އެތައް ގުނައެއް ބޮޑުކަމަށެވެ.

"ހުރިހާ ހަރަކާތެއްގައި އުޅެމުން ކިޔަވުމަށް އިތުރު ސަމާލުކަމެއް ދީގެން ކުރިއަށް މި ދަނީ"

ޒާރާއަކީ ކިޔެވުމުގެ އިތުރުން ސްކޫލުގައި ކުރިއަށް ގެންދާ ހުރިހާ ހަރަކާތެއްގައި ވެސް ބައިވެރިވަމުން އަންނަ ހުނަރުވެރި ދަރިވެކެވެ. ކެޑޭޓްގައި އުޅެމުން އަދަބީ މުބާރާތްތަކުގައި ބައިވެރިވަމުން ޤުރުއާން މުބާރާތްތަކުގައި ބައިވެރިވިއެވެ. މި ހުރިހާ މުބާރާތެއްގައި ބައިވެރިވާތީ، ކިޔަވަން ވަކި ވަގުތެއް ޚާއްޞަ ކޮށްފައި ނޯވައެވެ. އޭގެ ބަދަލުގައި ހުރިހާ ހަރަކާތަކަށް ވެސް ވަގުތު ދެމުން، ރަނގަޅު ނަތީޖާއެއް ހޯދުމަކީ އެއީ އޭނާ އެންމެ ބޭނުންވާ ގޮތެވެ.

"ގިނަ ހަރަކާތްތަކެއްގައި އުޅޭއިރު ކިޔަވަން ވަކި ވަގުތެއް ކަނޑައެޅުމުގެ ބަދަލުގައި ފަސޭހަ ވަގުތުތަކުގައި ކިޔެވޭތޯ ބަލަނީ. އެހެން ހެދުމުން ކިޔެވުމުގައި ބެލެންސެއް ގެންގުޅެވޭ. ކިޔަވަން އިންނަ ވަގުތު އެކަމަށް ފޯކަސްވެސް ކުރެވޭ" ޒާރާ ބުންޏެވެ.

ޒާރާ ކުރިއަށް ދާން ނިންމައިގެން ހުރީ މެޑިކަލް ދާއިރާއިން ނަމަވެސް ސީދާ ވަކި ދާއިރާއެއް ނުނިންމައެވެ.

ރަނގަޅު ނަތީޖާއަކަށް އުއްމީދުކޮށްގެން ކިޔަވާ ދަރިވަރުންނަށް ޒާރާ ދިން ނަސޭހަތަކީ ކާމިޔާބަށް އެދިގެން މަސައްކަތް ކުރުމެވެ.

"ކާމިޔާބަށް އެދިގެން ގަދައަޅައި މަސައްކަތް ކުރަންވީ. ކާމިޔާބަކީ އަބަދުވެސް މަސައްކަތްކުރާ މީހެއްގެ ހައްޤެއް. އަޅުގަނޑަށް މަންމައާއި ބައްޕަ ބުނެދެނީ އެގޮތަށް. އެ ނަސޭހަތުގައި ހިފައިގެން މަސައްކަތް ކުރުމުގެ ނަތީޖާއެއްގެ ގޮތުން ސްކޫލުން އެއްވަނަ އަޅުގަނޑަށް ލިބުނީ. ހުރިހާ ދަރިވަރުންގެ ކިބައިން އަޅުގަނޑު އެދޭ އެދުމަކީ އެއީ. ބައެއް ފަހަރު އެންމެ ބޭނުންވާ ހިސާބަށް ނޫނީ ބޭނުންވާ ވަނަ ނުލިބިދާނެ. އޭގެ މާނައަކީ އެންމެ އެދެވޭ ގޮތަށް، އެންމެ ފުރިހަމައަށް އެ ކުއްޖަކަށް މަސައްކަތް ނުކުރެވީތީއޭ އެ ހިސާބަށް ނުދެވުނީ"

ޒާރާއަށް އިރުޝާދުދޭން ކައިރީގައި ތިބީ މަންމައާއި ބައްޕައެވެ. އަދި އާއިލާގެ މީހުންނެވެ. އޭނާގެ ކާމިޔާބީގައި އެ މީހުންގެ ހިއްސާ ބޮޑެވެ. އަދި ހަމައެއާއެކު ސްކޫލުގެ ޓީޗަރުންގެ މަސައްކަތް އޭނާ ފާހަގަކުރީ ޝުކުރުވެރިކަމާ އެކު ގައެވެ.

ޝައްޔާނަށް އޯލެވެލްއަށްވުރެ އޭލެވެލް ފަސޭހައީ އަމިއްލަ މިނިވަން ކަމުގައި ކިޔަވަން ޖާގަ ލިބޭތީ

ސާނަވީ ނިންމާ އިމްތިޙާނުތަކުން އެއްވަނަ ހޯދި ޝައްޔާން މަތީ ސާނަވީ މަރުޙަލާ ނިންމާލީ ޤައުމީ ގަދަ ދިހައެއްގެ ތިންވަނަ ހޯދައިގެންނެވެ. މަތީ ސާނަވީގައި ކިޔަވަން ފެށުމާއެކު އޭނާގެ އުއްމީދަކަށްވީ، މަންމައާއި ބައްޕަ އަދި އާއިލާގެ މީހުން ވެސް އެދުނު ގޮތަށް އިހަވަންދޫ ސްކޫލު ފަޚުރުވެރިވާ ފަދަ ދަރިވަރެއްގެ ގޮތުގައި އެ ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް ހޯދުމެވެ.

މަތީ ސާނަވީ ނިންމާ އިމްތިޙާނުތަކުން ވެސް އެއްވަނަ ހޯދުމަކީ ވެސް ޝައްޔާޒު ކުރި އުއްމީދެކެވެ. ނަމަވެސް ދިމަވީ ބައެއް ސަބަބުތަކާ ހުރެ އޭނާ އެންމެ ކިޔަވާ ހިތްވި ދެ މާއްދާއިން އޭ ސްޓަރއެއް ނުހޯދުނެއެވެ.

ޝައްޔާނަށް ހިސާބާއި ފިޒިކްސްއިން ލިބުނީ އޭ އެކެވެ. ކެމިސްޓްރީއާއި ދިވެއްސާއި އިސްލާމުން ލިބުނީ އޭ ސްޓަރއެކެވެ.

"މަތީ ސާނަވީއަށް ދިއުމާއެކު އަޒުމެއް ކަނޑައެޅީ ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދަން. އަދި ސްކޫލުން އެއްވަނަ ހޯދަން. އެއީ އަމިއްލައަށް ބޭނުންވެގެން، މަންމައާއި ބައްޕަ އަދި އާއިލާގެ މީހުންގެ ވެސް އުއްމީދަކަށްވީމާ. ނަމަވެސް ކަންދިމާކުރި ގޮތުން ގަދަ ދިހައެއްގެ އެއްވަނަ ނުލިބުނަސް ލިބުނު ނަތީޖާއާ މެދު ހިތްހަމަ ޖެހޭ" ފާއިތުވި އަހަރު އިހަވަންދޫ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަންކަން ވެސް އަދާކުރި ޝައްޔާން ބުންޏެވެ.

ޝައްޔާން ބުނީ، ސާނަވީއަށްވުރެ ކިޔަވަން ފަސޭހައީ މަތީ ސާނަވީގައެވެ. ދަސްކުރާން ޖެހޭ ބަޔާއި ކުރާން ޖެހޭ މަސައްކަތް ބޮޑުވިޔަސް އަމިއްލަ އިޚްތިޔާރުގައި ކިޔަވަން ފުރުޞަތު ބޮޑީ މަތީ ސާނަވީގައެވެ.

"އޭލެވެލްގައި ކިޔަވަން ފަސޭހައީ، އަމިއްލައަށް އިންޑަޕެންޑެންސް ކޮށް ކިޔަވަން ފުރުޞަތު ލިބޭތީ" ކިޔަވަން ފަސޭހަވި ސަބަބު ޝައްޔާން ބުންޏެވެ.

ޝައްޔާން ބުނީ، މަތީ ސާނަވީގެ ކޮންޓެންޓް ފުންވެފައި ދިރާސާކުރާން ޖެހޭ ބައި ބޮޑުކަމާށާއި ކުލާހުގައި ކިޔަވައިދޭ އެއްޗަކުން އެކަނި ނުފުދޭ ކަމަށެވެ. އެހެންވެ އަބަދުވެސް އަމިއްލައަށް ރިސަރޗްކޮށް އިތުރު މައުލޫމާތު ހޯދަން ޖެހޭ ކަމަށެވެ.

"އަމިއްލައަށް ކިޔަވާއިރު ޔޫޓިއުބް ވީޑިއޯތަކުން އެހީ ހޯދަން. އޮންލައިން ޕްލެޓްފޯމްތަކުގައި ހުންނަ ގުރޫޕްތަކުން މައުލޫމާތު ވެސް ހޯދަން"

ކުޑައިރުއްސުރެ ޝައްޔާން ބޭނުންވީ ޕައިލަޓަކަށް ވާށެވެ. ރާއްޖޭގައި ޕައިލެޓުންގެ ޑިމާންޑް ނެތުމުން އޭނާގެ އެ ވިސްނުން ދޫކޮށްލައިފިއެވެ. މިހާރު ބޭނުން ވަނީ އެއޮރޮސްޕޭސް އިންޖިނިއަރިންގ ދާއިރާއިން ކުރިއަށްދާށެވެ. އިންޖިނިއަރިންގ ދާއިރާއިން ކުރިއަށްދާން ވިސްނީ އެންމެ ކިޔަވާހިތްވާ މާއްދާތަކަށް ހިސާބާއި ފިޒިކްސް ވީމައެވެ.

ޝައްޔާން މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މަތީ ތައުލީމަށް އޭނާ ބޭނުންވި ދާއިރާއިން ކިޔަވަން އިނގިރޭސި ވިލާތަށް ފުރާށެވެ. ހައި އެޗީވަރސް ސްކޮލަރޝިޕް ލިބިފައިވާއިރު، އިނގިރޭސި ވިލާތުގެ ހަތަރު ޔުނިވަރސިޓީއަކުން ފުރުޞަތު ވެސް ވަނީ ލިބިފައެވެ. އެއީ ޔުނިވަރސިޓީން އޮފް މެންޗެސްޓަރ އާއި ޔުނިވަރސިޓީ އޮފް ލީޑްސް އާއި ޔުނިވަރސިޓީ އޮފް ބާރމިންގހަމް އަދި ޔުނިވަރސިޓީ އޮފް ޝެފިލްޑްއެވެ.

"އަދި ކިޔަވަން ދާނެ ޔުނިވަރސިޓީއެއް ފައިނަލް ނުކުރަން. ބޮޑަށް ބުރަވެވެނީ މެންޗެސްޓަރ ދާން" މިހާރު އެމްޓީސީސީގައި މަސައްކަތް ކުރަމުން އަންނަ ޝައްޔާން ބުންޏެވެ.

ކިޔަވާކުދިންނަށް ޝައްޔާން ދޭ ނަސޭހަތަކީ، ކިޔެވުމުގައި ދިމާވާ ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލާ ބަޔަކަށް ވުމަށެވެ. ލިބޭ ނާކާމިޔާބީން ހިތްވަރު އެލުވާނުލައި ކުރިއަށް ދާން މަސައްކަތްކުރުމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *