ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ހުންނަ ޞަލާޙުއްދީން ސްކޫލުގެ މި އަހަރުގެ ކެޕްޓަނަކީ މާއިން މޫސާ ޖަމީލެއެވެ. މާއިންއާ އެކު އެ މަޤާމަށް ފަސް ދަރިވަރުން ވާދަކުރިއެވެ. އެ ދަރިވަރުންނާ ވާދަކޮށް ކެޕްޓަންކަމުގެ ފަޚުރުވެރި ޝޭޝް އަޅަން ލިބުން އެއީ މާއިން ދެކޭގޮތުގައި އޭނާގެ ތަޢުލީމީ ޙަޔާތުގެ މުހިންމު ވަގުތެއްގައި އެޅުނު ފުރިހަމަ ބިންގަލެކެވެ.
"ކުރިމަތި ލި ކެންޑިޑޭޓުންނަކީ ކިޔެވުމުގެ ގޮތުންނާއި އިތުރު ހަރަކާތުގައި ވެސް ދާދި އެއްވަރެއްގެ ކުދިންނަށް ވުމުން، ކެޕްޓަނަކަށް ހޮވޭނެ ކަމުގެ އުއްމީދު ކޮންމެވެސް ވަރަކަށް ގެއްލުނު. ނަމަވެސް ދަރިވަރުންގެ ބޮޑު ތާއީދާއެކު ކެޕްޓަނަކަށް ހޮވުން އެއީ ލިބުނު ވަރަށް ބޮޑު ސަޕްރައިޒެއް" މާއިން ދަރިވަރު ނޫހަށް ކިޔައިދިނެވެ.
ކެޕްޓަނަކަށް ވުމުގެ ވިންދު މާއިންގެ ހިތުގައި ޖަހަންފެށީ ހިރިޔާ ސްކޫލުގެ ގުރޭޑް 6ގައި ކިޔަވަމުން ދިޔައިރު އޭރު އެ ސްކޫލުގެ ކެޕްޓަނާ އޮތް ގާތްގުޅުމާއި އޭނާގެ ފަރާތުން ފެނިގެންދިޔަ ލިޑަރޝިޕްގެ ސަބަބުންނެވެ. އޭރުއްސުރެ މާއިން ދިޔައީ އެކަމަށް ތައްޔާރުވަމުންނެވެ.
ގުރޭޑް 1ން ފެށިގެން ގުރޭޑް 6އާ ހަމައަށް މާއިން ކިޔެވީ ހިރިޔާ ސްކޫލުގައެވެ. ދެން ބަދަލުވީ ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލު ގުރޭޑް 7އަށެވެ. ޖެހިގެން އައި އަހަރު ޞަލާޙުއްދީނުގެ ގުރޭޑް 8އަށް ބަދަލުވިއެވެ. އާ ސްކޫލަށް ނުކުމެ ނުދަންނަ ކުދިންގެ ތެރޭގައި އުޅެން ޖެހުމުން ފުރަތަމަ ދުވަސްކޮޅު މާއިންއަށް އުނދަގޫވިއެވެ. އެއީ ކެޕްޓަނަކަށް ވުމަށް އޭނާ ކުރަހަމުން ދިޔަ ޗާޓަށް ވެސް ކުރިމަތިވި ކޮންމެވެސް ވަރެއްގެ ހުރަހެކެވެ. އެ ހުރަސް ނައްތާލަން އޭނާ މަސައްކަތް ކުރީ އިތުރު ހަރަކާތްތަކުގައި ބައިވެރިވެ ގިނަ ކުދިންނާ ވާހަކަ ދައްކައި ގުޅުން ބަދަހި ކުރަން އިސްކަންދީގެންނެވެ. ނަތީޖާއަކީ ގުރޭޑް 8ގައި ޞަލާޙުއްދީނުގެ ޑެޕިއުޓީ ފިރިހެން ކެޕްޓަނެއްގެ ޒިންމާ ނެގުމުގެ ފުރުޞަތު ލިބިގެން ދިޔުމެވެ. މިދިޔަ އަހަރު މާއިން މަސައްކަތް ކުރީ ހައުސް ކެޕްޓަނެއްގެ ގޮތުންނެވެ.
މާއިން މިހާރު ދަނީ އޯލެވެލް އިމްތިޙާނަށް ދުރާލާ ތައްޔާރުވަމުންނެވެ. އޭނާއަށް ކިޔަވަން ފަސޭހައީ ފަތިހުން ފެށިގެން ސްކޫލަށް ދިއުމާ ދޭތެރޭގައި އޮންނަ ވަގުތުގައެވެ. އެ ވަގުތު ކިޔެވުމަށް ހުސްކޮށްލުމުގައި ދެ ބޭނުމެއް އޮންނަ ކަމަށް މާއިން ފާހަގަކުރެއެވެ. އެއީ ފަތިހު ތެދުވުމާއި ސްކޫލަށް ދިއުމުގެ ކުރިން ކިޔަވަން ތައްޔާރު ވުމެވެ.
"ހެނދުނު ހެނދުނާ ކިޔަވަން ފެށީމާ ސްކޫލަށް ދާއިރު ހުންނާނީ ކިޔަވާ މައިންޑް ސެޓަށް ވަދެވިފައި" މާއިން ބުންޏެވެ.
މާއިން ބުނިގޮތުގައި، ކިޔަވާއިރު އޭނާ ބަލަނީ ފުރަތަމަ ޓޮޕިކް ދަސްކުރެވޭތޯއެވެ. ދެން ހަދަނީ އެއާ ގުޅުން ހުރި ޕާސްޓް ޕޭޕަރެވެ. އެކަން ކުރާ ސަބަބުވެސް މާއިން ސާފުކޮށްދިނެވެ.
"ފުރަތަމަ ޓޮޕިކް ދަސްކުރަނީ. ދެން ހަދަނީ އެއާގުޅޭ ޕާސްޓް ޕޭޕަރު. ޕާސްޓް ޕޭޕަރު ހެދީމާ ޓެސްޓްގައި އަންނާނެ ކަހަލަ ސުވާލުތައް ނަގައިގަނެވެނީ" ކިޔެވުމުގައި މާއިންގެ ފޯމިއުލާއަކީ އެއީއެވެ.
ބިޒްނަސް ސްޓްރީމްގައި ކިޔަވާ މާއިންއަށް އުނދަގޫ މާއްދާއެއް ނެތެވެ. ގުރޭޑް 10އާ ހަމައަށް އައިއިރު އެއްވެސް މާއްދާއަކުން ޓިއުޝަން ނުނެގި ނަމަވެސް އޯލެވެލްއަށް ފުރިހަމައަށް ތައްޔާރުވުގެ ބޭނުމުގައި ހިސާބާއި އެކައުންޓިންގ އިން މިހާރު ޓިއުޝަން ނަގައެވެ.
"ސްކޫލްގެ ޓީޗަރުންތައް ވެސް ވަރަށް ރަނގަޅު ސްކޫލުގައި އޮތީ ވެސް ކިޔަވަން ފަހި މާހައުލެއް. އެއީ ކިޔަވަން ލިބޭ ބޮޑު ހިތްވަރެއް"
މާއިންއަކީ ކިޔެވުމުގެ އިތުރުން ސްކޫލުން ހިންގާ އިތުރު ހަރަކާތްތަކުގައި ވެސް ޤަވާއިދުން ބައިވެރިވަމުން އަންނަ ދަރިވަރެކެވެ. އަދަބީ ކަންތައްތަކުގައި އޭނާގެ ދުލާއި ގަލަން ހިނގައެވެ. ކުޅިވަރުގައި އޭނާގެ ފޭވަރިޓަކީ ފުޓްބޯޅައެވެ. ހޮބީއަކީ ސްކައުޓެވެ. މިހާރު އެއީ ސީނިއަރ ސްކައުޓް ލީޑަރެކެވެ.
މާއިން ބުނީ، ޞަލާޙުއްދީނަކީ ބޮޑު ސްކޫލަކަށް ވުމުން ކެޕްޓަނެއްގެ ޒިންމާވެސް ބޮޑު ކަމަށާއި ކޮންމެ ކަމެއް ކުރިޔަސް ބަލަނީ އުޅުމުގައި ކިޔެވުމުގައި ވެސް ނަމޫނާ ދަރިވަރަކަށް ވެވޭތޯއެވެ.
"ނަމޫނާ ދެއްކުމަކީ އިސްކަންދޭ ކަމެއް. ކުދިން ބަލާނީ ސްކޫލް ކެޕްޓަނަށް ކިޔެވުމާއި އުޅުމުގައި ކިޔެވުމުގައި ވެސް ނަމޫނާ ދަރިވަރަކަށް ވާން" ކުރީގެ ކެޕްޓާނުންގެ ފަރާތުން ވެސް އޭނާއަށް ލިބޭ އެންމެ ބޮޑު ނަޞޭހަތަކީ އެއީއެވެ.
މާއިން މަސައްކަތް ކުރަނީ ޞަލާޙުއްދީން ސްކޫލުގެ ކުރީގެ ކެޕްޓަނުން ނަމޫނާއަކަށް ބަލައިގެން ސްކޫލަށް ރީތި ނަމެއް ހޯދާދޭށެވެ. އެއާއެކު އޯލެވެލްއިން ރަނގަޅު ނަތީޖާއެއް ނެރުމަކީ ވެސް އޭނާގެ އެންމެ މުހިންމު ޓާގެޓެކެވެ.
"ބޭނުންވަނީ ހުރިހާ މާއްދާއަކުން އޭ ސްޓަރ" މާއިން ޖަވާބު ކުރުވެފައި ސާދާއެވެ.
ހިޔާލު