މުހައްމަދު ލުޠުފީ
ފުވައްމުލަކުގައި ހިންގާ އިންސްޓިޓިއުޓް އޮފް ލޮޖިކް އެންޑް ޓެކްނޮލޮޖީ(އައިއެލްޓީ) އިން ސްކޫލް ކުދިންނަށާއި ޒުވާނުންނަށް އަމާޒުކޮށް އައިޓީ ލިޓެރަސީގެ ޕްރޮގްރާމްތަކާއި ޑިޖިޓަލް ޓެކްނޮލޮޖީގެ ޕްރޮގްރާމްތައް ހިންގަމުން އަންނަތާ މިހާރު 25 އަހަރު ވަނީ އެވެ.
އައިއެލްޓީ އަކީ ލޮޖިކް ކޮމްޕިއުޓަރުގެ ނަމުގައި 2001 ވަނަ އަހަރު އުފެއްދި އިންސްޓިޓީއުޝަނެކެވެ. މިދިޔަ އަހަރުތަކުގެ ތެރޭގައި މިތަނުން ވަނީ ފުވައްމުލަކުގައި ކޮމްޕިއުޓަރ ލިޓްރޭސީ ތަރައްގީކޮށް އިތުރުކުރުމަށް އެކްރެޑިޓް ކޯސްތަކެއް ހިންގާފައެވެ. ފެންވަރު ރަނގަޅު ކޮމްޕިއުޓަރ ތައުލީމު ފޯރުކޮށްދިނުމުގެ މިޝަނަކާއެކު މިތަން އިންސްޓިޓިއުޓް އޮފް ލޮޖިކް އެންޑް ޓެކްނޮލޮޖީގެ ނަމުގައި 2017 ވަނަ އަހަރު ރީބްރޭންޑްކުރިއެވެ. އަދި ފުރަތަމަ ފަހަރަށް ރޮބޮޓިކްސް އެންޑް އޮޓޮމޭޝަން ކޯސް ފެށިއެވެ. ސްކޫލް ކުދިންނަށް ފެންވަރު ރަނގަޅު އަދި އަގުހެޔޮ ތައުލީމެއް ފޯރުކޮށްދީގެން އައިއެލްޓީން ވަނީ އާންމުންގެ އިތުބާރު ހޯދާފައެވެ. ފުވައްމުލަކުގައި އޮތް ސައެންސް ފެއަރ އަކަށް ދިވެހިރާއްޖޭގެ ނާއިބްރައީސް ހުސައިން މުހައްމަދު ލަޠީފް ވަޑައިގެން މިތަނުގެ ދަރިވަރުންތަކެއްގެ މަސައްކަތްތައް ވަނީ ބައްލަވާލައްވާފައެވެ.
ކަރިކިއުލަމް ފުޅާކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ(އެމްކިޔުއޭ) އެކްރެޑިޓްކޮށްފައިވާ ކޯސްތަކާއި، ސެޓްފިކެޓް1، ސެޓްފިކެޓް3 އަދި ސެޓްފިކެޓް4 ގެ ފެންވަރުގައި ރޮބޮޓިކްސް އަދި އޮޓޮމޭޝަން ކޯސްތައް މިތަނުގައި ދަނީ ހިންގަމުންނެވެ.
މިތަނުގެ ޚިދުމަތްތަކާމެދު މެނެޖިންގ ޑިރެކްޓަރ ޢަލީ ޖަވާދު ހުރީ ހިތްހަމަޖެހިގެންނެވެ. ކޯސް ޑިޒައިން ކުރުމާއި ޕްލޭން ކުރުމުގެ އެންމެ އިސް ފަރާތަކީ އޭނާ އެވެ.
ޖަވާދު ތައުލީމީ ދަތުރު ފެށީ އަމިއްލަ ރަށް،ފުވައްމުލަކުގައެވެ. އޭގެފަހުން މާލޭ އިންގްލިޝް ސްކޫލާއި، މަޖީދިއްޔާ ސްކޫލުން ތައުލީމު ހާސިލްކުރެއްވިއެވެ. އޭލެވެލް ހެދީ ސައިންސް އެޑިއުކޭޝަން ސެންޓަރުން ނެވެ. މަތީ ތައުލީމު ހާސިލް ކުރެއްވީ އިންޑިއާގެ ބޮޕާލް އާއި ފިޖީގެ ޔުނިވާސިޓީ އޮފް ސައުތު ޕެސިފިކް އިންނެވެ. ޖަވާދު ވަނީ ތައުލީމީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރައްވައި، ޓީޗަރެއްގެ މަގާމާއި، ސުޕަވައިޒަރެއްގެ މަގާމާއި، އެސިސްޓެންޓް ޕްރިންސިޕަލްގެ މަގާމާއި، ޕްރިންސިޕަލްގެ މަގާމުވެސް އަދާކުރައްވާފައެވެ. އަދި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ކަރިކިއުލަމް އެނަލިސްޓެއްގެ ގޮތުގައި ވެސް އޭނާ ވަނީ މަސައްކަތް ކުރައްވާފަ އެވެ.
"އަޅުގަނޑުމެންގެ ތަޞައްވުރު ޙާޞިލުކުރުމަށްޓަކައި، އަޅުގަނޑުމެން މިދަނީ، ޓެކްނޮލޮޖީއާއި، އިނޮވޭޓިވް ދާއިރާތަކުން ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދީ ޓާޝަރީ ތަޢުލީމަށް މަގު ފުޅާކޮށްދެމުން" ޖަވާދު ވިދާޅުވިއެވެ.
"އައިއެލްޓީން ފަޚުރުވެރިވަނީ 2017 ވަނަ އަހަރު ރޮބޮޓިކްސް އެންޑް އޮޓޮމޭޝަން ކޯހެއް ރާއްޖޭގައި ފުރަތަމަ ތައާރަފްކުރީ މި އިންސްޓިޓިއުޝަނަށްވުން." ޖަވާދު ވިދާޅުވިއެވެ.
ރޮބޮޓިކްސް އަދި ކޯޑިން ކޯސްތަކަކީ ރާއްޖޭގެ ތައުލީމު ކުރިއެރުވުމަށް މުހިންމު ދައުރެއް އަދާކޮށްދޭނެ ކޯސްތަކެކެވެ. ޒުވާން ކުދިންނަށް މި ހުނަރު ލިބިދިނުމަށް ރޮބޮޓިކްސް އަދި ކޯޑިން ބޫޓް ކޭމްޕްތައް އައިއެލްޓީ އިން ވަނީ ހިންގާފައެވެ. ފާއިތުވި މަދު އަހަރުތަކުގެ ތެރޭގައި 34 އަށް ވުރެ ގިނަ ބޫޓް ކޭމްޕް ބާއްވައި، ރޮބޮޓިކްސް އާއި ކޯޑިންގެ ދާއިރާއިން 450 އަށް ވުރެ ގިނަ ދަރިވަރުން ތަމްރީނު ކޮށްފައިވާ ކަމަށް ޖަވާދު ވިދާޅުވިއެވެ.
މި ކޭމްޕްތައް ކުރިއަށް ގެންގޮސްފައިވަނީ މާލެ ސިޓީ، ހުޅުމާލެ، ގދ. ތިނަދޫ، މަޑަވެލި، ހޯޑެއްދޫ، ގއ. ވިލިނގިލީ، އަދި ފުވައްމުލަކު ސިޓީ ގައެވެ. އައްޑޫ ސިޓީގެ ދަރިވަރުންވެސް ފުވައްމުލައް ސިޓީއަށް ޒިޔާރަތްކޮށް މި އާ އުނގެނުމުގެ ފުރުސަތުތަކުގައި ބައިވެރިވެފައިވެއެވެ.
މިތަނުން މި ހިންގާ ރޮބޮޓިކްސް އަދި ކޯޑިންގކޯސްތަކުގެ ކާމިޔާބަކީ ކޮބައި ހެއްޔެވެ؟ ޖަވާދު ވިދާޅުވީ، ރޮބޮޓިކްސް ތައާރަފް ކުރުމަކީ މުހިންމު ތާރީޚީ ކަމެކެވެ. ރާއްޖޭގެ ތައުލީމީ އެކި އިންސްޓިޓިއުޓްތަކުގެ މަތީ ފަންތީގެ އޮފިޝަލުންނާއި މަންދޫބުން ވަނީ މިތަނުގެ ކޯސްތައް ބެލުމަށް ޒިޔާރަތްކޮށް، ދަރިވަރުން ޝައުގުވެރިކަމާއި ކުރިއަށް ގެންދިޔަ ތަސައްރަފު ފުދިފައިވާ މަޝްރޫއުތަކަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމުގައެވެ. ހަގީގީ ދުނިޔޭގެ މައްސަލަތައް ހުށަހަޅާއިރު، މައްސަލަ ހައްލުކުރުމުގައި ދަރިވަރުންނަށް ފާހަގަކޮށްލެވޭ ހުނަރުތައް ދައްކާފައިވާއިރު، ގިނަ ފަހަރަށް ބައިގަޑިއިރުގެ ތެރޭގައި ހައްލުތައް ފޯރުކޮށްދެއެވެ.
ޖަވާދުގެ ދަރިވަރުން ވަނީ އެކިއެކި ސައިންސް ފެއާތަކުގައި ބައިވެރިވެ، އެކުދިންގެ ހުނަރާއި އުފެއްދުންތެރިކަން ދައްކާލާފައެވެ. އެންމެ ފުރަތަމަ 2017 ވަނަ އަހަރު މިކުދިން ބައިވެރިވީ ޏ. އަތޮޅު ތައުލީމީ މަރުކަޒުން ބޭއްވި ފެއަރ އެއްގައެވެ. އެފަހަރު ބައިވެރިކުރީ ޓްރެފިކް ލައިޓް ސިސްޓަމާއި ވޮއިސް ކޮމާންޑް ސްމާޓް ހޯމް ލައިޓް ކޮންޓްރޯލް ސިސްޓަމެވެ. މިހާތަނަށް އެކިއެކި ސައިންސް ފެއަރތަކުގައި 11 ޕްރޮޖެކްޓެއް ހުށަހަޅައިފައިވެއެވެ. "ފުވައްމުލަކު ސްކޫލާއި ތިނަދޫގައި ބޭއްވި ސައެންސް ފެއަރތަކުގައިވެސް އަޅުގަނޑުމެންގެ ދަރިވަރުންނަށް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ލިބިފައިވޭ." ޖަވާދު ވިދާޅުވިއެވެ.
ޖަވާދުގެ އައިއެލްޓީ ގެ ދަރިވަރުން ވަނީ ކޯޑިން އާއި ރިއަލް ވޯލްޑް ޕްރޮޖެކްޓް ޑިވެލޮޕްމަންޓްގައި ޚާއްސަ ފަންނުވެރިކަން ދައްކާފަ އެވެ. ސީ++ ޕްރޮގްރާމިންގ ދާއިރާއިން އެމީހުންގެ ހުނަރުތައް ފާހަގަކޮށްލެވޭއިރު، ކޯޑިންގ ކޮންސެޕްޓްތަކުގެ ފުން ވިސްނުން އެމީހުންގެ ކިބައިގައި ހުރެއެވެ. ރޮބޮޓިކްސް ކޯސްތަކުގައި އަތުން ކުރާ ހަރަކާތްތަކުގެ ތެރެއިން ދަރިވަރުން ޢިލްމު ބިނާކޮށް، މައްސަލަތައް މިނިވަންކަމާއެކު ހައްލުކޮށް، ކުރިއަށް އޮތް ކެރިއަރަށް ތައްޔާރުކުރެއެވެ.
މިތަނުގެ ދަރިވަރުން ވަނީ ފާހަގަކޮށްލެވޭ މަޝްރޫއުތަކެއް ހިންގާފައެވެ. އޭގެ ތެރޭގައި،
– ރޮބޮޓިކްސް އާމް
– އޮޓޮމެޓިކް އިރިގޭޝަން ސިސްޓަމް
– ސްމާޓް ހޯމް ސިސްޓަމް
– ފަޔަރ އެންޑް ގޭސް އެލާމްސް
– އޮޓޮމެޓިކް ވެދަރ ސްޓޭޝަން
– ސްޓާފް އެޓެންޑެންސް މެޝިން
– ޖުވެލަރީ ސޭފް
– މެގްނެޓިކް ކާޑު ޑޯރ އޯޕަނިންގ ސިސްޓާމް
– އޮޓޮމެޓިކް ފަޔަރ އެކްސްޓިންގިއުޝަރ
ތައުލީމާއި ވަޒީފާގެ ބާޒާރުތަކުގައި ރޮބޮޓިކްސް އާއި އޮޓޮމޭޝަން، އޭއައި، އޭއާރ، އަދި އެމްއާރް ގެ މުހިންމުކަން އަންނަނީ ބޮޑުވަމުންނެވެ. ސަރުކާރުން ދެއްވާ ޚިދުމަތައް ޑިޖިޓަލައިޒްކޮށް އޮންލައިން ޚިދުމަތްތަކަށް ތަރުހީބު ބޮޑުވަމުންދާއިރު، އަދި ހަތަރުވަނަ ސިނާއީ އިންގިލާބުގެ ސަބަބުން ވަޒީފާގެ ބާޒާރަށް ބަދަލުތަކެއް އަންނަމުންދާއިރު، ސްކޫލްތަކުގައި ރޮބޮޓިކްސް ތަޢުލީމު ކުރިއެރުވުމުގެ ބޭނުން ބޮޑުވަމުން އަންނަ ކަމަށް ޖަވާދު ވިދާޅުވި އެވެ.
ހިޔާލު