ތައުލީމު އުނގެނުމުގައި ދެ ޖިންސްގެ ފަރަގު ބޮޑުވަނީ

* ޕްރައިމަރީއާއި ސާނަވީގައި ގިނައީ ފިރިހެން ދަރިވަރުން، ސާނަވީން ފެށިގެން މަތީ ތަޢުލީމުގެ މަރުހަލާގައި ގިނައީ އަންހެން ދަރިވަރުން
* އެމްއެންޔޫއިން މި އަހަރު ދަސްވެނިވި ފިރިހެން ދަރިވަރުންގެ ނިސްބަތަކީ އެންމެ 22 އިންސައްތަ، އައިޔޫއެމްއިން ދަސްވެނިވި ފިރިހެން ދަރިވަރުންގެ ނިސްބަތަކީ އެންމެ 27 އިންސައްތަ

ތައުލީމު އުނގެނުމުގައި ދެ ޖިންސްގެ ފަރަޤު ބޮޑުވަމުން އަންނަކަން ނެޝަނަލް ބިއުރޯ އޮފް ސްޓެސްޓިކްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކުޑަކުދިންގެ ދުވަހާ ގުޅިގެން އެ ބިއުރޯއިން ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ކިޔަވާ ކުދިންގެ އާބާދީއަކީ 99300 އެވެ. އެއީ 50845 ފިރިހެން ކުދިންނާއި 48455 އަންހެން ކުދިންނެވެ.

އެ ބިއުރޯއިން ބުނީ، ޕްރައިމަރީ ތައުލީމަށް ބަލާއިރު ވެސް، ފިރިހެން ކުދިން ގިނަ ކަމަށް ފާހަގަކުރެވޭ ކަމަށާއި އެއީ 0.95 އިންސައްތަ ކަމަށެވެ. އަދި މި އަދަދު ސާނަވީ މަރުހަލާގައި ދަށްވި ނަމަވެސް އެ އަދަދު ހުރީ 0.98 ގައެވެ. އަންހެން ކުދިންގެ ނިސްބަތް އިތުރުވަނީ މަތި ސާނަވީ މަރުޙަލާއިން ފެށިގެންނެވެ. މަތީ ސާނަވީގެ ފަރަގުގެ ނިސްބަތަކީ 1.15 އެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް)އިން ދަސްވެނިވި ދަރިވަރުންނަށް ބަލާއިރުވެސް މިންތީގެ މި ތަފާތު އަންނަނީ ބޮޑުވަމުންނެވެ.

މި ތަފާތު ބޮޑުވާތީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އަންނަނީ ދިރާސާއެއް ވެސް ހަދަމުންނެވެ.

މަތީ ތައުލީމަށް ބަލާއިރު، މި އަހަރު އައިޔޫއެމްއިން ދަސްވެނިވި ޖުމްލަ ދަރިވަރުންގެ އަދަދަކީ 980 އެވެ. މި އަދަދަށް ބަލާއިރު، އަންހެން ދަރިވަރުންގެ އަދަދު މާ މައްޗެވެ. 715 އަންހެން ދަރިވަރުން ކޯސް ނިންމައި ދަސްނެވިވި ކަމުގެ ސަނަދު ހޯދިއިރު، ދަސްވެނިވެ ސަނަދު ހޯދި ފިރިހެން ދަރިވަރުންގެ އަދަދަކީ 265 އެވެ. އަންހެން ދަރިވަރުންގެ ނިސްބަތް 73 އިންސައްތައަށް އަރާފައިވާއިރު، ދަސްވެނިވި ފިރިހެން ދަރިވަރުންގެ ނިސްބަތަކީ އެންމެ 27 އިންސައްތައެވެ.

އެމްއެންޔޫއިން މި އަހަރު ދަސްވެނިވީ 669 ދަރިވަރުންނެވެ. އެއީ 519 އަންހެން ދަރިވަރުންނާއި 150 ފިރިހެން ދަރިވަރުންނެވެ. މިންތީގެ ތަފާތަށް ބަލާއިރު، ފިރިހެން ދަރިވަރުންނަށްވުރެ 369 ދަރިވަރުން ގިނައެވެ. ދަސްވެނިވި ފިރިހެން ދަރިވަރުންގެ ނިސްބަތް އެންމެ 22 އިންސައްތައިގައި ހުރިއިރު، އަންހެން ދަރިވަރުންގެ ނިސްބަތް ހުރި 78 އިންސައްތައިގައެވެ.

މިންތީގެ ތަފާތާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރެއްވި އެއް ބޭފުޅަކީ އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އެކަޑަމިކް އެފެއަރޒް ޑރ. އަލީ ފަވާޒު ޝަރީފެވެ. އޭނާ ވިދާޅުވީ އާބާދީގައި 51.5 އިންސައްތަ ފިރިހެނުން ހިއްސާކުރާއިރު، މަތީ ތަޢުލީމުގެ މަރުހަލާ ނިންމާ ދަރިވަރުންގެ ތެރޭގައި ފިރިހެން ދަރިވަރުން މަދުވުމަކީ ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށެވެ.

މިދިޔަ އަހަރުގެ ތަފާސް ހިސާބަށް ރިޔާއަތްކޮށް އޭރު އޭނާ ވިދާޅުވިއެވެ. "މަތީ ތައުލީމަށް {އެމްއެންޔޫއިން މިދިޔަ އަހަރު ގުރެޖުއޭޓްވި އަދަދަށް ބަލާއިރު} އެންމެ 14 އިންސައްތަ ފިރިހެން ކުދިން ދިއުމަކީ އެއީ މި ޔުނިވަރސިޓީން ވެސް އަދި ޤައުމީ ފެންވަރުގައި ވެސް ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް. މިކަމުގެ ސަބަބުތައް ދެނެގަނެ މިކަމަށް އަވަސް ފަރުވާއެއް ހޯދަން ޖެހިފައިވާ ކަމެއް"

ތައުލީމު އުނގެނުމުގައި މިންތީގެ ތަފާތާމެދު ކުރެވޭ ބަހުސަށް ލިބޭނެ އެންމެ ބޮޑު ޖަވާބަކަށް ވާނީ އެމްއެންޔޫގެ ދިރާސާއެވެ. އެ ދިރާސާއިން ގިނަ ކަންތައްތަކެއް ފާހަގަކުރެވި ޤައުމީ ލެވެލްއެއްގައި ހައްލުތަކެއް ހޯދަން މަސައްކަތް ކުރަން މަގުފަހިވެހެންދާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *