ކުޑަކުދިންގެ ދުވަސް: ބެލެހެއްޓުންތެރިންނަށް އިލްތިމާސެއް

"އިސްލާހްކުރުމުގެ ނަމުގައި ބެލެހެއްޓުންތެރިން ބާރުގެ ބޭނުން ނަހަމަގޮތުގައި ކޮށްގެން ނުވާނެ. ރުޖޫއީ އިންސާފުގެ ހަމަތަކަށް އިސްކަންދޭންޖެހޭ."

ޑރ. އަޙްމަދު އަދީލް ނަޞީރު

ކުޑަކުދިންނަކީ ގައުމެއްގެ މުސްތަގްބަލެވެ. އެކުދިން ރަނގަޅު ދަރިންގެ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ ގައުމެއްގެ އެންމެ މުހިއްމު އެއް މަސްއޫލިއްޔަތެވެ. ދިވެހިރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ އެންމެ މުހިއްމު އެއް ބޭނުމަކީވެސް، ގައުމުގެ އެންމެހާ ރައްޔިތުންނަށް މިކަން ސާފުކޮށް ދިނުމާއެކު އެކުދިންނަށް އަޅާލުމުގައި މުޅިގައުމުގެ ބައިވެރިވުމުގެ މުހިއްމުކަން ބަޔާންކުރުމެވެ.

ގައުމެއްގެ ވިސްނުމުން ބަލާއިރު ކުޑަކުދިންނަކީ އެގައުމުގެ ރައުސުލްމާލެވެ. ރަށެއްގެ ވިސްނުމުން ބަލާއިރު އެކުދިންނަކީ އެ ރަށުގެ ކުރިމަގެވެ. އާއިލާއެއްގެ ވިސްނުމުން ބަލާއިރު އެކުދީންނަކީ އެއާއިލާގެ ފަޚުރެވެ.

ބޯދާ ވިސްނުމަށް ބަލާއިރު ކުއްޖެއްގެ ތަރުބިއްޔަތުގެ ޒިންމާ އޮންނަނީ ހަމައެކަނި މައިންބަފައިންގެ ކޮނޑުގައެވެ. އަދި ހަމައެހެންމެ ޖާހިލީ ވިސްނުމުގައި ދަރިންނަކީ މައިންބަފައިންގެ މުދަލެކެވެ. އެކުދިންނަށް ބޭނުންކަމެއް ކުރުމުގެ އިޚްތިޔާރު އެ މައިންބަފައިންނަށް ލިބިފައި އޮވެއެވެ. މިސާލަކަށް ބަލާއިރު އެކުދިން އެހެން މީހުންނަށް ހަދިޔާކުރުމާއި އަޅުންގެ ގޮތުގައި ވިއްކުމާއި ޒަބަހްކުރުމަކީ މައިންބަފައިންނަށް އޭރުކުރެވިދާނެ ކަންކަމެވެ.

ނަމަވެސް، ޒަމާނީ ވިސްނުމަށް ބަލާއިރު ކުއްޖަކު ތަރުބިއްޔަތުކުރުމަކީ ދައުލަތުގެ ނުވަތަ މުޖުަމައުގެ މަސްއޫލިއްޔަތެކެވެ. ތަރައްގީވެފައިވާ މުޖުތަމައުތަކުގައި ދަރިންނަކީ މައިންބަފައިންގެ މިލްކެއްނޫނެވެ. އަދި ކިއެއްތަ އިސްލާމް ދީން ބަޔާންކުރަނީ ދަރިންނަކީ މައިންބަފައިންނާ ހަވާލުކުރެވިފައިވާ އަމާނާތެއް ކަމަށެވެ. މީގެ މާނައަކީ ދަރިން ލިބެނީ މައިންބަފައިންނަށް ކަމަށްވީނަމަވެސް، އެކުދިންގެ ހެދިބޮޑުވުމާއި ރައްކާތެރިކަމާގުޅޭ ކަންތައްތައް ތަރުތީބުކުރަންޖެހެނީ ދައުލަތުން ނުވަތަ މުޖުތަމައުން ކަނޑައަޅާ މިންގަނޑުތަކަކާ އެއްގޮތަށެވެ. އަދި އެކުދިންނާމެދު މައިންބަފައިން އިހުމާލުވާނަމަ، އެކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމަކީ މި ދިވެހި މުޖުތަމައުގައިވެސް އެކަންކުރާ ގޮތެވެ.

މީގެ މައިގަނޑު ސަބަބަކީ ކޮންމެ ކުއްޖަކީވެސް ގައުމުގެ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރާނެ ކުއްޖަކަށްވާތީއެވެ. އަދި އެތަކެއްދުވަހުން ގައުމަށް ގެނެވިފައި ހުންނަ ތަރައްގީ ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި އެންމެ ކުއްޖެއްގެ އަތުން ފުނޑުކޮށް ސުންނާފަތި ކުރެވިދާނެތީއެވެ.

އެހެންކަމުން، ކުޑަކުދިން ތަރުބިއްޔަތުކުރުމުގައި އުފާވެރިކަން ގެނެވޭނެގޮތްތަކާއި އެއްވެސް ކުއްޖަކު ބާކީ ނުކުރެވޭނެ ގޮތްތަކަށް މުޖުތަމައު ހިއްވަރުދޭންޖެހެއެވެ. މި ގޮތުން އިސްލާހްކުރުމުގެ ނަމުގައި ބެލެހެއްޓުންތެރިން ބާރުގެ ބޭނުން ނަހަމަގޮތުގައި ނުކުރުމަށާއި، ކުށްކުރެވޭ ކުދިންނަށް ފިޔަވަޅު އެޅުމުގައި ރުޖޫއީ އިންސާފުގެ ހަމަތަށް ބޭނުންކުރުމަށާއި، އެކުދިންނަށް ގެއްލުމެއް ލިބިދާނެ އެންމެހައި ކަންކަމުން އެކުދިން ރައްކާތެރިކުރުމަށާއި ކޮންމެ ކުއްޖަކީވެސް ކުރިއަށްދެވޭނެ ކުއްޖެއްކަމަށް ބަލައިގެން މަސައްކަތްކުރުމަށް މުޅި މުޖުތަމައާއި ތައުލީމު ފޯރުކޮށްދޭ ތަންތަނާއި ޒިންމާދާރުވެރިން ސަމާލުކަންދޭންޖެހެއެވެ. އެހެން ނޫންނަމަ، އެކުދިންގެ ޅަފަތުގެ ދުވަސްތައް ހިތްދަތިކަންމަތީ ހޭދަކޮށް، އެ ކުދިންނަކީ މުޅި އުމުރަށް ޓްރޯމެޓިކް މީހުންނަށްވެ، ގައުމު ބިކަވެދާނެތެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *