މަސްވެރިންނަށް އަމާޒުކޮށް ކުރުމުއްދަތުގެ ތަމްރީނު ދޭނެ ކޯސްތަކެއް ހިންގަން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ މަސްވެރިކަމާ ބެހޭ ފެކަލްޓީން ތައްޔާރުވާން ފަށައިފިއެވެ.
ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސް އެ ޔުނިވަރސިޓީން އުފެއްދީ މިދިޔަ އަހަރުގެ ތެރޭގައެވެ. އެ ކޮލެޖް ޑީންއަކަށް ހަމަޖެއްސެވީ ޑރ އަޙްމަދު ރިޔާޒު ޖައުހަރީއެވެ. މަޤާމާ ހަވާލުވުމަށްފަހު ޑރ. އަޙްމަދު ރިޔާޒު ވިދާޅުވެފައި ވަނީ، އެ ކޮލެޖް ވާނީ ހަމައެކަނި ތައުލީމު ފަތުރާ މުއަސަސާއަކަށް ނޫން ކަމަށާއި، އެ ކޮލެޖް ވާނީ އަޅުގަނޑުމެންގެ މާހައުލީ ނިޒާމްތައް ދެނެގަނެ އެތަންތަން ކުރިއަށް އޮތް ޖީލުތަކަށް ހެޔޮ ގޮތުގައި ވާޞިލް ކުރުމަށް އެޅޭ ވަރަށް މުހިންމު ބިންގަލަކަށެވެ.
ދަރިވަރު ނޫހާ ވާހަކަ ދައްކަވަމުން ޑރ. އަޙްމަދު ރިޔާޒު ވިދާޅުވީ، މަސްވެރިންނަށް އަމާޒުކޮށް ކޯސްތަކެއް ހިންގަން ތައްޔާރު ވަމުން އަންނަ ކަމަށާއި މަސްވެރިންނަށް އަމާޒުކޮށް ފުރަތަމަ ހިންގާނީ ކުރުމުއްދަތުގެ ކޯސްތަކެއް ކަމަށެވެ. އަދި އެ ކޯސްތައް ހިންގާނީ އެހެން ކޯސްތަކާ ޚިލާފަށް މަސްވެރިންނަށް ފަސޭހައިން ބައިވެރިވެވޭ ގޮތަށެވެ. އެއި އޮންލައިންކޮށާއި ބައެއް މޮޑިއުލްގެ ކޯސްތަކަށް ކުލާސްތަކަށް ހާޒިރުވާންޖެހޭ ގޮތަށެވެ.
"އަޅުގަނޑުމެންގެ ބޭނުމަކީ ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރި މަސްވެރިއަކަށް ވެސް ކޯސްތަކުގައި ފަސޭހައިން ބައިވެރިވެވޭނެ ފުރުޞަތު ހޯދައިދިނުން" ޑރ. އަޙްމަދު ރިޔާޒު ވިދާޅުވިއެވެ.
މަސްވެރިންނަށް އަމާޒުކޮށް ހިންގާ ކުރު ކޯސްތަކުގެ ބޭނުމަކީ މަސްވެރިކަން ކުރުމުގައި ދިމާވާ މައްސަލަތަކުގެ މައުލޫމާތު އެކަން ހައްލު ކުރާނެ ގޮތް ސައިންޓިފިކަލީ ކިޔައިދިނުމާއި މަސްވެރިކަން މިހާރު އޮތް ހާލަތުން އިތުރު ހަރުފަތަކަށް ގެންދެވޭނެ ގޮތުގެ މައުލޫމާތު ފޯރުކޮށް ދިނުމެވެ.
"މަސްވެރިކަމުގެ ތަފާތު ދާއިރާއަށް ފޯކަސްކޮށްގެން ކޯސްތަކުގެ މޮޑިއުލްތައް ކުރިއަށް ގެންދާނީ. ބޭނުން ވަނީ ރަނގަޅު މައުލޫމާތުގެ އަލީގައި މަސްވެރިކަން ކުރާ ބަޔަކަށް މަސްވެރިން ހެދުން" ޑރ. ރިޔާޒު ވިދާޅުވިއެވެ.
ފިޝަރީޒް ކޮލެޖުން އަންނަނީ ރާއްޖޭގައި މަސްވެރިކަމާ ގުޅުން ހުރި ދާއިރާއިން ޑިގްރީއަށް ކިޔަވައިދޭން ތައްޔާރުވަމުންނެވެ.
ހިޔާލު