ލަރނިންގ ބިޔޮންޑް ވޯލްސް (ހަރިންމައިން ބޭރުން އުނގެނުން) އަކީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ދަރިވަރުންނަށް ތަފާތު ތަޖުރިބާތަކެއް ރާއްޖެއާއި ރާއްޖެއިން ބޭރުން ދަރިވަރުންނަށް ހޯދައި ދިނުމަށް ކުރިއަށް ގެންދާ ދަތުރުތަކެކެވެ. މި ގޮތުން ރާއްޖެއިން ބޭރުން ހޯދާ ޢަމަލީ ތަޖުރިބާގެ ދަތުރު މެލޭޝިޔާއަށް ކުރާތާ މިހާރު 14 އަހަރު ވަނީ ވެފައެވެ.
މި ދަތުރަކީ ބިޒްނަސް އާއި ސައިންސް ސްޓްރީމުގައި ކިޔަވާ ދަރިވަރުން ކިޔަވަމުންދާ ފިލާވަޅުތަކާ ގުޅުވައި، އަމަލީ މަސައްކަތުގެ ދާއިރާއަށް ލޯ ހުޅުވައިދިނުމަށް ދަރިވަރުންނަށް ހޯދައިދެވޭ ފަހި އެހާމެ މުހިއްމު ފުރުސަތެކެވެ. މި ދަތުރުތަކުގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ދަރިވަރުންނަށް ލިބިގެންދެއެވެ.
މި އަހަރު މި ޕްރޮގްރާމުގައި 152 ދަރިވަރުން ބައިވެރިވިއެވެ. އެއީ ބިޒްނަސް ސްޓްރީމުގައި ކިޔަވަމުންދާ 79 ދަރިވަރުންނާއި ސައިންސް ސްޓްރީމުގައި ކިޔަވާ 73 ދަރިވަރުންނެވެ. ދެ ސްޓްރީމުގެ ދަރިވަރުން ދަތުރު ކުރީ ވަކިންނެވެ. މި ދަތުރުގައި ދަރިވަރުންނާ އެކު އެ ސްކޫލުގެ 15 ޓީޗަރުން ބައިވެރިވިއެވެ.
މި ދަތުރުގައި ބައިވެރިވެވަޑައިގެންނެވި ވީއައިއެޗްއެސްގެ ޕްރިންސިޕަލް ޢަލީ މުސްޠަފާ ވިދާޅުވީ، ގިނަ އަދަދެއްގެ ކުދިންނާ އެކު މެލޭޝިއާގައި ކުރެވުނީ ވަރަށް ތަފާތު، ދަރިވަރުންނަށް ވަރަށް މުހިންމު އެހާމެ ބޭނުންތެރި ތަޖުރިބާތަކެއް ކަމަށާއި ގިނަ ދަރިވަރުންނަކީ މެލޭޝިއާއަށާއި ރާއްޖެއިން ބޭރަށް އަލަށް ދިޔަ ދަރިވަރުން ކަމަށެވެ.
90 އިންސައްތަ ދަރިވަރުންނަކީ މެލޭޝިއާއަށް އަލަށް ދިޔަ ދަރިވަރުން. ބޭރު ޤައުމަކަށް ދާން ފްލައިޓަކަށް އަރައިގެން ނައްޓައިލާ ހިސާބުން ފެށިގެން އެނބުރި އާދެވުމާ ހިސާބަށް ކޮންމެ ފިޔަވަޅަކީ ވެސް އެ ކުދިންނަށް ލިބުނު އާ ތަޖުރިބާއެއް. ދިރިއުޅުމުގައި ބޭނުން ހިފޭނެ މުހިންމު މައުލޫމާތެއް" މުސްތަފާ ވިދާޅުވިއެވެ.
ވީއައިއެޗްއެސްގެ މި ދަތުރުގައި މެލޭޝިއާއަށް ދިޔައީ ބިޒްނަސް ކިޔަވާ ދަރިވަރުންނާއި ސައިންސް ކިޔަވާ ދަރިވަރުން ވަކިންނެވެ. ދެ ސްޓްރީމްގެ ދަރިވަރުން ދަތުރުކުރި ތަންތަނާއި ކުރި ތަޖުރިބާތައް ވެސް ތަފާތެވެ.
މެލޭޝިއާގެ މުހިންމު ތަންތަނަށް ޒިޔާރަތްކުރީ ދެ ސްޓްރީމްގެ ދަރިވަރުން ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ.

ދަރިވަރުން ދިޔަ ތަންތަނުގެ ތެރޭގައި ޔުނިވަރސިޓީތަކާއި ފޮރެސްޓް ރިސަރޗް ސެންޓަރާއި އެކި ބާވަތުގެ ތަކެތި އުފައްދާ ކާރުޚާނާތައް ހިމެނެއެވެ.

މި ދަތުރުގެ ތެރެއިން ސަންވޭ ޔުނިވަރސިޓީ އާއި އޭޕީޔޫ އަދި ސައިބަރޖާޔާ ފަދަ ޔުނިވަރސިޓީތަކަށް ވެސް ޒިޔާރަތްކުރިއެވެ. އެ ތަންތަނަށް މި ކުރި ޒިޔާރަތުގައި، ޔުނިވަރސިޓީގެ އެކިއެކި ދިރާސާތަކަށް ބޭނުންކުރަމުންދާ އިންސާނުންގެ ގުނަވަންތައް ދަރިވަރުންނަށް ދައްކާލައި އޭގެ މައުލޫމާތު ވެސް ދަރިވަރުންނާ ހިއްސާކުރިއެވެ. އެއީ ޑޮކްޓަރީކަން ކިޔަވަން ބޭނުންވާ ކުދިންނަށް ލިބުނު ވަރަށް ރަނގަޅު ފުރުޞަތެއްކަމަށް ޕްރިންސިޕަލް ޢަލީ މުސްޠަފާ ފާހަގަކުރެއްވިއެވެ. އަދި ހަމައެއާ އެކު މެލޭޝިއާގެ ފޮރެސްޓް ރިސަރޗް ސެންޓަރަށް ކުރި ޒިޔާރަތުގައި އެ ސެންޓަރުން 1970 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ ފޮރެސްޓްއާ ގުޅޭ މުހިންމު ރިސަރޗްތަކުގެ މައުލޫމާތާއި އެ ތަނުން ކުރަމުންދާ މަސައްކަތް ދަރިވަރުންނަށް ދައްކައިލާފައިވެއެވެ.

މި ދަތުރުގައި ކާރުޚާނާތަކަށް ވެސް ޒިޔާރަތްކޮށް، ކާރުޚާނާތަކުގައި މަސައްކަތްކުރާ ގޮތް ބަލައި، އެކަމުގެ މައުލޫމާތު ވެސް ދަރިވަރުން ވަނީ ހޯދާފައެވެ. އެ ގޮތުން، ދުނިޔޭގައި އެންމެ ގިނައިން އަންގި އުފައްދާ ކާރުޚާނާއަކަށާއި މަމީ ނޫޑްލްސްއާއި ޗޮކްލެޓް އުފައްދާ ކާރުޚާނާއަކަށާއި ހަނޑޫ އުފައްދާ ކާރުޚާނާއެއްގެ އިތުރުން ހަނޑޫ ދަނޑަށް ދަރިވަރުން ވަނީ ޒިޔާރަތްކޮށްފައެވެ.

މި ދަތުރުގެ ތެރެއިން މެލޭޝިއާގެ މުހިންމު ޕާކުތަކާއި މަޝްހޫރު ތަންތަންތަނަށް ޒިޔާރަތްކޮށް ގިނަ ތަޖުރިބާތަކެއް ވެސް އެ ކުދިން ވަނީ ކޮށްފައެވެ.
"7 ދުވަހުގެ ދަތުރުން 5 ދުވަސް ހޭދަކުރީ، ވަރަށް ބިޒީ ޝެޑިއުލެއްގައި އެހާމެ ބުރަކޮށް. މި އިން ދަރިވަރުންނަށް ލިބުނީ ކުރިން ނޭނގޭ، އަޑު ނީވޭ، ނުފެންނަ އެތައް ކަންތައްތަކެއް ތަޖުރިބާކުރާނެ ފުރުޞަތު. މިއީ ދަރިވަރުންގެ މުސްތަޤުބަލަށް ލިބުނު ވަރަށް މުހިންމު ފިލާވަޅެއް" މުސްޠަފާ ވިދާޅުވިއެވެ.
އެބޭފުޅާ ވިދާޅުވީ، އެހާ ގިނަ ކުދިންނާ އެކު އެފަދަ ދަތުރެއް ކުރެވުނީ، ދަރިވަރުންނާ އެކު ދަތުރުގައި ބައިވެރިވި ޓީޗަރުން ކުރެއްވި ބުރަ މަސައްކަތުންކަމުގައެވެ. އެހެންކަމުން، އެ ހުރިހާ ޓީޗަރުންނަށް ޕްރިންސިޕަލް ޝުކުރުއަދާކުރެއްވިއެވެ.
ހިޔާލު