ހދ. މަކުނުދޫ ކައުންސިލުގެ ބޮޑު އެހީތެރިކަމަކާއެކު އެރަށު ސްކޫލުގައި ޒަމާނީ މަލްޓިޕާޕަސް ޓާފް ދަނޑެއް އަޅައިފިއެވެ.
މި ދަނޑު ރަސްމީކޮށް ހުޅުވީ، އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މަކުނުދޫ ކައުންސިލްގެ މެންބަރު މުހައްމަދު ޝައްމާހް އާއި ދަނޑުގެ މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ވެދެއްވި ޓަފްކޫލް އިންވެސްޓްމަންޓްގެ ވެރިޔާ އަހްމަދު ސިނާޒެވެ.
މަކުނުދޫ ކައުންސިލުން ފާހަގަކުރި ގޮތުގައި، އެ ރަށު ސްކޫލުގެ ގޯތިތެރޭގައި ފުޓްސަލް ދަނޑުއަޅަން ޓަފްކޫލް އިންވެސްޓްމަންޓުން މާލީ އަދި އަމަލީ އެހީތެރިކަން ދީފައިވާ ކަމަށެވެ. އަދި އެ އެރަށުގެ ހުރިހާ މުއައްސަސާތަކުންނާއި ރަށުގެ ރައްޔިތުންގެ ތެރެއިން ބައެއް މީހުން ހިލޭ ސާބަހަށް މަސައްކަތް ކޮށްދީފައިވާ ކަމަށެވެ.
މަކުނުދޫ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ލުތުފީ ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، އެ ސްކޫލުގެ އެދުނު އެދުމަކަށް ކައުންސިލުން އިސްނަގައިގެން ހެޔޮއެދޭ ފަރާތްތަކާއެކު އެ ސްކޫލުގެ އުމްރާނީ ތަރައްޤީއަށާއި ދަރިވަރުންގެ ދުޅަހެޔޮ ކަމަށް ކޮށްދެއްވީ ވަރަށް ބޮޑު އިންވެސްޓެއް ކަމަށެވެ. ދަނޑުގެ މަސައްކަތުގައި ކައުންސިލުން ދެއްކެވި ލީޑަރޝިޕާއި ހިލޭ ސާބަހަށް އެ މަސައްކަތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް އޭނާ ޝުކުރުއަދާކުރެއްވިއެވެ.
ލުތުފީ ވިދާޅުވީ، ޓާފް ދަނޑު ބޭނުން ކުރާނީ ފުޓްސަލްގެ އިތުރުން ހޭންޑް ބޯޅައާއި ދަރިވަރުންގެ ފިޒިކަލް ފިޓްނަސް ކުރިއަށް ގެންދިއުމަށެވެ.
"ޒަމާނީ ޓާފް ދަނޑެއް ލިބުމުން އެތަނުގައި ކުރިއަށް ގެންދާނީ ފުޓްސަލް އެކަންޏެއް ނޫން. އެތަނުގައި އަޅުގަނޑުމެންނަށް ތަފާތު ކުޅިވަރުތައް ކުރިއަށް ގެންދެވޭނެ. އެއާއެކު ދަރިވަރުންގެ ފިޒިކަލް ފިޓްނަސްއަށް ބޮޑު ސަމާލުކަމެއް ދެވޭނެ" ލުތުފީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ ދަނޑަށް ނަން ދޭން ނިންމާފައި ވަނީ އެ ސްކޫލުގެ ނިޒާމީ ތައުލީމުގެ ބާނީ އަދި ފުޓްބޯޅަ ކުޅުމުގައި ވެސް އުޅުއްވި މަކުނުދޫ އޭރުގެ ކަތީބު އަލްމަރުހޫމް އިބްރާޙީމް ހުސައިން (ތުއްތުކަތީބު)ގެ ނަމާ ގުޅުވައިގެންނެވެ.
މަކުނުދޫ ސްކޫލުގައި 356 ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
ހިޔާލު