ތިން ކެޓަގަރީއަކުން އެއްވަނައާ އެކު މީޓް ރެކޯޑް ޔޫނޫސް ހޯދިއިރު، އައުހާ ވަނީ ދެ މީޓް ރެކޯޑާއެކު ތިން ކެޓަގަރީން އެއްވަނަ ހޯދާފައި
އިއްޔެ ނިމިގެން ދިޔަ މައިލޯ އެތްލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ސޯޅަ އަހަރުން ދަށް ފިރިހެން ކެޓަގަރީން އެއްވަނަ އެތްލީޓްގެ މަޤާމް ހޯދީ އައްޑޫ އެތްލެޓިކްސްގެ މުޙައްމަދު ޔޫނުސް ބިން ހުސައިން ބިން އިބްރާހިމެވެ. 16 އަހަރުން ދަށް އަންހެން ކެޓަގަރީން އެއްވަނަ ހޯދީ ޝަރީފު ސްޕޯޓްސްގެ އާމިނަތު އައުހާ އަބްދުއް ރަހުމާނެއެވެ.
މަރަދޫ ސްކޫލުގެ ގުރޭޑް 9ގައި ކިޔަވަމުން އަންނަ ޔޫނުސް، އެއްވަނަ ހޯދުމާއެކު މިޓް ރެކޯޑް ހެދީ 400 މީޓަރު ދުވުމާއި 80 މީޓަރު ހާޑްލްސް އަދި ޓްރިޕަލް ޖަންޕިންގއިންނެވެ. 400 މީޓަރު ދުވުން ޔޫނުސް ނިންމީ 55.17 ސިކުންތުންނެވެ. 80މީޓަރު ހާޑްލްސް ނިންމީ 12.42 ސންނެވެ. ޓްރިޕަލް ޖަމްޕިންގ އޭނާ ފުންމީ 11.10 މީޓަރަށެވެ.
މިދިޔަ އަހަރު ބޭއްވީ މި މުބާރާތުގައި 15 އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު އެތްލީޓްގެ މަޤާމް ހޯދީ ޔޫނުސްއެވެ. އެ ފަހަރު ދެ ރަން މެޑަލާއެކު މީޓް ރެކޯޑް ޓްރިޕަލް ޖަމްޕް އަދި ހާޑްލްސްއިން ހެދިއެވެ. އަދި 400 މީޓަރު ދުވުމުން ހޯދީ ރިހި މެޑަލެކެވެ.
ކުޅުދުއްފުށީ އަފީފުއްދީނު ސްކޫލުގައި ކިޔަވަމުންދާ އައުހާ، އެއްވަނަ ހޯދައި މީޓް ރެކޯޑް މީޓަރާއި 200 މީޓަރު ދުވުމުގެ އިތުރުން ލޯންގ ޗަންޕިންގ އިންނެވެ. 200 މީޓަރުގެ މީޓް ރެކޯޑް ހެދީ 28.2 ސިކުންތުންނެވެ. ލޯންގ ޖަމްޕްގެ އެނާގެ މީޑް ރެކޯޑަކީ 4.43 މީޓަރެވެ. 100 މީޓަރު ދުވުމުން މީޓް ރެކޯޑް މިފަހަރު ނެހެދި ނަމަވެސް އެ ރެކޯޑް އޮތީ އޭނާގެ އަތުގައެވެ. އެއީ 13.49 ސިކުންތެވެ.
މިދިޔަ އަހަރު ބޭއްވި އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ވެސް ތިން އިވެންޓުން އެއްވަނަ އައުހާ ހޯދިއެވެ. އެއީ 100 މީޓަރާއި 200 މީޓަރު ދުވުމާއި ލޯންގ ޖަންޕެވެ.

އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެހެން އެތްލީޓުންގެ ރެކޯޑް ތަކަށް ބަލާއިރު، 100 މީޓަރާއި 200 މީޓަރު ދުވުމުގައި ނަޞީރު ސްޕޯޓްސްގެ ޔުއާން އަޚްތަރު ޒާހިރު ދެ ރެކޯޑެއް ހެދިއެވެ. 100 މީޓަރު އޭނާ ނިންމީ 11.94 ސިކުންތުންނެވެ. 200 މީޓަރު ނިންމީ 24.57 ސިކުންތުންނެވެ. 800 މީޓަރު ދުވުމުގައި ރޭސަރސްގެ އަލީ އިމްޖާދު ހުސައިން ރެކޯޑް ހެދީ 2.11.42 މިނެޓުންނެވެ. އޭނާ 1500 މީޓަރު ދުވުމުން ރެކޯޑް ހެދީ 4.38.95 މިނެޓުން ރޭސް ނިންމައިގެންނެވެ. ހައިޖަމްޕުން އެއްވަނަ ހޯދައި ރެކޯޑް ހެދީ އައްޑޫ އެތްލެޓިކްސްގެ އަޙްމަދު އައިދަން އާދިލް މޫސާއެވެ. އެ އެކޯޑް އޭނާ ހެދީ 1.55 މީޓަރަށް ފުންމައިގެންނެވެ. ޝޮޓްއިން ރެކޯޑް ހެދީ ރޭސަރސްގެ އަޙްމަދު އަކުމަލް އިނާޔަތުންﷲއެވެ. އޭނާ އެ ރެކޯޑް ހެދީ 11.59އިންނެވެ. ބްލެކް މާލިންގެ ހުސައިން އިޒާން ޖުވެލިންއިން ރެކޯޑް ހެދީ 27.50ންނެވެ.
16 އަހަރުން ދަށުގެ އަންހެން ކެޓަގަރީއަށް ބަލާއިރު، 80 މީޓަރު ހާޑްލްސްއިން އެއްވަނަ ހޯދުމާއެކު ރެކޯޑް ހެދީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އާމިނަތު ޒޯޔާ ބިންތި އިބްރާހިމެވެ. 800 މީޓަރު ދުވުމުގެ ރެކޯޑް ހެދީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އާމިނަތު ލުމާ އަސްލަމެވެ. ޓްރިޕަލް ޖަމްޕްއިން ރެކޯޑް ހެދީ ނަޞީރު ސްޕޯޓްސްގެ ހައްވާ އިރެން ދިލްޝާނެވެ. އެއީ 9.08 މީޓަރެވެ.
ސޯޅަ އަހަރުން ދަށުގެ ބައިން އެންމެ މޮޅު ޓީމުގެ ޓްރޮފީ ލިބިފައިވަނީ، ފިރިހެން ބައިން އައްޑޫ އެތުލެޓިކްސް އަދި އަންހެން ބައިން، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނަށެވެ.
16 އަހަރުން މަތީގެ ބައިން އެންމެ މޮޅު އެތްލީޓުންނަކީ ސިފައިންގެ ކްލަބްގެ ހަސަން ޝައްމޫން އާއި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ޒީކް އަޝްރަފް ރަޝީދެވެ. ޝައްމޫން ވަނީ ޝޮޓް ޕުޓް އާއި ޑިސްކަސް އުކުމުން ރަން މެޑަލް ހޯދާފައެވެ. ޒީކް ވަނީ 1500 މީޓަރު ދުވުމާއި 800 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފައެވެ.
މި މުބާރާތުގައި 16 އަހަރުން ދަށުގެ އަންހެން ބައިން މިޑްލޭ ރިލޭ އާއި 4×100 މީޓަރ މީޓް ރެކޯޑް ޝަރީފް ސްޕޯޓްސްއިން ހަދާފައިވެއެވެ.
ސިންތެޓިކް ޓްރެކުގައި ކުރިއަށްދިޔަ މައިލޯ އެތްލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ 56 އިވެންޓްގައި 17 ކްލަބަކުން 250 އެތުލީޓުން ވާދަކުރިއެވެ.
ހިޔާލު