މަތީ ތަޢުލީމާ ބެހޭ ވަޒީރު ވިދާޅުވި، ދަސްވެނީން ފުންކޮށް ވިސްނާލަން އެދޭ ހަތަރު ކަމެއްގެ ވާހަކަ

އެ ވާހަކަތަކުން، ދަސްވެނީންގެ މައުލޫމާތު މުއްސަނދިވެ ކަންކަން ދެނެގަނެ ދިރާސާކޮށް، އަމިއްލަ އިތުބާރާއި ޔަޤީންކަމަށް އެދެވޭ ކުރިއެރުމެއް ގެނެސްދޭނެ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުން ދަސްވެނިވުމަށް ބޭއްވި ދެވަނަ ދަންފަޅި ޝަރަފުވެރިކޮށް ދެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރެވެ. މިއަދު މެންދުރު އޮތް ދަސްވެނިވުމުގެ އެ ރަސްމިއްޔާތުގައި ވަޒީރު ވަރަށް މުހިންމު ހަތަރުކަމެއް ފާހަގަކުރެއްވިއެވެ. އެ ހަތަރުކަން ފާހަގަކުރެއްވުމުގެ ކުރިން ވިދާޅުވީ، އެ ވާހަތަކުން، ދަސްވެނީންގެ މައުލޫމާތު މުއްސަނދި ކުރުމަށާއި ކަންކަން ދެނެގަނެ ދިރާސާކޮށް އަމިއްލަ އިތުބާރާއި ޔަޤީންކަމަށް އެދެވޭ ކުރިއެރުމެއް ގެނެސްދޭނެ ކަމަށެވެ.

ފިލޯސަފީ އާއި ސޯޝިއޮލޮޖީގެ ބާރު

ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ، ޤައުމީ މައްސަލަތަކަށް ޙައްލު ހޯދުމުގައި ފިލޯސަފީ އާއި ސޯޝިއޮލޮޖީގެ މުހިންމުކަމެވެ. މި ދެ މާއްދާއަކީ ލިބޭ ފައިދާ ކުޑަކަމަށް ބައެއް ފަހަރު ބެލެވިފައި އޮތަސް ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢަށް އެދެވޭ ބަދަލުތަކެއް ގެނައުމަށް ބަރަށް ބޭނުންތެރި ބާރުގަދަ ދެ މާއްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ޑރ. ހައިދަރު ވިދާޅުވި ގޮތުގައި، ފިލޯސަފީން ދަސްކޮށްދެނީ ވިސްނާގޮތް ކަމަށެވެ. ސުވާލުކުރުމާއި ސަބަބުތައް ދެނެގަތުމާއި ފެންނަފަށުގައި ހުންނަ ކަންތައްތައް ފޫއަޅުވައި ފުނަށް ބަލަން އެ މާއްދާއިން ދަސްކޮށްދެއެވެ. ސޯޝިއޮލޮޖީން ދަސްކޮށްދެނީ ވިސްނަންވީ ކަންތައްތަކެވެ. އަޅުގަނޑުމެންގެ ދިރިއުޅުން ބައްޓަންކުރުމަށް މުޖްތަމަޢުގައި އުފެދިފައިވާ މިންތަކާއި އިންތަކާއި ގުޅުންތަކާއި ހަމަހަމަކަމަށް ހުރި ގޮންޖެހުންތަކެވެ.

"މުޖްތަމަޢުގައި ދެކަފިވެފައިވާ ޚިޔާލާތެއް ކުރިމަތިވެފައިވާ ހިނދެއްގައި، ތެދު ޙަޤީޤަތާއި ޤަބޫލުކުރެވޭ ހެކިތަކާއި ސަބަބުތަކާއި އެއްބަޔަކު އެނެއްބަޔަކާ ހިތްހެޔޮކަމާއެކު މުއާމަލާތްކުރުމުގެ ފައިދާ ހަނދާންކޮށްދެނީ ފިލޯސަފީން. އިޖްތިމާއީ ފަރަގުތައް އިތުރުވާއިރެއްގައި ސޯޝިއޮލޮޖީން ގޮވާލަނީ އޭގެ ސަބަބުތައް ހޯދަން. ކީއްވޭތޯ ސުވާލުކޮށް އިޖްތިމާއީ އަދާލަތު ގެނެސްދީ، ހަމަހަމަކަމާއި ބައިވެރިވުން އިތުރުކުރަން" ދަސްވެނީންނާ މުޙާޠަބުކޮށް ވަޒީރު ވިދާޅުވިއެވެ.

ފަގީރުކަމާއި ފަސާދައާއި ތިމާވެށީގެ ގެއްލުންތަކަށް އަޅުގަނޑުމެން ހައްލު ހޯދަން އެދޭނަމަ ސިޔާސީ ގޮތުންނާއި އަމަލީ މައިދާނުގައި ވެސް އަޅުގަނޑުމެން ބޭނުންވަނީ މުޖްތަމަޢުގައި ހުރި އުޅުންތަކާއި ގުޅުންތަކާއި ސަޤާފަތާއި އާދަކާދައާއި ހަމަތަކާއި އަގުތަކާއި ނިޒާމުތައް ރަނގަޅަށް ދަންނަ އެކަންކަމާމެދު ވިސްނާ ފިކުރުކުރުމުގެ ޤާބިލުކަން ލިބިފައި ތިބި ބައެއް ކަމަށް ޑރ. ހައިދަރު ވިދާޅުވިއެވެ.

"އެހެންވެ މިފަދަ ދާއިރާތަކުން ތަޢުލީމު ޙާޞިލްކޮށްގެން ނުކުންނަ ދަސްވެނިން މުހިންމުވަނީ. ހަމައެކަނި ނިވަލުގައި ތިބެ ކަންކަމަށް ފާޑުކިޔާ ބައެއްގެ ގޮތުގައެއް ނޫން. އެދެވޭ ބަދަލުތަކެއް ގެނައުމަށް އަމަލީގޮތުން ހަރަކާތްތެރިވާނެ ފަހުލަވާނުންގެ ގޮތުގައި" ޑރ. ހައިދަރު ވިދާޅުވިއެވެ.

އެކްސްޕޯޓް އެޑިޔުކޭޝަނުން ލިބޭ ފައިދާ

ވަޒީރު ވިދާޅުވީ، އެކްސްޕޯޓް އެޑިޔުކޭޝަނާމެދު ބެލެވިފައި އޮންނަނީ ހަމައެކަނި އިޤްތިޞާދީ ނަޒަރަކުން ކަމަށެވެ. ބޭރުގެ ކިޔަވާކުދިން ގެނެސްގެން ލިބޭ ފައިސާގެ މައްޗަށެވެ. ނަމަވެސް އޭގެ އަޞްލު ފައިދާ އާއި މަންފާ މާބޮޑަށް ވެސް ފުންކަމަށް ޑރ. ހައިދަރު ވިދާޅުވެދެއްވިއެވެ.

"ކިޔަވާކުދިންގެ މަންޒިލަކަށްވާން އެދޭނަމަ، އެންމެ ފުރަތަމަ ވެސް އަޅުގަނޑުމެންގެ މަތީ ތަޢުލީމު ދިނުމުގެ ފެންވަރު މަތިވާންޖެހޭ. އަޅުގަނޑުމެންގެ ތަޢުލީމުދޭ މަރުކަޒުތަކުގައި އީޖާދީ ކުރިއެރުންތަކަށް މަގުފަހިކޮށްދީ، މަތީފެންވަރެއްގައި ކިޔެވުމުގެ ތަޖުރިބާ ލިބޭނެ ގޮތްތައް އެކުލަވާލައި، ދެވޭ ތައުލީމުގެ ފެންވަރަށް ޖަވާބުދާރީވާނެ ހަމަތަކާއި އުޞޫލުތައް ޤާއިމްކުރަން ޖެހޭނެ" މަތީ ތަޢުލީމާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވިގޮތުގައި، ދުނިޔޭގެ ކަންކޮޅުތަކުން ދަރިވަރުން ގެންނަނަމަ، އަޅުގަނޑުމެން އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވާން ޖެހޭނެއެވެ. ޚިދުމަތްތައް ޒަމާނީކޮށް މިންގަނޑުތައް މަތިކުރަންޖެހެއެވެ. ކިޔަވައިދޭ އެއްޗިއްސާއި ކިޔަވައިދޭ ގޮތްތައް ހިމެނޭގޮތުން އެކަމުން އަޅުގަނޑުމެންނަށް އައު ޚިޔާލުތަކާއި، ޢާލަމީ ގުޅުންތަކަށް ފުރުޞަތު ލިބި އަޅުގަނޑުމެންގެ އަމިއްލަ ވިސްނުމާއި ދެނެގަތުން އިތުރަށް މުއްސަނދިވެ، އައު ނަޒަރިއްޔާތުތަކާއި ޚިޔާލާތުތަކަށް ލޯހުޅުވި ވިސްނުން ގުޅާވެގެންދެއެވެ.

މީގެ އިތުރުން އަޅުގަނޑުމެންގެ ޒަމާންވީ ދިވެހި ތަރިކައާއި، އާދަކާދައާއި، އުޅުންތަކާއި ހަމަތަކާއި އަގުތައް ވެސް އެކްސްޕޯޓް ކުރެވިގެންދާނެއެވެ.

"މިކަމަކީ ހަމައެކަނި ބޭރުން އަންނަ ދަރިވަރުން އަޅުގަނޑުމެންގެ ފަރާތުން އެއްޗެއް ދަސްކުރުން އެކަންޏެއްނޫން. އަޅުގަނޑުމެންނަށް ބޭރުގެ ދަރިވަރުންގެ ކިބައިންވެސް ވަރަށް ގިނަ ތަޖުރިބާތައް ހިއްސާކުރެވި މައުލޫމާތު ލިބިގެންދާނެ"

ބޭރުގެ ބަސް ދަސްކުރުމުގައި މާދަރީބަހުގެ މުހިންމުކަން

ވަޒީރު، ޑރ. ހައިދަރު ވިދާޅުވީ، އިނގިރޭސި ބަހާއި އަރަބި ބަހާއި ފްރެންޗް ފަދަ ބަހަކަށް މޮޅުވެވޭނީ އަޅުގަނޑުމެންގެ މާދަރީބަސް ދޫކޮށްލައިގެން ކަމަށް ގިނަބަޔަކު ޤަބޫލުކުރާ ކަމަށެވެ. އެއީ ތާކުންތާކުޖެހޭ ވިސްނުމެއްނޫން ކަމަށާއި އެއީ ޙަޤީޤަތާ އިދިކޮޅު ކަމަށް ޑރ. ހައިދަރު ދަސްވެނީންނަށް ހަނދާންކޮށް ދެއްވިއެވެ.

މާދަރީބަހުން މޮޅަށް މުއާމަލާތްކުރެވުމަކީ އެހެނިގެން ބަސްތައް ދަސްކުރުމަށް އެޅޭ އެންމެ ވަރުގަދަ ބިންގާ ކަމަށާއި ކަންކަމާމެދު ފުންކޮށް ވިސްނައި ފިކުރުކުރުމަށާއި، ސަޤާފަތާއި އާދަކާދައަށް ލޯހުޅުވުމަށާއި ޖަޒްބާތުތަކާއި ޝުޢޫރުތައް ފާޅުކުރުމަށް ކުޑައިރުއްސުރެ ދަސްކޮށްދޭ ކަމަށް މަތީ ތަޢުލީމާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

"ސުވާލުކުރުމާއި ކަންތައްތައް އުނގެނުމާއި ހުވެފެން ބެލުމާއި ދުނިޔޭގެ ކަންކަން ދެނެގަތުމުގައި ވެސް ބޭނުންކުރަނީ މާދަރީ ބަސް. އަމިއްލަ މާދަރީބަހަށް ކުޅަދާނަވި މިންވަރަކުން، ދަސްކުރަން އެދޭ ދެވަނަ ނޫނީ ތިންވަނަ ބަހުން މުޢާމަލާތް ކުރަން ފަސޭހަވެގެންދޭ. އަމިއްލަ މާދަރީ ބަހަށް މޮޅުނަމަ ބޭރުބަހުގެ މުއްސަނދިކަމާއި ޚާއްޞަ ސިފަތައް ދެނެގަތުމަށް މަގުފަހިވެގެންދޭ" ދިރާސާތަކުގެ އަލީގައި ވަޒީރު ޑރ. ހައިދަރު އިލްތިމާސް ކުރެއްވީ މާދަރީބަހުން މުޢާމަލާތްކުރަން ފަރިތަ ޒަމާންވީ ތާރީޚާއި ސަޤާފަތަށް އަހުލުވެރި ވުމަށެވެ.

އިންގިލާބީ ބަދަލެއް ގެނެސްދޭ ޑިޖިޓަލައިޒޭޝަން

ސުމޭކުގެ ޒަރީޢާއިން ޢިލްމް އުފެއްދުމާއި ހޯދުމާއި ހިއްސާކުރުމަށް އިންޤިލާބީ ބަދަލެއް ގެނެސްދީފައިވާކަން ފާހަގަކުރައްވައި ވަޒީރު ފާހަގަކުރެއްވީ، ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި ލޮޅުންތަކުން އާލަމީ ވަބާތަކާއި ހަނގުރާމައާއި ހަމަނުޖެހުންތަކުން ފަންނިއްޔާތު ފޯދިގެން އައީ ހަމައެކަނި ތައުލީމް ފޯރުކޮށްދިނުމުގެ އިތުރުއެހީއެއްގެ ގޮތުގައި ނޫންކަމަށާއި އަލުން ދިރުން ގެނެސްދިން ވަޞީލަތެއްގެ ގޮތުގައެވެ.

"ޑިޖިޓަލައިޒޭޝަންގެ ސަބަބުން ޖޯގްރަފީ އާއި ވަގުތުގެ ސަބަބުން ނުކުންނަ ދަތިތައް ނައްތާލާ. އެންމެ ކުދި ރަށްރަށާއި އަވަށްތަކަށް މަތީ ފެންވަރުގެ ޢިލްމީ މައުލޫމާތު ގެނެސްދެވޭ. ކިޔެވުމުގެ އަމިއްލަ ތަޖުރިބާތައް ބައްޓަން ކުރުމަށާއި އެކިކަހަލަ އިމްތިޙާނުތައް ބޭއްވުމަށާއި ވަގުތުން ނަތީޖާއާއި ފާޑުކިޔުން ލިބޭ ގޮތް ޑިޖިޓަލައިޒޭޝަންގެ ވަޞީލަތްތަކުން ލިބިދޭ" ވަޒީރު ވިދާޅުވިއެވެ.

އަގުބޮޑު ޓެކްސްޓް ފޮތްތައް ގަނެވޭނެ ފޯރުންތެރިކަންނެތް ކުއްޖާއަށް ވެސް މޮބައިލްފޯނެއްގެ ޒަރީޢާއިން ބޮޑެތި ކުތުބުޚާނާތަކުން ޢިލްމާއި މައުލޫމާތު ލިބިދޭ ކަމަށާއި ޚާއްޞައެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވާނެ އާލާތްތަކުގެ އެހީގައި އެހެން ދަރިވަރުންނެކޭ އެއްފަދައިން ތައުލީމަށް ފުރުޞަތު ލިބިގެންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އޮންލައިން މަސައްކަތު ބައްދަލުވުމަކުން މުދައްރިސެއްގެ ހުނަރުވެރިކަން އިތުރުކުރެވި ޖެހިގެން އަންނަ ދުވަހުގެ ކުލާހަށް އިތުރު އާރޯކަމާއި ޝަޢުޤުވެރުކަމާއި ދިނުން ގެނެސްދޭކަން ވެސް ފާހަގަކުރެއްވިއެވެ.

"ޑިޖިޓަލައިޒޭޝަން ވާންޖެހޭނީ ފާލަމަކަށް. ހުރަހަކަށް ވެގެން ނުވާނެ. ސުމޭކާއި ފައްނިއްޔާތުގެ ޒަރީޢާއިން ދެވޭ ތަޢުލީމަކީ އެންމެންނަށް އެއްހަމައަކުން ލިބޭ އެއްޗަކަށް ހަދަން ޖެހޭ. ކެރިފޯރުންތެރިކަމަށް ބަރޯސާވާ އެއްޗަކަށް ވެގެން ނުވާނެ. ހަމަހަމަކަމާއެކު އެންމެންނަށް ވެސް ލިބޭ ވަޞީލަތަކަށް ހެދުމަށް އިސްކަންދޭން ޖެހޭ"

ވަޒީރުގެ ވާހަކަފުޅު ނިންމާލައްވަމުން ދަސްވެނީންނަށް ވިދާޅުވީ، ކުރިމަތީގައި އޮތީ ގޮތް ނޭނގޭ ރާސްތާއެއް ކަމަށާއި އެހެން ނަމަވެސް ވަރަށް ގިނަ އުއްމީދުތަކާއި ތަޖުރިބާތަކަށް ހުޅުވިފައިވާ ދޮރެއް ކަމަށެވެ. ދަސްވެނީންނަށް ލިބިފައިވާ ޢިލްމްގެ އިތުރުން އައު ކަންތައްތަ ދަސްކުރުމަށާއި އަމިއްލަ އިޚްތިޔާރުގައި ނުވާކަންކަން ބަލައިގަތުމާއި މަގުދެއްކުމަށް ވާނީ ގޮތްތަކެއް އުނގެނިފައި ކަމަށެވެ.

"މުދައްރިސަކަށް ވިޔަސް ސިވިލް ސާވަންޓަކަށް، ވިޔަފާރިވެރިއަކަށް ނޫނި ސިޔާސީ އެކްޓިވިސްޓަކަށް ވިޔަސް ތިމާއަށް ލިބިފައިވާ އަޑާއި ގެންގުޅޭ ސުލޫކާއި ދެކޭ ހުވަފެންތައް ދުވަހަކުވެސް ހިޔަނިއެޅުނަ ދީގެންނުވާނެ"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *