އަބްދުﷲ ނަސީމް ޢަބްދުލްމަތީން
ކުޑަކުދިންނަށް ކުރާ އަނިޔާއަކީ ދުނިޔޭގެ އެތައް މިލިއަން ކުދިންނަކަށް އަސަރުކުރާ ނުރައްކާތެރި މައްސަލައެކެވެ. މިފަދަ ހާދިސާތައް ރާއްޖޭގައި ވެސް ދަނީ ހިނގަމުންނެއެވެ. އެންމެ ހިތާމަހުރި ކަމަކީ، ގިނަ ކުދިންނަށް އެކަށީގެންވާ މިންވަރަށް މިފަދަ މައްސަލަތަކުގެ އަސްލު ނޭނގުމުގެ ސަބަބުން، އެކުދިންނަށް ގެއްލުން ލިބުމުގެ ފުރުސަތު ބޮޑުވުމެވެ. އަދި ގިނަ ފަހަރަށް އަނިޔާ ލިބޭ ކުދިންނަށް އެކަން ރިޕޯޓުކުރާނެ ގޮތާއި، ޢިލްމާއި، އިތުބާރު ލިބިފައި ނެތުމެއެވެ. އެއީ ރަނގަޅުނޫން ކަންތައްތައްކަމެއް ވެސް ގިނަ ފަހަރަށް އެކުދިންނަށް ނޭނގެއެވެ.
މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ޕަންޖާބު ދާޚިލީ ޑިޕާޓްމަންޓުން ނިންމީ ސްކޫލްތަކުގެ މަންހަޖުގައި "ގުޑް ޓަޗް، ބޭޑް ޓަޗް" ޕްރޮގްރާމެއް ހިމެނުމަށެވެ. މި ޕްރޮގްރާމްގެ މަޤްޞަދަކީ ކުޑަކުދިންނަށް ހަށިގަނޑުގެ އަމިއްލަވަންތަކަމާއި އަމިއްލަ ރައްކާތެރިކަމާ ބެހޭ މަޢުލޫމާތު ކުޑައިރުއްސުރެ ފޯރުކޮށްދިނުމެވެ. މިއީ ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ކުރިމަތިލުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.
މި ފަދަ ޕްރޮގްރާމެއްގެ ސަބަބުން ކުދިންނަށް "ރަނގަޅު" އަދި "ނުރަނގަޅު" އަތްލުމަކީ ކޮބައިކަން ދަސްވެ، އަނިޔާވެރި ޢަމަލުތައް ދެނެގަތުމަށާއި، އަމިއްލަ ހަށިގަނޑުގެ މިލްކުވެރިކަން ދެނެގަތުމަށް މަގުފަހިވެގެންދާނެއެވެ. ކުދިންނަށް އަނިޔާވެރިކަން ދެނެގަތުމަށް ދަސްކޮށްދިނުމާއިއެކު، އެކަށީގެންނުވާ ޢަމަލުތަކާ ކުރިމަތިލާނެ ގޮތާއި، އެކަމާ ގުޅޭގޮތުން ވާހަކަދައްކާނެ ގޮތް ދަސްކޮށްދީ، ކުދިން ބާރުވެރިކުރުވިދާނެއެވެ.
މި ފަދަ އިސްނެގުންތަކުގެ މުހިންމުކަން ވަޒަންނުކުރެވޭހާ ބޮޑެވެ. ސަބަބަކީ މިއީ ކުޑަކުދިންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށް އެޅޭ އަސާސީ ފިޔަވަޅަކަށް ވާތީއެވެ. މި ލިޔުމުގައި ބަލާލާފައި ވަނީ ޕަންޖާބުގެ ދާޚިލީ ޑިޕާޓްމަންޓުން ތައާރަފު ކުރި އެ ޕްރޮގްރާމުގެ މުހިންމު ބައިތަކަށެވެ.
ޕްރޮގްރާމްގެ އަސާސްތަކާއި މަޢުލޫމާތު
"ގުޑް ޓަޗް ބޭޑް ޓަޗް" ޕްރޮގްރާމްގެ މަޢުލޫމާތުތައް އެކުލަވާލެވިފައިވަނީ ކުދިންގެ އުމުރާ އެކަށޭނަ މުހިންމު މަޢުލޫމާތު ހިމެނޭ ގޮތަށެވެ. މި މަންހަޖުގައި މި މަފްހޫމްތައް ކުދިންނަށް ކިޔައިދެވޭނީ އެކުދިންގެ އުމުރާ އެކަށީގެންވާ، ސާދާ އަދި ދޭހަވުން ފަސޭހަ ގޮތަކަށެވެ. އަދި މީގެ އިތުރުން ބަސްމަގު ފަސޭހަކުރުމަށް އެހީވެދޭ ތަސްވީރުތަކާއި ކުރެހުންތައް ބޭނުން ކޮށްގެންނެވެ.
މި މަންހަޖުގައި އަންނަނިވި އަސާސްތައް ހިމެނޭނެއެވެ:
1- އަމިއްލަވަންތަކަން: ކުދިންނަށް އަމިއްލަވަންތަކަމާއި އިންތަކުގެ މަފްހޫމް ދަސްކޮށްދެވޭނެއެވެ. މީގެ ތެރޭގައި ތިމާ ދަންނަ މީހަކު ކަމުގައި ވިޔަސް، ނުވަތަ ނުދަންނަ މީހަކު ކަމުގައި ވިޔަސް އެއްވެސް ބާވަތެއްގެ ނުރަނގަޅު އަތްލުމަކަށް "ނޫނެކޭ" ބުނުމުގެ ޙައްޤު ލިބިގެންވާކަން ދަސްކޮށްދެވޭނެއެވެ.
2- "ރަނގަޅު އަތްލުން" ދެނެގަތުން: މި ޕްރޮގްރާމްގެ ސަބަބުން ކުދިންނަށް "ރަނގަޅު އަތްލުން" ދެނެގަނެވޭނެއެވެ. މީގެ ތެރޭގައި ހިމެނެނީ މައިންބަފައިންގެ ފަރާތުން ލިބޭ ބައްދާލުމާއި، ބުރަކަށީގައި ފިރުމާލުން ފަދަ ހެޔޮ އިޝާރާތްތަކެވެ.
3- "ނޭދެވޭ އަތްލުން" ދެނެގަތުން: މި ޕްރޮގްރާމްގެ ތެރެއިން ކުދިންނަށް ނޭދެވޭ އަތްލުމަކީ ކޮބައިކަން ދަސްކޮށްދެވޭނެއެވެ. މީގެ ތެރޭގައި ހިމެނެނީ އަމިއްލަވަންތަކަމަށް އަރައިގަތުމާއި، ހަށިގަނޑުގެ ރައްކާތެރިކަން ގެއްލޭފަދަ ކަންކަމެވެ. އަދި މިފަދަ ހާލަތްތަކުގައި ނުތަނަވަސްކަން ފާޅުކުރުމަކީ އެކަށީގެންވާ ކަމެއްކަމާއި، އެފަދަ ހާލަތްތަކުން އަމިއްލައަށް ދުރުވުމުގެ ހައްޤު ލިބިގެންވާކަން ވެސް ކުދިންނަށް އުނގަންނައިދެވޭނެއެވެ.
4- އިޖާބަދިނުމުގެ ހުނަރުތައް: ނޭދެވޭ އަތްލުން ދެނެގަތުމުގެ އިތުރުން، މިފަދަ ހާލަތްތަކާ ކުރިމަތިލާއިރު އިޖާބަދޭންވީ ގޮތްތައް ވެސް ކުދިންނަށް އުނގަންނައިދެވޭނެއެވެ. މީގެ ތެރޭގައި އަޑުހަރުކޮށް "ނޫނެކޭ" ބުނުމާއި، ނުރައްކާތެރި ހާލަތްތަކުން އަވަހަށް ދުރުވުމާއި، އިތުބާރުހުރި ބޮޑެތި މީހެއްގެ އެހީތެރިކަން ހޯދުމަށް ހިތްވަރުދިނުން ފަދަ ކަންކަން ހިމެނޭނެއެެވެ.
5- ނޭދެވޭ ޢަމަލުތައް ރިޕޯޓުކުރުން: މި ޕްރޮގްރާމްގެ އެންމެ މުހިންމު އެއް ބައިގެ ގޮތުގައި ހިމެނެނީ ކުދިންނަށް ނޭދެވޭ ޢަމަލުތައް ރިޕޯޓުކުރާނެ ގޮތް އުނގަންނައިދިނުމެވެ. މި ޕްރޮގްރާމްގެ ތެރެއިން ކުދިންނަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ޝައްކުކުރެވޭނަމަ ނުވަތަ އަނިޔާއެއް ލިބިއްޖެނަމަ ބެލެނިވެރިއެއް، މުދައްރިސެއް ނުވަތަ ކައުންސެލަރެއް ފަދަ ފަރާތަކަށް އެކަން އަންގަން ޖެހޭނެކަމަށް ކުދިންނަށް ނަސޭހަތްދެވޭނެއެވެ. މީގެ އިތުރުން، ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ހޮޓްލައިންތަކާއި، ކުއްލި ހާލަތްތަކުގައި ގުޅޭނެ ނަންބަރުތައް ވެސް ކުދިންނަށް ދަސްކޮށްދެވޭނެއެވެ.
ޕްރޮގްރާމްގެ ފައިދާ
"ގުޑް ޓަޗް، ބޭޑް ޓަޗް" ޕްރޮގްރާމަކީ ކުޑަކުދިންނަށާއި، އާއިލާތަކަށާއި އަދި މުޅި މުޖުތަމަޢަށް ވެސް ގިނަގުނަ ފައިދާތަކެއް ކުރާނެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު ފައިދާތަކުގެ ތެރޭގައި:
1- ކުދިންގެ ހަށިގަނޑާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި، އަމިއްލަ އަގު ވަޒަންކުރުމާއި އަދި އަމިއްލަ ނަފްސުގެ މުހިންމުކަން އިހުސާސްކޮށްދިނުން. މިކަމުގެ ސަބަބުން ކުދިންނަށް އަމިއްލަ ހަށިގަނޑު ރައްކާތެރިކުރުމުގެ ޙައްޤު ލިބިގެންވާކަން އެނގި، އަނިޔާގެ ޝިކާރައަކަށްވުމުގެ ފުރުޞަތު މަދުވެގެންދާނެއެވެ.
2- މުޖުތަމަޢުގައި ހުޅުވިގެންވާ މުޢާމަލާތްކުރުމުގެ ސަޤާފަތެއް ބިނާކުރުމަށް މަގުފަހިކޮށްދިނުން. މީގެ ސަބަބުން ކުދިންނަށް ޖިސްމާނީ އަނިޔާ ފަދަ ނާޒުކު މައުޟޫޢުތަކާ ބެހޭގޮތުން ވާހަކަދެއްކުމަކީ އެކަށީގެންވާ ކަމެއްކަން ދަސްވެގެންދާނެއެވެ. މިފަދަ މުޢާމަލާތްތަކަށް ކުޑައިރުއްސުރެ ހިތްވަރުދިނުމަކީ މިފަދަ މައްސަލަތަކާ ގުޅިގެން އުފެދޭ އިޖުތިމާޢީ ލަދުވެތިކަން ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. އަދި މިއީ ގިނަ ފަހަރަށް އަނިޔާވެރިކަން ދިގު މުއްދަތަކަށް ރިޕޯޓު ނުކުރެވި ލަސްވާ އެއް ސަބަބެވެ.
3- ހަގު އުމުރުގައި އެކަށީގެންނުވާ ޖިސްމާނީ ގުޅުންތަކާ ބެހޭގޮތުން ކުދިންނަށް މަޢުލޫމާތު ދިނުމުން، އަނިޔާވެރިކަން ފެށުމުގެ ކުރިން އެކަން ހުއްޓުވުމަށް މަގުފަހިވެގެންދާނެއެވެ. ދިރާސާތަކުން ދައްކާގޮތުގައި އަމިއްލަ ރައްކާތެރިކަމާ ބެހޭގޮތުން ދަސްކޮށްދީ، އެކަމާއި ދެކޮޅަށް ވާހަކަދެއްކުމުގެ ޤާބިލުކަން އުފެދިފައިވާ ކުދިންނަށް ނޭދެވޭ އަމަލުތަށް ރިޕޯޓުކޮށް، އިތުރު ގެއްލުންތަކުން ސަލާމަތްވުމުގެ ފުރުޞަތު ބޮޑުވެގެންދާނެކަމެކެވެ.
މުޖުތަމަޢަށް ކުރާ އަސަރުވެސް ހަމަ އެހާމެ ބޮޑެވެ. "ގުޑް ޓަޗް، ބޭޑް ޓަޗް" ޕުރޮގުރާމުގެ ސަބަބުން ކުޑަކުދިންނަށް ކުރާ އަނިޔާގެ ނިސްބަތް މަދުވެ، އިޖްތިމާޢީ ރައްކާތެރިކަން އަޅުން ޤާއިމުކުރެވިގެންދާނެއެވެ.
ޕަންޖާބުގެ ހޯމް ޑިޕާޓްމަންޓުން ސްކޫލްތަކުގެ މަންހަޖުތަކުގައި "ގުޑް ޓަޗް، ބޭޑް ޓަޗް" އަށް ހޭލުންތެރިކަން އިތުރުކުރުމަށް ނިންމި ނިންމުމަކީ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ކުރެވޭ މަސައްކަތުގައި މުހިއްމު ދައުރެއް އަދާކުރާނެ ނިންމުމެކެވެ. މި ޕްރޮގްރާމްގެ ސަބަބުން ކުދިންނަށް އަމިއްލަވަންތަކަމާއި، ރަނގަޅު އަދި ނުރަނގަޅު އަތްލުމުގެ ތަފާތު ދެނެގަނެވި، އަމިއްލަ ނަފްސު ރައްކާތެރިކުރުމަށް ބޭނުންވާ މުހިންމު ހުނަރުތައް ދަސްވެގެންދާނެއެވެ.
ތަޢުލީމީ ދާއިރާގެ މާހިރުންނާއި ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު، މި ޕްރޮގްރާމް ފައިދާހުރި ގޮތެއްގައި ތަންފީޒުކުރެވުމުގެ ސަބަބުން، އަނިޔާގެ ބިރުވެރިކަމުން ރައްކާތެރިވެފައިވާ ޢިލްމީ ޖީލެއް ބިނާކުރެވިގެންދާނެއެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގައި މުޖުތަމަޢުގެ ދައުރު އިތުރަށް ފުޅާވަމުންދާއިރު، މިފަދަ އިސްނެގުންތަކަކީ ކުދިންގެ ހޭލުންތެރިކަން އިތުރުކޮށް، އަޅާލުމާއި ރައްކާތެރިކަމާއި އިޙްތިރާމުގެ ސަގާފަތެއް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މުޖުތަމަޢުގެ އެންމެހައި ދާއިރާތަކުގެ ގުޅިލާމެހިފައިވާ މަސައްކަތާއި އެއްބާރުލުމާއެކު، ކުޑަކުދިން ބޮޑުވަމުންދާނީ އަނިޔާގެ ބިރުވެރިކަމުން ސަލާމަތްވެ، ހާމަކަން ބޮޑު މާޙައުލެއްގައި ވާހަކަދެއްކުމާއި އަމިއްލަ ނަފްސު ރައްކާތެރިކުރުމުގެ ޢިލްމާއި އިތުބާރު ލިބިގެންނެވެ. މިކަމުގެ ސަބަބުން އަމާން އަދި ރައްކާތެރި މުސްތަޤްބަލަކަށް އުންމީދުކުރެވެއެވެ.
ހިޔާލު