އެމްއެންޔޫއެސްޔޫގެ ވޮލީ މުބާރާތް: ފިރިހެނުންގެ ޗެމްޕިއަންކަން ފެކަލްޓީ އޮފް އެޑިޔުކޭޝަނަށް، އަންހެނުންގެ ޗެމްޕިއަންކަން ސްކޫލް އޮފް ނާރސިންގ އަށް

މައިނާ އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ވޮލީ ބޯޅަ މުބާރާތުގެ ފިރިހެނުންގެ ޗެމްޕިއަންކަން ފެކަލްޓީ އޮފް އެޑިޔުކޭޝަން، އަންހެނުންގެ ޗެމްޕިއަންކަން ސްކޫލް އޮފް ނާރސިންގއިން ހޯދައިފިއެވެ.

ފިރިހުންގެ ޗެމްޕިއަންކަން ފެކަލްޓީ އޮފް އެޑިޔުކޭޝަނުން ހޯދީ ރޭ ކުޅުނު ފައިނަލް މެޗްގައި ސްކޫލް އޮފް ނާރސިންގ އާ ވާދަކޮށް ތިން ސެޓުން މޮޅުވެގެންނެވެ. މިއީ އެ ފެކަލްޓީން ތަށި ހޯދި ދެވަނަ ފަހަރެވެ. ފައިނަލް މެޗްގެ މޮޅުކުޅުންތެރިޔަކީ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ފަރުހަތު ޖަލީލެވެ.

ފައިނަލުގެ ފުރަތަމަ ސެޓްގައި ދެ ޓީމުން ވެސް ފެނުނީ ވާދަވެރި ކުޅުމެކެވެ. ފުރަތަމަ ސެޓް ފެކަލްޓީ އޮފް އެޑިޔުކޭޝަނުން ގެންދިޔައީ 24-26ންނެވެ. ދެ ވަނަ ސެޓާއި ތިން ވަނަ ސެޓް ފެކަލްޓީ އޮފް އެޑިޔުކޭޝަނުން ގެންދިޔައީ ފަސޭހަ ކަމާއެކު ބޮޑު ތަފާތަކުންނެވެ. ދެވަނަ ސެޓް ހޯދީ 15-26ންނެވެ. ތިން ވަނަ ސެޓް ހޯދީ 18-25ންނެވެ.

އަންހެނުންގެ ޗެމްޕިއަންކަން ސްކޫލް އޮފް ނާރސިންގ އިން ހޯދީ، އިއްޔެ ހަވީރު ކުޅުނު ފައިނަލުގައި ސީދާ ތިން ސެޓުން ބިޒްނަސް ސްކޫލް ބަލިކޮށްގެންނެވެ. މިއީ ސްކޫލް އޮފް ނާރސިންގ އިން ހޯދި ފަސް ވަނަ ތައްޓެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކީ ސްކޫލް އޮފް ނާރސިންގ އިބާ އަބްދުﷲއެވެ.

އަންހެނުންގެ ފައިނަލުގައި ވެސް ފުރަތަމަ ސެޓްގައި ދެ ޓީމުން ވާދަވެރި ކުޅުމެއް ފެނުނެވެ. ފުރަތަމަ ސެޓް ސްކޫލް އޮފް ނާރސިންގ އިން ގެންދިޔައީ 15-23ންނެވެ. ދެވަނަ ސެޓް ގެންދިޔައީ 18-25ންނެވެ. ތިންވަނަ ސެޓް ގެންދިޔައީ 16-25ންނެވެ.

އަންހެން ޑިވިޜަޒަންގެ އެންމެ އުއްމީދީ ކުޅުންތެރިޔަކީ ސްކޫލް އޮފް ނާރސިންގ މަނާލް އިސްމާއިލް ރަޝީދެވެ. ފިރިހެން ޑިވިޜަންގެ އެންމެ އުއްމީދީ ކުޅުންތެރިޔަކި ބިޒްނަސް ސްކޫލުގެ ޖަރޒީ ނަންބަރު 10 އަހްމަދު ﷲ މުހައްމަދު ސާދާތުއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *