ޑރ. އާސިޔަތު މުޙައްމަދު ދީދީ
ނެޓްފްލިކްސްގެ މިނި ސީރީސް "އެޑޮލެސެންސް" ބަލަމުން ދިޔައިރު، އަޅުގަނޑުގެ ވިސްނުމަށް އައި ޓެކްނޮލޮޖީއަށް ބަރޯސާވެފައިވާ މި ޒަމާނުގައި ގިނަ ޅަފުރައިގެ ކުދިން ކުރިމަތިލާން ޖެހޭ ނާޒުކު ގޮންޖެހުންތަކެވެ. މި ސީރީސްއަކީ ހަމައެކަނި ޑްރާމާއެއް ނޫނެވެ. މިއީ ކުޑަކުދިންނާމެދު ހޭލުންތެރިކަން އިތުރުކުރަންޖެހޭ މިންވަރު އަންގައިދިން މުހިންމު މަސައްކަތެކެވެ. 13 އަހަރުގެ ޖެއިމީ މިލަރ އަށް ދިމާވާ ހިތާމަވެރި ހާދިސާގެ ތެރެއިން، މި ސީރީސްއިން ކޮންމެ މަޔަކާއި ބަފައަކަށް، މުދައްރިސަކަށް އަދި ކޮންމެ މީހަކު ވެސް ވިސްނާލަން ޖެހޭ ބާރުގަދަ މެސެޖުތަކެއް މި ސީރީޒުން ފޯރުކޮށްދެއެވެ.
ތިރީގައި މިވަނީ މި ސީރީސްއިން އަޅުގަނޑުމެންގެ ސަމާލުކަމަށް ގެނެސްފައިވާ އަޅާނުލާ ދޫކޮށްލެވެން ނެތް މުހިންމު ކަންތައްތަކެވެ.
ތަފާތު އޮންލައިން ހަރަކާތްތަކުގެ ނުފޫޒު
މި ސީރީސްއިން ހާމަކޮށްދިނީ ޒުވާން ކުޑަކުދިން، އަނިޔާވެރިކަން ކުރިއަރުވާ ނުރައްކާތެރި ހަރާކަތްތަކާއި ވިސްނުންތަކުގައި ޖެހި އެކަމު ތެރެއަށް ވަދެވިގެންދާގޮތެވެ. އަޅުގަނޑުމެންގެ ދަރިން، އަޅުގަނޑުމެންނަށް ވެސް އަދި އެކުދިންނަށްވެސް ނޭނގި، މިފަދަ ކަންކަމުގެ ޝިކާރައަކަށް ވަމުންދާއިރު، މީގެ ނަތީޖާ، ޙަޤީޤަތުގައި ވެސް އަޅުގަނޑުމެންނަށް އިޙްސާސްކުރެވޭ މިންވަރަށްވުރެ މާ ނުރައްކާތެރި ކަމެވެ.
ސައިބަރ ފުރައްސާރަކުރުމުގެ ނޭދެވޭ އަސަރުތައް
"އެޑޮލެސެންސް" ސީރީސްއިން ވަރަށް ފުރިހަމައަށް ހާމަކޮށްދެނީ އިންޓަރނެޓް މެދުވެރިކޮށް ކުރެވޭ ފުރައްސާރައާއި އަނިޔާވެރި ޚިޔާލުތަކުން ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ ފުން އަސަރުތަކެވެ. އަދި މިކަމުގެ ސަބަބުން އެކުދިންނަށް ނޭނގި ތިބެ ވެއްޓިގެންދާ ނުރައްކާތެރި ހާލަތެވެ. ޙަޤީޤަތަކީ މިފަދަ އެތައް ނުރައްކާތެރި ހާލަތަކަށް އަޅުގަނޑުމެންގެ މުޖުތަމަޢުގެ ކުޑަކުދިންވެސް ވެއްޓެމުންދާކަމެވެ.
މައިންބަފައިންގެ ބައިވެރިވުން މުހިންމުވާ ސަބަބު
ޖެއިމީގެ ހިތާމަވެރި ތަޖުރިބާއިން އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ މައިންބަފައިން އެމީހުންގެ ދަރިންގެ ޑިޖިޓަލް ދުނިޔެއާ ގުޅޭގޮތުން ހޭލުންތެރިވާންޖެހޭ މިންވަރާއި، އެކުދިންގެ ދިރިއުޅުމުގައި ދުވަހުން ދުވަހަށް ހިނގާ ކަންކަން ދެނެގަންނަން ޖެހޭ ކަމެވެ. މީގެ އިތުރުން، ދަރިންނާއެކު ވާހަކަދައްކައި، މަގުދައްކައި، އަދި އެކުދިންނަށް ދިމާވާ ގޮންޖެހުންތަކާ މެދު ބެލެނިވެރިން ހޭލުންތެރިވެ އެހީތެރިވާން ޖެހޭ މިންވަރެވެ.
ޓެކުނޮލޮޖީގެ ދުނިޔޭގައި ހިނގާ ކަންތަކާއި އަންނަމުންދާ ބަދަލުތައް އެންމެނަށް އެނގެން ޖެހޭ
ޓެކްނޮލޮޖީގެ ދުނިޔޭގައި ހިނގަމުންދާ ކަންތައްތަކާއި އަންނަމުންދާ ބަދަލުތަކުގެ މަޢުލޫމާތު އެންމެންނަށް ލިބިފައި އޮތުމަކީ މުހިންމު ކަމެކެވެ. މި ސިލްސިލާއިން ލިބިގެންދާ ފިލާވަޅަކީ، ކުޑަކުދިންގެ އިތުރުން ބެލެނިވެރިން ވެސް އިޖުތިމާޢީ ވިއުގަތަކުގައި ހިނގަމުންދާ ކަންތައްތައް ދެނެގަނެ، އެންމެ ފަހުގެ މަޢުލޫމާތު ހޯދުމުގެ ބޭނުންތެރި ކަމެވެ. އަދި މީގެ އިތުރުން، ބޮޑެތި މީހުންނަށް ސޯޝަލް މީޑިއާގެ ތެރޭގައި ހިނގާ ކަންކަމާއި އަލަށް އުފެދިގެން އަންނަ ޓްރެންޑްތަކުގެ މަޢުލޫމާތު ނޭނގޭވަރެވެ. އެހެންކަމުން، ކުދިންނާއި ބޮޑެތި މީހުންނަށް ވެސް މި މަޢުލޫމާތުތައް އެނގި، މި ވަސީލަތްތައް ރަނގަޅު ގޮތުގައި ބޭނުންކުރަން ދަސްކުރުމަކީ ނުހަނު މުހިއްމު އެހާމެ ބޭނުންތެރިކަމެކެވެ.
މުޖުތަމަޢް އެކުގައި މަސައްކަތް ކުރަން ޖެހޭ
މި ސިލްސިލާއިން އަލިއަޅުވާލެވޭ އަނެއް ނުކުތާއަކީ، ސްކޫލްތަކާއި މުޅި މުޖުތަމަޢު ގުޅިގެން މި ދާއިރާގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަމެވެ. އަދި ހަމައެހެންމެ، ހޭލުންތެރިކަން އިތުރުކުރުމަށާއި އެކަމަށް ބާރުއެޅުމަށް ކުރެވޭ މަސައްކަތްތައް އިތުރުކުރަން ޖެހޭ ކަމެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި އަންނަމުންދާ ބަދަލުތަކާ އެކު، އަހަރެމެންގެ މުޖުތަމަޢުގެ ހުރިހާ ފަންތިއެއްގެ މީހުން ޑިޖިޓަލްޓަލް ވަސީލަތްތަކާ ގުޅޭގޮތުން ހޭލުންތެރިވުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. މިކަމުގައި ސްކޫލްތަކާއި، ބެލެނިވެރިންނާއި، އަދި މުޅި މުޖުތަމަޢު ގުޅިގެން މަސައްކަތް ކުރުމުގެ ބޭނުންތެރިކަން ބޮޑެވެ. އަހަރެމެން އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ، ޓެކްނޮލޮޖީގެ ފައިދާ ރައްކާތެރި އަދި ޒިންމާދާރު ގޮތެއްގައި ލިބިދިނުމަށް މަގުފަހިވެގެންދާނެއެވެ.
ހިޔާލު