ސަޚާ ހޯދީ ބޭބެގެ ފަހަތުން ސްކޫލުގެ އެއްވަނަ

2018 ވަނަ އަހަރު ނޮޅިވަރަންފަރު ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް ބޭބެ ހޯދުމުން، އޭރު ގުރޭޑް 6 ގައި ކިޔަވަމުން ދިޔަ ފާތިމަތު ސަޚާ އަލީ އަޒުމެއް ކަނޑައެޅިއެވެ. ބޭބެ ހޯދި ނަތީޖާ ތަކުރާރު ކުރުމެވެ. ބޭބެ ދިން ހިތްވަރާއި މަންމަމެންގެ ނަސޭހަތާއި ސްކޫލާއި ޓީޗަރުންކޮށްދިން މަސައްކަތުގެ ނަތީޖާއަކީ ފާއިތުވި 2023-2024 ވަނަ އަހަރު ނޮޅިވަރަންފަރު ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ ފަޚުރުވެރި ވަނަ އޭނާއަށް ލިބުމެވެ.

ދަރިވަރު ނޫހަށް، ސަޚާ ބުނީ، ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ މަޤާމު ލިބުމަކީ އޭނާއަށް ކިޔެވުމުގައި ކުރިއަށް ދިއުމަށް ލިބުނު ބާރެއް ކަމަށާއި ބޭބެ ހޯދައިދިން ރީތި ނަން އާއިލާގެ ތެރޭގައި ދަމަހައްޓަން ލިބުނު ހިތްވަރެއް ކަމަށެވެ.

"ސްކޫލުން އެއްވަނަ ބޭބެ ހޯދި ދުވަހު އަޒުމް ކަނޑައެޅީ އެއްވަނަ މަޤާމް ހޯދަން. އިރާދަކުރެއްވީތީ އެ އުއްމީދު ހާޞިލްވެއްޖެ. އެކަމުގައި އެންމެ ބޮޑު އެހީތެރިކަމަކާއި ހިތްވަރެއް ދެމުން އައީ ބޭބެ. ވާނެއޭ ކުރެވޭނެއޭ، މަސައްކަތް ކުރާށޭ ކިޔައި ދޭ ހިތްވަރަކީ ކާމިޔާބަށް ދިއުމުގެ އަޞްލު" ސްކޫލުގެ ހައުސް ކެޕްޓަނެއްގެ ޒިންމާ ދެ އަހަރު އަދާ ކުރި ސަޚާ ކިޔައިދިނެވެ.

އޯލެވެލްގެ ޤައުމީ ގަދަ ދިހައެއގައި ބޭބެ ދިޔައީ ހަތް ވަނައަށެވެ. ސަޚާ ދިޔައީ ފަސް ވަނައަށެވެ.

ސަޚާއަށް އޯލެވެލްގައި އުނދަގޫވީ އިނގިރޭސިއާއި އިކޮނޮމިކްސްއެވެ. އިނގިރޭސިން ބީއެއް، އިކޮނޮމިކްސް އާއި ހިސާބުން އޭއެއް ލިބި، ދެން ހުރި މާއްދާތަކުން އޭ ސްޓަރއެއް ސަޚާއަށް ލިބުނެވެ.

އަޙްމަދިއްޔާ އިންޓަރނޭޝނަލް ސްކޫލުން އޭލެވެލް ހަދަމުންދާ ސަޚާ ކުރިއަށްދާނެ ދާއިރާއެއް އަދި ނުނިންމައެވެ. ނަމަވެސް މެޑިސިންގެ ދާއިރާއިން ކުރިއަށް ދިއުމާ މެދު ވިސްނުން ތަކެއް އޭނާ ގެންގުޅެއެވެ.

"އަދި ވަކި ދާއިރާއެއް ނުނިންމަން. އޭލެވެލްއަށް އަށްފަހު ގޮތެއް ނިންމާނީ" ސަޚާ ބުންޏެވެ.

ސަޚާ ބުނީ ކިޔަވަން އޭނާއަށް ފަސޭހައީ އެކަންޏެވެ. ކިޔެވުމުގައި ސަޚާ ފުރަތަމަ ކިޔަނީ ފިލާވަޅުގެ ކޮންޓެންޓެވެ. ދެން އެ ކޮންޓެންޓަށް ބަލައިގެން ލިޔެގެން ދަސްކުރަނީއެވެ.

ސަޚާ ބުނީ، އޭލެވެލްގައި ރަނގަޅު ނަތީޖާއެއް ހޯދަން ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އޭލެވެލްގައި ވެސް ރަނގަޅު ނަތީޖާއަކަށް އުއްމީދު ކުރަން"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *