އަބަދުމެ ސިކުނޑީގައި ހަރުލާފައި ހުންނަނީ އަބަސަ ސޫރަތުގައިވާ ގިޔާމަތް ދުވަހުގެ ބިރުވެރިކަމުގެ ވާހަކަ
ހަތް އަހަރުގައި މަންމަ ބުންޏެވެ. "ޤުރުއާން ހިތުން ދަސްކުރާށެވެ. އޭރުން މަންމައާއި ބައްޕައާއި އާއިލާއަށް ވެސް ސުވަރުގެއަށް ދެވޭނެއެވެ." ހުޅުމާލޭގައި ހުންނަ ސީއެޗްއެސްއީގެ 11ގައި މިހާރު ކިޔަވަމުން އަންނަ އަބްދުﷲ އަހުޒަމް އަޙްމަދު ސައީދު ޤުރުއާން ހިތުދަސްކުރަން ހިތްޖެހުނު ސަބަބަކީ އެއީއެވެ. ޓީީވީއެމްއިން ރޯދަމަހު ގެނެސްދިން ނިޔަނެތި ޕްރޮގްރާމުގައި އަހުޒަމް ވަނީ ޤުރުއާން ހިތުދަސް ކުރަން އޭނާ ކުރި މަސައްކަތުގެ ތަފްޞީލެއް ދީފައެވެ.
ކޮވިޑްގެ ޢާލަމީ ވަބާއާ ގުޅިގެން މުޅި ޤައުމު ފުރަބަންދަކަށް ދިޔައިރު، އަހުޒަމަށް ޤުރުއާނުން 14 ފޮތް އޮތީ ދަސްކުރެވިފައެވެ. ބާކީ އޮތް 16 ފޮތް ދަސްކުރީ ކޮވިޑްގެ ތެރޭގައި ގޭގައި ހުންނަން ޖެހުނު ވަގުތުގައެވެ. ވަގުތުގެ ބޭނުން ހިފައި ދުވާލަކު މަދުވެގެން އަށް ގަޑިއިރު ހޭދަކުރީ ޤުރުއާން ހިތުދަސްކޮށް މުޠާލިއާ ކުރުމުގައެވެ. ޤުރުއާން އެކީ ހިތުދަސްކުރި ނަމަވެސް އިމްތިޙާނުގައި އޭނާ އަދި ބައިވެރިވެ ނުވެއެވެ. ޤުރުއާނާ ބެހޭ މަރުކަޒުގެ ހިފްޒް ކޮމިޓީއށް ކިޔައިދީ މި އަހަރުގެ ތެރޭގައި ހާފިޡު ކަމުގެ ސަނަދު ހޯދަން ދަނީ މަސައްކަތް ކުރަމުންނެވެ.
ހިތު ދަސްކުރަން ފެށުމުގެ ކުރިން އަހުޒަމް ފުރަތަމަ ކުރާ ކަމަކީ ޤުރުއާން ކިޔަވާ އަޑުއަހަނީއެވެ. ދެން އަޑުދަށުން ކިޔަވަނީއެވެ. އޭގެ ފަހުން ކޮންމެ ސަފްޙާއެއްގައި ވެސް ބުނާއެއްޗެއް ފަހުމުވުމަށް މާނަ ވެސް ކިޔަނީއެވެ.
"އެ ކިޔަވާ އާޔަތެއްގެ މާނަ އެނގުނީމާ ދަސްކުރަން ފަސޭހައީ. އޭގެތެރެއަށް ވަދެވި ފޯކަސްކުރަން ވެސް ފަސޭހައީ" ޤުރުއާން ކިޔަވާއިރު މާނަ އެނގުން މުހިންމުވާ ސަބަބު އަހުޒަމް ކިޔައިދިނެވެ.
އަހުޒަމް ބުނި ގޮތުގައި، ޤުރުއާން މުބާރާތައް ފަރިތަކުރާއިރު ވެސް ދަސްކުރަނީ މަންމައާ އެކީގައި، މަންމަ ކުރާ ސުވާލުތަކަށް ޖަވާބު ދެމުން ކުށް ޖެހޭ އާޔަތްތައް ނޯޓް ކުރަމުންނެވެ.
"ހިތުދަސްކުރަމުން ދާއިރު ފީޑްބެކް ވަރަށް މުހިންމު އަދި އެހެންމެ އެ ކިޔަވަނީ ކޮންތަނެއްކަން ފެންނަ ހެން ހީވާގޮތަށް ކިޔަވަން ވާނީ ވެސް"
ޤުރުއާން ކިޔަވަން އަހުޒަމަށް އެންމެ ފަސޭހައީ ރޭގަނޑާއި ފަތިހުއެވެ. ކޮވިޑްތެރޭގައި ފަތިސް ނަމާދުގެ ކުރިންނާއި ފަހުން ތިން ގަޑިއެއްހާއިރު ޤުރުއާން ދަސްކުރުމުގައި ވަގުތު ހޭދަކުރިއެވެ. ސައިބޮއި ނިމިގެން ވެސް ވަގުތު ހޭދަކުރަނީ ޤުރުއާން ދަސްކުރުމުގައެވެ.
"ކޮވިޑްގެ އެ ހާލަތުގައި، ބްރޭކެއް ނަގަމުން ކިޔަވަމުން ކުރިއަށް ގެންދިޔައީ. ގިނަ ވަގުތު ހޭދަކުރެވުނީ ޤުރުއާނުގެ ތެރޭގައި" އަހުޒަމް ބޭނުންވީ ލިބިފައި އޮތް ވަގުތުގެ ބޭނުން ހިފާށެވެ.
އަހުޒަމް ބުނީ، 13 އަހަރުގައި، ތަރާވީޙް ނަމާދަށް ދިޔަ ރެއެއްގައި، އިމާމު ޤުރުއާން ކިޔެވި ރާގު ރީތިވެގެން އޭރު ބޭނުންވީ އެކަހަލަ އިމާމަކަށް ވާށެވެ. ނަމާދުކުރާއިރު އެހެން މީހުން، ހެޔޮ ދުއާ ކުރާ ކަހަލަ އިމާމަކަށް ވާށެވެ. އެއީ ވެސް ޤުރުއާން ހިތުދަސްކުރަން ލިބުނު ހިތްވަރެއް ކަމަށް ވެސް އަހުޒަމް ފާހަގަކުރިއެވެ.
ޤުރުއާނުގައިވާ 30 ފޮތް ހިތުދަސްކުރުމުގެ މަރުޙަލާގެ ތެރޭގައި އަހުޒަމަށް އެންމެ އުނދަގޫވީ ޖިންނި ސޫރަތް ދަސްކުރާށެވެ. އެންމެ ދެ ސަފްޙާގެ އެ ސޫރަތް ދަސްކުރަން ހަފްތާއެއް ހޭދަކުރަން ޖެހުނެވެ.
"ޖިންނި ސޫރަތް ދަސްކުރިއިރު އެއް ދުވަހު ދަސްކޮށްފައި އަނެއް ދުވަހު ހަނދާނެއް ނުހުރޭ. އެ ދެ ސަފްޙާއަށް އެކަނި ނެގި ހަފްތާއެއް" ޤުރުއާން ހިތުދަސްކުރިއިރު އުނދަގޫވި ހާލަތު އަހުޒަމް ކިޔައިދިނެވެ.
ޤުރުއާނުން އެންމެ ބޮޑު އިބުރަތެއް އަހުޒަމަށް ލިބެނީ މޫސާގެފާނުގެ ވާހަކައިންނެވެ. ޤުރުއާނުގެ އެކިތަންތަނުގައި މޫސާގެފާނުގެ ވާހަކަ ގެނެސްފައިވާއިރު، އެ ވާހަކައިގައި ގެނެސްދީފައިވާ ކުދިކުދި ކަންތައްތަކުން ވެސް އިބްރަތް ލިބޭ ކަމަށް އަހުޒަމް ބުންޏެވެ.
އަހުޒަމް ބުނީ، އޭނާގެ ސިކުނޑީގައި "އަބަސަ" ސޫރަތުގެ އާޔަތެއްގެ ދަންކޮޅެއް އަބަދުވެސް ހަރުލާފައި ހުންނަ ކަމަށެވެ. އެ އާޔަތުގެ އެ ތަންކޮޅުގައި ކިޔައި ދެނީ ގިޔާމަތް ދުވަހުގެ ވާހަކަ ކަމަށެވެ.
"ޤިޔާމަތް ދުވަހުގެ ވާހަކަ ދައްކާއިރު، މަންމައެއް ބައްޕައެއް ނާންނާނެއޭ، ރައްޓެއްސެއް ވެސް ނާންނާނެއޭ، ދަރިންވެސް ނާނާނާނެއޭ، ޤިޔާމަތް ދުވަހުގެ ބިރުވެރިކަމުގެ އިހުސާސް ކުރެވޭ އެތަން ކޮޅު ހިތަށް އަންނަ ކޮންމެ ފަހަރަކު"
ކުރިއަށް ދިއުމުގެ ދާއިރާއެއްގެ ގޮތުގައި ހިސާބު ނޫނީ، އިންޖިނިއަރިންގެ ވިސްނުން އަހުޒަމް ގެންގުޅޭއިރު، އޭލެވެލްގައި ހަތް މާއްދާ އޭނާ ދަނީ ކިޔަވަމުންނެވެ. އަހުޒަމް ދެކޭގޮތުގައި އަހަރަމެންގެ ވަށައިގެންވާ މިވާ ދިރިއުޅުމުގެ ހުރިހާ ވެސް އެއްޗެއް ގުޅިފައި ވަނީ ހިސާބާއެވެ. އެންމެ ގަޔާވެގެން ކިޔަވަނީ ވެސް އެ މާއްދާއެވެ. އެހެން ނަމަވެސް އިންޖިނިއަރިންގ ދާއިރާއަށް ޝައުޤު ހުންނާތީއާއި އެ ދާއިރާއިން ވެސް ކުރިއަށް ދިއުމުގެ ވިސްނުން ދޫކޮށް ނުލެވޭތީ، ސީއެޗްއެސްއީ ހުޅުމާލޭގައި އަލަށް ކިޔަވައިދޭން ފެށި ފާދަރ މެތްމެޓިކްސް ވެސް އޭނާ ދަނީ ކިޔަވަމުންނެވެ.

އަހުޒަމް ބުނި ގޮތުގައި، ޤުރުއާން ހިތުދަސްކުރުމަކީ ކިޔެވުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި އޭނާއަށް އަށް ލިބުނު އެންމެ ބޮޑު އެއް ނިއުމަތަކީ ހިތުދަސްކުރުމުގެ ބާރު ގަދަވުމެވެ.
"ޤުރުއާން ހިތުދަސްކުރީމާ ހިތުދަސްކުރުމުގެ ބާރު ވަރަށް ގަދަވޭ. ޓީޗަރު ފިލާވަޅު ކިޔައިދިނީމާ ސިކުނޑީގައި ފަސޭހައިން ހަރުލާ. ފިލާވަޅު ދަސްކުރަން މާބޮޑު މަސައްކަތެއް ކުރާކަށް ވެސް ނުޖެހޭ" އަހުޒަމް ބުންޏެވެ.
ޤުރުއާން ހިތުދަސްކުރާ ކުދިންނަށް އަހުޒަމް ދިން ނަސޭހަތަކީ މިއީއެވެ. "ހިތްވަރުކުރާށޭ، އެއީ ފަސޭހަކަމެއް ވެސް ނޫން އުނދަގޫކަމެއް ވެސް ނޫން. މީހާގެ އަޒުމާއި ހިތްވަރު ބޭނުންވަނީ"
ހިޔާލު