ފުރިހަމަ ޖުމްލަތަކެއްގެ ބަދަލުގައި ސޯޝަލް މީޑިއާގެ ބަހުރުވައަށް ދަރިވަރުން އާދަވަމުން ދިއުމުގެ ސަބަބުން، ފުންކޮށް ވިސްނުމާއި ޚިޔާލު ފާޅުކުރުމުގެ ޤާބިލުކަމަށް ނޭދެވޭ އަސަރުކުރާ ކަމަށް ތަޖުރިބާކާރުން ފާހަގަކުރޭ
އަބްދުﷲ ނަސީމް ޢަބްދުލްމަތީން
އަތުން ލިޔުމުގެ އާދަ ނެތިގެން ދިއުމަކީ ހަމައެކަނި ލިޔުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލެއް ނޫނެވެ. އެއީ އިންސާނުން އެކަކު އަނެކަކާ މުޢާމަލާތްކުރާ ގޮތަށް އަންނަ ބޮޑު ބަދަލެކެވެ.
ލިޔުންތެރިކަމަކީ އިންސާނީ މުޖުތަމަޢުގައި ޙާއްސަ ޤަދަރެއް ދެވިފައިވާ ހާއްސަ ހުނަރެކެވެ. ފަރުބަދަތަކުގެ ހޮހަޅަތަކުގައިވާ ކުރެހުންތަކުން ފެށިގެން މިއަދާއި ހަމައަށް ވެސް އަތުލިޔުމަކީ އަޅުގަނޑުމެންގެ ޚިޔާލުތަކާއި، ތާރީޚާއި، ސަޤާފަތް ގުޅުވައިލައި ދޭ ވަސީލަތެކެވެ. ނަމަވެސް ފަންނީ ކުރިއެރުމުގެ ސަބަބުން މި ހުނަރުދަނީ ގެއްލެމުންނެވެ. އެހެންކަމުން، ޒަމާނީ ކުރިއެރުމުގެ ސަބަބުން އަތުލިއުމުގެ ހުނަރު ގެއްލެމުންދާ ގޮތް މިލިއުމުގައި ހިމަނާލައިނަމެވެ.
ފަންނީ ކުރިއެރުމާއި އަތުލިޔުމުގެ ހުނަރު
1991 އަކުން ފެށިގެން 2010 ގެ އަހަރުތަކުގެ ކުރީކޮޅު އުފަންވި ޖީލަށް "ޖެންޒީ" އޭ ކިޔާއިރު، ޖެންޒީއަށް ކުރިމަތިވެފައިވާ މައްސަލައަކީ މާޒީގެ ޖީލުތަކުން ދުވަހަކު ވެސް ހީވެސް ނުކުރާފަދަ މައްސަލައެކެވެ. ޔުނިވާސިޓީ އޮފް ސްޓާވަންޖަރ އިން ދާދިފަހުން ކުރި ދިރާސާއަކުން ދައްކާގޮތުގައި ޖެންޒީގެ ސާޅީސް ޕަސެންޓް ކުދިންނަށް އަތުން ލިޔާކަށް ނޭގެއެވެ.
މި ދިރާސާއިން ހާމަވި އެއް ކަމެއް އެބައޮތެވެ. އެއީ އެތަށް އަހަރުތަކެއް ވަންދެން އިންސާނިއްޔަތު މާނަކޮށްފައިވާ މި ހުނަރާ މެދު މިއަދުގެ މިޖީލުގެ ކުދިން އިހުމާލުވަމުންދާ ކަމެވެ. ކަންވާނީ އެހެންތާއެވެ؟ ފަންނީ ކުރިއެރުމާއެކު މިއަދުގެ ކުދިން ވަނީ ފަންނިއްޔާތުގެ އަޅުންނަށް ވެފައެވެ. މިކުދިންނަށް ފޮތަކީ ކޮންއެއްޗެއް ކަންވެސް ނޭގެއެވެ. ގެންގުޅެނީ ފޯނެކެވެ. ނުވަތަ ޓެބެކެވެ. ރައްޓެހިންނަށް ފޮނުވަނީ ދެ ލަފުޖުގެ މެސެޖެކެވެ. ނޫނީ އިމޯޖީއެކެވެ. އެހެންކަމުން، ފަންނީ ވަސީލަތްތަކުގެ ސަބަބުން އަތުލިޔުމުގެ ހުނަރު ދަށްވަމުންދާކަމީ ޝައްކުނުކުރެވޭ ޙަޤީޤަތެކެވެ.

އަތުލިޔުން ނެތިގެން ދަނީ ކީއްވެގެން ހެއްޔެވެ؟
އަތުލިޔުމާ ދުރަށް ދިއުމަކީ ކުއްލިއަކަށް އަންނަ ބަދަލެއް ނޫނެވެ. އެއީ މަޑުމަޑުން އަންނަ ބަދަލެކެވެ. ޑިޖިޓަލް ޒަމާނުގައި މެސެޖު ފޮނުވުމަށް މިއަދު މިވަނީ ފަސޭހަވެ އަވަސް ވެފައެވެ. އެކަމަކު ކޮން އަގެއްގައި ހެއްޔެވެ؟
މިއަދުގެ މަދަރުސީ ތައުލީމް ޙާޞިލްކުރާ ބައެއް ދަރިވަރުން ނޯޓްސް ނަގަނީ ލެޕްޓޮޕް ބޭނުންކޮށްގެންނެއެވެ. މެސެޖު ފޮނުވަނީ އެޕް މެދުވެރިކޮށެވެ. އިމްތިހާނު ހަދަނީ ފަންނީ ވަސީލަތްތަކުގެ އެހީގައެވެ. އަތުލިޔުމަކީ ހުނަރެއްކަން ވެސް ބައެއް ކުދިންނަށް ނޭގެއެވެ.
އަތުލިޔުން: ސިކުނޑި ޝާމިލުވާ ހާއްސަ ހުނަރެއް
އަތުލިޔުމޭ ބުނެވުމުން އެއީ ހަމައެކަނި ގަލަން ބޭނުންކޮށްގެން ކަރުދާހުގައި ލިޔުންކަމަށް ގިނަ ބަޔަކަށް ހީވެދާނެއެވެ. ނޫނެކެވެ. އެއީ އެއަށްވުރެ މާ ބޮޑު ކަމެކެވެ. އެއީ ތިމާގެ ސިކުނޑި އެކަމަށް ޝާމިލުވާ ހާއްސަ ހުނަރެކެވެ. ޓައިޕް ކުރުމާއި ޚިލާފަށް އަތުލިޔުމަށް ފައިން މޮޓޯ ސްކިލްސް އާއި ފޯކަސް ކުރުމުގެ ހުނަރު އިތުރުކޮށްދެއެވެ. އެއީ ތިމާގެ އުނގެނުމާއި، ވިސްނުން ހަރުދަނާކުރުމަށް ވަރަށް މުހިންމު ހުނަރެކެވެ.
ޖެންޒީގެ ގިނަ ބަޔަކަށް އަތުން ލިޔުމުގެ ހުނަރު ގެއްލެމުންދާކަން ދަނީ ފާހަގަކުރެވެމުންނެވެ. ދިރާސާތަކުން ދައްކާގޮތުގައި އަތުލިޔުމަކީ ތިމާގެ ހަނދާން ވަރުގަދަކޮށްދީ އުނގެނުމަށް އެހީތެރިވެދޭ ވަސީލަތެކެވެ. އެހެން ނަމަވެސް، ފަންނީ ވަސީލަތްތަކަށް ބަރޯސާވުން އިތުރުވަމުންދާ ވަރަކަށް މި ފައިދާ ލިބޭ ނިސްބަތް ދަނީ ދަށްވަމުންނެވެ.
މީގެ ނަތީޖާއެއްގެ ގޮތުން، މިއަދު ކުޑަކުދިންގެ ކިބައިން ފެންނަނީ އަތުލިޔުމުގެ ހުނަރު ދަށްވަމުންދާ ކަމުގެ އަލާމާތެވެ. ގިނަ ކުދިން ލިޔަނީ ތަރުތީބުނުވާ ޖުމްލަތަކެވެ. އަނެއްބައި ކުދިންނަށް ތާނަ ކިޔަން އުދަނގޫވެއެވެ. ގުޅިފައިވާ ލަފުޒުތަކާއި ޖުމްލަތައް ލިޔަންކިޔަން ނޭނގެއެވެ. ބައެއް ކުދިންނަށް ގަލަމެއް ބޭނުންކޮށްގެން ލިޔެލަން ވެސް ނޭނގެއެވެ. މިހެންވުމުގެ ސަބަބުން، މިއަދުގެ ކުޑަކުދިންނަށް އަތުން ލިޔުމަކީ ގުދުރަތީ ހުނަރެއްގެ ބަދަލުގައި ގޮންޖެހުމަކަށް ވެގެންދާކަން ދަނީ ފެންނަމުންނެވެ.

އަތުލިޔުމާއި އިޖުތިމާއީ މަންސަ:
އިޖުތިމާއީ މަންސަ ނުވަތަ ޝޯސަލް މީޑިޔާގެ ސަބަބުން މި މައްސަލަ ދަނީ އިތުރަށް ގޯސްވަމުންނެވެ. އިންސްޓަގްރާމް، ޓްވިޓަރ، ސްނެޕްޗެޓް ފަދަ ޕްލެޓްފޯމްތަކުން ބާރުއަޅަނީ އަވަސް، ކުރު މުއާމަލާތްތަކެއް ކުރުމަށެވެ. ޓެކްސްޓް ކުރުމާއި، ޓްވީޓް ކުރުމާއި، ޕޯސްޓް ކުރުމުގައި ގިނަ ފަހަރަށް ބޭނުންކުރަނީ މާނައަށްވުރެ ބޮޑަށް އަވަސްކަމަށް އިސްކަންދޭ، ކުރުކުރުންތަކާއި އިމޯޖީތަކެވެ. ޖެންޒީއަށް މިއީ އާންމު ކަމެކެވެ. ވިސްނުންތެރިކަމާ އެކު ސިޓީއެއް ނުވަތަ ނޯޓެއް ލިޔުމުގެ ބަދަލުގައި، ގިނަ ފަހަރަށް ފޮނުވަނީ ޒާތީ ގުޅުމަކުން އެއްކިބާވެފައިވާ އަވަސް މެސެޖުތަކެވެ.
ނަތީޖާ: އިންސާނީ ގުޅުން ގެއްލިގެން ދިއުން
އަތުން ލިޔުމުގެ އާދަ ނެތިގެން ދިއުމަކީ ހަމައެކަނި ލިޔުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލެއް ނޫނެވެ. އެއީ އިންސާނުން އެކަކު އަނެކަކާ މުޢާމަލާތްކުރާ ގޮތަށް އަންނަ ބޮޑު ބަދަލެކެވެ. އިސްވެދިޔަ ޒަމާންތަކުގައި އަތުން ލިޔެވިފައިވާ ސިޓީތަކުން ލިބުނު އިހްސާސްތަކާއި، ޒާތީ އަސަރުތަކާއި، ޖަޒްބާތީ ގުޅުންތައް މިހާރު ވަނީ އާދައިގެ އިމޯޖީތަކަކަށް ނުވަތަ ކުރު މެސެޖުތަކަކަށް ބަދަލުވެފައެވެ.
ޑިޖިޓަލް ޓެކްނޮލޮޖީ ކުރިއަރަމުންދާ މިންވަރަށް ބަލާއިރު، އަޅުގަނޑުމެން ވިސްނާލަންޖެހޭ މުހިންމު ސުވާލުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި މުއާޞަލާތުގެ ފަންނު ކުރިމަގުގައި އޮންނާނީ ކޮން ގޮތަކަށްތޯއެވެ؟ މާނަހުރި މަޝްވަރާތަކެއް ކުރުމުގެ ޤާބިލުކަން އަޅުގަނޑުމެންގެ ކިބައިގައި ދެމިހުންނާނެތޯއެވެ؟ ނުވަތަ ހަމައެކަނި ސަތަހީ މުއާޞަލާތަކަށް ބަރޯސާވާން ޖެހޭނެތޯއެވެ.
މިއަދުގެ ގިނަ ދަރިވަރުންނަށް މަޒުމޫނުތައް ލިޔުމާއި، ވާހަކަތައް އެކުލަވާލުމަށް ދަތިވާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، ފުރިހަމަ ޖުމްލަތަކުގެ ބަދަލުގައި ސޯޝަލް މީޑިއާގެ ބަހުރުވައަށް އާދަވެފައިވުމުގެ ސަބަބުން، އެ ދަރިވަރުންގެ ފުންކޮށް ވިސްނުމާއި، ޚިޔާލު ފާޅުކުރުމުގެ ޤާބިލުކަމަށް ނޭދެވޭ އަސަރުކުރަމުންދާކަން ތަޖުރިބާކާރުން ފާހަގަކުރައްވައެވެ.
މުއާޞަލާތީ މުސްތަޤުބަލު
އަތުން ލިޔުމުގެ އާދަ ނެތިގެން ދިއުމަކީ މާ ފުޅާ ދާއިރާއެއްގައި ދިމާވެފައިވާ މައްސަލައެއްގެ ކުޑަ ބައެކެވެ. މިއީ ހަމައެކަނި ލިޔުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލެއްގެ ވާހަކައެއް ނޫނެވެ. މިއީ އަޅުގަނޑުމެން މުޖުތަމަޢާ ގުޅިގެން އުޅޭ ގޮތަށް އަންނަ ބަދަލެކެވެ. އަބަދުމެ ގުޅިފައި ތިބޭ މި ޒަމާނުގައި، އަޅުގަނޑުމެންގެ ކިބައިން މާނަހުރި ގޮތެއްގައި މުޢާމަލާތްކުރުމުގެ ހުނަރު ގެއްލިގެންދަނީ ބާވައެވެ؟ މިއީ ފުންކޮށް ވިސްނާލަންޖެހޭ ކަމެކެވެ.

މުވާސަލާތީ ހުނަރުތަށް ޑިޖިޓަލް ވިޔުގައިގެ އެހީގައި އަލުން ދިރުވުން
ޒުވާން ޖީލު ބޮޑުވަމުން އަންނަ މި ފަންނީ ޒަމާނުގައި، މި ޖީލުގެ ފިކުރީ ތަސައްވުރުގެ ފުންމިނާއި ޚިޔާލު ފާޅުކުރުމުގެ ގާބިލިއްޔަތާ މެދު ސުވާލު އުފެދެއެވެ. އާދަޔާ ޚިލާފަށް ކުރު ޖުމްލަތަކުން އުފަންވެފައިވާ ގުޅުން ކުޑަ މެސެޖުތަކުގެ ސަބަބުން މިކުދިންގެ މުވާސަލާތީ ހުނަރުވެރިކަން ހަނިވެދާނެ ކަމުގެ ކަންބޮޑުވުން އެބައޮތެވެ. އިންސާނީ ނަސްލުގެ ދިރުން ދައްކުވައިދޭ މަޒުމޫނުތަކާއި، ފޮތްތަކާއި، ސިޓީތައް ލިޔުމުގެ ހުނަރު މިއަދުގެ ކުދިންނަށް ލިބިގަނެވޭނެ ބާވައެވެ؟
މިއީ ފުންކޮށް ވިސްނާލަންޖެހޭ މައްސަލައެކެވެ. ފަންނީ ކުރިއެރުމުގެ ސަބަބުން މިއަދުގެ ޒީލު ވަނީ އިޖުތިމާއީ މަންސަތަކުގެ އަޅުންނަށްވެފައެވެ. މިއަދު މި ބޭނުންކުރެވޭ އިންސްޓަންޓް މެސެޖިންގެ ހިދުމަތާއި، ކުރެވޭ ޓްވީޓްތަކުގެ ސަބަބުން މާނަފުން މުއާމަލާތްތައް މަދުވެ، ވަނީ ނެތިދިއުމުގެ ތުންފަތްމަތީގައެވެ. މީގެ ސަބަބުން ވާހަކަދެއްކުމުގެ ފަންނާއި، ޢިލްމީ މަޝްވަރާތަކުގައި ބައިވެރިވުމުގެ ހުނަރު ގެއްލިދާނެ ކަމުގެ ބިރު އެބައޮތެވެ.
ޖެނެރޭޝަން ޒެޑްގެ މުވާސަލާތީ ހުނަރުތައް އަލުން ދިރުވައި، ކުރިއެރުވޭނީ ކިހިނެއް ހެއްޔެވެ؟
ފަންނީ އިންގިލާބު ދެމިގެންދާނެ ކަމީ ޝައްކެއް ނެތް ހަޤީޤަތެކެވެ. އެހެން ނަމަވެސް އަދިވެސް އުއްމީދު އެބައޮތެވެ. މިއަދުގެ ކުދިންނަށް ގެއްލިފައިވާ އަތުލިޔުމުގެ ހުނަރު އުނގެނި، އަމަލީ ގޮތުން ބޭނުންކުރެވިދާނެއެވެ. އެކަމަށް އެމީހުން ޝައުގުވެރިކަމާއެކު ކުރިމަތިލައިފިނަމައެވެ.
ތައުލީމީ ދާއިރާގެ ފަރާތްތަކާއި، ބެލެނިވެރިންނާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކުން މިކަމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. ޑިޖިޓަލް ވެށީގައި ވެސް ޒުވާނުންނަށް އަތުލިޔުމުގެ ތަމްރީނު ލިބޭނެ ފުރުސަތުތައް އުފައްދަން ޖެހެއެވެ. ޖާނަލް ލިޔުމާއި، ސިޓީ ލިޔުމާއި، އަތުން ނޯޓު ނެގުމަކީ އަތުލިޔުމުގެ ސަބަބުން ލިބޭ ސިކުނޑީގެ ފައިދާތައް ދެމެހެއްޓުމަށް އެހީތެރިވެދޭނެ ކަންކަމެވެ.
ހައްލު އޮތީ ހަމަހަމަކަމުގައެވެ.
ސައްކެއްވެސް ނެތެވެ. ހައްލު އޮތީ ހަމަހަމަކަމުގައެވެ. ހަމަހަމަކަމަކީ މި މައްސަލައިގެ ތަޅުދަނޑިއެވެ. މިއަދުގެ މިޖީލުގެ ކުދިން ފަންނީ މުވާސަލާތައް އަހުލުވެރިވާން ޖެހޭއިރު، އަތުން ލިޔުމުގެ ސަގާފަތް ދަސްކުރުމަށް ވެސް އިސްކަން ދޭންޖެހެއެވެ. އޭރުން ދެކޮޅުގެ ފައިދާ ލިބިގަނެވޭނެއެވެ. އަތުން ލިޔެފައިވާ ސިޓީތަކާއި، އަމިއްލަ މެސެޖުތަކުގެ ސަބަބުން ފަންނީ މުވާސަލާތުގައި ގެއްލިފައިވާ އިންސާނީ ގުޅުން އަލުން ބިނާކުރެވޭނެއެވެ. އެގޮތުން ދަރިވަރުންނަށް އަތުން ނޯޓު ނެގުމަށް ބާޅުއެޅިދާނެއެވެ. އަދި ބޮޑެތި މީހުންނަށް އެމީހުންގެ އަތުން ޖާނަލް ލިޔުމާއި ޚިޔާލު އުފެއްދުމުގެ މަސައްކަތް އަލުން ތަޢާރަފުކުރެވިދާނެއެވެ.

މުވާސަލާތީ މުސްތަޤުބަލު ނުރައްކަލުގައި
އަތުން ލިޔުމުގެ ހުނަރު ގެއްލުމަކީ ހަމައެކަނި ފަންނެއް އުވިދިއުމެއް ނޫނެވެ. ނޫނެކެވެ. އެއީ އަހަރެމެންގެ މާޒީއާ ހުރި ގުޅުން ކެނޑިގެން ދިއުމެވެ. އެއީ ވިސްނުންތެރިކަމާއެކު، މާނަހުރި ގޮތެއްގައި މުޢާމަލާތްކުރުމުގެ ޤާބިލުކަން ގެއްލުމެވެ.
މިކަމާ މެދު އަވަސް ފިޔަވަޅު ނާޅައިފިނަމަ، އޭގެ ނަތީޖާ ނުހަނު ހިތިވާނެއެވެ. އަތުން ލިޔުމުގެ ހުނަރު ގެއްލިއްޖެނަމަ، އެތައް ހާސް އަހަރެއްގެ އިންސާނީ ސަޤާފަތުގެ ބައެއްވެސް އަބަދަށް ގެއްލިގެންހިނގައިދާނެއެވެ. މި ގެއްލެމުންދާ ފަންނު ތާރީޚުގެ ތެރެއަށް ފަނޑުވެގެން ދިއުމުގެ ކުރިން އަލުން އާލާކުރަން މަސައްކަތްކުރަންވީ ވަގުތު ޖެހިއްޖެއެވެ. އޭރުން އަންނަން އޮތް ޖީލުތަކަށް ވެސް ކުރީގެ ޖީލުތަކެކޭ އެއްފަދައިން ފުރިހަމަ އަދި ވިސްނުންތެރި މުވާޞަލާތެއް ކުރެވޭނެކަން ކަށަވަރު ކުރެވޭނެއެވެ.
advertisment
ހިޔާލު