ދިޔަމިގިލި ސްކޫލުގެ އަކްމަލް އާއި ސާޔާ: އިނގިރޭސި މާއްދާއިން ދުނިޔެއާއި ރާއްޖެއިން އެއްވަނަ

– ސާޔާ ފުރިހަމަކޮށް ދިނީ، އިނގިރޭސި ޓީޗަރުގެ އުއްމީދު. މިހާރު ބޭނުންވަނީ އިނގިރޭސި ޓީޗަރެއްގެ ގޮތުގައި ރަށު ސްކޫލުގައި ކިޔަވައިދީ އޭނާގެ ދަރިވަރަކަށް އެ ނަތީޖާ ހޯދައި ދޭން

– އަކްމަލް އެއްވަނަ ހޯދީ، ގުރޭޑް 5ން ފެށިގެން ޕާސްޓްޕޭޕަރު ހަދައި، ގުރޭޑް 9ގައި ކިޔަވަމުން އަމިއްލަ ގޮތުން

މިދިޔަ އަހަރު ބޭއްވި އޯލެވެލް އިމްތިޙާނުގައި ތ. ދިޔަމިގިލީ ސްކޫލުގެ އައިޝަތު ސާޔާ ޝާހިދާއި އަކްމަލް ޚަލަފު، ސެކަންޑް ލެންގުއޭޖްގެ ގޮތުގައި އިނގިރޭސި މާއްދާއިން ކެމްބްރިޖް ލާނަރސް އެވޯޑް ހޯދައި ދުނިޔެއާއި ރާއްޖެއިން އެއްވަނަ ހޯދިއެވެ. އެއީ ތ. ދިޔަމިގިލީ ސްކޫލުން ދަމަހައްޓަމުން އަންނަ ތަޢުލީމީ ކާމިޔާބީއަށް އިތުރުވި ބޮޅެކެވެ. މިދިޔަ އަހަރު ގުރޭޑް 10 ނިންމި ސާޔާ ބައިވެރިވީ އެ ސްކޫލުގެ ފަރާތުންނެވެ. މިދިޔަ އަހަރު ގުރޭޑް 9 ނިންމި ޚަލަފު އޯލެވެލްގެ އިނގިރޭސި މާއްދާގައި ބައިވެރިވީ އަމިއްލަ ގޮތުންނެވެ. ގުރޭޑް 10ގައި މިހާރު ކިޔަވަމުންދާ އަކްމަލް ތައްޔާރު ވަމުން ދަނީ އަންނަ މަހު އޮންނަ އޯލެވެލް އިމްތިހާނަށެވެ.

ސާޔާ: ފުރިހަމަކޮށް ދިނީ އިނގިރޭސި ޓީޗަރުގެ އުއްމީދު

ކުޑައިރުއްސުރެ އިނގިރޭސި މާއްދާއަށް ޚާއްޞަ ޝަޢުޤުވެރިކަމެއް ބައްޓަމުން އަންނަ ސާޔާއަށް އިނގިރޭސި މާއްދާއިން ދުނިޔޭގެ ވަނައެއް ހޯދޭނެކަން ތަކުރާރުކޮށް ވިސްނައި ދެއްވައި، އެންމެ ގާތުން އެހީތެރިކަން ފޯރުކޮށް ދެއްވަމުން ގެންދެވީ އޭނާއަށް އެ މާއްދާ ކިޔަވައިދެއްވި އިންޑިޔާގެ ޓީޗަރު ޝިތްރާ މިސްއެވެ.

"ދުނިޔޭގެ ވަނައެއް ލިބޭނެއޭ، ވާނެއޭ، މަސައްކަތް ކުރާށޭ، ބުނެ މިސް އަބަދުވެސް ހިތްވަރުދެއްވާނެ. އިނގިރޭސި މާއްދާއަށް ބޭނުންވާ މެޓީރިއަލްތައް ވެސް ފޯރުކޮށްދެއްވާނެ. މިސް ބޭނުންވީ މިސްގެ ދަރިވަރަކު އިނގިރޭސި މާއްދާއިން ދުނިޔޭގެ ވަނައެއް ހޯދަން" މިސްގެ އުއްމީދު ފުރިހަމަކޮށް ދެވުނީމާ ސާޔާ ހުރީ ހިތްހަމަޖެހިފައެވެ.

ސާޔާ ބުނީ، އޭނާ އެންމެ ކިޔަވާ ހިތްވާ މާއްދާއިން ދުނިޔޭގެ ވަނައެއް ހޯދަން ޕާސްޓްޕޭޕަރު ހަދައި، ތަފާތު ވައްތަރުގެ ލިޔުންތައް ކިޔަން ވަގުތު ހުސްކުރި ކަމަށާއި އެންމެ ގިނައިން ކީ މިސް ފޯރުކޮށްދެއްވި އެކިވައްތަރުގެ ރިވިއުތައް ކަމަށެވެ. މިސްގެ އެހީތެރިކަމާއެކު ގުރޭޑް 8އަށް އައިއިރު، އިނގިރޭސި މާއްދާއިން ދުނިޔޭގެ ވަނައެއް ހޯދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތް ކަމަށާއި އިމްތިޙާނާ ކުރިމަތިލީ ވެސް އެ ޔަޤީންކަން އޮވެގެން ކަމަށް ސާޔާ ބުންޏެވެ.

އޯލެވެލްގައި ސާޔާ އަށް އޭ ލިބުނީ ހިސާބާއި ފިޒިކްސްއާއި ކެމިސްޓްރީންނެވެ. އެހެން މާއްދާތަކުން އޭ ސްޓަރ ލިބުމުން އޭނާ ދިޔައީ ޤައުމީ ގަދަ ދިހައެއްގެ ހަތަރު ވަނައަށެވެ.

ފާއިތުވި އަހަރު ދިޔަމިގިލީ ސްކޫލުގެ ކެޕްޓަންކަމުގެ ޒިންމާ ވެސް އަދާކުރި ސާޔާ ދަނީ އިނގިރޭސި މުދައްރިސްކަންވާން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ފައުންޑޭޝަން ކޯހެއް ފުރިހަމަ ކުރަމުންނެވެ. ރަށު ސްކޫލުން ކިޔަވައިގެން ރަށު ސްކޫލަށް ޚިދުމަތް ކުރުމަކީ ކުޑައިރުއްސުރެ އޭނާ ބޭނުންވި ގޮތެވެ.

"ރަށު ސްކޫލުގައި، އަޅުގަނޑު ކިޔަވައިދޭ ދަރިވަރަކު އިނގިރޭސި މާއްދާއިން ދުނިޔޭގެ ވަނައެއް ހޯދުމަކީ މިހާރު އަޅުގަނޑުގެ އެންމެ ބޮޑު ހުވަފެން. އެ ހުވަފެން ހަޤީޤަތަކަށް ހެދުމުގެ އަޒުމުގައި މުދައްރިސްކަން ކިޔަވަން ފެށީ ވެސް" ކުޑައިރުއްސުރެ މުދައްރިސެއްގެ ތޮފިއަޅައިގެން ހުރި ސާޔާ ނިންމީ މުހިންމު ނިންމުމެކެވެ.

ސާޔާ ބުނީ، ކުދިންގެ ނަތީޖާ ރަނގަޅު ކޮށްދޭން ދިޔަމިގިލީ ސްކޫލުން ކުރަމުންދާ މަސައްކަތައް ތައުރީފު ހައްޤު ކަމަށާއި އަމިއްލައަށް ޓިއުޝަން ނަގަން ނުޖެހޭ މިންވަރަށް ސްކޫލުގެ ޓީޗަރުން ހުރިހާ މާއްދާތަކުން މަސައްކަތްކޮށްދެއްވި ކަމަށެވެ. ފާއިތުވި އަހަރުތަކުގައި ދަރިވަރުން ހޯދަމުންދާ ނަތީޖާތަކުން އެކަން ސާބިތުވާ ކަމަށެވެ.

"ދަރިވަރުން މޮޅުކޮށްދޭން ވަރަށް ބުރަކޮށް ހުރިހާ ޓީޗަރުން މަސައްކަތް ކުރަނީ. އޭގެ ނަތީޖާ ފާއިތުވި އަހަރު ތަކުގެ އިމްތިޙާނުތަކުން ފެނުނީ. އަދި އެއާއެކު {ދިޔަމިގިލި} ސްކޫލަކީ ކުދިންނާ ގުޅޭ އަޅާލާ ކިޔެވުމަށް ބާރު އަޅާ ސްކޫލެއް. އެކަމަށްޓަކައި ސްކޫލުގެ ހުރިހާ ޓީޗަރުންނާއި މެނޭޖްމަންޓަށް ޝުކުރު ޙައްޤު" ހުރިހާ މުދައްރިސުންނަށް ވެސް ސާޔާގެ އޮތީ ޝުކުރުވެރި ހިތެކެވެ.

ސާޔާގެ ކާމިޔާބީގައި އެންމެ މުހިންމު ބަޔަކީ މަންމައާއި ބައްޕައެވެ. ޚާއްޞަކޮށް މަންމަގެ ނަން ފާހަގަކުރީ ސަބަބުތަކެއް ހުރެގެންނެވެ. އިޔެވުމާއި އެނޫން ހުރިހާ ކަމެއްގައި ވެސް އޭނާގެ އެންމެ ބޮޑު މަދަދުގާރަކީ މަންމައެވެ. އެއީ އެންމެ ގާތް އެކުވެރިޔާއެވެ. އަދި އެއީ ހުރިހާ ވާހަކައެއް އެންމެ ކައިރިން ހިއްސާ ކުރަމުން ދިޔަ އޭނާގެ "ބެސްޓްފްރެންޑް" ވެސް މެއެވެ.

ސާޔާގެ މަންމަ ބުނީ، ސާޔާ ސާބިތުކޮށްދިނީ ކިޔަވަން ބޭނުންވާ ކޮންމެ ކުއްޖަކަށް ރަނގަޅު ނަތީޖާއެއް ހޯދޭނެކަމެވެ. އެކަން ކުރަން ކުރަންޖެހޭނެ ކަމަކީ ބުރަކޮށް މަސައްކަތް ކުރުން ކަމަށެވެ.

"ކިޔެވުމަކީ ސާޔާއަށް އެހާ ފަސޭހަކަމެއް ނޫން. އެއީ، އުނދަގުލުން ހިތްވަރުކޮށްގެން ބޭނުންވި މިސްރާބަށްދާން ބުރަމަސައްކަތެއް ކުރި ކުއްޖެއް" ސާޔާގެ ކާމިޔާބިއާއި ކުރި މަސައްކަތަށް އޭނާގެ މަންމަ ތައުރީފުކުރިއެވެ.

އަކްމަލް: ގުރޭޑް 4ން ފެށިގެން ތައްޔާރުވަމުން ދިޔައީ އޯލެވެލްގެ އިނގިރޭސި މާއްދާއަށް

އަކްމަލްއަކީ ވެސް އިނގިރޭސި ބަހަށް ކުޑައިރުއްސުރެ ސަމާލުކަން ދެމުން އައި ދަރިވަރެކެވެ. ގުރޭޑް 4ން ފެށިގެން އިނގިރޭސި މާއްދާއިން ޓިއުޝަން ނަގަން ފެށިއެވެ. ގުރޭޑް 5ން ފެށިގެން އޯލެވެލްގެ އިނގިރޭސި މާއްދާގެ ޕާސްޓް ޕޭޕަރު ހަދަން ފެށިއެވެ. ގުރޭޑް 8ގައި ކިޔަވަމުން ދިޔައިރު އޯލެވެލްގެ އިނގިރޭސި މާއްދާއަށް އޭނާ ހުރީ ފައްކާވެފައެވެ. އެހެންވެ ޖެހިގެން އައި އަހަރު ގުރޭޑް 9ގައި ކިޔަވަމުން އިނގިރޭސި މާއްދާގައި ބައިވެރިވެ ދުނިޔެއާއި ރާއްޖެއިން ވެސް 1ވަނަ ހޯދީއެވެ.

އަކްމަލް ބުނީ، ދުނިޔޭގެ ވަނައަކަށް އުއްމީދު ކުރި ނަމަވެސް އެންމެ ދަށް ވެގެން އޭ ސްޓަރއެއް ލިބޭނެ ކަމަށް ސައްތައިން ސައްތައިގެ ޔަޤީންކަމެއް އޮތް ކަމަށެވެ.

އޭ ސްޓަރއަކަށް އަބަދުވެސް ޔަޤީންކަން އޮވޭ. ދުނިޔޭގެ ވަނައަކަށް އުއްމީދު ކުރިން. އެކަމަކު ދުނިޔޭގެ ވަނައެއް ލިބޭނެ ކަމަށް ސައްތައިން ސައްތަ ޔަޤީން ނުކުރަން"

އަކުމަލް ބުނީ، ގުރޭޑް 10ގައި ކިޔަވަން ފެށުމާއެކު އަމިއްލައަށް ގޭގައި ކިޔަވަން ލިބޭ ވަގުތު މަދު ކަމަށާއި އެކްސްޓްރާ ކުލާސްތައް ސްކޫލުން ކުރިއަށް ގެންދާތީ ޓިއުޝަންގެ އެހީ ހޯދަން ނުޖެހޭ ކަމަށެވެ. ދަރިވަރުންގެ ނަތީޖާ ރަނގަޅު ކޮށްދޭން ބުރަ މަސައްކަތެއް މުދައްރިސުން ކޮށްދޭކަން އަކުމަލް ވެސް ފާހަގަކުރިއެވެ.

" ބޭނުންވާ ހުރިހާ އެހީއެއް ވެސް ސްކޫލް ޓީޗަރުން ފޯރުކޮށްދޭ. ސްކޫލުން އޮންނަނީ އެ އިންތިޒާމް ހަމަޖައްސާފައި. ޓެސްޓް ކައިރިވީމާ ބައެއް ފަހަރު ޔޫޓިއުބުން އިތުރު މައުލޫމާތު ހޯދަނީ" އަކުމަލް ބުންޏެވެ.

ކޮމްބައިންޑް ސްޓްރީމަށް ކިޔަވަމުންދާ އަކްމަލް ބުނީ، އޭނާއަށް އެންމެ އުނދަގުލީ ދިވެހި މާއްދާ ކަމަށާއި ސްކޫލުގައި ކިޔަވައިދެއްވާ މުދައްރިސުންނަށް އޮންނަ އިތުބާރާއި އެމީހުން ކޮށްދޭ މަސައްކަތްތަކަށް ބަލާއިރު އެ މާއްދާއިން ޓިއުޝަން ނަގަން ނުޖެހޭ ކަމަށެވެ.

"ދިވެހި މާއްދާއިން ޓިއުޝަން ނަގާކަށް ނުޖެހޭ. އިރާދަކުރެއްވިއްޔާ އެ މާއްދާއިން ވެސް ރަނގަޅު ނަތީޖާއަކަށް އުއްމީދު ކުރަން" އަކުމަލް ބުންޏެވެ.

ފުޓްސެލް ކުޅެން ސަމާލުކަންދޭ އަކުމަލް ކުރިއަށް ދާނެ ދާއިރާއެއް އަދި ވިސްނާފައެއް ނެތެވެ. އިނގިރޭސި މާއްދާއިން ހޯދި ކާމިޔާބީ ތަކުރާރު ކުރަން އޭނާ ބޭނުންވެއެވެ. އެއާއެކު ދެން ހުރި މާއްދާތަކުން ވެސް ރަނގަޅު ނަތީޖާއަކަށް އޭނާ އުއްމީދު ކުރެއެވެ.

އަކުމަލް ބުނީ، ނަތީޖާ ހޯދަން ބޭނުންނަމަ ދުރާލާ މަސައްކަތް ފަށަން ޖެހޭ ކަމަށާއި އެއީ ޕްލޭނެއް އޮވެގެން ކުރަންޖެހޭ ކަމެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *