މަސައްކަތުގެ މާހައުލުގެ ކުރިއެރުމަށް މާސްޓަރ އޮފް އޯގަނައިޒޭޝަނަލް ސައިކޮލޮޖީ މުހިންމު ވަނީ ކީއްވެ؟

މަސައްކަތުގެ މާހައުލަކީ ހަމައެކަނި ވަޒީފާ އަދާކުރާ ތަނެއް ނޫނެވެ. އެއީ އިންސާނުންގެ ހުނަރާއި، އުފެއްދުންތެރިކަމާއި، ދުޅަހެޔޮކަން ބިނާވެ، އަދި އެކަންކަން ކުރިއަރައިގެން ދިއުމަށް ފުރުޞަތު ލިބެންޖެހޭ ތަނެކެވެ. ކޮންމެ މުއައްސަސާއެއްގެ ކާމިޔާބީއާއި ދެމެހެއްޓެނިވި ކުރިއެރުމުގެ އަސްލަކީ އެތަނެއްގައި މަސައްކަތްކުރާ އިންސާނީ ވަސީލަތެވެ. އެހެންކަމުން، މި އަގުހުރި ވަޞީލަތުގެ ނަފްސާނީ ދުޅަހެޔޮކަމާއި، ހިތްވަރާއި، ހިތްހަމަޖެހުމަށް ސަމާލުކަން ދިނުމަކީ މުއައްސަސާގެ މުސްތަޤްބަލަށްޓަކައި ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެކެވެ. މި މުހިއްމު ދާއިރާއަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީ، ދިވެހިރާއްޖޭގެ މަސައްކަތުގެ މާހައުލު އިތުރަށް ހަރުދަނާކޮށް، އުފެއްދުންތެރިކުރުމަށް ބޭނުންވާ ފަންނީ މާހިރުން ބިނާކުރުމުގެ މަޤްޞަދުގައި، ވިލާ ކޮލެޖުގެ ސްކޫލް އޮފް ސައިކޮލޮޖީ އެންޑް ކައުންސެލިންގއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް މިވަނީ މާސްޓަރ އޮފް އޯގަނައިޒޭޝަނަލް ސައިކޮލޮޖީ ޕްރޮގްރާމެއް ތަޢާރަފްކޮށްފައެވެ.

މި ޕްރޮގްރާމަކީ، އޯގަނައިޒޭޝަނަލް އަދި އިންޑަސްޓްރިއަލް ސައިކޮލޮޖީގެ އުޞޫލުތަކާއި ޢިލްމީ ހޯދުންތައް ބޭނުންކޮށްގެން، މަސައްކަތުގެ މާހައުލުގައި ދިމާވާ ގޮންޖެހުންތަކަށް ޢިލްމީ ހައްލުތައް ހޯދައިދީ، މުވައްޒަފުންގެ ފެންވަރު މަތިކޮށް، މުއައްސަސާގެ އުފެއްދުންތެރިކަން އިތުރުކުރާނެ ހުނަރުވެރި، ޤާބިލް ޕްރޮފެޝަނަލުންތަކެއް އުފެއްދުމަށް ފަރުމާކުރެވިފައިވާ ޚާއްޞަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ތެރެއިން، ލީޑަރޝިޕް ތަރައްޤީކުރުން، މުއައްސަސާތަކަށް އަންނަ ބަދަލުތަކާ އެކަށީގެންވާ ގޮތުގައި ކުރިމަތިލުން، ސައިކޮމެޓްރިކް އެސެސްމަންޓް ހެދުމާއި ބޭނުންކުރުން، މުވައްޒަފުންނަށް ކޯޗިންގ އަދި މެންޓަރިންގ ފޯރުކޮށްދިނުން، އަދި މަސައްކަތުގެ މާހައުލުގައި ނަފްސާނީ ދުޅަހެޔޮކަމާއި ރައްކާތެރިކަން ކަށަވަރުކުރުން ފަދަ މުހިއްމު ދާއިރާތަކުގެ ޢިލްމާއި އަމަލީ ތަޖުރިބާ ދަރިވަރުންނަށް ފުޅާ ދާއިރާއެއްގައި ލިބިގެންދާނެއެވެ.

ވިލާ ކޮލެޖުގެ ސްކޫލް އޮފް ސައިކޮލަޖީ އެންޑް ކައުންސެލިންގގެ ހެޑް، ޑރ. ޢާއިޝަތު ނަޝީދާ މި ޕްރޮގްރާމާ ބެހޭގޮތުން ވިދާޅުވީ "މިއީ ދިވެހިރާއްޖޭގައި މި ދާއިރާއިން ތަޢާރަފްކުރެވޭ ފުރަތަމަ ޕްރޮގްރާމް. އަޅުގަނޑުމެންގެ އަމާޒަކީ، ހަމައެކަނި ތިއަރީތަކެއް ދަސްކޮށްދިނުމެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ، ޢިލްމާއި ހުނަރުގެ އަލީގައި، ރާއްޖޭގެ މަސައްކަތުގެ މާހައުލުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސް، މުވައްޒަފުންގެ ހިތްހަމަޖެހުމާއި އުފެއްދުންތެރިކަން އިތުރުކުރާނެ، ޤާބިލް، ޒިންމާދާރު ޕްރޮފެޝަނަލުންތަކެއް ބިނާކުރުން. މި ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަކީ، އިންސާނީ ވަސީލަތްތަކުގެ ހެޔޮގޮތުގައި ބޭނުން ހިފުމުގަ އާއި މުއައްސަސާތައް ހިންގުމުގައި އިސް ދައުރެއް އަދާކުރާނެ ބަޔަކަށް ވާނެކަމަށް އުއްމީދުކުރަން."

މި ދާއިރާގެ ތަޖުރިބާކާރަކު ފާހަގަކުރެއްވި ގޮތުގައި، "މިއަދުގެ ވާދަވެރި މަސައްކަތުގެ މާހައުލުގައި، މުވައްޒަފުންގެ ދުޅަހެޔޮކަމާއި އެމީހުންގެ މޯޓިވޭޝަން އަދި އެމީހުންގެ ޕަރފޯމަންސްއަކީ މުއައްސަސާއެއްގެ ދާއިމީ ކުރިއެރުމަށް ނުހަނު މުހިއްމު ކަމެއް. އޯގަނައިޒޭޝަނަލް ސައިކޮލޮޖިސްޓުންނަކީ މިކަން ކަށަވަރުކުރުމަށް ތަޖުރިބާއާއި ޢިލްމު ލިބިފައިވާ ބަޔަކަށް ވާތީ، މީ ވަރަށް މުހިންމު ދާއިރާއެއް، މި ޕްރޮގްރާމުން ދަސްވެނިވާ ދަރިވަރުންނަށް ވަޒީފާގެ ބާޒާރުގައި ގިނަ، އަދި ފުޅާ ފުރުޞަތުތަކެއް ހުޅުވިގެންދާނެ."

މި ޕްރޮގްރާމާ ގުޅެން ޝައުޤުވެރިވާ ދަރިވަރަކު ބުނީ، "އަހަރެން އަބަދުވެސް ޤަބޫލުކުރާ ގޮތުގައި، އުފާވެރި، ހިތްހަމަޖެހިގެން ތިބޭ މުވައްޒަފުންނަކީ ކޮންމެ މުއައްސަސާއެއްގެވެސް އެންމެ އަގުހުރި ރައުސްމާލު. އޯގަނައިޒޭޝަނަލް ސައިކޮލޮޖީގެ ހުނަރުތަކަކީ، އެމީހެއްގެ ޤާބިލްކަން ތަންދިން އެންމެ ރަނގަޅަކަށް މަސަތްކަތް ކުރެވޭނެ، މަސައްކަތުގެ މާހައުލު އެންމެންނަށްވެސް ހިތްފަސޭހަ ތަނަކަށް ހެދުމަށާއި، މަސަތްކަތުގެ މާހައުލުގައި މަގުދައްކައިދޭނެ ޢިލްމެއްކަމަށް އަހަންނަށް ފެނޭ. މި ޕްރޮގްރާމުން ލިބޭ ހުނަރުތަކާއެކު، ރާއްޖޭގެ ތަފާތު މުއައްސަސާތަކަށް ހެޔޮ ބަދަލެއް ގެނައުމަށް މަސައްކަތް ކުރެވޭނެ ޤާބިލް މީހުން އުފެދިގެންދާނެ ކަމަށް ޤަބޫލުކުރަން."

މި ޕްރޮގްރާމް ފަރުމާކުރެވިފައިވަނީ ހިއުމަން ރިސޯސް ދާއިރާގައި، މެނޭޖްމަންޓް ފަންތީގައި، ނުވަތަ މުވައްޒަފުންނާ ގުޅުންހުރި އެކިއެކި މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި، އަދި މި ދާއިރާއަށް ޝައުޤުވެރިކަން ހުންނަ މަތީ ތަޢުލީމުގެ ފުރުޞަތު ހޯދަން ބޭނުންވާ ހުރިހާ ފަރާތްތަކަށެވެ. ކިޔެވުން ކުރިއަށް ގެންދެވޭނީ، ދަރިވަރުންނަށް ފަސޭހަވާނެހެން، އޮންލައިންކޮށް ނުވަތަ ބޭނުންވާ ދަރިވަރުންނަށް ކްލާހަށް ހާޒިރުވެގެންވެސް ކިޔެވޭނެ ގޮތަށެވެ. މީގެ އިތުރުން، މި ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަށް ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރެވޭ 'ސޮސައިޓީ ފޮރ އިންޑަސްޓްރިއަލް އެންޑް އޯގަނައިޒޭޝަނަލް ސައިކޮލޮޖީ' (SIOP) ގެ މެންބަރޝިޕް ހޯދުމުގެ ފުރުޞަތުވެސް ފަހިވެގެންދާނެއެވެ.

މިއީ ހަމައެކަނި ތަޢުލީމީ ޕްރޮގްރާމެއް ނޫނެވެ. ވިއީ ދިވެހި މުޖުތަމަޢުގެ މަސައްކަތުގެ މާހައުލު ތަރައްޤީކޮށް، އިންސާނީ ވަޞީލަތްތަކުގެ ކުރިއެރުމަށް އިންވެސްޓްކުރުމުގެ ރަނުގެ ފުރުޞަތެކެވެ. ވިލާ ކޮލެޖުން އަބަދުވެސް މަސައްކަތްކުރަނީ ޤައުމަށް ބޭނުންވާ، ޒަމާނީ ޢިލްމާއި ހުނަރުން މުއްސަނދިވެފައިވާ، ޤާބިލް ޖީލެއް ބިނާކުރުމަށެވެ. މާސްޓަރ އޮފް އޯގަނައިޒޭޝަނަލް ސައިކޮލޮޖީ ޕްރޮގްރާމަކީ މި މަތިވެރި މަޤްޞަދު ޙާޞިލްކުރުމަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެކެވެ. ވިލާ ކޮލެޖުން ރާއްޖެއަށް ހުޅުވާލި މި އައު ދޮރަކީ، ތަފާތު ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށް ލިބޭ އަގުހުރި ފުރުޞަތެކެވެ.

ނޯޓް: މިއީ ވިލާ ކޮލެޖުން ފަށާ މާސްޓަރ އޮފް އޯގަނައިޒޭޝަނަލް ސައިކޮލޮޖީއާ ގުޅޭ ގޮތުން ލިޔެފައިވާ އެޑްވަޓޯރިއަލްއެކެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *