ނަމާދަށް ކުދިންގެ ޝަޢުޤު އުފައްދަން އިމާމް ހުސައިންގެ ތަފާތު އުކުޅު

އިމާމް ހުސައިން: ތަރާވީޙް ނަމާދު ނިންމި ކުދިންނަށް އައިސްކުރީމް ދިނުމުގެ މަސައްކަތުގައި

ޖަމާއަތުގައި ފަތިސްނަމާދު ކުރި ކުދިންނަށް ބައިސްކަލް ދިނުމަށްފަހު، މިހާރު ދެނީ ތަރާވީޙް ނަމާދު ނިންމާ ކުދިންނަށް އައިސްކްރީމް

ކުދިން ނަމާދަށް އަހުލުވެރި ކުރުވަން އަމިއްލަ ގޮތުން މަސައްކަތް ކުރާ މަދު އިމާމުންގެ ތެރެއިން އެކަކީ ހއ. އިހަވަންދޫގައި ހުންނަ "މަސްޖިދުއް ތަޢާވުން"ގެ އިމާމް ހުސައިން ރަޝީދެވެ. ދީނީ ކަންތައްތަކަށާއި ނަމާދަށް ކުދިން އަޙްލުވެރިކޮށް މިސްކިތްތަކަށް ލޯބި ޖެއްސުމަށް އޭނާ ކުރަމުން ގެންދަނީ މުހިންމު މަސައްކަތްތަކެވެ. އެ މަސައްކަތުގެ ނަތީޖާ ފެންނަމުން ދިއުމަކީ ހުސައިންއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

ރޯދަމަސް ފެށުމާއެކު ހުސައިން ބޭނުންވީ ތަރާވީޙް ނަމާދު ނިންމާ ކޮންމެ ކުއްޖަކަށް އައިސްކޯނެއް ދޭށެވެ. އެހެން މީހެއްގެ އެހީތެރިކަމާއެކު ހުސައިންއަށް އެ މަސައްކަތް ފަށައިގަނެވުނީ ރޯދަމަހުގެ 15 ވަނަ ވިލޭރެއިން ފެށިގެންނެވެ.

ތަރާވީޙް ނަމާދުގައި އެ ހޭދަކުރާ ގަޑިއެއްހާއިރަށްފަހު، މަސްޖިދުއް ތަޢާވުން"އިން ފައިބާ އެންމެންހެން ކޮންމެ ރެއަކު ޖަމަވަނީ ހުސައިންގެ އައިސްކްރީމް ޖަގަހައެވެ. އެއީ ކުޑަކުޑައެއްޗެއް ނަމަވެސް އެ ވަގުތަށް ބަލާއިރު މުހިންމު ހަދިޔާއެކެވެ.

"ތަރާވީޙް ނިންމާ ކޮންމެ ކުއްޖަކަށް އައިސްކޯނެއް ލިބޭނެ. އެކަމުގައި ކުޑަކުއްޖެއް ބޮޑުމީހެއް ތަފާތެއް ނުކުރަން" ހުސައިން ދަރިވަރު ނޫހަށް ކިޔައިދިނެވެ.

ހުސައިން ބުނި ގޮތުގައި، އައިސްކްރީމް ދޭން ފެށުމާއެކު ތަރާވީޙް ނަމާދަށް އަންނަ ކުދިންގެ އަދަދު ބޮޑުތަނުން އިތުރުވަމުންދާ ކަމަށާއި އެއީ ލިބޭ ވަރަށް ބޮޑު އުފަލެކެވެ. ރޯދަމަހުގެ އެންމެ ފަހު ތަރާވީޙް ނަމާދާ ހަމައަށް އެ ޕްރޮގްރާމް ކުރިއަށް ގެންދާނެ އެވެ.

"މިސްކިތަށް ކުދިން އަހުލުވެރިކުރުވަން ކުރާ މަސައްކަތްތަކަށް އެ ކުދިންނާއި ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބޭ. ދަރިން ގޮވައިގެން މިސްކިތަށް އަންނަ ބެލެނިވެރިން އިތުރުއްޖެ. މިކަމުގެ ސަބަބުން ބެލެނިވެރިޔާއަށް ވެސް މަޖުބޫރުވޭ މިސްކިތަށް ދަރިފުޅު ގޮވައިގެން އަންނަން. ނޫނީ ފޮނުވަން. ބައެއް ބެލެނިވެރިން ބުނޭ، ފަތިސްނަމާދުގެ ޖަމައަތަށް އަންނަން ދަރިފުޅު މާ ކުރިން ހޭލައިގެން ތައްޔާރުވެއޭ، ގިނަ ފަހަރަށް ބެލެނިވެރިޔާއަށް ގޮވަނީ ވެސް ކުދިންނޭ"

ފަތިސް ނަމާދު ކުރަން ބާރުއެޅުމުގެ ގޮތުން ޖެހިޖެހިގެން 40 ރޭ ޖަމާއަތުގައި ފަތިސް ނަމާދު ކުރި ދަރިވަރުންނަށް  ހަދިޔާ ކުރީ ބައިސްކަލެއެވެ. އެ ޕްރޮގްރާމް ނިންމާލިއިރު،  ޖަމާއަތުގައި ޖައްސަޖައްސައިގެން 40ރޭ ފަތިސް ނަމާދުކޮށްގެން 38 ކުދިން ބައިސްކަލް ހޯދާފައިވެއެވެ. ނަމާދުގައި ކިޔާތަކެތި ދަސްކޮށްގެން ކިޔަދިން ކުދިންނަށާއި އައްމާފޮތް ހިތުދަސްކުރި ކުދިންނަށް 500 ރުފިޔާގެ ފައިސާގެ އިނާމެއް ވެސް މީގެ ކުރިން ހުސައިން ވަނީ ދީފައެވެ.

ހުސައިން ބުނީ، ޝައުޤު އުފައްދައިގެން ކުދިން ލައްވައި ކަންތައްތައް ކުރަން ފަސޭހަވާނެ ކަމަށާއި، ދީނީ ކަންތަކާއި ނަމާދަށް އަހުލުވެރި ޖީލެއް ބިނާކުރަން އޭނާ ކުރާ މަސައްކަތް ކާމިޔާބު ވަމުންދާ ކަމުގެ ފެހިސިގުނަލް ފެންނަމުންދާ ކަމަށެވެ. އެކަން އެނގެނީ މިސްކިތަށް، ޖަމާއަތަށް ނަމާދަށް އަންނަ ކުދިންގެ އަދަދު މީގެ އަހަރުތަކެއް ކުރިއާ އަޅާބަލާއިރު އިތުރުވަމުން އަންނާތީއެވެ.

ރޯދަމަހަށްފަހު، ކުދިންނަށް ނަމާދުކުރަން ދަސްކޮށްދީ، ނަމާދުގައި ކިޔާތަކެތި ދަސްކޮށްދިނުމާއި ބަންގި ގޮވަން ދަސްކޮށްދޭން ތިން މަހުގެ ޕްރޮގްރާމެއް ފަށަން ހުސައިން އަންނަނީ ތައްޔާރު ވަމުންނެވެ.

ހުސައިން ބުނީ، އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމުގެ ސަބަބުން  ގިނަ ދަރިވަރުންގެ ޝައުޤުވެރިކަން އިތުރުވާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *