ޢާރިޝް: ޤުރުއާން ހިތުދަސްކުރަން މަގުފަހިވީ ޢާއިލީ ވެށިން

އެ އާއިލާއަކަށް ނިސްބަތްވާ ތިން ހާފިޒުން ވެސް ފާސްވީ އެއްވަނަ ދަރަޖައިގައި

އެއްވަނަ ދަރިޖައިގައި ފާސްވެ ހާފިޒަކަށްވުމުން ޢާރިޝް އަބްދުﷲ އިބްރާހިމް 15، އަށް ނައިފަރުގެ ރައްޔިތުންގެ ފަރާތުން ކިޔާފައި ވަނީ ރަތްދޫލައިގެ މަރުޙަބާއެކެވެ. ހާފިޒު ކަމުގެ ސަނަދު ޙާޞިލް ކުރާ، އެރަށަށް އުފަން ކޮންމެ މީހެއްގެ ޝަރަފުގައި ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުމަކީ ނައިފަރު ރައްޔިތުންގެ އާދައެކެވެ. ރަށުގެ ކައުންސިލުން އިސްނަގައިގެން މި ހަރަކާތް ބާއްވާތާ ދުވަސްތަކެއް ވެއްޖެއެވެ.

މަދަރުސަތުލް އިފްތިތާޙްގެ ގުރޭޑް 10ގެ ދަރިވަރު، ޢާރިޝް ޤުރުއާން ހިތުދަސްކުރުމުގެ އިމްތިޙާން ފުރިހަމަ ކުރީ މިދިޔަ ފެބުރުވަރީ މަހުގެ 20ން މާރޗް 13 އަށެވެ.

ޢާރިޝްގެ ދެބެއިންގެ ދެދަރި ދެ ކުދިން ވަނީ މީގެ ކުރިން ޤުރުއާން ހިތުދަސްކޮށް ހާފިޒު ކަމުގެ ސަނަދު ހޯދާފައެވެ. އެއީ އަބްދުﷲ ޒަކުވާން މުހައްމަދު ރިކުޒާން އާއި އާއިޝަތު ޞާއިބަތު މުހައްމަދު ރިކުޒާނެވެ. މި އާއިލާގެ ފުރަތަމަ ހާފިޒާކީ 16 އަހަރުގައި ހާފިޒަކަށް ވި ޞާއިބަތުއެވެ. އެއީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުއެވެ. ޒަކުވާން ގުރުއާން ހިތުދަސްކޮށް ހާފިޒަކަށްވީ 13 އަހަރުގައެވެ. އޭނާ ހާފިޒަކަށް ވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. މި ދެ ކުދިން ވެސް ފާސްވީ އެއްވަނަ ދަރަޖައިގައެވެ.

ޢާރިޝް ޤުރުއާން ހިތުދަސްކުރަން ފެށީ ނައިފަރު ބިލާލް ޤުރުއާން ކުލާހުންނެވެ. އެ ކުލާހުގައި ހަ ފޮތް ހިތުން ދަސްކުރިއެވެ. އޭގެ ފަހުން، ޤުރުއާން ލާރނިންގ ސެންޓަރުން ކުރިއަށް ގެންދިޔަ ހާފިޒުން ތަމްރީނު ޕްރޮގްރާމުގައި ނެގި 20 ބައިވެރިންގެ ތެރޭގައި ހިމެނި ޤުރުއާން ހިފްޒް ކުރުމުގެ މަސައްކަތް ފެށިއެވެ.

ޢާރިޝް ބުނެފައި ވަނީ، ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތުގެ ތެރެއަށް ވަދެވުނި އޭނާގެ ދޮންބެގެ ފަރާތުން ކަމަށާއި އާއިލާގެ ތެރޭގައި ވެސް އޮތީ ޤުރުއާން ދަސްކުރުމުގެ ވެއްޓެއް ކަމަށެވެ. އެވެށިން އިތުރު ތިން ކުދިން ހާފިޒު ކަމުގެ ސަނަދު ހޯދާފައިވާއިރު، އިތުރު ދެ ކުދިން ދަނީ ޤުރުއާން ހިތުދަސްކުރަމުންނެވެ. އަންނަ އަހަރުގެ ތެރޭގައި އެ ދެކުދިންނަށް ވެސް ހާފިޒަކާ ހަމައަށް ދަތުރުކުރެވޭނެއެވެ.

ޢާރިޝް ބުނެފައި ވަނީ، ޤުރުއާން ހިތުދަސްކުރުމުގެ ތެރެއަށް ވަދެވުނީ އަބަދުވެސް ދީނީ ކަންތައްތަކަށް ސަމާލުކަން ދެވޭތީއާއި ދަރުމައާއި ސަވާބު އެނގި، އެކަން ކުރަން ބޭނުންވާތީއެވެ. ޢާރިޝް ޤުރުއާން ހިތުދަސްކުރީ، ލަރނިންގ ސެންޓަރުގައި ކޮންމެ ދުވަހަކު ސަފްޙާއެއް ދަސްކޮށް ހިތުން ކިޔައިދީފައިވެއެވެ. އޭގެ ކުރިން ރޭނގަނޑު ފަރިތަކޮށްފައި ސްކޫލުން އައިސް މަންމައަށް ކިޔައިދެއެވެ. 2023އާ ހަމައަށް ޤުރުއާން ހިތުދަސްކޮށް ނިންމައި، ޢާރިޝް މިދިޔަ އަހަރު ހޭދަކުރީ ޤުރުއާން މުރާޖައާ ކުރުމުގައެވެ. ޤުރުއާން މުރާޖައާ ކުރަނީ ކޮންމެ ނަމާދަކަށްފަހުއެވެ. ޚާއްޞަކޮށް ފަތިސްނަމާދުގެ ފަހުގައި މުރާޖައާ ކުރަން ހޭދަކުރާ ވަގުތު އިތުރުކުރެއެވެ.

ޢާރިޝް ބުނެފައި ވަނީ، ޤުރުއާން ހިތުދަސްކުރަން ފެށުމުން ސްކޫލުގައި ކިޔަވާ ހުރިހާ މާއްދާއެއް ކިޔަވަން ފަސޭހަވި ކަމަށާއި އިތުރު ހަރަކާތްތަކުގައި ބައިވެރިވާން ބޭނުން ވާތީ މަސައްކަތްތައް ކުރިއަށް ގެންދިޔައީ ވަކި ތާވަލެއް އެކުލަވާލައިގެން ކަމަށެވެ.

ޤުއާނާ ބެހޭ މަރުކަޒުގެ ހިފްޒް ކޮމިޓީއަށް 15 ދުވަހުގެ ތެރޭގައި ޤުރުއާން ހިތުން ކިޔައިދިން އިރު އަޅައިގަތީ އެންމެ ފިއްޔެއްގައިކަން އޭނައަށް ޤުރުއާން ހިތުން ދަސްކުރުމުގައި މަސައްކަތް ކޮށްދެއްވީ ހާފިޒް އަހްމަދު ނާޒިލް ވިދާޅުވިއެވެ. އަދި ޤުރުއާން ހިތުދަސްކުރަން ޢާރިޝް ބެހެެއްޓި ސަމާލުކަމާއި ޝައުޤުވެރިކަން ވެސް ނާޒިލް ވަނީ ފާހަގަކޮށްފައެވެ.

ޢާރިޝްއަކީ، ހޮބީއެއްގެ ގޮތުން ޕީއެސް ގޭންތަކަށް ފޯރި ހުންނަ ކުއްޖެކެވެ. އޭނާއަކީ މަދަރަސަތުލް އިފްތިތާޙްގެ ސްކައުޓެއްގެ އިތުރުން ސީނިއަރ ޕްރިފެކްޓެކެވެ. އަދި ސްކޫލުގެ ފުޓްބޯޅަ ޓީމުގެ މުހިންމު މެމްބަރެކެވެ.

ޒުވާން އިމާމުން ތަމްރީނު ކުރުމުގެ ދެވަނަ ޕްރޮގްރާމުގައި ބައިވެރިވެ ޢާރިޝް ވަނީ ހުކުރު ކުރުމާއި ޢީދުނަމާދާއި ކޭތަ ނަމާދު ކުރުމުގެ ހުއްދަ ހޯދާފައެވެ. 2022ވަނަ އަހަރާއި 2023 ވަނަ އަހަރު ނައިފަރު މިސްކިތްތަކުގައި އިމާމުވެ ދަމުނަމާދު ކޮށްފައިވެއެވެ. އަދި މިދިޔަ އަހަރު ތަރާވީހް ނަމާދު ކޮށްފައިވެއެވެ.

ޤުރުއާން ކިޔެވުމުގެ މުބާރާތްތަކުން ޢާރިޝްއަށް ލިބިފައިވާ މުހިންމު ކާމިޔާބީތައް:
  • 2016 ވަނަ އަހަރު ފާދިއްޕޮޅު އަތޮޅު ކައުންސިލު ޤުރުއާން މުބާރާތުން ހަތް އަހަރުން ދަށުން ހިތުން ކިޔެވުމުން އެއްވަނަ އަދި މުނާރާތުން ހިތުން ކިޔެވުމުން އެއްވަނަ
  • 2017 ވަނަ އަހަރު ފާދިއްޕޮޅު އަތޮޅު ކައުންސިލު ޤުރުއާން މުބާރާތުގައި އައިޑިއަލް މޫޥްމަންޓްގެ ފަރާތުން ބައިވެރިވެ ނުބަލައި ކިޔެވުމުގެ ގޮފިން ނުބަލައިކިޔެވުމުގެ ހަތަރުވަނަ ގިންތިން އެއްވަނަ މުބާރާތުން ދެވަނަ
  • 2019 ވަނަ އަހަރު ބޭއްވި އަލްމަރުޙޫމާ ފާތިމަތު ހަސަންގެ ހަނދާލުގައި ބޭއްވި ޤުރުއާން މުބާރާތުން އުމުރުފުރައިން އެއްވަނަ އަދި މުބާރާތުން ހިތުން ކިޔެވުމުން އެއްވަނަ ހޯދާފައިވޭ.
  • 2019 ވަނަ އަހަރު ފާދިއްޕޮޅު އަތޮޅު ކައުންސިލު ޤުރުއާން މުބާރާތުގައި މަދަރަސަތުލް އިފްތިތާޙްގެ ފަރާތުން ބައިވެރިވެ ތިން ވަނަ ގިންތިން އެއްވަނަ ހޯދާފައިވޭ.
  • 2022 ވަނަ އަހަރު ޤުރުއާން ކިޔެވުމުގެ 35 ވަނަ ޤައުމީ މުބާރާތުގައި ނުބަލައިކިޔެވުމުގެ ބައިން ދިހަފޮތުން 3 ވަނަ
  • 2022 ފާދިއްޕޮޅު ނައިފަރުގެ ހަތަރު ވަނަ ދައުރުގެ ދެވަނަ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި 12އަހަރާއި 15އަހަރާ ދެމެދުގެ ހިތުން ކިޔެވުމުގެ ގޮފިން ދެވަނަ ހިތުން ކިޔެވުމުން މުބާރާތުން ތިންވަނަ
  • 2023ފާދިއްޕޮޅު ނައިފަރުގެ ހަތަރު ވަނަ ދައުރުގެ ތިންވަނަ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި އުމުރު ފުރައިން އެއްވަނަ މުޅި މުބާރާތުން ހިތުން ކިޔެވުމުން އެއްވަނަ
  • 2023ފާދިއްޕޮޅު އަތޮޅު ކައުންސިލުގެ ކީ ސްޓޭޖް 3 އެއްވަނަ މުޅި މުބާރާތުން ދެވަނަ
  • 2024 ވަނަ އަހަރު ނައިފަރުގެ ހަތަރު ވަނަ ދައުރުގެ ހަތަރުވަނަ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ކީ ސްޓޭޖް 4ން އެއްވަނަ އަދި މުބާރާތުން ދެވަނަ

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *