ޒާރާ: ސްރީލަންކާގައި ދިވެހިން ފަޚުރުވެރިކޮށްދިން ދިވެހި ދަރިވަރު

އޯލެވެލްގައި، އިނގިރޭސި މާއްދައިން ލަންކާއިން އެއްވަނަ އާއި އިނގިރޭސި ލިޗްރޭޗަރއިން ދުނިޔެއިން އެއްވަނަ އަދި ކޮމާސްއިން ދުނިޔެއިން އެއްވަނަ ޒާރާ ވަނީ ހޯދާފައި. އޭލެވެލް ކިޔެވީ އޯލެވެލްގެ ނަތީޖާއަށް ބަލައި ދެހިވަލައިގައި ހުންނަ ގޭޓްވޭ ކޮލެޖުން ދިން ސްކޮލަރޝިޕެއްގައި. އޭލެވެލްގައި ތިން މާއްދާއިން އޭ ސްޓަރ އަދި އެއް މާއްދާއިން އޭ ހޯދައިގެން އެ ކޮލެޖްގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް ވަނީ ހޯދާފައި

ތަޢުލީމު ހޯދުމަކީ އެމީހެއްގެ މުސްތަޤްބަލަށް އެމީހަކު ކުރާ ވަރަށް ބޮޑު އިންވެސްޓްމެންޓެކެވެ. ކިޔެވުމަކީ ބެލެނިވެރިންނަށް ކޮށްދޭންޖެހޭ ކަމެއް ނޫނެވެ. އަދި ތަޢުލީމީ ލަނޑުދަނޑިތަކަށް ވާސިލްވުމަށް ކުރާ މަސައްކަތަކީ ބެލެނިވެރިންގެ މަޖުބޫރުކަމެއްނެތި ކުރަންޖެހޭ ކަމެކެވެ.

މިއީ އާއިޝަތު ޒާރާ އަޙްމަދު ތަޢުލީމާމެދު ދެކޭ ގޮތެވެ. އެންމެ ތުއްތުއިރުވެސް ކިޔެވުމަށް ޝައުގުވެރިކަން ހުންނަކަމަށް ބެލެނިވެރިންގެ ފަރާތުން ލިބުނު މަޢުލޫމާތުން ހާމަވެއެވެ. ކުޑައިރުގެ ދުވަސްތައް މާލެވިލިނގިލީގައި ހޭދަކުރިއިރު މަގުމައްޗަށް ހިނގާލަން ނިކުންނައިރު މަގުގެ ނަންބޯޑުތައް ކައިރީހުއްޓި އަކުރުތައް ކިޔަން ޒާރާ މަސައްކަތްކުރާ ކަމަށް ވެއެވެ.

ޒާރާގެ ސްކޫލް ހަޔާތް ފެށުނީ މާފަންނު މަދަރުސާގެ ޕްރީސްކޫލުން ނެވެ. ވަރަށް ތުއްތުއިރު ވާހަކަ ފޮތްކިޔަން ޝައުގުވެރިކަން އުފެދުނެވެ. މީގެ އިތުރުން ކުރެހުން ކުލަޖެއްސުން އަދި ލިޔުން ފަދަ ފޮތާ ގުޅުންހުރި ކަންކަމަކީ އެންމެ ތުއްތުއިރުވެސް ޒާރާގެ އެންމެ ކުރާހިތުން ކުރާ ކަންކަމެވެ.

މާފަންނު މަދަރުސާއަށްފަހު ސްރީލަންކާގެ އެމެރިކަން އިންޓަރނޭޝަނަލް ސްކޫލްގެ ޕްރީސްކޫލްގައި 01 އަހަރު ޒާރާ ކިޔެވިއެވެ. އެއަށްފަހު އަނެއްކާވެސް މާލެއައިސް ތާޖުންދީން ސްކޫލްގެ ގްރޭޑް 01 އަށް ޒާރާ ގުޅުނެވެ. ތާޖުންދީން ސްކޫލްގައި ކިޔެވުން ފެށުމާއެކު އިތުރު ހަރަކާތްތަކާއި އެކަޑަމިކް މުބާރާތްތަކުގައި ޒާރާ ބައިވެރިވިއެވެ. އަދި މި މުބާރާތްތަކުންވެސް ސްކޫލުން ފާހަގަ ކުރެވޭ ކުއްޖެއްގެ ގޮތުގައި ޒާރާ ފާހަގަވެ ޖޫނިއަރ ޕްރިފެކްޓަކަށް ހޮވުނެވެ. ޕްރައިމަރީގައި ޒާރާ ހޭދަކުރި ދުވަސްތަކުގައި އަމިއްލައަށް އިމްތިހާނު ތަކަށް ތައްޔާރުވާނެގޮތް ޒާރާއަށް ދަސްވިއެވެ. އަދި ޓިއުޝަންއާ ނުލާ ކިޔެވުމުގެ އެންމެ އުހަށްދިއުމުގެ އަޒުމާއެކު ކުރިއަށް ދިޔައެވެ.

ކޮންމެ ދުވަހަކު ސްކޫލުން އައިސް ފިލާވަޅުތައް ހެދުމާއި، އިމްތިޙާން ކައިރިވަމުން އަންނައިރު ފިލާވަޅުދަސްކުރުން އެއީ ޒާރާ އަމިއްލައަށް ކުރާ ކަމެއްގެ ގޮތުގައި ބަދަލުވި ނަމަވެސް ބެލެނިވެރިން ގަވާއިދުން ފޮތްތައް ބަލަމުންދާ ކަމަށް ޒާރާ ބުންޏެވެ. އަދި ކޮންމެ ފަހަރަކު ކުލާހުން ހޯދާ ރަނގަޅު ވަނަތަކަށް ބެލެނިވެރިންގެ ފަރާތުން ލިބުނު ހިތްވަރާއެކު ކިޔެވުމާއިގެން ކުރިއަށް ދިޔައެވެ.

ޒާރާގެ ކިޔެވުމުގެ ބޮޑު ބަދަލެއްގެ ގޮތުން ގްރޭޑް 6ން އަނެއްކާވެސް ސްރީލަންކާއަށް ބަދަލުވުން ހިމެނުނެވެ. މިގޮތުން ކިޔަވައިދިނުމުގެ ސިސްޓަމާއި، ސްކޫލް ނިންމާފައި ހަފްތާއަކު 03 ދުވަހު ސޯސަންވިލާއަށް ދިވެހި އަދި އިސްލާމް ކިޔަވަން ދާން ޖެހުމުން މުޅިދުވަސް ދަނީ ވަރަށް ބުރަކޮށް ކަމުގައި ޒާރާ ބުންޏެވެ. އެހެންނަމަވެސް ހިތްމަތާއެކު ކުރިމަސައްކަތުން ސްރީލަންކާގެ ކޮލަމްބޯ ސައުތު އިންޓަރނޭޝަނަލް ކޮލެޖުގައިވެސް ޒާރާއަކީ ފާހަގަކުރެވޭ ކުއްޖަކަށްވެ ޖޫނިއަރ ޕްރިފެކްޓަކަށް ވިއެވެ. ކިޔެވުމުގެ އިތުރުން ސްކޫލް ނެޓްބޯޅަ ޓީމަށްކުޅެ، މި ޓީމުން އެސަރަޙައްދުގެ ސްކޫލްތަކާ ކުޅޭ ފާހަގަކުރެވޭފަދަ ކާމިޔާބުތަކެއް ހޯދިއިރު ޒާރާއަކީ ސްކޫލް ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ.

2024ވަނަ އަހަރުގެ އެވޯރޑްސްޑޭގައި ޒާރާއަށް ލިބުނު ޗެމްޕިއަންސް ޓްރޮފީ ތަކާއެކު.

އޯލެވެލް އިމްތިޙާން ކައިރިވެގެން އައިއިރު ހިސާބު އަދި އެކައުންޓިންގ މިދެ މާއްދާއިން ޓިއުޝަން ހޯދަން ޖެހުނުކަމަށް ޒާރާ ބުންޏެވެ. އެއީ ލޮކްޑައުންއާ ގުޅިގެން ސްކޫލްގައި އެ ދެމާއްދާ ރަނގަޅަށް ކަވަރު ކުރެވިފައި ނުވުމެވެ. އެހެންނަމަވެސް ޓިއުޝަންއަކީ ޒާރާއަށް މާ ހިތްހަމަޖެހޭ ކަމެއް ކަމުގައެއް ނުވެއެވެ. އެއީ އަމިއްލަ އެހެންގަޑިތަކަށް ބުރޫ އެރުމާ، ކިޔެވުމުގެ ޝެޑިއުލް ޓިއުޝަންދޭ ޓީޗަރުންގެ ގަޑިތަކަށް ބަލައިގެން ހަމަޖައްސަން ޖެހުމުން އަމިއްލަ މިނިވަންކަމާއެކު ކިޔެވުމަށް ހުރަސްތަކެއް އެޅޭކަމަށް ޒާރާ ދެކެއެވެ. އެހެންނަމަވެސް ހިތްވަރާއެކު ކުރިމަސައްކަތުގެ ނަތީޖާ ވަރަށް ފޮންޏެވެ. އޯލެވެލްގައި ހެދި 07 މާއްދާއިން އޭ ސްޓާރ އަދި ބައެއް މާއްދާތަކުން ސްރީލަންކާއިން އެންމެ މަތީ މާރކްސް އަދި ބައެއް މާއްދާތަކުން ދުނިޔޭގެ އެންމެ ރަނގަޅު ނަތީޖާ ޒާރާއަށް ލިބުނެވެ. މިގޮތުން އައުޓްސްޓޭންޑިންގ ޕިއަރސަން ލާރނަރ އެވޯރޑް ( އިންގްލިސް ލޭންގުއޭޖުން ސްރީލަންކާއިން އެންމެ މަތީ މާރކްސް)، އައުޓްސްޓޭންޑިންގ ޕިއަރސަން ލާރނަރ އެވޯރޑް ( އިންގްލިސް ލިޓްރޭޗަރ އިން ދުނިޔޭގެ އެންމެ މަތީ މާރކްސް) އަދި އައުޓްސްޓޭންޑިންގ ޕިއަރސަން ލާރނަރ އެވޯރޑް ( ކޮމާރސްއިން އިން ދުނިޔޭގެ އެންމެ މަތީ މާރކްސް) ޒާރާއަށް ލިބުނެވެ. އަދި އެސް.އެސް.ސީ ދިވެހި އަދި އިސްލާމުން "އޭ ފާސް" ޒާރާއަށް ލިބުމުން ރާއްޖެއިން ބޭރުގައި ތިބެގެންވެސް އަމިއްލަ ބަހަށް އަދި ދީނަށް ލޯބިކުރުމުގެ މުހިއްމުކަން ޒާރާ ހާމަކޮށްދިނެވެ. މިލިބުނު ނަތީޖާއާ އެކުވެސް ދިވެހިރާއްޖޭގަ ލިބޭފަދަ (ޓޮޕްޓެން އިނާމުފަދަ) އެއްވެސް އިނާމެއް ޒާރާއަށް ނުލިބުނު ނަމަވެސް، ކިޔެވުމަށް އޮތް ލޯބި ގެއްލުވައެއް ނުލައެވެ. އެހެންނަމަވެސް ސްރީލަންކާގައިހުންނަ ސޯސަންވިލާއިން ޒާރާ ދިވެހި އަދި އިސްލާމްގައި ހޯދި ކާމިޔާބީ ފާހަގަކުރައްވާ އިނާމު ދެއްވާފައިވާތީ ޒާރާ ވަރަށް އުފަލާއެކު ދިވެހި ސަރުކާރަށް ޝުކުރުއަދާ ކުރަން ބޭނުންކަމުގައި ބުންޏެވެ.

ޒާރާ އެސް.އެސް.ސީ ދެ މާއްދާއިން އޭ ފާސް ލިބުމުން، މޯލްޑިވްސް ސެންޓަރއިން ދެއްވި އެވޯރޑާއެކު، އެރަސްމިއްޔާތުގެ ޝަރަފުވެރި މެޚްމާން، ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަންގެ އިސްއޮފިޝަލްއަކާ އެކު.

އޯލެވެލްއަށް ފަހު ޒާރާގެ ސްކޫލް ބަދަލުވީ ކުޑައިރު ޕްރީސްކޫލްގެ ތަޢުލީމު ޙާޞިލްކުރި (ކުރީގެ އެމެރިކަން އިންޓަރނޭޝަނަލް ސްކޫލް) ގޭޓްވޭ ކޮލެޖް ދެހިވަލަ އަށެވެ. އޯލެވެލްގެ ނަތީޖާއަށް ބަލާ ގޭޓްވޭއިން ސްކޮރލަރޝިޕްއެއް ޒާރާއަށް ލިބުނެވެ. އެއީ ޒާރާ ބުނާގޮތުން އާއިލާއަކީ ތަނަވަސް ބަޔަކަށް ނުވުމާއެކު ލިބުނު ރަނުގެ ފުރުޞަތެކެވެ. ޒާރާ ބުނާގޮތުންނަމަ ގޭޓްވޭ ކޮލެޖަކީ ދިރިއުޅުމަށް ކުދިން ނެރެދޭ "ގޭޓްވޭ" އެކެވެ. ކިޔަވައިދިނުމުގެ ނިޒާމު ކުރިން ކިޔެވި ސްކޫލްތަކާ ހާސްބައި ތަފާތެވެ. ކުދިންގެ އަޙްލާގް ވަރަށް ބޮޑަށް ތަފާތެވެ. މިނިވަންކަމާއެކީ ސްކޫލްގައި ކުދިން ދޫކޮށްލާފައި ތިބުމާއެކު، ކުދިންގެ ފަރާތުން ފެންނަ ހިނިތުންވުމާ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރާ، އެކަކު އަނެކަކަށް އެހީތެރިވުން ފަދަ ތަޢުލީމީ ހަޔާތުގައި ހަނދާން ނުނެތޭނެ އެތައް ކަމެއް ގޭޓްވޭއިން ޒާރާއަށް ލިބުނެވެ.

2024 ވަނަ އަހަރުގެ އެވޯރޑްސްޑޭގައި ޒާރާއަށް ލިބުނު ޗެމްޕިއަންސް ޓްރޮފީ ލިބިގަންނަނީ..

ގޭޓްވޭގައި ކިޔެވުމުގެ އިތުރުން ޒާރާ އަކީ އިންގްލިޝް ލިޓްރޭޗަރ ކްލަބުގެ ވައިސް ޕްރެޒިޑެންޓެވެ. މީގެ އިތުން ސްކޫލް ނެޓްބޯޅަ ޓީމަށް ކުޅުމާއި އިންޓަރ ހައުސް އެތުލެޓިކްސްގައި ޒާރާ ބައިވެރިވެ ބައެއް ވަނަތައް ލިބިފައި ވާކަން ފާހަގަ ކުރިއެވެ. އަދި ޒާރާއަކީ ގޭޓްވޭ ކޮލެޖުގެ ސްކޯލަރ އެކެވެ.

އޭލެވެލްގެ ފުރަތަމަ އަހަރުގެ ނަތީޖާއިން ރަންވަނައެއް ލިބުމުން ޒާރާއަށް އަނެއްކާވެސް ސްކޫލްފީން ވަރަށް ބޮޑު ޑިސްކައުންޓެއް ލިބުނެވެ. މީ ޒާރާގެ ބެލެނިވެރިން ފާހަގަކުރާ ގޮތުގައި އެމީހުނަށް ދިރިއުޅުމުގެ ޚަރަދުތައް ހަމަޖެއްސުމަށް ލިބުނު ވަރަށް ރަނގަޅު ފުރުޞަތެކެވެ. ގޭޓްވޭއަކީ ސްރީލަންކާގެ ނިސްބަތުން ފީ އަގުބޮޑު ސްކޫލެއް ނަމަވެސް ޒާރާގެ މުސްތަޤްބަލަށް ވިސްނާ އެސްކޫލަށް ބަދަލުކުރީ ވަރަށްފޮނި އުއްމީދުތަކަކާ އެކީގައި ކަމަށް ބެލެނިވެރިން ފާހަގަކުރިއެވެ.

އޭލެވެލްގެ ފަހު އިމްތިހާނަށް ޒާރާ ތައްޔާރުވަމުން ދިޔައީ ސްކޫލްގެ އިތުރުން ގޭގައި އަމިއްލައަށް ކިޔަވަމުންނެވެ. އެއްވެސް މާއްދާއަކުން ޓިއުޝަން ނުނަގާ އިމްތިހާނަށް ތައްޔާރުވެވޭނެ ކަމުގެ ޔަގީންކަން ޒާރާއަށް އޮތެވެ. އިމްތިޙާނުގެ ކުރިން، ކިޔެވުން ކުރިއަށް ގެންދާނެގޮތް ޕްލޭން ކުރިއެވެ. ކޮޓަރީގެފާރުގައި ހުރީ މިފަދަ ޝެޑިއުލްތަކާ އިމްތިހާނަށް ބާކީ އޮތީ ކިތައް ދުވަސްކަން އަންގައިދޭ ޗާޓުތަކެވެ. ސިލަބަސްކަވަރު ކުރާނެ ގޮތާއި ދަސްނުވެހުރި ބައިތަކެވެ. އިމްތިޙާން ކައިރިވަމުން އައިއިރުވެސް އަމިއްލަ ފިޓްނަސްއަށް ޖިމްއަށް ގަވާއިދުން ދިއުމާ، ސްރީލަންކާގައި އުޅޭ ދިވެހިންނާއެކު ހޭންޑްބޯލް ކުޅެން ވަގުތުވީ ވަރަކުން ޒާރާ ދެއެވެ. ޒާރާ ބުނާގޮތުން ވަގުތު މެނޭޖްކުރަން އެނގިއްޖެނަމަ އިމްތިޙާން ކިތަންމެ ކައިރިވިޔަސް އާދައިގެ ޝެޑިއުލް އެއްގައި އުޅެވޭނެއެވެ. ކުދިން ހާސްވެ ގޮތް ހުސްވަނީ ކުރިން އިމްތިހާނަށް ތައްޔާރު ނުވާތީ ކަމަށް ޒާރާ ދެކޭކަމަށް ބުންޏެވެ.

އޭލެވެލްގެ ނަތީޖާ ލިބުނީ ވަރަށް ފޮނިކޮށެވެ. 03 މާއްދާއިން އޭ ސްޓާރ އަދި 01 މާއްދާއިން އޭ ލިބި ޒާރާ ހިމެނުނީ 2023/2024ގެ ގޭޓްވޭ ކޮލެޖުގެ (ދެހިވަލައިގެ) އެންމެ ރަނގަޅު ނަތީޖާ ލިބުނު ދަރިވަރުގެ ގޮތުގައެވެ. އަދި މީގެ އިތުރުން 2023/2024ގެ ގޭޓްވޭ ދެހިވަލައިގެ ޗެމްޕިއަން ޓްރޮފީ ވިނަރ ނުވަތަ އެންމެ މޮޅު ދަރިވަރުގެ ގޮތުގައެވެ. ގޭޓްވޭ ކޮލެޖުފަދަ ސްރީލަންކާގެ ބޮޑު ސްކޫލަކުން މިފަދަ ވަނައެއް ލިބުމީ ޒާރާ ދެކޭ ގޮތުގައި ވަރަށް ބޮޑު ކާމިޔާބެކެވެ. ސްރީލަންކާގެ ވަރުގަދަ ވިޔަފާރިވެރިންގެ ދަރިންނާއި މުއްސަނދި އެތައް ބައެއްގެ ދަރިންނާ ވާދަކޮށް މިލިބުނީ ފަޚްރުވެރިވުން ހައްގު ވަނައެއް ކަމަށް ޒާރާ ދެކެއެވެ. އަދި ޚާއްޞަކޮށް ގައުމުން ބޭރުގައި މިފަދަ ވަނައެއް ލިބުމީ ދިވެހިރާއްޖެއަށް ލިބުނު ވަރަށް ބޮޑު ފަޚުރެކެވެ. ޒާރާ ދެކޭގޮތުގައި މިކާމިޔާބަކީ ގޭޓްވޭގެ އުފާވެރި މާހައުލުން ޒާރާއަށް ލިބުނު ރަންމުތެކެވެ. ލިބޭ އިނާމަކަށް ނުބަލާ ޢިލްމަށް ފެންބޮވައިގެންފައިވާ ކޮންމެ ދަރިވަރަކު ގަދައަޅައި މަސައްކަތްކޮށްފިނަމަ، މާތްﷲ އެކުއްޖަކަށް ކާމިޔާބު ދެއްވާނެކަމަށް ޒާރާ ދެކެއެވެ.

ޒާރާ ގޭޓްވޭ ކޮލެޖްގެ ގްރެޖުއޭޝަންގައި

ޒާރާ ބުނާގޮތުން އޭލެވެލްގަ މިނަތީޖާ ލިބުނު ނަމަވެސް ޒާރާ އެންމެ ބޭނުންވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރ ޝިޕްގައި ރާއްޖޭން ބޭރަށް ކިޔެވުމަށް ދިއުމަށެވެ. އެހެންނަމަވެސް ރާއްޖޭގެ ސްކޫލަކުން ޒާރާ ނުކިޔާވާތީ އެފުރުޞަތު ޒާރާއަކަށް ނެތެވެ. އަދި މާލީ ތަނަވަސްކަން ނެތުމުން ސަރުކާރުގެ ލޯން ފުރުޞަތެއް ލިބޭތޯ ކުރެވޭ އިންތިޒާރުގައި ޒާރާ ހުރީ މާޔޫސް ކަމުގައެވެ. އެއީ ލޯނު ނުލިބިއްޖެނަމަ ދެން ކިޔަވަން ދާނެ ގޮތަކާ މެދު އެވެ. ޒާރާ ދެކޭގޮތުގައި ރާއްޖޭން ބޭރުންކިޔަވާ ދަރިވަރުންވެސް ހޯދާ މިފަދަ ވަނަތައް ދިވެހި ސަރުކާރުން ބަލައިގަތުން އެއީ ވަރަށް މުޙިއްމު ކަމެކެވެ. ހަމައެކަނި އެވޯރޑެއް ދިނަސް އެއީ ގައުމުން ބޭރުގައި ދިވެހިދަރިން ކުރާ މަސައްކަތަށް ސަރުކާރުންދެވޭ ވަރަށްބޮޑު ހިތްވަރަކަށް ވާނެކަމަށް ޒާރާ ދެކެއެވެ.

ކިޔަވާ ނިމުމަށްފަހު ޒާރާމިއަދު ވަޒީފާއަދާކުރަމުން ދަނީ ޝީޝާ  ޕްރައިވެޓް ލިމިޓެޑްގެ ކޯލް ސެންޓަރ ގައެވެ. ސަރުކާރުން އަދި ޒާރާ ކިޔަވަން ބޭނުންވާ ދާއިރާ ކަމުގައިވާ ބޭންކިންގ ސެކްޓަރގެ އެއްވެސް ވަޒީފާއެއް ލިބޭގޮތެއް ނުވިއެވެ. މީގެ ކުރިން ވެލިގަނޑު މޯލްޑިވްސްގެ ގިފްޓް ޝޮޕްގައިވެސް ޒާރާ މަސައްކަތްކުރިއެވެ. މިކުރެވުނު ކޮންމެ ތަޖުރިބާއަކުން އެނގުނީ ރާއްޖޭގެ ވަޒީފާގެ މާރކެޓް އޮތް ގޮތް ކަމުގައި ޒާރާ ބުނެއެވެ. އަދި އިންތިޒާރުކުރަމުންދަނީ ފައިނޭންޝަލް ދާއިރާއިން ކިޔަވައިގެން އައިސް ރާއްޖެއަށް ޚިދުމަތްކުރުމަށެވެ. އަދި މިޖީލުގެ ކުދިންނަށް ޒާރާ ދޭން ބޭނުންވާ މެސެޖަކީ މައިންބަފައިން ޓިއުޝަނަށް އެކުރާ ބޮޑެތި ޚަރަދުނުކޮށް އަމިއްލައަށް ކިޔެވުމުގެ ކަންކަން ކުރެވޭނެގޮތަކަށް ކަންކަން ކުރެވޭތޯ މަސައްކަތްކުރުމެވެ. އަދި ދިވެހި ޤައުމަށް ޚިދުމަތްކުރުމީ ކޮންމެ ދަރިއެއްގެ ފަޚުރެއްކަމުގައި ހެދުމެވެ. އަދި ނިންމާލާމުން މަންމަ އާއި ބައްޕައަށް އަދި އާއިލާގެ އެންމެންގެ ފަރާތުން އަބަދުވެސް ލިބެމުންދާ ހެޔޮ ދުޢާ އާއި އެހީތެރިކަމަށް ޝުކުރު އަދާކުރަން ބޭނުންކަމަށް ޒާރާ ބުންޏެވެ. ޚާއްޞަކޮށް މަންމަ އާއި ބައްޕަގެ ބުރަ މަސައްކަތް އަބަދުވެސް ހަނދާން ކުރާ ކަމަށް ޒާރާ ބުންޏެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *