ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އިންތިޒާމް ކުރި މެރަންތަންގެ އިންތިޒާމްތަކަށް މެރަތަންގައި ބައިވެރިވި ދުވުންތެރިން ތައުރީފުކޮށްފިއެވެ.
މިއީ ތައުލީމީ މުއައްސަސާއަކުން އިސްނަގައިގެން ރާއްޖޭގައި ބޭއްވި ފުރަތަމަ މެރަތަންއެވެ. މެރަތަން ކުރިއަށް ގެންދިޔައީ ފެބުރުވަރީ މަހުގެ 20ން21އަށް ހުޅުމާލޭގައެވެ. މެރަތަންގެ އިންތިޒާމް ކުރީ އެމްއެންޔޫގެ ވިޔަފާރި ކުންފުނި ޔުނިހޯލްޑިންގެ ފަރާތުންނެވެ.
ޔުނިހޯލްޑިންގ ގެ މެނޭޖިންގ ޑިރެކްޓަރު، އަހުމަދު މުޙައްމަދު (އަންޑޭ) ވިދާޅުވީ، އެ ކުންފުންޏަކީ މެރަންތަންއެއް ބާއްވަން އާ ކުންފުންޏެއް ކަމަށާއި ހުރިހާ ކަމެއް ވެސް ޖެހުނީ އަލިފުން ޔާޔަށް ދަސްކުރައްވަން ކަމަށެވެ.
"މެރަތަން ބާއްވާ ފަރާތްތަކާއި އެތްލީޓުންނާ އަޅުގަނޑުމެން ބައްދަލުކުރިން. އެބޭފުޅުން ވިދާޅުވީ، ފުރަތަމަ ފަހަރަށް މެރަތަންއެއް ބާއްވާއިރު 500 ދުވުންތެރިން ބައިވެރިވިޔަސް އެއީ ވަރަށް ބޮޑު ކާމިޔާބެކޭ، އެއީ އޭ ގުރޭޑެއް ލިބޭ ވަރުގެ ކަމެކޭ" މެރަތަންއިން ވަނަތައް ހޯދި ދުވުންތެރިންނަށް މެޑަލް ދިނުމުގެ ރަސްމިއްޔާތުގައި އަންޑޭ ވިދާޅުވިއެވެ.
އަންޑޭ ވިދާޅުވީ، މެރަތަންގައި ބައިވެރިވި ދުވުންތެރިންގެ އަދަދަށް ބަލާނަމަ ލިބުނީ އޭ ސްޓަރއެއް ކަމަށެވެ.
އެމްއެންޔޫއިން މެރަތަންއަށް ހުޅުވާލީ 1350 ޖާގައެވެ. މެރަތަންގައި 1095 ދުވުންތެރިން ރަޖިސްޓްރީވެ ދުވެފައިވެއެވެ. މީގެ ތެރޭގައި ރާއްޖެއިން ބޭރުގެ 88 ދުވުންތެރިން ވެސް ހިމެނެއެވެ. އެމްއެންޔޫ މެރަތަންގައި ބައިވެރިވި ދުވުންތެރިންގެ 57 އިންސްތައަކީ ފިރިހެނުންނެވެ. އަންހެން ދުވުންތެރިންގެ ނިސްބަތަކީ 43 އިންސައްތައެވެ. އެއީ ވެސް ބޮޑު ކާމިޔާބެއް ކަމަށް ޔުނިވިޔައިން ދެކެއެވެ.
އަންޑޭ ފާހަގަކުރެއްވި ގޮތުގައި އެ ކުންފުނިން ވިސްނުން ގެންގުޅުނީ، ޔުނިވަރސިޓީގެ ހުރިހާ ފަރާތްތަކާ ގުޅިގެން އިންތިޒާމްތައް އެންމެ ފުރިހަމައަށް ގެންދެވޭތޯއެވެ. އެކަން ކާމިޔާބު ކުރުމަށް ޕާޓްނަރެއްގެ ގޮތުން ބައިވެރިވީ ރާއްޖޭގައި އެންމެ ގިނަ މެރަތަން ބާއްވާފައިވާ ޓީއެފްޖީއެވެ. އޭގެ އިތުރުން އެމްއެންޔޫގެ ސްޓޫޑެންޓް ޔޫނިއަންއާއި ފުލުހުންނާއި ޓްރީޓޮޕް ހޮސްޕިޓަލުގެ ދައުރު ވަރަށް ބޮޑު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ޚާއްޞަކޮށް ސްޕޮންސަރުންގެ ގޮތުގައި ބައިވެރިވި ފަރާތްތައް ވެސް ހިމެނެއެވެ.
މެރަތަންގެ ވަނަތަކަށް ހޯދި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކުރަން ބޭއްވި ހަފްލާގައި ބައިވެރިއެއްގެ ގޮތުން ވާހަކަ ދެއްކީ، ފުލް މެރަތަންއިން ފިރިހެނުންގެ ކެޓަގަރީން އެއްވަނަ ހޯދި ހުސައިން ފަޒީލެވެ. ދުވުމުގައި އެތައް ރެކޯޑެއް ޤާއިމް ކޮށްފައިވާ ފަޒީލް ވިދާޅުވީ، އެމްއެންޔޫ މެރަތަންގެ އިންތިޒާމްތަކަށް ސަތޭކަ ދޭންޖެހޭ ކަމަށާއި ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް ފުރިހަމައަށް ކަމަށެވެ. އެނާ ފާހަގަކުރެއްވި ގޮތުގައި ފުލް މެރަތަންގައި ދުވިއިރު އެންމެ ބޮޑަށް ފާހަގަކުރެވުނީ ފެން ފޯރުކޮށް ދިނުމަށް އެކި ސަރަހައްދު ތަކުގައި ޤާއިމް ކޮށްފައިވާ ވޯޓަރ ސްޓޭޝަންތަކުން އެމްއެންޔޫގެ ދަރިވަރުން ދިން ޚިދުމަތާއި ދުވާ ރޫޓްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ އިންތިޒާމް ކަމަށެވެ. ސެކިއުރިޓީގެ އިންތިޒާމް ބެލެހެއްޓީ ފުލުހުންގެ ފަރާތުންނެވެ.
"ޖުމްލަކޮށް ވަރަށް ފުރިހަމަ ވަރަށް ބަރާބަރު މެރަތަންއެއް" ފުލްމެރަތަންއިން އެއްވަނަ ހޯދާ 10،000 ރުފިޔާގެ ފައިސާގެ އިނާމް ހޯދި ފަޒީލް ބުންޏެވެ.
ފަޒީލް ބުނީ، އަންނަ އަހަރު ބާއްވާ މެރަތަންއަށް މިހާރުވެސް އުއްމީދު ކުރެވޭ ކަމަށާއި މިއަހަރަށްވުރެ އަންނަ އަހަރު ބައިވެރިވާ ދުވުންތެރިންގެ އަދަދު އިތުރުވާނެ ކަމަށް އޭނާ ޔަޤީން ކުރާ ކަމަށެވެ.
މެރަތަންގައި ބައިވެރިވި އެހެން ދުވުންތެރިން ވެސް ފަޒީލްގެ ވާހަކައަށް ތާއީދު ކުރިއެވެ.
"އުއްމީދު ކުރި ވަރުގެ މެރަތަން އެއް އެމްއެންޔޫއިން ބޭއްވީ. ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް ފުރިހަމައަށް" މެރަތަންގައި ބައިވެރިވި ބައިވެރިއަކު، މެޑަލް ދިނުމުގެ ރަސްމިއްޔާތަށްފަހު އޮތް ކެއުމުގެ ތެރެއިން ބުންޏެވެ.
އަންޑޭ ވިދާޅުވީ، އަލަށް ކަމެއް ކުރާއިރު އުނދަގޫތަކެއް ހުންނާނެ ކަމަށާއި އަންނަ އަހަރު ބާއްވާ މެރަތަންގެ އިންތިޒާމް މިހާރަށްވުރެ ބޮޑުތަނުން ރަނގަޅު ކުރާނެ ކަމަށާއި އެއާއެކު ރާއްޖެއިން ބޭރުގެ ދުވުންތެރިންގެ އަދަދު އިތުރު ކުރަން މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.
އެމްއެމްޔޫގެ މެރަތަން ކުރިއަށް ގެންދިޔައީ ދެ ދުވަހަކަށް ބަހާލައިގެންނެވެ. ފުރަތަމަ ދުވަހު ކުރިއަށް ގެންދިޔައީ ކުޑަކުދިންނަށް ކުރިއަށް ގެންދިޔަ "ކިޑްސް ޑޭޝް" ގެ ނަމުގައި ކުރިއަށް ގެންދިޔަ ދުވުމާއެކު ތަފާތު ކުޅިވަރު ހަރަކާތަކެކެވެ. ދެވަނަ ދުވަހު ކުރިއަށް ގެންދިޔައީ މެރަތަންއެވެ. ހަތަރު ކެޓަގަރީއަކަށް މެރަތަން ބަހާލާފައިވާއިރު، ކޮންމެ ކެޓަގަރީއަކުން އެންމެ މޮޅު ފިރިހެން އަދި އަންހެން ދުވުންތެރިންނަށް މެޑަލާއި ފައިސާގެ އިނާމް ދީފައިވެއެވެ.
އަންޑޭ ވިދާޅުވީ، ކާމިޔާބު މެރަތަންއެއް ބޭއްވުމަށް ޔުނިވަރސިޓީގެ އެކި ޑިޕާޓްމަންޓްކައި ޔުނިވިޔަގެ ސްޓާފުން ކޮށްފައިވަނީ ބުރަ މަސައްކަތްތަކެއް ކަމަށެވެ. އެ ހުރިހާ ފަރާތްތަކަށް އޭނާ ވަނީ ވަކިވަކިން ޝުކުރުއަދާކުރައްވާފައެވެ.
ހިޔާލު