އީޝާ: އިނގިރޭސި މާއްދާއަށް މޮޅުވާން ފޮތް ކިޔައި، ފިލްމާއި ސީރީޒް ބެލީ

އީޝާ ހޯދީ ނޭކުރެންދޫ ސްކޫލުން ކިޔެވި ކުއްޖަކު ހޯދި އެންމެ ރަނގަޅު ނަތީޖާ

ކިޔެވުމުގެ އިތުރުން އިނގިރޭސި މާއްދާއަށް މޮޅުވާން ނޭކުރެންދޫ ސްކޫލުން މިދިޔަ އަހަރު އޯލެވެލް ނިންމި އައިޝަތު އީޝާ ހަސަން ކުރި ކަމަކީ ގިނައިން އިނގިރޭސި ވާހަކަފޮތް ކިޔައި ފިލްމާއި ސީރީޒް ބެލުމެވެ. އެއީ ކުޑައިރުއްސުރެ އޭނާގެ ކަށީގައި ހިފާފައި ހުރި އާދައެކެވެ. ކުޑައިރު ބަލަނީ ފިލްމާއި ސީރީޒްގެ ބަދަލުގައި ކާޓޫނެވެ. ބޮޑުވަމުން އަންނަ ވަރަކަށް ފޮތް ކިޔަނީ އޮންލައިންކޮށެވެ.

އިޝާދެކޭ ގޮތުގައި އޯލެވެލްގައި، އިނގިރޭސި މާއްދާއިން ދުނިޔެއާއި ރާއްޖެއިން އެއްވަނަ ލިބުނު ސަބަބަކީ އެއީއެވެ.

މާލޭގައި ހުންނަ ސީއެޗްއެސްއީގެ ގުރޭޑް 11ގައި ކިޔަވަމުން އަންނަ އީޝާއަށް، ސެކަންޑް ލެންގުއޭޖްގެ ގޮތުގައި އިނގިރޭސި މާއްދާއިން ކެމްބްރިޖް ލާނަރސް އެވޯޑް ލިބުނު ވާހަކަ ގުޅާފައި ބުނީ އޭނާގެ މަންމައެވެ. އެވާހަކަ ބުނުމުން ޤަބޫލުކުރަން ދަތިވިއެވެ. އެއީ އުއްމީދު ކުރި ވަނައަކަށް ނުވާތީއެވެ.

"ރަނަގަޅު ހިސާބަކަށް ދެވިދާނެ ކަމަށް އުއްމީދު އޮވޭ، އެކަމަކު އިނގިރޭސި މާއްދާއިން ދުނިޔެއިންނާއި ރާއްޖެއިން އެއްވަނަ ލިބިދާނެ ކަމަށް ހިއެއް ނުކުރަން" ފާއިތުވި އަހަރު ނޭކުރަންދޫ ސްކޫލުން އެންމެ މޮޅު ދަރިވަރުގެ މަޤާމް ހޯދި އީޝާ ބުންޏެވެ.

ފާއިތުވި އަހަރު އޯލެވެލް އިމްތިޙާނުގައި ނޭކުރެންދޫ ސްކޫލުން ބައިވެރިވީ 14 ދަރިވަރުންނެވެ. އެ ދަރިވަރުންގެ ތެރެއިން ޤައުމީ ގަދަ ދިހައެއްގައި ހިމެނުނީ އީޝާ އެކަންޏެވެ. އިނގިރޭސި މާއްދާއިން ޔުނިޔޭ ވަނައެއް މީގެ ކުރިން އެ ސްކޫލުން އޯލެވެލް ނިންމި ދަރިވަރަކު ހޯދާފައި ނުވެއެވެ. އެހެންވެ އެއީ ސްކޫލް ފަޚުރިވާ ފަދަ ނަތީޖާއެކެވެ.

އިޝާއަށް ކިޔަވަން ފަސޭހައީ ރޭގަނޑުގެ ވަގުތެވެ. އެންމެ އުނދަގޫ މާއްދާއަކީ ހިސާބެވެ.

" ހިސާބު މާއްދާ އަބަދުވެސް އުނދަގޫ. އެންމެ ބޮޑަށް މަސައްކަތް ކުރަން ޖެހުނީ ވެސް އެ މާއްދާއަށް" އީޝާ ބުންޏެވެ.

ސްކޫލުގެ ކެޕްޓަންގެ ޒިންމާއާއެކު، ހުރިހާ ހަރަކާތެއްގައި ވެސް އީޝާ ބައިވެރިވެއެވެ. އަމަލީގޮތުން އިސްނަގައިގެން މަސައްކަތް ކުރެއެވެ. އެ ހުރިހާ ކަމެއްގައި އުޅެން ޖެހުމުން އޭނާއަށް އެންމެ އުނދަގޫވީ ކިޔެވުމާއި އިތުރު ހަރަކާތްތައް ބެލެންސް ކުރާށެވެ. ގަދަ ފަހަކަށް ނޭރުނީ އެހެންވެ ކަމަށް އީޝާ ދެކެއެވެ.

އިޝާދެކޭގޮތުގައި މަދުކުދިންތަކެއް ތިބުމުން ރަށު ސްކޫލުގައި ކިޔަވަން ފަސޭހައެވެ. ކުދިންނަށް ދޭންޖެހޭ ސަމާލުކަން ޓީޗަރުންނަށް ދެވެއެވެ. ރަށްރަށުގެ ދަރިވަރުން ހޯދަމުންދާ ނަތީޖާ ރަނގަޅުވަމުން އައުމަކީ އޭގެ ހެއްކެކެވެ.

އީޝާ އުފާވަނީ މަންމައާއި ބައްޕަ އަދި އާއިލާގެ ކައިރީގައި ހުރެ ރަށު ސްކޫލުން ކިޔަވައިގެން ރަށާއި ސްކޫލަށް ރީތި ނަމެއް ހޯދައިދެވުނީމާއެވެ. އޭލެވެލްގައި ވެސް އެފަދަ ނަތީޖާއަކަށް އޭނާއަށް އުއްމީދު ކުރެއެވެ. ކިޔެވުމުގައި ހޭދަކުރާ ވަގުތު އިތުރު ކުރެއެވެ. އޭނާ ބޭނުން ވަނީ ސްކޮލަރޝިޕެއްގެ ދަށުން ޑޮކްޓަރީކަން ކިޔަވަން ރާއްޖެއިން ބޭރަށް ދާށެވެ.

މަންމައާއި ބައްޕައާއި އާއިލާއާއި ކިޔަވައިދެއްވި ހުރިހާ ޓީޗަރުންނަށް އީޝާ ޝުކުރުއަދާކުރިއެވެ. އެމީހުން ދިން އެހީތެރިކަމާއި އެއްބާރުލުމަކީ އިޝާއަށް ކުރިއަށް ދިއުމަށް ލިބުނު އެންމެ ބޮޑު ހިތްވަރެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *