ކިޔަވަމުން ވާޒީފާއަށް ދަނީ ލޯނަކާ ނުލައި ޔުނިވަރސިޓީއަށް ދާން. މަސައްކަތުގެ ތެރެއިން ކޮންމެ ދުވަހަކު ތަޖުރިބާ ކުރަނީ ބޭރު މީހެއް ކަމަށް ހީކޮށް، ޚިދުމަތް ލިބިގަންނަ ދިވެހިންގެ ފަރާތުން ފެންނަ ނަސްލީ ތަފާތުކުރުންތައް
ޖަމާލުއްދީން ސްކޫލުން އޯލެވެލް ނިންމި މުޙައްމަދު ޒުކަން ވަޒީފާއަކަށް ދާން ފެށީ، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން އޭލެވެލްއަށް ކިޔަވަން ފެށުމާ ދޭތެރޭގައި ލިބުނު ޗުއްޓީގައެވެ. އެންމެ ފުޅާދާއިރާއެއްގައި ސްމާޓް ފޯން ވިއްކުމާއި އެ މަރާމާތު ކުރުމުގެ ޚިދުމަތް ރާއްޖޭގައި، ދޭ އެލް މޮބައިލްގެ ޓެކްނީޝަނެއްގެ ވަޒީފާ ހޯދައިދިނީ، އޭނާގެ މަންމައެވެ. ވަޒީފާއަށް ނުކުތްއިރު ޒުކާންގެ އުމުރުން ސަތާރަ އަހަރު ފުރުނީއެވެ.
ޒުކަންއަކީ ކުޑައިރުއްސުރެ ހޮބީއެއްގެ ގޮތުން، ޓެކްނީޝަނަކަށް ފައްކާވަމުން އައި ކުއްޖެކެވެ. މަންމަ ގަނެދޭ ރިމޯޓް ކާރުފަދަ ތަކެތި ރޫޅާލައިގެން އޭގައި އިންނަ މޯޓަރުނަގައިގެން އަމިއްލައަށް ތަފާތު ކަމެއް ކޮށްލުމަކީ އޭނާގެ އާދައެވެ. އައު ވިސްނުންތަކާއި އައު އުފެއްދުންތަކާއި އީޖާދުތަކަށް އޭނާގެ ވިސްނުން އަބަދުވެސް ދަތުރު ކުރެއެވެ. އެ ވިސްނުމުގެ ތެރެއިން ރޮބޮޓިކް ފަދަ އާލާތްތައް ހަދައި ސްކޫލުގައި ބާއްވާ ސައިންސް ފެއަރގައި ދައްކާލައެވެ.
ސްމާޓް ފޯން މަރާމާތު ކުރުމުގެ މަސައްކަތަށް ޚާއްޞަވިއިރު، ކޮންމެ ވެސް ވަރަކަށް އެކަމުގެ މައުލޫމާތު ޔޫޓިއުބުގެ އެހީގައި ޒުކަން ހޯދިއެވެ. ކަމެއް ދަސްކުރުމުގައި ޒުކަންގެ ގެންގުޅޭ ހަމައަކީ ފުރަތަމަ އަމިއްލައަށް އެކަން ކުރަން މަސައްކަތް ކުރުމެވެ. އަސާސީ މައުލޫމާތު އަމިއްލައަށް ހޯދާފައި އިތުރު އެހީ އެނގޭ މީހުންގެ ކައިރިން އޮޅުން ފިލުވަނީއެވެ.
"ދިމާވާ މައްސަލައެއް އަމިއްލައަށް ހައްލު ކުރަން ފުރަތަމަ ބަލަނީ. އެކަން ކުރަން ޔޫޓިއުބު ފަދަ ވަޞީލަތްތަކުގެ ބޭނުން ހިފަން. އެންމެ ފަހުކަމެއްގެ ގޮތުގައި އެހެން މީހެއްގެ އެހީ ހޯދަނީ" ޓެކްނީޝަނެއްގެ ވަޒީފާގައި ޒުކަން މަސައްކަތް ކުރާތާ އަހަރެއްވީއެވެ.
"ކޮންމެ ކަމެއް ވެސް އަމިއްލައަށް ހޯދައި ބަލައި ދަސްކުރާއިރު، ޓީޗަރަކާ ސުވާލު ކުރާހެން ވަރަށް ގިނައިން ޓެކްނީޝަނުން ކައިރިން އަހައި އޮޅުފިލުވަން. މިހާރު އެނގޭ ހުރިހާ ވައްތަރެއްގެ ފޯނުވެސް ރޫޅާލައި އާންމުކޮށް ދިމާވާ މައްސަލަތައް ހައްލުކުރަން"
ޒުކަން މަސައްކަތް ކުރަމުން އަންނަނީ ސީނިއަރ ދެ ޓެކްނީޝަނެއްގެ ބެލުމުގެ ދަށުންނެވެ.
އަމިއްލަ ތަޖުރިބާގެ އަލީގައި ޒުކަން ބުނީ، ކަންތައްތައް ދަސްކުރަން ހެދޭ "މިސްޓޭކް"އިން އެތައް ފިލާވަޅެއް ލިބޭ ކަމަށެވެ. މިސްޓޭކެއް ހެދިދާނެތީ ބައެއް މީހުން ބިރުގަނެވެ. އެފަދަ ކަމެއް ދިމާ ނުވާނެހެން ގިނަ ބަޔަކު މަސައްކަތް ކުރާއިރު އެއީ ކަމެއް ދަސްކުރުމާއި ކުރިއަށް ދިއުމަށް މުހިންމު ފިޔަވަޅެއް ކަމަށް ޒުކަން ދެކެއެވެ. ސަބަބެއް ކަމަށް އޭނާ ފާހަގަކުރި ގޮތުގައި، މިސްޓޭކް ނެހެދެންޏާ ކަމެއް ރަނގަޅު ކުރާކަށް ނޭނގޭނެއެވެ. ހެދޭ އެންމެ މިސްޓޭކަކީ އެތައް ކަމެއް ރަނގަޅު ކުރަން، ކުރިއަށް ވިސްނަން ލިބޭ ފިލާވަޅެކެވެ.
"ބައެއް ފަހަރު މިސްޓޭކް ހަދަންވެސް ޖެހޭ. ކަމެއްގައި ކުރިއެރުމަށް މުހިންމު ކަމަކަށް އެ މިސްޓޭކްވޭ"
މިސާލެއްގެ ގޮތުން ޒުކަން ފާހަގަކުރީ މަސައްކަތުގެ މައިދާނުގައި ހެދޭ މިސްޓޭކް ރަނގަޅު ކުރަމުން ކަންތައްތައް ދަސްކުރަމުން ދިޔުމުން މުސްތަގުބަލަށް އޭގެ ފައިދާ މާ ބޮޑަށް ކުރާނެ ކަމަށެވެ.
"މީގައި ވިސްނަން ޖެހެނީ ހެދޭ މިސްޓޭކް ތަކުރާރު ނުކުރަން. މިސްޓޭކް ތަކުރާރުވުން ގޯހަކަށް ވަނީ" އަމިއްލައަށް ކަންތައްތައް ދަސްކުރަން އިސްކަންދޭ ޒުކަން ބުންޏެވެ.
ވަގުތުގެ މުހިންމު ކަމާއި ފައިސާގެ އަގު ދަސްކޮށްދޭން ޖެހޭ
ސްކޫލުގެ މާހައުލާއި ވަޒީފާގެ މާހައުލަކީ މުޅިން ތަފާތު ދެ މާހައުލެވެ. އެ ދެ މާހައުލަށް ފިޓްވެގެން ނޫނީ ކުރިއަށް ނުދާނެއެވެ. ޒުކަން ކުރިއަށް ދަނީ އެ ދެ މާހައުލަށް ފިޓްވެގެންނެވެ. ކޮންމެ ދުވަހަކުވެސް ސްކޫލުގެ ކިޔެވުން ނިމުމާއެކު ޒުކަން ނުކުންނަނީ ވަޒީފާއަށެވެ. އޭގެ ކުރިން ސްކޫލުން ދޭ ފިލާވަޅުތައް ސްކޫލު ގަޑީގައި ނިންމަން ސަމާލުކަން ދެއެވެ. ނުނިމި ހުންނަ ފިލާވަޅުތައް މަސައްކަތުގައި އުޅެމުން ލިބޭ ހުސްވަގުތު ތަކުގައި ނިންމާފައި ސަބްމިޓް ކުރަން ޚާއްޞަ ސަމާލުކަމެއް ދެއެވެ.
"ފަހަށް އެއްވެސް ފިލާވަޅެއް ނަހަދައި ނުބަހައްޓަން. ފަހަށް ބަހައްޓައިފިނަމަ ލަސްވަމުން ލަސްވަމުން ދާނީ. މަދަމާ ނިންމާނީ މާދަމާ ނިންމާނީ އެވަރެއްގައި ދާނީ. އެންމެ ފަހުން ގަޑިއަކަށް އެކަމެއް ނުވާނެ"
މަސައްކަތުގެ ތެރެއިން ލިބޭ ކޮންމެ ހުސްވަގުތެއްގެ ބޭނުން ޒުކަން ހިފަނީ ކިޔަވާށެވެ.
ޒުކަން ބުނި ގޮތުގައި، އޭނާއެކު މަސައްކަތަށް ނުކުތް އެހެން ކުއްޖަކު ވެސް ވަގުތު ބެލެންސް ނުކުރެވި، ވަޒީފާގައި ހިފަހައްޓައި ނުލެވިގެން ދިޔައީއެވެ.
" ގިނަ ކުދިންނަށް ކިޔަވަމުން މަސައްކަތް ކުރަން، ވަގުތު ބެލަންސެއް ނުކުރެވޭ. އާއިލާއަށް ވަގުތު ދޭންޖެހޭ. ސްކޫލަށާއި މަސައްކަތަށް ވަގުތު ދޭންޖެހޭ. އަދި އޭގެ އިތުރުން ރައްޓެހިންނަށް ވެސް ވަގުތު ދޭންޖެހޭ. ކަމެއް ހާޞިލް ވާނީ ޤުރުބާނީތަކެއް ވެގެން. ފެމެލީއާއެކު ކުޑައިރު އުޅުނުހެން މަޖާކުރަން މިހާރު ނޫޅެވޭ" ޒުކަން ކިޔައިދިނެވެ.
ޒުކަން ބުނީ އެކުގައި އުޅޭ ރައްޓެހިންނާއެކު ވަގުތު ހޭދަކުރަން، ތަނަކަށް ދާން ބޭނުންވެއްޖެނަމަ ދެ ހަފްތާކުރިން "ބުކް" ކުރާ ކަމަށެވެ.
" ސެޓްކޮށްފައި އޮންނަ ޓައިމަށް މީޓްކުރެވޭނީ، ތަނަކަށް ދެވޭނީ. ވޯކް އެތިކްސް އޮންނަންޖެހޭނެ. ކޮންމެ ގަޑިއަކީ ފްރީޓައިމެއް ނޫން. އެގޮތަށް ފިޓްކުރަން ފުރަތަމަ އުނދަގޫވާނެ އެކަމަށް ހޭނެން ޖެހޭނީ"
ރައްޓެހިންނާ ދިމާވާފަހަރު އެ ޝަކުވާ އޭނާއަށް އަބަދުމެ އާދެއެވެ. އެ ކަމަކަށް ޒުކަން ފަރުވާލެއް ނުބަހައްޓައެވެ. ފަރުވާ ނުބަހައްޓާ ސަބަބު ވެސް އޭނާ ކިޔައިދިނެވެ.
"އެކުދިން އަމިއްލައަށް މަސައްކަތެއް ކޮށްގެން ހޯދާ އާމްދަނީއެއް ނެތް. ކާން ތަނަކަށް ދިޔަޔަސް ޕޭކުރަނީ އަޅުގަނޑު. އެ ވަގުތު ހަނދާންވާނެ ކީއްވެގެންކަން ވަޒީފާއަކަށް ދާންޖެހެނީ. އެއީ ކިހާ މުހިންމު ކަމެއްކަން"
ޒުކަން ބުނީ، ފައިސާގެ "ވެލިޔު" ކުދިންނަކަށް ނޭނގޭ ކަމަށާއި އެޑިޔުކޭޝަންގެ ސިސްޓަމުގެ ތެރެއިން އެއީ ކިޔަވާ ކުދިންނަށް ދަސްކޮށްދޭންޖެހޭ މުހިންމު ބައެއް ކަމަށެވެ.
"ވަގުތާއި ފައިސާގެ ވެލިޔުއެއް ކުދިންނަކަށް ނޭނގޭ. އެއާއެކު [ފަހަށް ރައްކާ ކުރުން] އެއީ ވެސް ދަސްކޮށްދޭންޖެހޭ ކަމެއް"
ޒުކަން ދަނީ އޭނާގެ މުސާރައިން 5،000 ރުފިޔާ ސޭވިންގެ ގޮތުގައި ކޮންމެ މަހަކު މަންމައާއި ހަވާލުކުރަމުންނެއެވެ. ބޭނުމަކީ ޔުނިވަރސިޓީ ތައުލީމަށް ބޭނުންވާ ފައިސާ އަމިއްލަ މަސައްކަތުން އެއްކުރުމެވެ. ލޯނެއް ނަގައިގެން ކިޔެވުމަކީ އެއީ އޭނާ އެއްގޮތަކަށް ވެސް ކުރަން ބޭނުންވާ ކަމެއް ނޫނެވެ. އެއީ ނަގާ ކޮންމެ ލޯނަކީ ރިސްކެއް ކަމަށާއި ބޭނުންވަނި މަންމަމެންނަށް ބުރަކަށް ނުވެ އަމިއްލަ މަސައްކަތުން ކިޔެވަން ދިއުން ކަމަށް ޒުކަން ބުންޏެވެ.
ދިވެހިންގެ ފަރާތުން ފެންނަ ނަސްލީ ތަފާތުކުރުންތައް ބަލައި ނުގަނެވޭ
މަސައްކަތުގެ ތެރެއިން އޭނާއަށް ދިމާވާ އެންމެ މަޖާ ކަމަކީ ދިމާވާ ކަސްޓަމަރުން ހީކުރަނީ އޭނައަކީ އިންޑިޔާ ކުއްޖެއް ކަމަށެވެ. އޭނާއާ ވާހަކަ ދައްކަނީ ވެސް ބޭރުމީހެއް ކަމަށް ހީކޮށެވެ.
"ބައެއް މީހުން އިސް ބުނާނެ. އެލްމޮބައިލްއަށް މިހާރު ގެންނަނީ އިންޑީޔާގެ ކުޑަކުދިން ހޭ ވެސް. ދިވެހިން ވާހަކަ ދައްކަން ފެށީމާ ބުނާނެ ދިވެހި ވެސް އެނގޭދޯއޭ. ދިވެއްސެކޭ ބުނީމާ އެމީހުން ހައިރާންވޭ"
ޒުކަން ބުނީ، އޭނާ އަށް ފެނި ކޮންމެ ދުވަހު ތަޖުރިބާ ކުރެވެނީ، އޭނާ ކިޔެވި ދިވެހި ފޮތްތަކުގައި ސިފަކޮށްދީފައިވާ ދިވެހިންގެ ރީތި ސިފައެއް ނޫނެވެ. ދިވެހި ފޮތްތަކުގައި ބުނެދީފައި އޮންނަނީ ދިވެހިންނަކީ ވަރަށް ހިތްހެޔޮ އަޚުލާގު ރަނގަޅު ބައެއް ކަމަށެވެ. އެކަމަކު މަސައްކަތުގެ ތެރެއިން އޭނާއާ ވާހަކަ ދައްކާ މީހުންގެ ފަރާތުން ފެންނަނީ އެހެން ސިފައެކެވެ. ޒުވާބުކުރުމާއި ބޭރު ކުއްޖެއް ކަމަށް ހީކޮށް ނަސްލީގޮތުން ކުރާ ތަފާތުކުރުންތަކެވެ.
"އިންޑިޔާ ބަންގުލަދޭޝް މީހެއްވެއްޖިއްޔާ ވަރަށް ދަށްކޮށްލައިގެން ވާހަކަ ދައްކާނީ. ރީތި ބަހުން ވެސް ވާހަކަ ނުދައްކާނެ. ޒުވާބު ކުރުމާއި ބުލީކުރުން ވެސް އޮވޭ. އަޅުގަނޑާ ދިމާލަށް ވެސް އެއްޗެހިކިޔައި، ނަސްލީގޮތުން ދިމާކުރަނީ ބޭރުމީހެއް ކަމަށް ހީކޮށް. ދިވެއްސެކޭ ބުނީމާ ސޮރިއޭ ބުނެ މައާފަށް ވެސް އެދޭ" ދިވެހިންގެ ދިރިއުޅުމާއި އަޚްލާޤަށް އަންނަ ބަދަލު ފެނިފައި ޒުކަން ހުރީ ހައިރާންވެފައެވެ.
"ދިވެއްސެއް އިންޑިޔާ މީހެއް ނޫނީ ބަންގުލަދޭޝް މީހަކަށް ވެގެން ތަފާތު ކުރުންތައް ދިވެހިންގެ ފަރާތުން ފެންނާތީ އަސްލު ވަރަށް ދެރަވޭ. އެންމެން ހަމަހަމަ ވާންޖެހޭނެ. އެމީހުން އެ އަންނަނީ އާއިލާ ދޫކޮށްފައި ވަޒީފާއަށް. އެ ކަން ކުރާނެ ދިވެހިންނެއް ރާއްޖެއަކު ނެތް"
ސްމާޓް ފޯން މަރާމާތު ކޮށްދޭ ތަންތަނުގައި މުޅިންހެން ވެސް ތިބީ ބިދޭސީ ޓެކްނީޝަނުންނެވެ. ޒުކަން ފަދަ މަދު ކުއްޖަކު ފިޔަވައެވެ.
އަޞްލު ދާއިރާއަކީ މެރިން ބައޮލޮޖީ
ޓެކްނީޝަނެއްގެ ގޮތުގައި ޒުކަން މަސައްކަތް ކުރަނީ ހޮބީއެއްގެ ގޮތުންނެވެ. ކެރިއަރއެއްގެ ގޮތުގައި އޭނާގެ ދާއިރާއަކީ މެރިން ބައޮލޮޖީއެވެ. އޯލެވެލްގައި މެރިން ބައޮލޮޖީ ކިޔެވުމަކީ އެއީ ކުރިމަގުގައި މެރިން ބައޮލޮޖިސްޓަކަށް ވުމަށް ފަހި ފުރުޞަތެކެވެ. ޒުކަން ދެކޭގޮތުގައި ދިވެހިންނަށް މާތްﷲ ދެއްވާފައިވާ ގުދުރަތީ ރީތިކަމާއި ދިރުންތަކަށް ސަމާލުކަންދޭ މިންވަރު ކުޑައެވެ. ޝައުޤުވެރިމާއެކު އެކަމާމެދު ވިސްނާ މީހުން މަދެވެ. ރާއްޖޭގެ ކަނޑުތަކާމެދު ދިވެހިން ނުދޭ ސަމާލުކަން ބޭރުން އަންނަ މީހުން ދޭ ކަމަށް ވެސް ޒުކަން ބުންޏެވެ.
މެރިން ބައޮލޮޖީގެ ތެރެއިން ޒުކާން ޚާއްޞާވާން ބޭނުންވަނީ ކަނޑުގެ ދިރުންތަކަށެވެ. އޭގެ ތެރެއިން ވެސް މުރަކައަށް ޚާއްޞަ ވާން އޭނާ ބޭނުންވެއެވެ.
"ބޮޑަށް ދާނީ ކަނޑުގެ ދިރުންތައް ހިމެނޭހެން ކޮރަލްއާ ދިމާލަށް. އެއީ ރާއްޖެ ހިމާޔަތް ކުރުމުގެ އެންމެ މުހިންމު އެއްޗަކީ"
ބައޮލޮޖީއަށް ހުންނަ ޝައުޤުވެރުކަމާއެކު ކަނޑުގެ ދިރުންތަކާ ގުޅޭ ޑޮކިއުމެންޓްރީ ބެލުމާއި ދިރާސާތައް އޭނާ ކިޔައެއެވެ. އަދި ބޭރުގެ މެރިން ބައޮލިޖިސްޓުންނާ ވާހަކަ ދައްކައެވެ. އެމީހުންގެ ފަރާތުން ޚިޔާލާއި މަޝްވަރާ ވެސް ހޯދައެވެ.
"ރާއްޖެއާއި ރާއްޖޭގައި އުޅޭ ބޭރުގެ މެރިންބައޮލޮޖިސްޓުންނާ އޮންލައިންކޮށް ވާހަކަ ދައްކަން. އެމީހުން ހިއްސާކުރާނެ އެމީހުންގެ އެކްސްޕީރިއަންސްތައް. އެއީ ކުރިއަށް ކުރިމަގަށް މުހިންމު މައުލޫމާތު ތަކެއް"
ޒުކަންގެ ފަރާތުން ފާހަގަވި އެންމެ މުހިންމު ކަމަކީ އޭނާ ހޯދަން ބޭނުންވާ ހުނަރުތަކާއި ދަސްކުރަން ޖެހޭ ކަންތައްތަކުގެ ލިސްޓެއް އެކުލަވާލާފައި އޮންނަކަމެވެ. އެ ލިސޓްގެ ކުރީގައި މިހާރު އޮތީ ޑައިވިންގ ދަސްކުރުމެވެ. ވޯޓަރ ސްޕޯޓްސްގައި ހިމެނޭ ޖެޓްސްކީ ފަދަ އެތައް އާލާތެއް ބޭނުން ކުރަން އޭނާ ވަނީ ދަސްކޮށްފައެވެ. ގިޓާ ގުޅެން ދަސްކުރީ ވެސް އެ ލިސްޓްގައި ހިމަނައިގެންނެވެ. އެ ލިސްޓްގައި އިތުރު ކަންތައްތަކެއް ވެސް ހިމާނާފައި އެބަހުއްޓެވެ.
އޯލެވެލްގެ ގަދަ ދިހައެއްގައި ނުހިމެނުނަސް ޒުކަންގެ ވިސްނުމާއި މަސައްކަތްތެރިކަމާއި ހުނަރު އެކުދިންނަށް ވުރެ މާމައްޗެވެ. އެހެން ކުދިން ހަމައެކަނި ކިޔެވުމަށް ހުސްވިއިރު އޭނާ ބެލީ ކިޔަވަމުން ވަޒީފާއަކަށް ދާށެވެ. ސްކޮލަރޝިޕަކަށް އުއްމީދުކޮށްގެން އެހެން ކުދިން ކިޔަވާއިރު، ޒުކާން ބެލީ އަމިއްލަ މަސްކަތުން އެއްކުރި ފައިސާއިން ކިޔަވާށެވެ. ކޮންމެ ކުއްޖަކު ވެސް މިއަދު ވިސްނަންވީ ޒުކާންގެ ވިސްނުމުންނެވެ.
ހިޔާލު