އަދަބިއްޔާތަށް ޝައުޤު އުފެދުނީ އާ ހުނަރެއް ދަސްކުރާނެމޭ ހިތާ ބައިވެރިވި ޅެންހަދަން ދަސްކޮށްދޭ ކުލާހުން
މުޙައްމަދު ރަފީޤު
މިދިޔަ އަހަރު ޖަމާލުއްދީން ސްކޫލުން އޯލެވެލް ހަދައި، ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދި ޙައްވާ ޒާއިން ޒަމީލަށް ކިޔެވުމުގައި ކާމިޔާބު ހޯދުނީ ދިވެހިބަހާއި އިނގިރޭސި ބަހަށް މޮޅުވާން އޭނާ ކުރި މަސައްކަތުންނެވެ. އޭނާ ދެކޭގޮތުގައި ދިވެހި އަދަބިއްޔާތުގެ ތެރެއަށް އޭނާއަށް ވަދެވުމަކީ ދެ ބަހަށް މޮޅުވާން ހުޅުވުނު ދޮރެކެވެ.
ޒާއިން ބުނީ، ކިޔަވާ ކުއްޖަކަށް ދެ ބަސް ވެސް މުހިންމު ކަމަށާއި އޭގެ ފައިދާ ކިޔެވުމުގައި ވެސް ފެންނަމުންދާ ކަމަށެވެ.
"ދިވެހި ބަހުން އަޅުގަނޑުމެންގެ ޚިޔާލުތައް ހިއްސާކުރެވޭ. ޅެން ބަހުރުވައިން އެކި ވަޒަނަށް ޚިޔާލުތައް ހުށައެޅޭ. ދެ ބަހަށް ފަރިތަވުމަކީ ކިޔެވުމަށް ލިބޭ ވަރަށް ބޮޑު ފަސޭހައެއް. ހަމައެކަނި ދިވެހި އިނގިރޭސި މާއްދާއަކަށް ނޫން. ހުރިހާ މާއްދާއެއް ކިޔަވާ އިރު ވެސް ދެ ބަސް އެނގުނީމާ ލިބޭ ފައިދާތަކެއް ކުރޭ. މިސާލަކަށް އިނގިރޭސި ބަހުން ކިޔައިދީގެން ފަހުމުނުވާ ކުއްޖާއަށް ދިވެހި ބަހުން ކިޔައިދީގެން ފަހުމު ވެދާނެ. އެގޮތަށް އެކަން ވެފައި ވެސް އެބަހުރި. ދިރާސާތަކުން ދައްކާ ގޮތުގައި ކުއްޖާ ވިސްނަނީ މާދަރީ ބަހުން، އެހެންވެ ދެ ބަހަށް ފަރިތަވާން މަސައްކަތް ކުރަން ޖެހޭ" ދެ ބަހަށް މޮޅުވާން ޖެހޭ ސަބަބު، ޚާއްޞަކޮށް މާދަރީ ބަހަށް މޮޅުވާންވީ ސަބަބު ސީއެޗްއެސްސީ މާލޭގެ ކެޕްޓަން ޒާއިން ތަފުޞީލްކޮށްދިނެވެ.
ގުރޭޑް 1ން ފެށިގެން އަދަބީ ހަރަކާތްތަކުގައި ޒާއިން ބައިވެރިވަމުން އައި ނަމަވެސް އަދަބީ ކަންކަމަށް އޭނާގެ ހިތް ދަމައިގަތީ ގުރޭޑް 9އާ ހިސާބުންނެވެ. ޅެން ހެދުމުގެ ޤައުމީ މުބާރާތަށް ދާނެ ކުދިން ހޮވުމުގެ މަސައްކަތް ކުރިއަށް ދިޔައިރު ބައިވެރިވުމުގެ ފުރުޞަތު އިސްކޮށް ހުންނެވި މުދައްރިސް އޭނާއަށް ދެއްވިއެވެ. އެއީ ޅެންވެރިކަމުގެ ތެރެއަށް އޭނާ ވަންނަން މެދުވެރިވި ސަބަބެވެ.
"ނުދާން ހުރީ. މިސް ބޭނުންވީ ބައިވެރިކުރާން. މިސް ވިދާޅުވީ، ނޭނގުނަސް ރަނގަޅުވާނެއޭ ބައިވެރިވާށޭ. ކުދިން ނަގާނީ ޅެން ހަދަން ދަސްކޮށްދީފައޭ" ޒާއިންގެ ވިސްނުން ބަދަލުވީ އެ ހިސާބުންނެވެ.
"އަޅުގަނޑު ވިސްނީ އެއީ އާ ހުނަރެއް ދަސް ކުރަން ލިބޭ ފުރުޞަތެއްގެ ގޮތުގައި. ބައިވެރިވެގެން ލިބޭނެ ގެއްލުމެއް ނެތް. އެހެންވެ ބައިވެރިވީ"
އެ ކުލާހުގައި ބައިވެރިވެ، ޅެންހަދަން އޭނާ ދަސްކުރިއެވެ. ހިތުގައި އޮތް ޝައުގުގެ ތެރެއިން އެ ފަންނުގައި ކުރިއަށް ދެވިދާނެކަމުގެ އިތުބާރު ލިބިގަތެވެ. އެއާއެކު ޖަމާލުއްދީން ސްކޫލުގެ ޓީމުގައި އިންޓަރ ސްކޫލް ޅެންހެދުމުގެ މުބާރާތުގައި 2022ވަނަ އަހަރު ބައިވެރިވެ ސާނަވީ ގިންތިން އެއްވަނަ ޒާއިން ހޯދިއެވެ. ފުރަތަމަ ފަހަރަށް މުބާރާތެއްގައި ބައިވެރިވެ އެއްވަނަ ލިބުމުން ޒާއިންއަށް ލިބުނީ ހިތްވަރެކެވެ. ޅެންވެރިކަމުން ކުރިއަށް ދިއުމުގެ ޚިޔާލުތައް އޭނާގެ ހިތުގައި ވިކައިގަތީ އެ ހިސާބުންނެވެ. އެ ހުނަރު އޭނާގެ ކިބައިގައި ހުރިކަން ގަބޫލުކުރެވުނީ އެ ކާމިޔާބީއަށް ފަހުއެވެ.
"އެއްވަނަ ލިބުނު ހިސާބުން ޅެންވެރިކަމަށް ޚާއްޞަ ލޯތްބެއް ޖެހުނީ. އެހެން ހުނަރުތަކަށް ވުރެ ބޮޑަށް ޅެންވެރިކަމުގެ ތެރެއަށް ވަންނަން ބޭނުންވީ" ޒާއިންގެ އެ ޝައުގާއެކު ވާހަކަ ދެއްކުމާއި މަޒުމޫނު ލިޔުމުގެ ފަންނުގެ ތެރެއަށް ވެސް އޭނާ ވަނެއެވެ.
ޖެހިގެން އައި 2023ވަނަ އަހަރު ވެސް ސާނަވީ ގިންތިން، ޅެން ހެދުމުގެ ގައުމީ މުބާރާތުން އެއްވަނައާއި މަޒުމޫނު ލިޔުމުގެ ގައުމީ މުބާރާތުން ތިންވަނަ އަދި ވާހަކަދެއްކުމުގެ ގައުމީ މުބާރާތުން ގަދަ ދިހައެއްގައި އޭނާ ހިމެނުނެވެ. އެ ކާމިޔާބީތަކާއެކު ސާނަވީ ދައުރުގެ ކިޔެވުން ނިންމާލި ޒާއިންގެ އަދަބީ މަސައްކަތް ހުއްޓެއެއް ނުލައެވެ. އޭލެވެލްގެ ކިޔެވުން ނުފެށޭތީ ފާއިތުވި އަހަރު ބޭއްވި ޤައުމީ މުބާރާތްތަކުގައި އޭނާ ބައިވެރިވީ އަމިއްލަ ގޮތުންނެވެ. މިދިޔަ 2024ވަނަ އަހަރު ބޭއްވި މަޒުމޫނު ލިޔުމުގެ ގައުމީ މުބާރާތުން އަމިއްލަ ގޮތުން ބައިވެރިވެ 18 އަހަރުން ދަށުގެ އުމުރުފުރާއިން އެއްވަނަ ވެސް ޒާއިންވަނީ ހޯދާފައެވެ. އަދި ޅެންހެދުމުގެ ގައުމީ މުބާރާތުގެ 18އަހަރުން ދަށުގެ އުމުރުފުރާއިން ތިންވަނައާއި ކުރުވާހަކަ ލިޔުމުގެ ގައުމީ މުބާރާތުން 18 އަހަރުން ދަށުގެ އުމުރުފުރާއިން ދެވަނަ ވެސް އޭނާ ހޯދިއެވެ.
ވާހަކަ ލިޔުމުގެ މުބާރާތެއްގައި ޒާއިން ބައިވެރިވީ އަލަށެވެ. އާންމުކޮށް އިނގިރޭސި ވާހަކަ ކިޔާ، އަދި ލިޔާ ޒާއިން އެ މުބާރާތުގައި ބައިވެރިވީ ދިވެހި ވާހަކައެއް ލިޔުމުގެ ބޭނުމުގައި އަޖުމަ ބެލުމުގެ ގޮތުންނެވެ.
"އިނގިރޭސި ބަހުން ވާހަކަ ލިޔެވެންޏާ ދިވެހި ބަހުން ވެސް ލިޔެވޭނެ. ބޭނުންވީ އަޖުމަ ބަލައިލަން. ވާހަކަ ލިޔުމުގައި ދެ ބަހުގެ ތަފާތެއް ނެތް"
ޅެންވެރިކަމުގައި ޒާއިންގެ ފޭވެރިޓަކީ ބަހާއި ސަޤާފަތާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމެވެ. އެއީ ޒަމާނާ ގުޅޭ، މި ޒަމާނުގެ މައްސަލަތަކަށް ތަފާތު އުސްލޫބަކުން އާދަމް ނަޞީރު ޅެންހައްދަވަމުން ގެންދަވާތީއެވެ.
ޒާއިން، މިހާތަނަށް ހެދި ޅެންތަކުގެ ތެރެއިން އޭނާއަށް އެންމެ ކަމުދިޔައީ ލިޔުންތެރިންގެ ގުޅުމުން މިދިޔަ އަހަރު ބޭއްވި "ޅެންވެރިޔާ" މުބާރާތުގައި "ޔަހޫދީންނޭ ދަންނާށޭ.." މި މައިގަނޑު ނަމަށް ހެދި ޅެމެވެ. އެ ޅެމަށް އެ މުބާރާތުން ދެވަނަ ލިބުނެވެ.
ގޭގައި އޭނާ ހަދާ ޅެންތަކަށް މަންމަގެ އެހީތެރިކަން އަބަދުމެ ލިބޭއިރު، ޅެންވެރިކަމުގެ ފަންނުގައި ކުރިއަށްދާން ޒާއިން ހުރީ ނިންމައިގެންނެވެ. އޭނާގެ ޅެންތައް ހިމެނޭ ފޮތެއް ނެރުމަކީ ވެސް އޭނާ ދެކޭ ހުވަފެނެކެވެ.
"އިރާދަކުރެއްވިއްޔާ ޅެންވެރިކަމުގެ ފަންނު ދޫކޮށެއް ނުލާލަން. އަބަދުވެސް ޅެންވެރިކަމުގެ ތެރޭގައި އުޅެ، އެ ފަންނު ކުރިއަރުވައި މޮޅެތި ޅެންވެރިންގެ ފަރާތުން ހުނަރު ލިބިގަނެ ރަނގަޅަށް އެކަން ކުރެވޭތޯ ބަލާނަން" ޒާއިން ހުރީ ޅެންވެރިކަމުގެ ފަންނު ދޫކޮށްލާ ގޮތަކަށް ނޫނެވެ.
އަދަބިއްޔާތުގެ ތެރެއަށް ޒާއިންއަށް ވަދެވުނީ ކޯޗެއްގެ ގޮތުގައި އަންވަރު އިބްރާހިމް (އަންވަރު ސަރ) ކޮށްދެއްވި މަސައްކަތުންކަން ޒާއިން ފާހަގަކުރިއެވެ.
"އަންވަރު ސަރގެ އެހީ ނުލިބުނު ނަމަ މި ހިސާބަކަށް ނާދެވޭނެ. ޅެންހަދަން ދަސްކޮށްދިނުމާއި ވާހަކަދައްކަން ދަސްކޮށްދިނުމާއި އަދަބީ ކަންކަމަށް ލޯބިއުފެދުނީ އަންވަރު ސަރގެ މަސައްކަތުން. އެ ހުނަރުވެރިކަމާއި ޝައުގުގެ ތެރެއިން" ޒާއިން ބުންޏެވެ. މީގެ އިތުރުން ޖަމާލުއްދީން ސްކޫލުގައި ކިޔަވައި ދެއްވި ހުރިހާ މުދައްރިސުންނާއި ވަކިން ޚާއްޞަކޮށް އަދަބީ ކަންތައްތަކުގައި އެހީތެރިކަން ފޯރުކޮށްދެއްވި މުދައްރިސުންނާއި ޒާއިން މިހާރު ކިޔަވަމުންދާ ސީއެޗްއެސްސީގައި އަދަބީކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭ މުދައްރިސުންގެ ނަން ޝުކުރުވެރިކަމާއެކު އޭނާ ފާހަގަކުރިއެވެ.
ޒާއިންގެ އަދަބީ ކާމިޔާބާ މެދު އަންވަރު ސަރ ބުނުއްވީ އެއީ އަދަބީ ހަޔާތުގައި ދިމާވި ތަފާތު ދަރިވަރެއް ކަމަށާއި ޝައުގުވެރިކަމާ ކިޔަމަންތެރިކަމާ އެކު ކަންކަމުގައި ބައިވެރިވާ ނަމަ އަބަދުވެސް ތަފާތު ފެންނާނެކަން ޒާއިންގެ ކާމިޔާބީތަކުން ބުނެދޭކަމަށެވެ.
"ޒާއިން ތަފާތުވަނީ އޭނާގެ ކިބައިގައި ހުންނަ ކިޔަމަންތެރިކަމާއި ކަންކަން ދަސްކުރުމަށް ހުންނަ ޝައުގުވެރިކަމުން. ޒާއިންއަކީ ކުރާ ކޮންމެ ކަމެއް ވެސް ވަރަށް ރަނގަޅަށް ކުރެވޭތޯ ބަލާ ދަރިވަރެއް. އަނެއްކާ ފަރިތަކުރުންތަކުގައި ގިނައިރުވެގެން އޭނާ ފޫއްސެއް ނުވާނެ. އެ ކުރާކަމެއްގެ މަޤުޞަދު ހާސިލުކުރާން ހިތްވަރުނެރޭނެ. ކިޔެވުމުގެ ޒިންމާޔާއެކު ވަގުތު އިންތިޒާމުކޮށް އަދަބީ ކަންކަމަށް ވަގުދޭނެ" ޒާއިންއަށް ތަޢުރީފުކޮށް ކުރު މުއްދަތަކުން ގިނަ ކާމިޔާބީތަކެއް އޭނާ ހޯދި ސަބަބު އަންވަރު ސަރ ފާހަގަކުރެއްވިއެވެ.
އެހެން ކުދިންނަށް ޒާއިން ދޭން ބޭނުންވި މެސެޖަކީ އަމިއްލަ ނަފުސަށް އިތުރުބާރުކޮށް އާ ކަންތައްތައް ތަޖުރިބާ ކުރުމެވެ. ދިވެހި ބަސް ދޫކޮށްނުލައި އެ ބަހަށް ވެސް މޮޅުވާން މަސައްކަތް ކުރުމެވެ.
"ބައެއް ކުދިން ހިތަށް އަރާފާނެ މި ކަމެއް ނުވާނެއޭ. ގިނަ ކަންކަމެއް ނުކުރެވޭނޭ. ނަމަވެސް ހިތަށް އަރާވަރަށް ވުރެ މާގިނަ ކަންތައްތައް ކުރުމުގެ ޤާބިލިއްޔަތު ކުދިންގެ ކިބައިގައި ހުންނާނެ. އެގޮތުން ދެ ބަހަށް މޮޅުވުމަށް ވެސް މަސައްކަތް ކުރަންޖެހޭ. ޚާއްޞަކޮށް މާދަރީ ބަހުގެ ތެރެއަށް ވަނުމަކީ ކާމިޔާބީގެ ދޮރު ހުޅުވުމަށް އޮންނަ ތަޅުދަނޑިއެއް" ޒާއިންގެ ފަހު ބަސް އޭނާ ބުންޏެވެ.
ހިޔާލު