19 އަހަރުގެ އިންޑިޔާގެ މި ދަރިވަރުގެ އަތުގައި ބަހުގެ ގިނަ ރެކޯޑްތަކެއް

400 ބަހުން ލިޔަން ކިޔަން ދަސްކޮށް 46 ބަހަކުން ފަރިތަކަމާއެކު ވާހަކަ ދައްކާ

އުމުރުން 19 އަހަރުގެ އިންޑިއާގެ މަހްމޫދު އަކްރަމް ވަނީ އޭނާގެ ބަހުގެ ހުނަރުން މުޅި ދުނިޔެ ހައިރާންކޮށްލައި، 400 ބަހުން ލިޔަން ކިޔަން ދަސްކޮށް، 46 ބަހުން ވާހަކަ ދައްކަން ދަސްކޮށް ދުނިޔޭގެ ރެކޯޑްފޮތުން އެއްފަހަރަށްވުރެ ގިނަ ފަހަރު ޖާގަ ހޯދާފައެވެ. އޭނާ މިއަދު ދަނީ އެއްފަހަރާ ގިނަ ޔުނިވާސިޓީތަކުން ޑިގްރީތަކެއް ފުރިހަމަ ވެސް ކުރަމުންނެވެ.

އިންޑިޔާގެ މުސްލިމް ޒުވާން ކުއްޖަކު ބަހަށް ޝައުޤު އުފެދުނީ އެންމެ ޅަ އުމުރުގައި، ލިންގުއިސްޓިކްސް އެކްސްޕާޓެއްގެ ގޮތުން މަސައްކަތް ކުރަމުންނަ އޭނާގެ ބައްޕަގެ އިރުޝާދުގެ ދަށުންނެވެ. އޭނާގެ ބައްޕަ 16 ބަހަކުން ވާހަކަ ދައްކައެވެ.

އަކްރަމްގެ އާދަޔާ ހިލާފު ހުނަރު ފެނުނީ، އެންމެ ހަ ދުވަހުގެ ތެރޭގައި އިނގިރޭސި އަކުރު ދަސްކުރުމާއި ތަމަޅަގެ 299 ކެރެކްޓާގެ ސްކްރިޕްޓް ތިން ހަފުތާގެ ތެރޭގައި ދަސްކުރުމުންނެވެ.

އުމުރުން ހަ އަހަރުފުރުނުއިރު، އޭނާގެ ބައްޕަގެ ހިތްވަރުން އިތުރު ބަސްތައް އޭނާ ބަސްތައް ދަސްކުރަމުން ގެންދިޔައެވެ.

ލިންގުއިސްޓިކްސްގެ ރެކޯޑްތައް މުގުރާލުން

އުމުރުން އެންމެ އަށް އަހަރުގައި އަކްރަމް ވަނީ އެންމެ ޒުވާން ބަހުގެ ޓައިޕިސްޓެއްގެ ގޮތުގައި ދުނިޔޭގެ ރެކޯޑެއް ހެދިއެވެ. 12 ވަނަ އަހަރު ފުރުނުއިރު އޭނާ ވަނީ 400 ބަހަކުން ހުނަރު ދައްކައި، ދުނިޔޭގެ އިތުރު ރެކޯޑެއް ހޯދައި، ބަހުގެ އިލްމުވެރިންނަށް ހައިރާންކަން ގެނެސްދީފައެވެ.

ބަހަށް އޮތް ޝައުގުވެރިކަން އޭނާ އާދަޔާ ހިލާފު ތައުލީމުގެ ބޭރުން ކުރިއަށް ގެންދިޔަ އެވެ. އިންޑިއާގައި އެކަށީގެންވާ ޕްރޮގްރާމްތައް ކުރިއަށް ނުގެންދެވުމުން އޭނާ ވަނީ އިޒްރޭލުގެ މުއައްސަސާއެއް މެދުވެރިކޮށް އޮންލައިންކޮށް ކިޔަވައި، އަރަބި، ސްޕެނިޝް، ފަރަންސޭސި އަދި ހިބްރޫ ބަހަށް ސަމާލުކަން ދީފައެވެ.

ކިޔަވައިދިނުމާއި މަތީ ތަޢުލީމު ބެލެންސްކުރުން

ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ފޮލޯކުރާ މިންވަރު އިތުރުވުމުން، އެކަމުން ހިތްވަރު ލިބިގެން އަކްރަމް ވަނީ ޔޫޓިއުބް މެދުވެރިކޮށް 14 އަހަރުގައި، ބަސްތައް ކިޔަވައިދޭން ފަށައިފަ އެވެ.

2024 ވަނަ އަހަރާ ހަމައަށް މިޔަންމާ، ކެމްބޯޑިއާ، ތައިލެންޑް އަދި އިންޑޮނޭޝިއާގައި ބަހުގެ ވޯކްޝޮޕްތަކެއް ބާއްވައި، އޭނާގެ ތަޖުރިބާ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ދަރިވަރުންނާ ހިއްސާކޮށްފައިވެ އެވެ.

މިހާރު އޭނާ ދަނީ ގިނަ ޑިގްރީ ޕްރޮގްރާމްތަކެއްގައި ބައިވެރިވެ ކިޔަވަމުންނެވެ. އިނގިރޭސި ލިޓްރޭޗާއިން ބީއޭ އަދި ޗެންނާއީގެ އަލަގައްޕާ ޔުނިވާސިޓީން އެނިމޭޝަންގެ ދާއިރާއިން ބީއެސްސީ ހާސިލް ކުރައްވަމުން ގެންދަވާއިރު އިނގިރޭސިވިލާތުގެ އޯޕަން ޔުނިވާސިޓީގައި ލިންގުއިސްޓިކްސް ދާއިރާއިން ކިޔަވަމުން ގެންދެއެވެ.

އަކްރަމްގެ މި ދަތުރުގެ ސަބަބުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަހުގެ އިލްމުވެރިންނާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި ދަރިވަރުންނަށް ހިތްވަރު ލިބެމުން އަންނައިރު، ތައުލީމާއި އުނގެނުމުގައި ހުރި ހުރަސްތައް ނައްތައިލެވޭނީ ޝައުޤުވެރިކަމާއި އެކަމަށް އޮތް ޚާއްޞަ ލޯތްބެއްގެ ސަބަބުންކަން ސާބިތުކޮށްދެ އެވެ.

އުމުރުން ހަ އަހަރާއި އަށް އަހަރާ ދެމެދު އަކްރަމް އަމިއްލައަށް ބަހުގެ ހުނަރު ހޯދުމުގެ ސަބަބުން އޭނާ ވަނީ 50 ބަހެއް ދަސްކޮށްފަ އެވެ. އަކްރަމް ބުނި ގޮތުގައި އެދުވަސްވަރު އެކި ބަސްތައް ދަސްކުރުމަށް ބައެއް ޓެކްސްޓް ފޮތްތަކަށާއި އޮމްނިގްލޮޓަށް ބަރޯސާވާން ޖެހުނެވެ. އޮމްނިގްލޮޓަކީ ބަހުރުވަ ލިޔުމާއި ކިޔެވުމަށް އޮންލައިން އެންސައިކްލޮޕީޑިއާ އެކެވެ.

ބަސްދަސްކުރުމުގެ ދަތުރުގައި، އެންމެ އަށް އަހަރުގައި އެންމެ ޒުވާން ބަހުގެ ޓައިޕިސްޓެއްގެ ގޮތުގައި އޭނާގެ ފުރަތަމަ ވޯލްޑް ރެކޯޑް ހެދި އެވެ.

ޕަންޖާބުގެ ޖަމިއްޔާއަކުން ދުނިޔޭގެ ރެކޯޑެއް ހެދުމަށް ދިން ދައުވަތު ޤަބޫލުކޮށް އަކްރަމް ވަނީ ޔޫޓިއުބްގައި ވީޑިއޯއެއް އަޕްލޯޑްކޮށް، ޓައިޕްކޮށް، އެކި ބަސްތައް ކިޔައިދީގެން، ރެކޯޑް ހަދާފައެވެ.

އުމުރުން 10 އަހަރުގައި އަކްރަމް ދެވަނަ ފަހަރަށް ދުނިޔޭގެ ރެކޯޑް ހާސިލްކުރީ އެއް ގަޑިއިރުތެރޭ 20 ބަހަކުން އިންޑިއާގެ ގައުމީ ސަލާމް ލިޔެގެންނެވެ. ބަހަށް ދެވިހިފައިވާ އަކްރަމް 12 ވަނަ އަހަރު ފުރުނުއިރު 400 ބަހުން ކިޔެވުމާއި، ލިޔުމާއި، ޓައިޕް ކުރަން ފެށިއެވެ. ޖަރުމަނުގައި، ތިންވަނަ ފަހަރަށް ދުނިޔޭގެ ރެކޯޑް އޭނާ ހާސިލްކުރީ ބަހުގެ 70 ތަޖުރިބާކާރުންނާ ވާދަކޮށްގެންނެވެ.

" ޖަރުމަނު ޔަންގް ޓެލެންޓް އެވޯޑް ލިބުނީ ތިން މިނެޓުގެ ތެރޭގައި ވީހާވެސް ގިނަ ބަހަކަށް ލަފުޒެއް ތަރުޖަމާކޮށްގެން. ތަޖުރިބާކާރުންނަށް ވެސް އަހަރެންގެ ސްޕީޑާ އެއްގޮތަށް ހިފެހެއްޓޭގޮތެއް ނުވި،" އަކްރަމް ފަޚުރުވެރިކަމާއެކު ބުނެފައިވެއެވެ.

ތައުލީމަށް ހުރި ގޮންޖެހުންތައް

ބަހަށް އަކްރަމްގެ އޮތް ޝައުގުވެރިކަން އިތުރުވަމުން ދިޔަ ވަރަކަށް އޭނާގެ ތައުލީމަށް ގޮންޖެހުންތަކެއް ކުރިމަތިވި އެވެ. ގްރޭޑް 5 އާ ހަމައަށް ޗެންނާއީގައި ކިޔެވި ނަމަވެސް އޭނާގެ ޕެޝަނަށް އެހެން ވިސްނުމެއް ގެންގުޅެން ޖެހޭކަން ވަރަށް އަވަހަށް އެނގުނެވެ.

"ހަމައެކަނި ބަހަށް އަމާޒުކޮށްގެން ސްކޫލަކަށް ދާން ބޭނުންވި ނަމަވެސް އިންޑިއާއިން އެ ސްކޫލެއް ނުފެނުނު. އެހެންވެއިޒްރޭލުގެ ސްކޫލަކާ އެކު އޮންލައިންކޮށް ކިޔެވުން ނިންމާލީ އަރަބި، ސްޕެނިޝް، ފްރެންޗް އަދި ހިބްރޫ ފަދަ މެއިންސްޓްރީމް ބަސްތައް ދަސްކޮށްގެން."

މިކާމިޔާބީއާ އެކުވެސް ދިރިއުޅުމުގައި ޢިލްމީ ސެޓްފިކެޓްތަކުގެ މުހިންމުކަމާއި، ހުނަރަށްވުރެ އެ ސެޓްފިކެޓްތައް މުހިންމުވެދާނެ ގޮތް އޭނާއަށް އިޙްސާސްކުރެވިފައިވާ ކަމަށް އޭނާ ޤަބޫލުކުރެވުނެއެވެ.

އާދައިގެ ސްކޫލަކަށް ކިޔަވަން ބޭނުންވި އިރު އިންޑިއާގެ އެއްވެސް މީހަކު އެކަން ގަބޫލެއް ނުކުރެ އެވެ.

"އެމީހުން ބުނަމުން ދިޔައީ އަހަރެން އަނެއްކާވެސް ގްރޭޑް ހަތަރަކުން ފަށަން. އެހެންވީމަ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އޯޕަން ސްކޫލް މެދުވެރިކޮށް ކިޔަވަން ނިންމައި އެގޮތަށް އިމްތިހާނުން ފާސްވީ،" އަކްރަމް ވިދާޅުވި އެވެ.

ޓެލެންޓް ޝޯއެއްގައި ބައިވެރިވެ، ޔޫރަޕްގެ ގައުމަކުން ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު އަކްރަމަށް ލިބުނެވެ. އޮސްޓްރިއާގެ ވިއެނާގައި ހުންނަ ޑަނިއުބް އިންޓަނޭޝަނަލް ސްކޫލުން ހައި ސްކޫލުގައި ކިޔެވީ ސްކޮލަޝިޕެއްގެ ދަށުންނެވެ. މި ތަޖުރިބާގެ ސަބަބުން މާދަރީ ބަހުން ވާހަކަ ދައްކާ މީހުންނާ ވާހަކަ ދެއްކުމާއި ބަހުގެ ހުނަރު އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ލިބުނެވެ.

"އަޅުގަނޑުގެ ކްލާސްރޫމްގައި އެކަނި ވެސް 39 ބަހުން ވާހަކަ ކުދިން ތިބި. ކްލާސްކުދިންނާ ވާހަކަ ދެއްކުމުން ވަރަށް ގިނަ ބަސްތަކަށް އަހުލުވެރިވުމަށް މަގުފަހިވި،" އޭނާ ކިޔައިދިނެވެ.

މިއަދު އަކްރަމް ގެންދަވަނީ ގިނަ ޑިގްރީތަކެއް ހާސިލް ކުރައްވަމުންނެވެ. އިނގިރޭސިވިލާތުގެ މިލްޓަން ކޭންސްގައި ހުންނަ އޯޕަން ޔުނިވާސިޓީން ލިންގުއިސްޓިކްސް، އިނގިރޭސި ލިޓްރޭޗާއިން ބީއޭ ހާސިލްކުރައްވާފައިވާ އަދި ޗެންނާއީގެ އަލަގައްޕާ ޔުނިވާސިޓީން ސައިންސް އިން އެނިމޭޝަންގެ ދާއިރާއިން ބެޗެލާސް ހާސިލްކުރަމުންނެވެ.

"ބަސްތައް ދަސްކުރާތީ ދަސްކުރާތީ ލިންގުއިސްޓިކްސް އާއި ލިޓްރޭޗާ ޑިގްރީއަށް ވެސް އެއްވެސް އެއްޗެއް ތައްޔާރުކުރަން ނުވަތަ ދަސްކުރާކަށް ނުޖެހޭ،" ގިނަ ބަސްތައް އެނގުމުގެ ސަބަބުން ކިޔަވަން ފަސޭހަވާ ކަމަށް އަކްރަމް ބުނެފައިވެއެވެ.

"ބަހަކީ އަހަރެންގެ ހުނަރު، އެކަމަކު އެނިމޭޝަނަކީ އަހަރެންގެ ޝައުގުވެރިކަން"

ދަސްކުރި ބަހުރުވަތަކުގެ ތެރެއިން ތަމަޅަ ބަހަކީ އޭނާގެ ފޭވަރިޓެވެ. މާދަރީ ބަހަކީ އޭނާގެ ހިތުގައި ހާއްސަ ޖާގައެއް އޮތް ބަހެކެވެ. ޖަޕާނު ބަސް ހައިރާންކުރުވަނިވި ގޮތެއްގައި ފަސޭހަ ކަމަކަށްވީ، އޭގެ ހަމަތަކާއި އަކުރު ތަމަޅައާ އެއްގޮތްވުމުންނެވެ. ޗެކް، ފިންލޭންޑް އަދި ވިއެޓްނާމް ފަދަ ބަހުރުވަތަކަކީ އެންމެ ބޮޑަށް އޭނާއަށް އުނދަގޫވި ބަސްތަކެވެ.

އަކްރަމްގެ ބައްޕަ ވަނީ، 2016 ވަނަ އަހަރު ޗެންނާއީގެ ޝެނޯއީ ނަގަރުގައި ގްލޯބަލް ލެންގުއޭޖްސް އިންސްޓިޓިއުޓެއް އުފައްދާފައެވެ.

"އަހަރެން ބޭނުންވީ ބަހުގެ ބާރުން އެހެން މީހުންނަށް ވެސް މަންފާ ލިބުން،" އަކްރަމްގެ ބައްޕަ ޝިލްބީ ކިޔައިދިނެވެ.

މި އިންސްޓިޓިއުޓުން އިންޑިއާ އާއި ގަލްފް، ޔޫރަޕް އަދި އޮސްޓްރޭލިއާ ފަދަ ގައުމުތަކުގެ ދަރިވަރުންނަށް އޮންލައިން އަދި އޮފްލައިން ކްލާސްތައް ކުރިއަށް ގެންދާއިރު، ކޮންމެ މަހަކު މަދުވެގެން 150 ދަރިވަރުންނަށް އެ ތަނުން ކިޔަވައިދެ އެވެ.

"އަޅުގަނޑުމެން ދަރިވަރުންނަށް ކިޔަވައިދެނީ އެކުދިން ބޭނުންވާ މިންވަރަށް ބަލައިގެން. ބައެއް މީހުން ބޭނުންވަނީ ހަމައެކަނި ބަހުން ވާހަކަ ދައްކަން، އަނެއް ބަޔަކު ވިސާ އާއި ގްރީން ކާޑުގެ ބޭނުމަށް ބޭނުންވާ އިމްތިހާނުން ފާސްވާން ދަސްކުރާނެ،" އަކްރަމްގެ ބައްޕަ ބުނެފައިވެއެވެ.

އަކްރަމް އުއްމީދަކީ ބަހުގެ ޕްރޮފެސަރަކަށް ވުމެއެވެ. އޭނާ މަސައްކަތް މިއަދު ބައްޓަންވެފައި އޮތް ގޮތަށް ބަލާއިރު އެއީ ދުރުކަމެއް ނޫނެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *