އޭނާގެ އުއްމީދަކީ މަދީނާއިން ދީނީ އިލްމް އުނގެނުން
މި ރޯދަމަހު، ތަރާވީޙް ނަމާދުގައި އިސްލާމީ މަރުކަޒުން އިވޭ އެންމެ ޒުވާން އަޑަކީ އެ މިސްކިތުގައި އިމާމުވެ ތަރާވީޙް ނަމާދު އަލަށް ކުރަން ފެށި އަލް ޙާފިޒު އުވައިސް ބިން އިނާޒުގެ އަޑެވެ. ރާއްޖޭގެ އެންމެ ބޮޑު މިސްކުތުގައި އިމާމުވެ ތަރާވީޙް ނަމާދު ކުރުމުގެ ފުރުޞަތު އޭނާއަށް ފަހިކޮށް ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ.
އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ގުރޭޑް 10ގައި ކިޔަވަމުން އަންނަ އުވައިސްއަކީ އެ މިސްކިތުގައި މި އަހަރު ތަރާވީޙް ނަމާދު ކުރާ ހަތަރު އިމާމުންގެ ތެރެއިން އެންމެ ޒުވާން އިމާމެވެ. އަދި އެންމެ ޒުވާން ހާފިޒު ވެސް މެއެވެ. މީގެ ކުރިންވެސް އެހެން މިސްކިތްތަކެއްގައި އިމާމުވެ ތަރާވީޙް ނަމާދާއި ދަމުނަމާދު އޭނާ ވަނީ ކޮށްފައެވެ. އެމަކު މި އަހަރު އޭނާއަށް ޚާއްޞައެވެ.

މިދިޔަ ރަމަޟާންމަހު އިމާމުވެ ތަރާވީޙް ނަމާދު އުވައިސް ކުރީ ހުޅުމާލޭ ގައި ހުންނަ އަބޫބަކުރު މިސްކިތުގައެވެ. އޭގެ ކުރީ ދެ އަހަރު އިމާމުވެ ދަމުނަމާދު ކުރީ ހުޅުމާލޭގައި ހުންނަ ޢުސްމާން ބިން ޢައްފާން މިސްކިތު މިސްކިތުގައެވެ.
"އިސްލާމީ މަރުކަޒުގައި އިމާމުވެ ތަރާވީޙް ނަމާދު ކުރަން ފެށި ވަގުތު ކޮންމެވެސް ވަރެއްގެ ހާސްކަމެއް ކުރިމަތިވި. އެކަމަކު ނަމާދަށް ފަށައިގަތުމުން އެ ހާސްކަން ފިލައި ހިނގެއްޖެ" ތަރާވީޙް ނަމާދުގެ މި އަހަރުގެ ފުރަތަމަ ތަޖުރިބާ އުވައިސް ދަރިވަރު ނޫހަށް ކިޔައިދިނެވެ.
ތަރާވީޙް ނަމާދުކޮށް ނިމުމުން، އެތައް ބަޔަކު އޭނާއާ ސަލާމްކޮށް ވަރަށް ރަނގަޅު ކަމަށް ބުންޏެވެ. އެއީ އުވައިސްއަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.

ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ 2ވަނަ ބެޗްގައި ބައިވެރިވެ އެ ކޯހުން ފާސްވެ އުވައިސްގެ ނަން ހިމެނިފައި ވަނީ ޒުވާން އިމާމުންގެ ދަފުތަރުގައެވެ. ހުޠުބާ ކިޔުމުގެ ހުއްދައާއެކު އުވައިސް އަންނަނީ އިމާމުވެ ހުކުރުވެސް ކުރަމުންނެވެ.
މާމަ ކައިރިން ޤުރުއާން ކިޔަވައި ހަޠިމް ކުރަން ފެށި އުވައިސް، އޭނާގެ އުއްމީދުގައި ކުލަޖެއްސީ ޤުރުއާނާބެހޭ މަރުކަޒުގެ ހިފްޒް ކޮމިޓީއަށް ކިޔައިދީ، ހާފިޒު ކަމުގެ ސަނަދު މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ޙާޞިލް ކޮށްގެންނެވެ. ޤުރުއާން ހިތުދަސްކުރަން ފެށި މަސައްކަތުގެ ފެށުން އެހާ ފަސޭހައެއް ނޫނެވެ.
ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތް އުވައިސް ފެށީ 2015 ވަނަ އަހަރު ރަށުން މާލެ އައިސް ގްރޭޑް 1ގައި ކިޔަވަން ފެށި އަހަރުއެވެ. ހިތުދަސްކުރަން ފެށީ ގުރުއާނާ ބެހޭ މަރުކަޒުގެ ހިފްޒު ކުލާހުންނެވެ. ފުރަތަމަ ދުވަސްކޮޅުހިތުދަސްކުރަން ވަރަށް އުނދަގޫވިއެވެ. ފޮތެއް ދަސްކުރަން ދެމަސް ތިންމަސް ހޭދަވިއެވެ.

"ފުރަތަމަ ފަށައިގަތްއިރު ވަރަށް އުނދަގޫ. އެކަމަކު ފަހުން އާ ހިތްވަރަކާއެކު މަސައްކަތްކޮށް އަވަހަށް ދަސްވާން ފެށީ. އޭގެ ސަބަބުން ޝަޢުޤުވެރިކަން އުފެދެމުން ދިޔައީ" އުވައިސް ބުންޏެވެ.
ޤުރުއާން އެކީ ދަސްކުރަން ހަ އަހަރު އޭނާ ހޭދަކުރިއެވެ. އޭރު ކިޔަވަމުން ދިޔައީ ދިޔައީ ގްރޭޑް 6ގައެވެ. ހިތުދަސްކުރި ނަމަވެސް ހާފިޒު ކަމުގެ ސަނަދާ ހަމައަށް ދާން ލަސްވީ ދިމާވި ކަންތައްތަކެއްގެ ސަބަބުން މުރާޖައާ ކުރުމުގެ މަސައްކަތް ފެށުން ލަސްވުމުންނެވެ.
ގުރޭޑް 1ގައި ކިޔަވަމުން ދިޔައިރުވެސް އުވައިސް ނިންމައިގެން ހުރީ ދީނީ ރޮނގުން ކުރިއަށް ދާށެވެ. އޭނާގެ ދޮންބެ، ދީނީ ރޮނގުން ކިޔަވައިގެން އައުމަކީ އެއީ އޭނާއަށް ލިބުނު ހިތްވަރެކެވެ. ދޮންބެ ޓީޗަރެއްގެ ގޮތުގައި ރަތަފަންދޫ ސްކޫލުގައި ދަނީ މަސައްކަތް ކުރަމުންނެވެ.

"ދޮންބެގެ ފަރާތުން ހިތްވަރު ލިބިގެން މަދީނާއަށް ކިޔަވަން ދާން ބޭނުންވަނީ. ދީނީ ރޮންގުން ޚިދުމަތް ކުރުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެ" އަންނަ އެޕްރީލް މަހު އޯލެވެލްގައި އިށީންނާނެ އުވައިސް ބުންޏެވެ.
އުވައިސް ވަނީ ގުރުއާން މުބާރާތްތަކުން ތަފާތު ވަނަތައް ޙާޞިލް ކޮށްފައެވެ.
އޭގެތެރޭގައި،
- 2015 ގައުމީ ޤުރުއާން މުބާރާތުގެ 7 އަހަރުން ދަށުން ނުބަލާކިޔެވުމުން 3 ވަނަ
- އިއުފަވި އިންޓަރ ސްކޫލް ޤުރުއާން މުބާރާތް 1440 އުމުރުފުރައިން 1 ވަނަ
- 2022 ވަނަ އަހަރު ބޭއްވި ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް އުމުރުފުރައިން 1 ވަނަ
- 2023 ވަނަ އަހަރު މާލެ ސިޓީ ކައުންސިލް ޤުރުއާން މުބާރާތް 16 އަހަރުންދަށުގެ އުމުރުފުރައިން 1 ވަނަ އަދި މުޅި މުބާރާތުން 3 ވަނަ
- މީގެ އިތުރަށް އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޤުރުއާން މުބާރާތުގެ ގްރޭޑް 7 އަދި ގްރޭޑް 8 ގެ ނުބަލާ ކިޔެވުމުގެ ގޮފިން 1 ވަނަ އަދި މުޅި މުބާރާތުން 1 ވަނަ ލިބިފައިވެއެވެ.
advertisment
ހިޔާލު