ހިރާގެ ދަރިވަރުންގެ ތަފާތު ވިސްނުން: ޕްލާސްޓިކް ތަށީގެ ބަދަލުގައި ވާނާތަށި

"ވާނާ"ފަތުން ތަށި ހަދައިގެން އުފެއްދުންތެރިކަމުގެ އެވޯޑް އެ ދަރިވަރުން ވަނީ ހޯދާފައި

ޕްލާސްޓިކްގެ ބަދަލުގައި ބޭނުން ކުރާނެ އާއެއްޗެއް ތައްޔާރު ކުރުމަށް ސްމޯލް އައިލެންޑް ޖިއޮގްރަފިކް ސޮސައިޓީ (ސިގްސް) އިން ކުރިއަށް ގެންދިޔަ މުބާރާތުގައި ހިރާ ސްކޫލުގެ ތިން ދަރިވަރުން "ވާނަ" ޓީމުގެ ނަމުގައި ބައިވެރިވެ އެންމެ އުފެއްދުންތެރި އެވޯޑް (ޓޮޕް އިނޮވޭޓިވް އެވޯޑް) ހޯދައިފިއެވެ. މި އެވޯޑްގެ އިތުރުން ކޮސްޓް ސޭވަރސް އެވޯޑާއި ފޭން ފޭވަރިޓް އެވޯޑާއި ޕްރޮބްލޮމް ސޯލްވަރސް އެވޯޑްވެސް އެ ޓީމުން ވަނީ ހޯދާފައެވެ.

އެންމެ އުފެއްދުންތެރި އެވޯޑް ވާނައަށް ލިބުމުން އިނާމެއްގެ ގޮތުގައި އެ ޓީމަށް ލިބުނީ އިންޓަރނޭޝަނަލް ސައިންސް ފެއަރއެއް ބަލާލުމުގެ ފުރުޞަތެވެ.

ވާނަ ގުރޫޕުގެ ބައިވެރިން- ކާމިޔާބު ހޯދި ގިނަ ތަޖުރިބާތަކަކަށްފަހު

ޕްލާސްޓިކުގެ ބަދަލުގައި ބޭނުން ކުރާނެ އާއެއްޗެއް ހެދުމަށް ހުޅުވާލި މުބާރާތުގައި "ވާނަ" ޓީމުން ތައްޔާރު ކުރީ ވާނާފަތް (ދިއްގާފަތް) ބޭނުން ކޮށްގެން ކާން ބޭނުން ކުރެވިދާނެ ތައްޓެކެވެ. މި ޕްރޮޖެކްޓަށް "ވާނަ" ނަން ދިނީ، ދިއްގާގަހަށް އައްޑޫ ބަހުން ކިޔާ "ވާނާ" އާ ގުޅުވައިގެންނެވެ. ކާނާގެ ބައެއް ބާވަތްތައް އެފެއްދުމުގައި ބޭކިންޕޭޕަރުގެ ގޮތުގައި ވެސް ވާނާފަތް ދިވެހިން ބޭނުން ކުރެއެވެ.

މިއީ ސޯޝަލް ބިހޭވިއާ ޗޭންޖް އެޕްރޯޗްތައް ބޭނުންކޮށްގެން، ވާހަކަ ދެއްކުމާއި ކޮންޓެންޓް އުފެއްދުމުގެ ޒަރިއްޔާއިން ޒުވާނުން ހޭލުންތެރިކަން އިތުރުކުރުމަށް ސިގްސްއިން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވާން ހުޅުވާލުމުން، ބައިވެރިވީ ހަތް ޓީމެކެވެ. ޓީމެއްގައި މަދުވެގެން ހިމެނެނީ ތިން މެމްބަރުންނެވެ.

ވާނާ ފަތް ތަތްކުރަން ތެރަސް ބޭނުންކުރަނީ: ދަރިވަރުން އުފެއްދީ އާންމުކޮށް ކުރިން ބޭނުން ކުރާ ފުށު ތެރަސް

10 އަހަރާއި 16 ދެމެދުގެ ކުދިންނަށް ހުޅުވާލި މި މުބާރާތުގެ ފައިނަލް ސްޓޭޖްގައި ހަތަރު ގުރޫޕަކުން ތައްޔާރު ކުރި އުފެއްދުންތައް ދައްކުވައިދޭ ވީޑިއޯތައް އެ ޖަމިއްޔާއިން އާންމުކުރީ ބެލުންތެރިންގެ ވޯޓަށެވެ. ވަނަ ހޮވީ ޖަޖުންގެ 70 އިންސައްތަ މާސްކްސްއާއި އާންމުންގެ 30 އިންސައްތަ މާކްސް ދީގެންނެވެ.

ވާނަ ޓީމަށް ކާމިޔާބު ހޯދުނީ އެންމެ ފަހު ވަގުތު

ވާނާ ފަތުން ތަށި ހެދުމުގައި "ވާނަ" ޓީމަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. އެ ދަރިވަރުންގެ ޕްރޮޖެކްޓްގެ ކާމިޔާބުވީ ހަތަރު ފަހަރެއްގެ މަތިން މަސައްކަތް ކޮށްގެން، ޝޯވގެ ރެކޯޑިންއަށް ކުޑަތަންވެފައި ވަނިކޮށެވެ.

ވާނާފަތުން ތަށި ހަދަން ފުރަތަމަ ކުރިކަމަކީ، ފަތުގައި ހުންނަ ހަޑިފިލުވައި ސާފުކޮށް، ފެންއަޅައިގެން ފަތް ކެއްކީއެވެ. އޭގެ ފަހުން އިލޮއްޓާއި ފުށްތެރަސް ބޭނުން ކޮށްގެން ފަތްތައް ތަތްކޮށް ގުޅުވާލަނީއެވެ. ދެން ކާޑްބޯޑް ކަރުދާސްގަނޑެއްގެ މައްޗަށް ފަތްތައް އަތުރާލައި، އެ ތައްގަނޑުގެ ދަށަށްލައި ހައިޑްރޯލިކް ފިއްތާ މެޝިނެއްގެ އެހީގައި ފިއްތާލަނީއެވެ.

ފުރަތަމަ ތައްގަނޑު ހަދަން އެކުދިން ވިސްނީ ސިމެންތިންނެވެ.  އެކަން އެގޮތަށް ނުވާނެ ކަމަށް ލިބުނު އިރުޝާދާއެކު ދެން ބެލީ ޕްލޭޓް ވެލްޓިންގ ކޮށްގެން ތައްގަނޑެއް ހަދާށެވެ. އެއީ ވެސް ނުކުރެވޭ ކަމަކަށް ވާތީ، ޕްލޭން ސީއެއްގެ ގޮތުގައި ބެލީ ތިރީގައި އޮތް ޕްލޭޓްގެ ވަށައިގެން ލަކުނޑި ރިންގެއް އަޅައި، މަތީގައި އޮންނަ ޕްލޭޓް ލަކުނޑިން ފިލްކޮށްގެން ކުރެވޭތޯއެވެ. އެ ގޮތަށް ހަދައިގެން ފަތްތައް ފިއްތާލިއިރަށް ތިރީގައި އޮތް ލަކުނޑި ރިންގް ފަޅައިގެން ދިޔައެވެ. ދެން ބެލީ، ލަކުނޑި ރިންގް ބަދަލުގައި ދަނގަޅު ރިންގެއްލައި މަތީ ޕްލޭޓް ސިމެންތިއާއި ފައިބަރު އެއްކޮށްގެން ހަދައި، އޭގެ ތެރެ ފައިބަރު ޕުޓީއަޅައި ފިލްކޮށްގެން އެކަން ކުރެވޭތޯއެވެ. އެހެން ހެދުމުން ބޭނުންވާ ވަރަށް ފިއްތާލެވި ތަށީގެ ބައްޓަން ގެނެވުނެވެ. ފޫހިކަމެއް ނެތި، 15 އަހަރުގެ ތިން ކުދިން ހިމެނޭ ޓީމުން ހުއްޓާނުލައި އާއިލާގެ މެމްބަރުންނާއި އަދި އާއިލާގެ ބައެއް ރައްޓެހިންގެ ފަރާތުން ހޯދި އެހީތެރިކަމާއެކު ޕްރޮޖެކްޓް ކާމިޔާބުކޮށް އެ ކުދިން ވަނަ ވެސް ހޯދީއެވެ.

ވާނަ ޓީމުގެ އުފެއްދުމަކީ ގުދުރަތީ މާއްދާތައް ބޭނުންކޮށްގެން ތައްޔާރުކޮށް، ބޭނުންކޮށްފައި ފަސޭހައިން ނައްތާލެވޭނެ ޚަރަދު ކުޑަ އުފެއްދުމެކެވެ.

ސަސްޓެއިނަބަލް އެވޯޑް ލިބުނީ ކޮކޯހަސްކަށެވެ. "ކޮކޯހަސްކް" އަށް ނިސްބަތް ވަނީ ހުޅުމީދޫގައި ހުންނަ ސ. އަތޮޅު މަދަރުސާގެ ތިން ދަރިވަރުންނެވެ. މި ތިން ދަރިވަރުން ވެސް ކިޔަވަމުން ދިޔައީ ގުރޭޑް 9ގައެވެ.

އެ ޓީމުން އުފެއްދީ ވެސް ޕްލާސްޓިކް ތަށީގެ ބަދަލުގައި ކެއުމަށް ބޭނުން ކުރާ ކަލިނަރީގެ އުފެއްދުންތަކެވެ. އެތަކެތި އެ ދަރިވަރުން އުފެއްދީ ބޮނބިނަރާއި ނާށި ބޭނުން ކޮށްގެންނެވެ. އައިސްކްރީމް ކާ ތައްޓާއި ސަމުސާގެ އިތުރުން ނާށިން ބޯތައްޓެއް ވެސް އެ ދަރިވަރުން ތައްޔާރު ކުރިއެވެ. ބޮބިނަރު ބޭނުންކޮށްގެން ތައްޔާރުކުރީ ކާތަކެތި އަޅާ ކޮންޓެއިނާއެކެވެ.

ބްލޭޒިންގބޮޓް ޓީމުގައި ހިމެނެނީ އެއްކޮށް ބާސްކެޓް ކުޅެމުން އަންނަ ބްލޭޒިންގ ސްކޮޑަށް ނިސްބަތްވާ ތިން ކުދިންނެވެ. މި ކުދިން ތައްޔާރު ކުރީ ބްލޭޒިންގބޮޓް ނަމުގައި ސްމާޓް ޑަސްބިނެކެވެ. މި ޑަސްބިން ފުރޭ މިންވަރު ފަސޭހަކަމާއެކު ދެނެގަނެވެއެވެ.

ހުޅުމާލޭގައި ހުންނަ ސަލާހުއްދީން ސްކޫލުގެ ތިން ދަރިވަރުން ހިމެނޭ "ވާއު2000″ ގެ ނަމުގައި ތައްޔާރު ކުރީ މޫދަށް އެޅޭ ކުނި ފަސޭހައިން ނެގޭނެ ކަޓަމަރާނެކެވެ. ރިމޯޓް ކޮންޓްރޯލްގެ އެހީގައި ދުއްވާ މި ކަޓަމަރާން ބޭނުކޮށްގެން މުދަށް އެޅޭ ކުނި ފަސޭހަ ކަމާއެކު ނަގައިދެއެވެ.

ޕްލާސްޓިކް ކުނި މަދުކުރުން ފަދަ ތިމާވެށީގެ ކަންކަމުގައި ކުޑަކުދިންނާއި ޒުވާނުން އަމަލީގޮތުން ބައިވެރިކުރުމަކީ އާ ޚިޔާލުތަކެއް އުފެއްދުމަށް މަގުފަހިކޮށްދީ، ޕްލާސްޓިކް ބޭނުން ނުކުރާ ރާއްޖެއަކަށް ކުރާ ދަތުރުގައި އިތުރަށް ކުރިއަށް ގެންދެވޭނެ މުހިންމު މަސައްކަތެއް ކަމަށް ސިގްސް އިން ގަބޫލުކުރެ އެވެ. ޕްލާސްޓިކް ކުނީގެ މައްސަލަހައްލުކޮށް އެކަމުން އަރައިގަތުމުގައި ކުޑަކުދިންގެ އުފެއްދުންތެރި އަދި އުފެއްދުންތެރި ވިސްނުން ދެނެގަނެ، މިކަމާ މެދު އެކުދިންގެ ވިސްނުމާއި ހައްލުތައް އާންމުންނާ ހަމައަށް ގެނެސްދިނުމުގެ ގޮތުން ސިގްސްގެ މި މުބާރާތަކީ ބޮޑު ކާމިޔާބެކެވެ.

އެއްފަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބޭނުން ކުރުން ހުއްޓުވުމަކީ ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް (އެސްއޭސީއީޕީ) އިން ހިންގާ ވޯލްޑް ބޭންކް ފޯ ދަ އޯޝަންސްގެ އެހީގައި ސިގްސް އިން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ ސިންގަލް ޔޫސް-ޕްލާސްޓިކް (އެސް.ޔޫ.ޕީ) ރާއްޖޭގައި ބޭނުންކުރުން މަދުކުރުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *