ދުޅަހެޔޮ މާދަމާއަކަށް އެމްއެންޔޫގެ "ފަހިސިއްހަތު" ކެމްޕެއިން މުހިންމު ވަނީ ކީއްވެ؟

ދުޅަހެޔޮ ސިއްޙަތަކަށް އަހުލުވެރި ކުރުމުގެ ޤައުމީ ކެމްޕެއިނުގެ ލަވައާއި ލޯގޯ ވެސް އެ ޔުނިވަރސިޓީން ވަނީ ނެރެފައި

  • ކޮންމެ ހަތަރު މީހުން ކުރެ އެކަކު ދުންފަތް ބޭނުންކުރެއެވެ.
  • އާބާދީގެ ދެބައި ކުޅަ އެއްބައި މީހުން ތަރުކާރީއާއި މޭވާ ކެއުމުގައި ބޭނުންކުރަނީ ބޭނުންކުރަން އިރުޝާދު ދީފައިވާ މިންވަރަށްވުރެ މަދުންނެވެ.
  • ލޮނު ބޭނުންކުރާ މިންވަރު އިރުޝާދު ދީފައިވާ މިންވަރަށްވުރެ ހަތަރު ގުނަ އިތުރެވެ.
  • ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން އިރުޝާދު ދީފައިވާ މިންވަރަށް، ކަސްރަތު ނުކުރާ މީހުންގެ އާބާދީ 50 އިންސައްތައަށް އަރައެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގެ ބަރުދަނާ ގުޅުން ހުރި މައްސަލަތައް އިތުރުވެފައިވެއެވެ. މީގެ ސަބަބުން އާބާދީގެ ދެބައިކުޅަ އެއްބައި މީހުންގެ ބަރުދަން، ދުޅަހެޔޮ ސިއްޙަތަކަށް ހުންނަންޖެހޭ ވަރަށްވުރެ އިތުރެވެ.
  • ކޮންމެ ފަސް މީހަކުން އެކަކުގެ ބަރުދަން، ދުޅަހެޔޮ ސިއްޙަތެއްގައި ހުންނަޖެހޭ ވަރަށްވުރެ އިތުރެވެ.
  • 4/1 މީހުން ލޭގެ ޕްރެޝަރުގެ މައްސަލަތަކާ ކުރިމަތިލާން ޖެހެއެވެ.
  • 14 އިންސައްތަ މީހުންގެ ލޭގައި ހުންނަންޖެހޭ ހަކުރުގެ މިންވަރު މައްޗަށް ގޮސްފައިވެއެވެ.
  • 18-44 ދެމެދުގެ ކޮންމެ ތިން މީހަކުން އެކަކަށް ހިތުގެ ބަލީގެ ނުރައްކާތަކާ ކުރިމަތިލާން ޖެހެއެވެ.
  • 45 އަހަރުން މަތީގެ އުމުރުފުރައިގައި ކޮންމެ ދެ މީހަކުން އެކަކަށް މި ނުރައްކާތެރިކަން ކުރިމަތިވެއެވެ.

މިއީ 2020-2021 ވަނަ އަހަރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާ ގުޅިގެން ކުރި ދިރާސާގެ ނަތީޖާއިން ހާމަވި އެންމެ ބޮޑު ކަންބޮޑުވުންތަކެވެ. މި ނަތީޖާއިން ހަނދާން ކޮށްދެނީ އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމެވެ.

ދުންފަތުގެ އިސްތިއުމާލް ކުރުން ކޮންޓްރޯލްކޮށް، ސިއްޙީހޭލުންތެރިކަން އިތުރުކޮށް، ސިއްހަތަށް ބޭނުންވާ ކާނާ އަދި ޖިސްމާނީ ހަރަކާތްތަކަށް ފަސޭހައިން ވާޞިލްވެވޭނެ މަގުތައް ތަނަވަސްކޮށް، ނަތީޖާ ހާޞިލް ކުރެވޭފަދަ ސިޔާސަތުތަކެއް ތަންފީޒު ކުރަން އަވަސްވެގަންނަން ޖެހޭ ކަމެވެ.

ސަބަބަކީ، ގައިންގަޔަށް ނާރާ ބަލިތަކުގެ ނުރައްކާތަކަށް އަހައްމިއްޔަތުކަން ދިނުމަކީ ޅަފުރާގައި މަރުވާ މީހުންގެ ނިސްބަތް ދަށް ކުރުމަށާއި މަސައްކަތްތެރިންގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި ސިއްޙީ ކަންތައްތަކަށް ހޭދަކުރާ ޚަރަދު ކުޑަކުރެވުމެވެ.

މިއީ، 166 ރަށަކުން 15-69 އަހަރާ ދެމެދުގެ 3100 ގެ މީހުންނާ ސުވާލުކޮށްގެން ހަދާފައިވާ ދިރާސާއެކެވެ.

ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު، ޑރ. އާއިޝަތު ޝެހެނާޒު ވިދާޅުވި ގޮތުގައި އެ ދިރާސާގެ ނަތީޖާއަށް ބަލައި ވަގުތުން ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށާއި، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ މަސައްކަތް ކުރުމަށް އަމާޒު ހިފުމަށް ޤައުމީ ފެންވަރުގެ ހަރަކާތެއް އެހެން އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދަން އެ ޔުނިވަރސިޓީއާ ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކަމަށެވެ.

މި ދިރާސާގެ ނަތީޖާތަކަށް ބިނާކޮށް އެމްއެންޔޫއިން ވަނީ އެކި ގޮތްގޮތުން ދުޅަހެޔޮ ދިރިއުޅުމަކަށް އަހުލުވެރިކުރުވުމަށް މަސައްކަތްތަކެއް ފަށާފައިކަން ޑރ. ޝެހެނާޒު ފާހަގަކުރެއްވިއެވެ. މުޖްތަމައު ހޭލުންތެރިކުރުވުމަށް މިހާތަނަށް ކުރިއަށް ގެންދިޔަ ކަންތައްތަކުގެ ތެރޭގައި، އިތުރަށް ދިރާސާތައް ކުރުމާއި އެ ޔުނިވަރސިޓީގެ ދަރިވަރުންނާއި މުވައްޒަފުން "ދިގު ހިނގުން" ނަމުގައި ކެމްޕެއިނެއް ފެށުމާއި 10،000 ފިޔަވަޅުގެ ޗެލަންޖެއް ކުރިއަށް ގެންދިއުން ހިމެނެއެވެ. އަދި އެމްއެންޔޫ މެރަތަންއަކީ ވެސް އޭގެތެރޭގައި ހިމަނައިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ޝެހެނާޒު ވިދާޅުވިއެވެ.

ދުޅަހެޔޮ މާދަމާއަކަށް ވިސްނައިގެން ކުރިއަށް ގެންދާ ކެމްޕޭން ރާވާފައި އޮތީ އަހަރުގެ އެކި ދުވަސްތަކުގައި ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދާ ގޮތަށެވެ. އަންނަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އެމްއެންޔޫ ރަން ކުރިއަށް ގެންދާއިރު، ރޯދަ މަހުގެ ތެރޭގައި ފައިދާހުރި ކާނާއާ ގުޅުން ހުރި މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްއިން ކުރިއަށް ގެންދަން ވަނީ ރާވާފައެވެ. މިއީ ޔުނިސެފާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ފަހިސިއްހަތު ކެމްޕޭނުގެ ޚާއްޞަ ލޯގޯއާއި ލަވަ ވެސް އިއްޔެ ވަނީ ލޯންޗްކޮށްފައެވެ.

އެމްއެންޔޫއިން ބުނީ، ފަހިސިއްހަތެއް ހޯދުމަށް ކޮންމެ ފަރުދެއްގެ ވެސް ބައިވެރިވުން މުހިންމު ކަމަށެވެ. މިއަދުގެ ދުނިޔޭގައި ގައިންގަޔަށް ނާރާ ބަލިތައް ހުއްޓުވުމަށް އިންވެސްޓް ކުރުމަކީ މުސްތަޤުބަލުގައި ސިއްޙަތު ރަނގަޅު ދިވެހިރާއްޖެއިން އުފެއްދުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ. އެ ދާއިރާއަށް ކުރާ ކޮންމެ 1 ރުފިޔާއަކުން 16 ރުފިޔާގެ ފައިދާ ލިބި، އިންސާނީ ފުރާނަތައް ސަލާމަތްވެ ޤައުމުގެ މުސްތަގުބަލް ސަލާމަތް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *