އޭނާ ހޯދ،ީ ބައޮލޮޖީން ރާއްޖެއިން އެއްވަނަ ދުނިޔެއިން 8ވަނަ. އަދި ޓްރެވަލް އެންޑް ޓޫރިޒަމުން ދުނިޔެއިން 2ވަނަ
އުކުޅަހު ސްކޫލުގެ ތާރީޚުގައި ވެސް އެންމެ މޮޅު ނަތީޖާއެއް އޯލެވެލް އިމްތިޙާނުން ހޯދައި ދިން ދަރިވަރަކީ އައިޝަތު އައިނީ ސައީދެވެ. ފާއިތުވި އަހަރު ބޭއްވި އޯލެވެލް އިމްތިޙާނުގައި ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދުމާއެކު، ބައޮލޮޖީން ރާއްޖެއިން އެއްވަނަ ދުނިޔެއިން 8ވަނަ އަދި ޓްރެވަލް އެންޑް ޓޫރިޒަމުން ދުނިޔެއިން 2ވަނަ އޭނާ ހޯދާފައިވެއެވެ. އައިނީއަކީ ފާއިތުވި އަހަރު އުކުޅަހު ސްކޫލުން އޯލެވެލް ނިންމި ދަރިވަރުންގެ ތެރެއިން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދި، އަދި މިހާތަނަށް އުކުޅަހު ސްކޫލުން ޤައުމީ ގަދަ 10 އެއްގެ އެއްވަނަ ހޯދި ހަމައެކަނި އެ ސްކޫލުގެ ދަރިވަރެވެ.
އުކުޅަހު ސްކޫލުން އޭލެވެލްއަށް ކިޔަވަމުންދާ އައިނީ ދަރިވަރު ނޫހަށް ބުނީ، ދުނިޔޭގެ ވަނައަކަށް އުއްމީދު ކުރި ނަމަވެސް ދެ މާއްދާއިން ދުނިޔޭގެ ވަނައެއް ލިބިދާނެ ކަމަށް އުއްމީދު ނުކުރާ ކަމަށެވެ.
"ކޮންމެ ވެސް ވަރެއްގެ އުއްމީދެއް އަބަދުވެސް އޮވޭ އެއް މާއްދާއިން ދުނިޔޭގެ ވަނައެއް ލިބިދާނެ ކަމަށް" ކެމިސްޓްރީއަށް ޝައުޤު ހުންނަ އައިނީ ދަރިވަރު ނޫހަށް ބުންޏެވެ.
އައިނީ ކިޔަވަނީ މެންދުރުފަހާއި ރޭނގަނޑުގެ ވަގުތުތަކުގައެވެ. ކިޔަވަން ފަސޭހައީ އެކަނި އިނދެއެވެ. ގުރޫޕް ސްޓަޑީއާ އެހާ ގަޔާނުވަނީ ކިޔަވަން ދޭ ސަމާލުކަން އެންމެ އެކަށީގެންވާ ގޮތުގައި ނުދެވޭހެން ހީވާތީކަމަށް އައިނީ ބުންޏެވެ.
ހޭލާހުރެ ފިލާވަޅު ދަސްކުރުމަކީ އެއީ އައިނީ އެއްގޮތަކަށް ވެސް ކުރިކަމެއްނޫނެވެ. އޭނާ އިސްކަން ދެނީ ނިދިހަމަކޮށް ވީހާވެސް ތާޒާކަމާ އާ ދުވަހަކަށް ސްކޫލުގެ މަސައްކަތާ ކުރިމަތިލާށެވެ.
"ނިދި ހަމަނުވާނަމަ ސްކޫލުގައި ނަގައިދޭ ފިލާވަޅުގެ ތެރެއަށް ވަންނަން އުނދަގޫ. ހޭލާހުރެ ފިލާވަޅު ދަސްކުރުމަށްވުރެ ހަމަނިދި ލިބި، ކުރިއަށް އޮންނަ ދުވަހުގެ ފިލާވަޅަށް ތައްޔާރުވުން މުހިންމު" އައިނި ބުންޏެވެ.
އައިނީ ބުނި ގޮތުގައި، ރަނގަޅު ނަތީޖާއަކަށް ވިސްނައިގެން މަސައްކަތް ކުރިއިރު އެންމެ އުނދަގޫވީ ސައިންސް ކިޔަވާ ދަރިވަރުންނަށް ޕްރެކްޓިކަލް ހަދަން ލެބޯޓްރީއެއް ނުހުންނާތީއެވެ. ޕްރެކްޓިކަލް ހަދަން ކައިރި ރަށެއްގައި ހުންނަ ސްކޫލަށް ދަތުރު ހަދާފައި ދާން ޖެހުމަކީ އެއީ ބޮޑު ތަކުލީފެއް ކަމަށާއި ބައެއް ޕްރެކްޓިކަލްތައް ދަސްކުރަނީ ޔޫޓިއުބު ވީޑިއޯ ބަލައިގެން ކަމަށް އައިނީ ބުންޏެވެ.
"ޕްރެކްޓިކަލް ހަދަން ރަށުން ބޭރަށް ދާން ޖެހުމާއި ވީޑިއޯ ބަލައިގެން ދަސްކުރަން ޖެހުމަކީ އެއީ ބޮޑު ދައްޗެއް. އެންމެ ރަނަގަޅު ގޮތުގައި އެކަން ކުރުމަށް އޮތް ހުރައެއް. އެހެން ނަމަވެސް ލިބެން ހުރި ވަޞީލަތެއްގެ ބޭނުން ހިފައިގެން ކިޔެވުން އެއީ އެންމެ މޮޅުގޮތް" އައިނީ ބުންޏެވެ.
އައިނީ ބުނީ، ރަށުގައި ހުރެގެން އޯލެވެލް ނިންމައި، ރަނގަޅު ނަތީޖާއަކާއެކު އޭލެވެލްގައި ކުރިއަށް ދަނީ އުއްމީދެއް އޮވެގެން ކަމަށެވެ. އޭނާގެ އުއްމީދަކީ އޯލެވެލްގައި ހޯދި ފަދަ ރަނގަޅު ނަތީޖާއެއް އޭލޭވެލްގައި ވެސް ހޯދުމެވެ. އެކަމަށްޓަކައި ކުރިން ކުރި މަސައްކަތުގެ 50 އިންސައްތަ މަސައްކަތް އިތުރަށް އޭނާ ދަނީ ކުރަމުންނެވެ.
ކުޑައިރުއްސުރެ އައިނީ ނިންމައިގެން ހުރީ އޭލެވެލްއަށްފަހު، ސިއްޙީ ދާއިރާއިން ކުރިއަށް ދާށެވެ. އެކަމަކު އެއީ ޑޮކްޓަރެއްގެ ގޮތުގައެއް ނޫނެވެ. އެ ދާއިރާއާ ގުޅުން ހުރި ދާއިރާއަކުންނެވެ.
"ސިއްޙި ދާއިރާއަށް ޝައުޤުހުއްޓަސް ޑޮކްޓަރަކަށް ވާނަމަކޭ ހިތަކު ނެތް. އެކަމަކު ވެސް ގުޅުން ހުރި ފީލްޑަކުން ކުރިއަށް ދިއުމުގެ ވިސްނުން އަބަދުވެސް ގެންގުޅެނީ" ކުރިއަށް ދާނެ ދާއިރާއާ ގުޅޭ ގޮތުން އައިނީ ބުންޏެވެ.
ހުސްވަގުތުގައި އައިނީ ވަގުތު ހޭދަކުރަނީ ފޮތް ކިޔުމަށެވެ. ފޮތުގެ ތެރެއިން ގިނަ ކަންތައްތަކެއް އޭނާއަށް ދަސްވެއެވެ. އެކަންތައްތަކަށް އޭނާގެ ލޯ ހުޅުވެއެވެ. އާންމުގޮތެއްގައި ކިޔައި އުޅެނީ އިނގިރޭސި ވާހަކައެވެ. އަދަބީ ކަންކަމަށް އައިނީގެ ޝަޢުޤު އަބަދުވެސް އޮވެއެވެ. ވާހަކައާއި މަޒުމޫނު ލިޔުމުގެ މުބާރާތްތަކުގައި ވެސް އޭނާ ވަނީ ބައިވެފައެވެ. އަދި އަދަބީ މުބާރާތްތަކުން އައިނީ އަކީ އަބަދުވެސް ފަހުރުވެރި ނަތީޖާތަކެއް ހޯދާ ދަރިވަރެއްކަން ފާހަގަވެއެވެ.
އައިނީ އެންމެ ދެރަވީ ސްކޫލުގެ ކެޕްޓަނަކަށް ނުލިބުނީމައެވެ. ދަރިވަރުންގެ ވޯޓާއެކު ހޮވާ އެ މަޤާމް ނުލިބުނީ ބޭނުންވި ވަރަށް ވޯޓް ނުލިބުމުންނެވެ. އެހެނަސް އައިނީ އަކީ ހުރިހާ ދަރިވަރުންނަށްވެސް އުނގެނުމުގައި އެހީތެރިކަން ފޯރުކޮށްދޭ ހުރިހާ ކުދިންނާ ގުޅޭ ހުރިހާ ކުދިންގެ އެކުވެރި މިތުރެކެވެ.
"ވަރަށް ދެރަވި ދުވަހެއް އެއީ" އެ ނާކާމިޔާބީން ހިތްވަރު ލިބިގަނެ އައިނީ ހޯދީ މާ ބޮޑު ކާމިޔާބީއެކެވެ. އެ ސްކޫލުގެ ތާރީޚުގައި ވެސް އެންމެ މޮޅު ދަރިވަރުގެ މަޤާމެވެ. އެފަދަ ވަނައެއް ހޯދަން އައިނީ ދޭ މުހިންމު ނަސޭހަތެއް ވެސް އެބައޮތެވެ.
"އެކުއްޖެއްގެ ހުރި ފެންވަރުން، ލިބެން ހުރި ރިސޯސެއް، ހުރި އެއްޗަކުން ނަތީޖާ ނެރެން ދަސްކުރަންވީ"
" އައިނީ އަކީ އަމިއްލަ ވަރަށް ހިތްވަރާއެކު އުނގެނުމަށް މަސައްކަތްކުރާ، ކިޔެވުމުގެ ޒިންމާ އަމިއްލައަށް ނަގާ، ޓީޗަރުންނާއި މުދައްރިސުންނާ، އަދި ސްކޫލުގެ ހުރިހާ މުއްޒަފުންނާއި އަދި މިސްކޫލުގައި ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށްވެސް އިޚުތިރާމްކުރާ ނަމޫނާ ދަރިވަރެއް" ކަމަށް އުކުޅަހު ސްކޫލް ޕްރިންސިޕަލް ޝަހުލާ ޢިމާދު ފާހަގަ ކުރެއްވިއެވެ. އައިނީ ހޯދި ފަހުރުވެރި ކާމިޔާބަކީ މި ސްކޫލުގެ ތާރީހުގައި މިހާތަނަށް ދަރިވަރަކު ހޯދި އެންމެ ފަހުރުވެރި ކާމިޔާބީކަންވެސް ސްކޫލުގެ ސީނިޔަރ މެނޭޖްމަންޓުން ފާހަގަ ކުރަނީ އުފަލާއެކުގައެވެ.
" އައިނީ ގެ ފާހަގަ ކުރެވޭ އެންމެ ރަނގަޅު އެއްސިފައަކީ އެހެން ކުދިންނަށް އުނގެނުމުގައި އެ ދޭ އެހީތެރިކަން! އަދި މީގެ އިތުރުން އައިނީ ފާހަގަ ކުރެވިގެން ދިޔައީ ދިވެހިބަހަށް ޝައުޤުވެރިވާ އަދަބީ ކަންކަމުގައި ވަރަށް ފޯރިޔާ ޖޯޝާއި އެކު ބައިވެރިވާ ސްކޫލުގެ އަދަބީ ހަރަކާތްތައް ކުރިއެރުވުމުގައި އެހީތެރިވެދޭ ނަމޫނާ ދަރިވަރެއްގެ ގޮތުގައި " އައިނީ ގެ ދިވެހި މުދއްރިސް އާދިލް ސާރ ފާހަގަ ކުރިއެވެ.
އައިނީގެ ކާމިޔާބީގައި އޭނާގެ ޝުކުރުގެ ލިސްޓްގައި އެންމެ ފުރަތަމަ ހިމެނީ މަންމައާއި ބައްޕައެވެ. އެއީ އޭނާގެ ކާމިޔާބީގެ އެންމެ މުހިންމު ބައިވެރިންނެވެ. ދެން ތިއްބެވީ ސްކޫލް ޓީޗަރުންނެވެ. އެއީ އޭނާއަށް މަގުދައްކައިދިން މަދަދުގާރުންނެވެ. އެނާގެ ހިތުގައި ސްކޫލުގެ ހުރިހާ ޓީޗަރުންނާއި މުވައްޒަފުންނަށް އޮތީ އިޚްލާސްތެރި ޝުކުރެކެވެ.
ހިޔާލު