ނީމް ހޯދީ ކުޑައިރުއްސުރެ އުއްމީދު ކުރި ގޮތަށް ސްކޫލުން އެއްވަނަ

ހުރިހާ ގޮތަކުން ވެސް އެންމެ މޮޅު ދަރިވަރުގެ ގޮތުގައި ސްކޫލް ނިންމާލުމުގެ އަަޒުމް ފާތިމަތު ނީމް ނިޔާޒު ކަނޑައެޅީ ވަރަށް ކުޑައިރުއެވެ. އޭރުއްސުރެ އޭނާ ކުރި ހުރިހާ މަސައްކަތެއް ބައްޓަން ކުރީ އެ މަޤާމް ހޯދުމަށެވެ. އެޅި ކޮންމެ ފިޔަވަޅެއްގެ މިސްރާބު ހިފީ އެ ދިމާލަށެވެ. ނަތީޖާއަކަށްވީ ފާއިތުވި އަހަރު، ހުރާ ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ ފަޚުރުވެރި މަޤާމް އޭނާއަށް ލިބުމެވެ.

"ކުރި އުއްމީދާއި ކުރި މަސައްކަތް ކާމިޔާބުވީތީ ﷲއަށް ހަމްދު ކުރަން. އަދި މައިންބަފައިންނާއި ސްކޫލުގެ ހުރިހާ ޓީޗަރުންނަށް ޝުކުރުއަދާކުރަން" އެއްވަނަ ދަރިވަރުގެ ގޮތުގައި ހުރާ ސްކޫލް ނިންމާލި ނީމްގެ އަޑުގައި ވަނީ އުފާވެރިކަމެވެ.

އޯލެވެލްގައި ޤައުމީ ގަދަ ދިހައެއްގެ ހަ ވަނަ ނީމްއަށް ލިބުނެވެ. އަދި އިނގިރޭސި މާއްދާއިން ސެކަންޑް ލެންގުއޭޖްގެ ގޮތުގައި ކެމްބްރިޖް ލާނަރސް އެވޯޑްވެސް އޭނާއަށް ލިބުނެވެ.

ދަރިވަރު ނޫހަށް ނީމް ބުނީ، އޯލެވެލްގެ އޭނާގެ އަމާޒަކަށްވީ ގަދަ ފަހެއްގެ ތެރޭގައި ހިމެނެން ކަމަށާއި އުއްމީދު ކުރި ގޮތަށް ދިވެހި މާއްދާއިން އޭ އެއް ނުލިބުމުން ހަ ވަނައަށް ދިޔައީ ކަމަށެވެ.

"ދިވެހި މާއްދާއިން އޭ ސްޓަރ ލިބެމުން އައިސް އެސްއެސްސީގައި ބީއެއް ލިބުނީ" ނީމް ބުންޏެވެ.

ނީމް ބުނި ގޮތުގައި، އޭނާއަށް ކިޔަވަން، ފިލާވަޅުގައި ބުނާއެއްޗެއް އެންމެ ފަސޭހައިން ފަހުމްވަނީ ކިޔައިގެން ދަސްކުރުމަށްވުރެ އެހެން ކުދިންނަށް ކިޔައިދީގެން ދަސްކުރީމައެވެ. އެގޮތަށް ދަސްކުރީމާ ގިނަ ދުވަހަށް ހަނދާނުގައި ބަހައްޓަން ވެސް ފަސޭހަ ކަމަށް ނީމް ބުންޏެވެ.

"އެކުގައި އުޅޭ ކުދިންނަށް ކިޔައިދެނީ، ކުދިން ވެސް އަހާނެ ނޭނގޭއެއްޗެއް އޮވެއްޖިއްޔާ. އެއީ ފިލާވަޅު ދަސްކުރަން ވަރަށް ފަސޭހަ ގޮތެއް" ފާއިތުވި އަހަރު ހުރާ ސްކޫލުގެ ކެޕްޓަމުގެ ޒިންމާ ވެސް އަދާކުރި ނީމް އޮޅުންފިލުގައި ދިނެވެ.

މިހާރު އަޙްމަދިއްޔާއިން އޭލެވެލްއަށް ކިޔަވަމުން އަންނަ ނީމް ބުނީ، އޯލެވެލްއާ އަޅާބަލާއިރު އޭލެވެލް އުނދަގޫ ކަމަށާއި އެކަން ދަނެގަނެގެން ދުރާލާ ފިލާވަޅުތައް ދަސްކޮށް، ކަނޑައަޅާފައިވާ ޓާގެޓަށް ދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭލެވެލްގައި ނީމްގެ ޓާގެޓަކީ ދަށްވެގެން ހަޔަރ އެޗީވަރސް ސްކޮލަރޝިޕް ހޯދައިގެން ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމެވެ. ކިޔަވާނެ ވަކި ދާއިރާއެއް އަދި ފައިނަލް ނުވި ނަމަވެސް އޭނާގެ ވިސްނުން ހުރީ ބިޒްނަސް ދާއިރާއިން ކުރިއަށް ދާށެވެ.

ނީމް ބުނީ، އޭނާގެ ކާމިޔާބީގައި އެންމެ މުހިންމު ބަޔަކީ މަންމައާއި ބައްޕައާއި އަދި ކިޔަވައިދިން ޓީޗަރުން ކަމަށެވެ. އެ މީހުން ކޮށްދިން މަސްކަތަކީ ފުރަތަމަ ކަނޑައެޅި އަމާޒަށް ވާޞިލު ވުމަށް އޭނާއަށް ދިން އެހީތެރިކަމާއި ހިތްވަރެވެ.

"ގޭތެރެއިން މަންމަމެން އެ ދިން ސަޕޯޓް. ސްކޫލުގެ ތެރެއިން ޓީޗަރުން އެ ދިން އޯގާތެރިކަމާއި ކިޔެވުމުގައި އެދިން ސަޕޯޓަކީ ދުވަހަކުވެސް ހަނދާނުން ފިލައިގެން ދާނެ ކަންތައްތަކެއް ނޫން" މަންމައާއި ބައްޕަ އަދި ޓީޗަރުންގެ މަސައްކަތް ނީމް ބަލައިގަތީ ޝުކުރުވެރިކަމާ އެކު ގައެވެ.

އެހެން ކުދިންނަށް ނީމް ދޭ މެސެޖަކީ މިއެވެ. "އަބަދުވެސް ބޭނުންވާ ކަމެއް ކުރަން ޓާގެޓަށް މަސައްކަތް ކުރާށެވެ."

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *