* އެ ސްކޫލުގެ ޓީޗަރުންގެ މެދުގައި ރިސަރޗް ކޮންފަރެންސެއް ދެ އަހަރުން އެއް އަހަރު ބާއްވާނެ
* ފުރަތަމަ ކޮންފަރެންސުން، ދެވޭ ތައުލީމުގެ ފެންވަރު މަތިކޮށް ސްކޫލްތެރޭގައި ހުރި މައްސަލަތައް ފާހަގަކުރެވި އެ މައްސަލަތައް ހައްލު ކުރަން މަގު ފަހިވެގެން ދިޔަ
ޝަރަފުއްދީން ސްކޫލުގެ ޓީޗަރސް ކޮންފަރެންސް ބޭއްވީ ދެ ހަފުތާ ކުރިންނެވެ. މިއީ ޓީޗަރުންނަށް އަމާޒުކޮށްގެން ސްކޫލެއްގައި މި ފަދަ ރިސަރޗް ކޮންފަރެންސެއް ބޭއްވި ފުރަތަމަ ފަހަރެވެ.
އެ ސްކޫލުގެ ބޭނުމަކީ ރިސަރޗް ކުރުމުގެ ސަޤާފަތެއް އެ ސްކޫލުގެ ތެރެއިން ޓީޗަރުންނަށް ފަހިކޮށްދިނުމެވެ. ޒަމާނީ ލުއިފަސޭހަ އީޖާދީ ވިސްނުމުގެ ތެރެއިން ކިޔަވައި ދިނުމުގެ ހުނަރު ޓީޗަރުންގެ ކިބައިގައި އަށަގެންނެވުމެވެ.
މި ކޮންފަރެންސްގައި، އެ ސްކޫލުގައި މަސައްކަތް ކުރަމުންދާ 122 ޓީޗަރުން ބައިވެރިވިއެވެ.

ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލް ހުސައިން މުސައްވިރު ދަރިވަރު ނޫހަށް ވިދާޅުވީ، ޓީޗަރސް ރިސަރޗް ކޮންފަރެންސެއް ބާއްވަން ނިންމައި ރިސަރޗްތަކާ ދިމާލަށް ދާން ނިންމީ މީގެ ދޮޅުއަހަރު ކުރިން ކަމަށާއި، ކޮންފަރެންސަށް ތައްޔާރު ވުމުގެ ގޮތުން ގިނަ ކަންތައްތަކެއް ޓީޗަރުން ކޮށްފައިވާ ކަމަށެވެ. ކޮންފަރެންސް ނިމިގެން ދިޔައީ ވަރަށް ކާމިޔާބު ކަމާއެކު އުއްމީދީ ކޮންފަރެންސެއްގެ ގޮތުގައި ކަމަށެވެ.
އޭނާ ވިދާޅުވީ، ސްކޫލުގެ ނަތީޖާއަށް ބިނާކޮށް 18 ގޯލެއް ކަނޑައަޅައި އެ ގޯލަތަކަށް މަސައްކަތް ކުރީ ރިސަރޗް ކޮށްފަރެންސްގެ ތެރެއިން ޓީޗަރުން 13 ގުރޫޕްތަކަށް ބަހާލައިގެންނެން ކަމަށެވެ.
"އަޅުގަނޑުމެންގެ 70އިންސައްތަ ޓީޗަރުންނަކީ ރިސަރޗް ކުރެވޭ ފެންވަރުގެ ކޮލިޓީ ޓީޗަރުން. އެންމެ ރަނގަޅު ޓީޗަރުން ސްޕަވައިޒަރުންނަށް ލައިގެން، ރިސަރޗްގެ ގޮތުގައި ޑޭޓާތައް ނަގަމުން އެ އެނަލައިސް ކުރަމުން އަންނަ ބަދަލުތައް ދެނެގަންނަމުން ދިޔައީ" މުސައްވިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ހުރިހާ ރިސަރޗެއް ވެސް ބިނާކުރީ، އެ ސްކޫލުގައި ހުރި މައްސަލަތަކަށާއި އެ މައްސަލަތައް ހައްލު ކުރަން އެޅިދާނެ ފިޔަވަޅުތަކުގެ މައްޗަށެވެ.
ޓީޗަރުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް އެ ކޮންފަރެންސްގެ ސަބަބުން ހެޔޮ އަސަރެއް ކުރާނެކަން ފާހަގަކުރައްވައި ހުސައިން ވިދާޅުވީ، ކުދިންނެކޭ އެއްފަދައިން ޓީޗަރުންނަކީ ވެސް އަބަދުމެ އުނގެނޭ ބަޔަކަށް ވާން ޖެހޭ ކަމަށެވެ.

" ކިޔަވައި ދިނުމުގެ އާދަތަކާއި ކިޔަވައިދޭން ޝައުޤުވެރިކުރުވާނެ ގޮތްތަކާއި ކަރިކިއުލަމް ތަންފީޒު ކުރެވެމުން ދޭތޯއާއި ކިޔަވައިދިނުމުގައި ހުރި ގޮންޖެހުންތަކާއި ކުދިން މޯޓިވޭޓް ކުރެވޭނެ ގޮތްތަކުގެ މައްޗަށް ބިނާކޮށް، ސްކޫލްގައިހުރި މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި ދިރާސާ ކުރީ. މި މަސައްކަތުގެ ތެރެއިން ޓީޗަރުންގެ ވިސްނުމާއި ފިކުރާއި މައުލޫމާތު އިތުރުވޭ. މީގެ ސަބަބުން ސްކޫލްގައި ކަންތައްތައް ކުރެވެމުންދާ ގޮތް އެނގި، އަޅަންވީ ފިޔަވަޅުތައް ރިސަރޗްގެ އަލީގައި ދެނެގަނެވޭ" ރިސަރޗްތަކުގެ ހެޔޮ ބަދަލު ފެންނާނީ ދަރިވަރުންގެ ކިޔެވުމުންކަން ފާހަގަކުރައްވައި މުސައްވިރު ވިދާޅުވިއެވެ.

ރިސަރޗް ޕޭޕަރުގެ ތެރެއިން އެންމެ މަތިން ޕެނަލިސްޓުން މާކްސް ދިން ތިން ޕޭޕަރަށް 10،000 ރުފިޔާގެ ރިސަރޗް ގްރާންޓެއް ޝަރަފުއްދީން ސްކޫލުގެ ޕީޓީއޭއިން ވަނީ ދީފައެވެ. އެއްވަނަ ޕޭޕަރަށް 5000 ރުފިޔާގެ ގްރާންޓެއް ދިންއިރު، ދެވަނަ އަށް ދިޔަ ޕޭޕަރަށް 3000 ރުފިޔާ އަދި ތިންވަނައަށް ދިޔަ ޕޭޕަރަށް 2000 ރުފިޔާގެ ގްރާންޓެއް ދީފައިވެއެވެ. މި ފައިސާ ހޭދަކުރާނީ އެ ޕޭޕަރުތަކުގައި ފާހަގަކޮށްފައި ހުރި ރެކެމެންޑޭޝަނާ އެއްގޮތަށް ކަންތައްތައް ތަންފީޒު ކުރުމަށް ކަމަށް މުސައްވިރު ވިދާޅުވިއެވެ.
ޓީޗަރުންގެ މެދުގައި ރިސަރޗް ކުރުމުގެ ފަންނު ދިރިވުމުގެ ގޮތުން ކޮންމެ ދެ އަހަރަކުން އެއް އަހަރު ޓީޗަރސް ކޮންފަރެންސް ބާއްވަން ޝަރަފުއްދީން ސްކޫލުން މިހާރު ވަނީ ނިންމާފައެވެ. މިއީ ރިސަރޗް ކުރުމުގެ ސަޤާފަތެއް އެ ސްކޫލުގެ ޓީޗަރުންގެ މެދުގައި އުފައްދަން އެ ސްކޫލުން ކުރާ ކަމެކެވެ.

"ރިސަރޗްގެ އެހީގައި އެވިޑެންސަށް ބަލައިގެން ނިންމުންތައް ނިންމީމާ ދަރިވަރުންނަށް ހަޤީޤީ ފައިދާއެއް ކުރާނީ" ޕްރިންސިޕަލް މުސައްވިރު ވިދާޅުވިއެވެ.
ޝަރަފުއްދީން ސްކޫލުގައި މިހާރު ވެސް ހާހަކަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން ގެންދެއެވެ. އޯލެވެލްގައި ވެސް އެ ސްކޫލުގެ ދަރިވަރުން އަންނަނީ ރަނަގޅު ނަތީޖާއެއް ކޮންމެ އަހަރަކު ވެސް ހޯދަމުންނެވެ.
advertisment
ހިޔާލު