2024 ވަނަ އަހަރު މުޙުޔިއްދީން ސްކޫލުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ އަލީޝާ އަޙުމަދު ޢަބުދުއްޝުކޫރެވެ.
2024 ވަނަ އަހަރު އައިޖީސީ އެސްސީ، އަދި އެސްއެސްސީ އިމްތިޙާނުގައި ބައިވެރިވެ ގައުމީ ގަދަ ދިހައަކުން ފަޚުރުވެރި 2ވަނަ އަލީޝާ ހޯދާފައިވެއެވެ. އަލީޝާއަށް ގަދަ ދިހައެއްގެ އެއްވަނަ ނުލިބުނީ ހިސާބު މާއްދާއިން އޭ އެއް ލިބުމުންނެވެ. އެހެން ހުރިހާ މާއްދާތަކުން ލިބުނީ އޭ ސްޓަރއެކެވެ.
ދަރިވަރު ނޫހަށް އަލީޝާ ބުނީ، އޭނާ އުއްމީދު ކުރީ ގަދަ ތިނެއްގެ ތެރޭގައި ހިމެނެން ކަމަށާއި އުއްމީދު ކުރި ގޮތަށް ގަދަ ތިނެއްގައި ދިއުމަކީ އެއީ ލިބުނު އުފަލެއް ކަމަށެވެ.

"ހިސާބު މާއްދާއަކީ އަބަދުވެސް އެންމެ އުނދަގޫ މާއްދާ. އޯލެވްގެ ހިސާބު ޕާޕަރުވެސް ހީކުރިވަރަށްވުރެ އުނދަގޫ. އެހެންވެ އެ މާއްދާއިން އޭ ސްޓަރއެއް ހޯދަން އުނދަގޫވީ" އަލީޝާ ބުންޏެވެ.
އަލީޝާ ބުނީ، އޭނާއަށް ފަސޭހައީ އެހެން ކުދިނަށް ކިޔަވައިދީގެން ފިލާވަޅު ދަސްކުރަން ކަމަށާއި މޮކް އެގްޒާމަށް ތައްޔާރުވިއިރު އެކަނި ކިޔަވަން ޖެހުމުން އުނދަގޫވި ކަމަށެވެ.
"އެކަނި ކިޔަވަން ވީމާ އުނދަގޫވި. އެކަމަކު އޭލެވެލްގައި ކިޔަވަން ފެށުމާއެކު އެކަނި ކިޔަވަން ހޭނިއްޖެ"
2020 ވަނައަހަރުން ފެށިގެން ސްކޫލުގެ ލީޑަރެއްގެ ގޮތުގައި ފެނިގެންދިޔަ އަލީޝާ، ޕްރިފެކްޓްކަމާއި، ސީނިއާ ޕްރިފެކްޓްކަމުގެ އިތުރުން ގައިޑުލީޑަރުކަމާއި ތަރަހަ ކުލަބުގެ ނައިބު ރައީސްކަމުގެ މަޤާމް އަދާކޮށްފައިވެއެވެ. އަދި 2024-2023ވަނަ އަހަރު، އެ ސްކޫލުގެ ފަޚުރުވެރި ކެޕްޓަނަކީ ވެސް އަލީޝާއެވެ.
ސްކޫލުގައި އޮންނަ އެކިއެކި ކުޅިވަރު ޙަރަކާތްތަކުގައި ބައިވެރިވުމުގެ އިތުރުން، އިންޓަ ސްކޫލު ހޭންޑްބޯލް މުބާރާތުގައި ވެސް ކުޅެ އަލީޝާ ސްކޫލް ތަމްސީލްކޮށްފައިވެއެވެ. ސްކޫލުގެ ބިޒްނަސް ކުއިޒާއި އިންގްލިޝް ކޭމްޕްފަދަ ގިނަ ހަރަކާތްތަކުގައި ބައިވުމާއެކު، މި ޙަރަކާތްތައް ހިންގުމުގައި ވެސް އިސްދައުރެއް އަދާކޮށްފައިވެއެވެ.
މުޙްޔިއްދީން ސްކޫލުން ކިޔެވުމުގެ މަރުޙަލާ އަލީޝާ ނިންމާލީ އިތުރު ޙަރަކާތްތަކުން ވެސް ރަންވަނަތަކެއް ޙާޞިލްކުރުމަށްފަހުއެވެ. 2024ވަނަ އަހަރުގެ ގައުމީ ކޮމަންވެލްތް އެސޭރައިޓިން ކޮމްޕެޓިޝަން މުބާރާތުން ބުރޯންސް އެވޯޑު ހޯދާފައިވެއެވެ.
އަދަބީ ކަންތައްތަކަށް އާދަޔާޚިލާފު ޝައުޤުވެރިކަމެއް އަލީޝާ ބަހައްޓަމުން އަންނައިރު، ޕްރައިމަރީ ގްރޭޑްތަކުން ފެށިގެން ސްކޫލުގައި ބާއްވާ އެކިއެކި އަދަބީ މުބާރާތްތަކުގައި ބައިވެރިވެ، ކާމިޔާބުތައް ހޯދާފައިވެއެވެ. 2023 ވަނަ އަހަރުގެ ގައުމީ ވާހަކަލިމުގެ މުބާރާތުން ސާނަވީ ގިންތިން 2 ވަނަ އަދި ކުޑަކުދިންގެ ހައްގުތަކުގެ ކުރުވާހަކަ ލިޔުމުގެ މުބާރާތުން 7ވަނަ އަލީޝާ ހޯދާފައިވެއެވެ. މީގެއިތުރުން އަލީޝާއަކީ ބަނދިހެދުމާ، ޅެންހެދުމާ، ވާހަކަދެއްކުމުގައި ވެސް ފަންނުވެރި ދަރިވަރެކެވެ.
ބިޒްނަސް ދާއިރާއިން ކުރިއަށް ދިއުމުގެ ޢަޒުމުގައި ވިލާ ހައި ސްކޫލުން އޭލެވެލްއަށް ކިޔަވަމުންދާ އަލީޝާއަކީ ސްކޫލުން ލިބޭ ފަހި ފުރުސަތުތަކުގެ ބޭނުންހިފައި، ތަޖުރިބާ ލިބިގަނެ، އަމިއްލަ ނަފުސު ކުރިއަރުވުމަށް މަސައްކަތް ކުރި ހީވާގި ދަރިވަރެއްކަން މުޙުޔިއްދީން ސްކޫލުން ފާހަގަކުރެއެވެ.
އަލީޝާ ބުނީ، އޭނާގެ ކާމިޔާބީގައި މަންމަމެންނާއި އާއިލާއާއި ސްކޫލާއި ކިޔަވައިދެއްވި ހުރިހާ ޓީޗަރުން ހިމެނޭ ކަމަށާއި އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަަމަށެވެ.
" މަންމަމެންނާއި ޓީޗަރުންގެ އެހީތެރިކަމާ ނުލައި މި ކާމިޔާބެއް ނުލިބޭނެ. އެ ހުރިހާ ފަރާތްތަކަށް އޮތީ ޚާއްޞަ ޝުކުރެއް" ކުރުކޮށް އަލީޝާ ބުންޏެވެ.


advertisment
ހިޔާލު