2023 ވަނަ އަހަރު މުޙްޔިއްދީން ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކީ ތާދު މުޙައްމަދު ފައިސަލެވެ.
މުޙްޔިއްދީނުގައި ހޭދަކުރި 10 އަހަރަށްފަހު، ތާދު އެ ސްކޫލް ނިންމާލީ ސާނަވީ ނިންމާ އިމްތިޙާނު ތަކުން ޤައުމީ ގަދަ ދިހައެއްގެ ފަސް ވަނަ ހޯދައިގެންނެވެ.
ގުރޭޑް ހަތަކުން ފެށިގެން ޕްރިފެކްޓް ކަމުގެ ޒިންމާއާއެކު 2021-2022 ވަނަ އަހަރު ހުންގާނު ހައުސްގެ ޑެޕިއުޓީ ކެޕްޓަންކަން ތާދު އަދާކޮށްފައިވެއެވެ. ޖެހިގެން އައި އަހަރު ސްކޫލުގެ ކެޕްޓަން ކަމުގެ ޒިންމާ އޭނާއާ ހަވާލުކުރީ ކިޔެވުމާ އެއްވަރަށް އިސްނެގުމާއި ޒިންމާދާރު ކަމާއެކު ކުރި މަސައްކަތުގައި ޓީޗަރުންނާއި ދަރިވަރުންގެ ފުރިހަމަ އިތުބާރު ލިބުމުންނެވެ.

ތާދުއަކީ އިތުރު ހަރަކާތުގައި ވެސް ތޫނުފިލި ދަރިވަރެކެވެ. ޔުނީފޯމް ބޮޑީއެއްގައި ތާދު އުޅުނީ ސްކައުޓްގައެވެ. މަންމައާއި ބައްޕަގެ ފަރާތުން ޝައުޤު އުފެދިގެން ކުޅިވަރުގެ ތެރެއަށް ވަން ތާދު ނުކުޅޭ ކުޅިވަރެއް މަދެވެ. ފުޓްބޯޅައާއި ކުރިކެޓާއި ހޭންޑްބޯޅައާއި ވޮލީއާއި ބާސްކެޓްގައި ވެސް އޭނާގެ ނަން ހިނގައެވެ. މި ކުޅިވަރުތަކުން އިންޓަރ ސްކޫލް މުބާރާތްތަކާއި އިންޓަރނޭޝަނަލް މުބާރާތްތަކުގައި ވެސް އޭނާ ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެކްޓް ކުރުމާއި ނެށުމާއި ބޮޑުބެރު ޖެހުމުގެ ހުނަރަކީ ވެސް ތާދުއަށް ލިބިފައިވާ ޚާއްޞަ ހުނަރެކެވެ.
ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން އޭލެވެލްއަށް ކިޔަވަމުންދާ ތާދުއަކީ އެ ސްކޫލުގެ ގެމާ ހައުސްގެ ކެޕްޓަނެވެ. އޯލެވެލްގައި ލިބުނު ނަތީޖާއަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދަން ވަރުގަދަ އަޒުމެއްގައި އޭނާ މަސައްކަތް ކުރަމުން ދަނީ، ސްކޮލަރޝިޕެއްގެ ދަށުން ރާއްޖެއިން ބޭރުން ކިޔެވުމަށެވެ.

ތާދުގެ ކާމިޔާބީގައި އެންމެ ބޮޑު ހިއްސާދާރުންނަކީ މަންމައާއި ބައްޕައެވެ. އެ ދެ މީހުން އޭނާއަށް ދިން ހިތްވަރާއި ހެޔޮ ނަޞޭހަތެވެ. ކުރި އިތުބާރާއި ޔަޤީންކަމެވެ.
"ކާމިޔާބީގެ ސިއްރަކީ މަންމައާއި ބައްޕަގެ ފަރާތުން އަބަދުމެ ލިބެމުން ދިޔަ ލޯތްބާއި އަޅާލުން. ކުރި އިތުބާރު" ތާދުގެ ކާމިޔާބީގައި މައިންބަފައިންގެ ހިއްސާ އޮތް މިންވަރު ކުރުކޮށް ބުންޏެވެ.
ތާދު ބުނީ، ކިޔަވައިދެއްވި ޓީޗަރުންނާއި ސްކޫލާއި އަދި އެކުގައި އުޅުނު ކުދިންގެ ފަރާތުން ވެސް ލިބުނީ ކުރިއަށް ދިއުމުގެ ހިތްވަރު ކަމަށާއި ކާމިޔާބެއް ޙާޞިލް ކުރަން އެއީ ވަރަށް މުހިންމު ބައެއް ކަމަށެވެ.
"ކިޔަވައިދެއްވި ހުރިހާ ޓީޗަރުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ" ތާދު ބުންޏެވެ.
advertisment
ހިޔާލު