ވަޒީފާއަށް ދަމުން 19 ދަރިން ބަލަމުން، 43 އަހަރުގައި ޕީއެޗްޑީ ހާސިލްކުރި ހިތްވަރުގަދަ މައެއްގެ ވާހަކަ

އަބްދުﷲ ނަސީމް ޢަބްދުލްމަތީން

ހަމްދާ އަލް ރުވައިލީ އޭނާގެ ތައުލީމީ ދަތުރުގައި ޕީއެޗްޑީ ޙާޞިލްކުރީ އިދާރީ ވަޒީފާއަކާއި އޮންލައިން ވިޔަފާރީގައި މަސައްކަތް ކުރަމުން، 19 ދަރިން ބަލަމުންނެވެ.

40 އަހަރުގެ ހަމްދާގެ 10 ފިރިހެން ކުދިންނާއި ނުވަ އަންހެން ކުދިން ތިބެއެވެ.

ރުވައިލީގެ ތާރީހީ ދަތުރު ސައުދީ ޓީވީ ޗެނަލް އަލް އެޚްބަރިޔާގައި އޭނާ ހިއްސާކުރިއެވެ. އޭނާ ބުނިގޮތުގައި ޕީއެޗްޑީއާ ހަމައަށް ދެވުނީ، ކުރި ހިތްވަރާއި އީމާންތެރިކަމާއި އާއިލާގެ ފަރާތުން ލިބުނު އެހީތެރިކަމުގެ ސަބަބުންނެވެ.

"އަޅުގަނޑަށް 43 އަހަރު ފުރުމުގެ ކުރިން ބެޗްލަރސް، މާސްޓާސް އަދި ޕީއެޗްޑީ ހާސިލް ކުރުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި الله އަށް ޙަމްދުކުރަން" އޭނާ ސުކުރު އަދާކުރިއެވެ.

ހަމްދާގެ ކާމިޔާބީގެ ސިއްރަކީ ފުރިހަމަ ރޭވުންތެރިކަމެވެ. "އަހަރެން ދުވާލު ގަޑި ހާއްސަކުރަނީ އަހަރެން އަދާކުރާ އިދާރީ ވަޒީފާއަށް، ރޭގަނޑު ހާއްސަކުރަނީ ވިޔަފާރީގެ ހަރަކާތްތަކާއި ތަޢުލީމީ ކަންކަމަށް" އޭނާ ބުންޏެވެ.

19 ކުދިން ތަރުބިއްޔަތު ކުރުމަކީ ގޮންޖެހުން  ބޮޑު ކަމެކެވެ. ގިނަ ކުދިން ތަކެއް ތަރުބިއްޔަތު ކުރުމަކީ ހަމަ ޔަގީނުން ވެސް ހަމްދާއަށް ކުރިމަތިވި އުނދަގޫ ގޮންޖެހުމެކެވެ. ނަމަވެސް މި ޗެލެންޖް ކުރިއަށް ގެންދިއުމުގައި މުދައްރިސުންގެ ފަރާތުން އޭނާއަށް ހިތްވަރު ލިބުނެވެ.

"މިހާ ގިނަ ކުދިން ތަރުބިއްޔަތު ކުރުމުގައި އަޅުގަނޑުގެ ރޯލް މޮޑެލްއަކީ ގިނަ ކުދިން ތިބޭ ކުލާހަކަށް ކިޔަވައިދޭ ޓީޗަރަކާއި ގިނަ އަދަދެއްގެ ސިފައިން ސުޕަވައިޒް ކުރާ އަސްކަރިއްޔާގެ އޮފިސަރެއް" ހަމްދާގެ ދިރިއުޅުމާއި ތައުލީމީ ޙަޔާތް ކާމިޔާބު ކުރި ގޮތް ސިފަކުރީ ކުރުކޮށެވެ.

"އަހަންނަށް އެއް ކުއްޖެއް ތަރުބިއްޔަތު ކުރުމަކީ 10 ކުދިން ތަރުބިއްޔަތު ކުރުމާއި އެއްފަދަ ކަމެއް. ނަމަވެސް އަހަރެން އެކުދިންގެ ބޭނުން ފުއްދައިދީ ފުރިހަމައަށް ތަރުބިއްޔަތުކޮށް، އެކުދިންގެ އަމާޒުތައް ހާސިލް ކުރުމަށް އެހީތެރިވެދީ ހިތްވަރުދެން" ހަމްދާ ބުންޏެވެ.

ހަމްދާ އެކޭ އެއްގޮތަށް އޭނާގެ ދަރިން ވެސް ދަނީ ތައުލީމީ ކިޔެވުމަށް މަސައްކަތް ކުރަމުންނެވެ. އިމްތިހާނުތަކުގައި %94 އަށް ވުރެ މަތީ ނަތީޖާއެއް ކޮންމެ މާއްދާއަކުން އެކުދިން ހާސިލްކުރަމުންދާއިރު، ބައެއް ކުދިންނަށް ގިނަފަހަރު ފުރިހަމަ ނަތީޖާ ވެސް ލިބެއެވެ. މަތީ ސާނަވީ ތައުލީމު ހާސިލްކުރަމުންދާ ހަމްދާ އަންހެން ދަރިފުޅަކީ ރިޔާޛްގެ ކިންގް އަބްދުލްއަޒީޒް ސެންޓަރ ފޯ ދަ ގިފްޓެޑް އިން ގަބޫލުކުރާ ކުޅަދާނަ ދަރިވަރެކެވެ.

ހަމްދާ ޤަބޫލުކުރާ ގޮތުގައި އޭނާއަށް ލިބުނު ކާމިޔާބީގެ ސިއްރަކީ ފަސްނުޖެހޭ އީމާންތެރިކަމާއި އާއިލާގެ ފަސްނުޖެހޭ އެއްބާރުލުމެވެ.

"19 ކުދިންގެ މަންމައެއްގެ ގޮތުގައި ބޮޑު ޒިންމާތަކެއް އުފުލަމުން އަހަރެންގެ ތައުލީމީ ހުވަފެން ހާސިލްކުރެވުނު ކަމަށްޓަކައި މާތްالله އަށް ޝުކުރުވެރިވަން، މި ކާމިޔާބަކީ ފަސޭހަ ކަމެއް ނޫން، އެކަމަކު މިއީ ރޭވުންތެރިކަމާއި މެދުނުކެނޑި ލިބެމުންދިޔަ އާއިލީ ސަޕޯޓްގެ މޭވާ" ހަމްދާ ބުންޏެވެ.

ހަމްދާގެ ވާހަކައަކީ އީމާންތެރިކަމާއި، އަޒުމާއި، الله ގެ ހިދާޔަތާއި، ބުރަ މަސައްކަތާއި މީހުންގެ ފަރާތުން ލިބޭ އެއްބާރުލުމާއެކު، ކޮންމެ ހުވަފެނެއްވެސް ޙަޤީޤަތަކަށް ހެދޭނެ ކަމުގެ ހެއްކެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *